ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީން ގަވައިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 21 ވަނަ ދުވަހު މެންދުރު ފަހު 3:55 ހާއިރު، އެއާޕޯޓް ޑިއުޓީ ފްރީން ގަވައިދާ ހިލާފަށް ސިނގިރޭޓް ބޭރުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށޫން މީހަކު ވަނީ މި މަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައި ކަމަށެވެ.
އެގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ މުހައްމަދު އައިހަމް، ގަސްކަރަ، ނ. ވެލިދޫ ކަމަށް ފުލުުން ބުނެއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 10 ދުވަހުގެ ބަންދެއް ޖަހާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ވެސް މި މަހުގެ 25 ވަނަ ދުވަހު އެއާޕޯޓް ޑިއުޓީ ފްރީން ގަވައިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރި ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރޭގައި ފުލަހަކު ވެސް ހިމެނެއެވެ. ކޯޓު އަމުރެއްގެ ދަށުން އެމީހުން ވެސް ހައްޔަރު ކޮށް ކޯޓަށް ހާޒިރު ކުރި ނަމަވެސް އެ ދެމީހުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ފުލުސް މީހާ ވަނީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.