ރޯދަ މަހަކީ އާންމުކޮށް ގޭގޭގައި މީރު ލޮނު ކެއުންތަކާއި ތަފާތު އެކި ވައްތަރުގެ ލުއި ކެއުންތައް ތައްޔާރު ކުރާ މަހެކެވެ. އެގޮތުން ތައްޔާރުކުރާ ތަކެއްޗާއެކު ކޮންމެވެސް ކަހަލަ މީރު ބުއިމެއް ހުރެއެވެ. އެގޮތުން މިއަދު މި ގެނެސްދެނީ މީރު ބުއިމެއް ތައްޔާރު ކުރާނެ ގޮތެވެ.
މިއަދުގެ "ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ ލޮޓަސް ބިސްކޮފް މިލްކްޝޭކް ތައްޔާރުކުރާނެ ގޮތެވެ. ލޮޓަސް ބިސްކޮފް ޗީޒް ކޭކަކީ ގިނަ އަދަދެއްގެ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ ކޭކެއް ކަމަށް ވާއިރު އެފަދަ ރަހައެއް އެކުލެވޭ ބުއިމެއް ދިވެހިންނަށް ކަމުނުދިއުމަކީ ނާދިރުކަމެކެވެ.
ބޭނުންވާ ތަކެތި:
- 2 ބިސްކޮފް ބިސްކޯދު
- 2 މޭޒުމަތީ ސަމުސާ ބިސްކޮފް ސްޕްރެޑް
- 3 މޭޒުމަތީ ސަމުސާ ވެނީލާ އައިސްކްރީމް
- ބައި ޖޯޑު ކިރު
ތައްޔާރުކުރާނެ ގޮތް:
ބިސްކޮފް ބިސްކޯދު، ބިސްކޮފް ސްޕްރެޑް، ވެނީލާ އައިސްކްރީމް އަދި ކިރުފޮދު މިކްސަރުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތަށްޓަކަށް އަޅާލައި ބޭނުންނަމަ މައްޗަށް އައިސްކްރީމް ނުވަތަ ވިޕްކްރީމް އަޅާލާށެވެ. މީގެއިތުރުން ބޭނުންނަމަ މިލްކްޝޭކް ގިރާއިރު ކެޝޫ ނަޓްސް، އަލްމަންޑްފަދަ އެއްޗެއް ވެސް ބޭނުން ކުރެވިދާނެއެވެ.