ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި ކުރިއަށް އޮތް ތަނުގައި އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވީ އަލަށް މިކަމުގެ ތެރެއަށް ވަންނަ ކުދިން، އެކުދިންގެ މުޅި ހަޔާތް އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރު އެޅުއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާ ކުރައްވާ ނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލު ކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުން ކަމުގައި ފާހަގަކުރައްވާފައެވެ. ތަރުކާރީއާ މޭވާގެ ބާވަތްތައް އަތް ފޯރާ ފަށަށް ތިރި ކުރުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.