ފެނަކައިގެ ނަމާއި ލޯގާ އަދި ލެޓާހެޑް ނަކަލުކޮށް، ސައްހަ ނޫން ލިޔުމެއް އުފައްދައި ދައުރުކުރަމުންދާ މައްސަލަ އެ ކުންފުނިން ކުށްވެރިކޮށްފިއެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫސިޓީ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ގަވައިދުން ރައްޔިތުންނާއި ހިއްސާކޮށް، ކަމާއި ގުޅޭ އެންމެ ފުރިހަމަ މައުލޫމާތު އާންމުކުރަމުންދާކަމަށެވެ.އަދި މި ދަނޑިވަޅުގައި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުދައްދުމަށް އެކުުންފުންޏާމެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ކުންފުނިން އާންމުކުރާ ސާކިއުލާގެ ފޯމެއްޓެގައި ކުންފުނީގެ އިންޓާނަލް މެމޯ އެއްކަމުގައި ދެއްކުމަށް ސައްހަ ނޫން ލިޔުމެއް އުފައްދައި އާންމުކުރަމުންދާކަން ފާހަގަކޮށް އެ ކުންފުނިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ފެނަކައިން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ފެނަކައިން ބުނީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ކަރަންޓުގެ މައްސަލައާއި ގުޅިގެން ރައްޔިތުންނާ ހިއްސާކުރެވޭ މައުލޫމާތު އެ ކުންފުނިން ހިއްސާ ކުރަމުން ދާނީ އެކުންފުނީގެ ހިތަދޫ ބްރާންޗް އަދި މަރަދޫފޭދޫ ބްރާންޗުގެ ކަސްޓަމަރުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރަމުންދާ ކޮމިއުނިޓީ ވައިބާ ގްރޫޕް މެދުވެރިކޮށް ކަމަށެވެ. ތުރަށް ހިއްސާ ކުރެވޭ މައުލޫމާތުތައް ހިއްސާ ކުރަމުންދާނީ ކުންފުނީގެ ރަސްމީ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށްކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ހިދުމަތެއް ކަށަވަރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަސްޖެހުމެއް ނެތި ފުރިހަމަ ގޮތުގައި ކުރަމުންދާނެކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.