މައި އެއާޕޯޓް ވީއައިއޭގެ ފުރާ މީހުންގެ ޓާމިނަލުން ނެރެން އުޅުނު ކޮތަޅުތަކަކުން ސިނގިރޭޓު ކާޓަންތަކެއް ފެނުނު މައްސަލައެއް ބަލަން ފަށައިފިއެވެ.

ކަސްޓަމުން މިރޭ 'އެކްސް'ގައި ލިޔެފައިވާ ޕޯސްޓެއްގައިވާ ގޮތުން، ވެލާނާ އެއާޕޯޓުގައި ހުންނަ ފުރާ މީހުންގެ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ކޮތަޅުތަކެއް ޗެކްކުރިއިރު ސިނގިރޭޓު ކާޓަންތަކެއް ފެނިފައިވެއެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލު ހިއްސާކޮށްފައި ނެތް ނަމަވެސް، މައްސަލަ ބަލަމުންދާ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

ފާހަގަކުރެވޭ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް މެލޭޝިއާއިން އެތެރެކުރަން މަސައްކަތްކުރި ވޭޕްކުރަން ބޭނުންކުރާ 2،000 އަށް ވުރެ ގިނަ ސާމާނު ހިފަހައްޓާފައިވެއެވެ. މި މައްސަލަ ވެސް ކަސްޓަމުން ދަނީ ބަލަމުންނެވެ.