"އިކާން... އަހަންނަށް ލަވައެއް ކިޔައިދޭންވީނު... އަހަރެން ވަރަށް އުފާވާނެ... ދެންމެ ކީ ލަވަ އެއްކޮށް ކިޔައިދެވިދާނެތަ؟.." ޒުމްރާގެ އެދުމަށް އިކާން ފުރަގަސްދޭކަށް ބޭނުމެއް ނުވިއެވެ. އިކާންގެ އަޑުން އެ ރީތި ލަވަ ކިޔައިދެމުން ދިޔައިރު ގިޓާގެ ނަރުތަކަށް އިކާންގެ ހިމަދިގު އިނގިލިތަކުން ފަރިތަކަމާއެކު ކުޅެލިއެވެ. ލަވަ އެއްކޮށްކިޔާ ނިންމާލުމުން ޒުމްރާ ގޮނޑިން ތެދުވެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް އޭނާއަށް ރަނގަޅަކަށް ނުހިނގުނެވެ.
ޒުމްރާއަށް އެހީވާން އިކާން ކައިރިވިއެވެ. އެވަގުތު ޒުމްރާގެ ހިތަށް ކުރަމުން ދިޔަ އިހްސާސުން ދުރަށް ޖެހިލިއެވެ. ނަމަވެސް އިކާން ދުލެއް ނުކުރިއެވެ. ޒުމްރާ އުރާލައިގެން ކޮޓަރިއަށް ވަދެވެން ހުރި ދޮރާ ދިިމާއަށް މިސްރާބު ޖެހިއެވެ. އިކާންގެ މޫނަށް ބަލަން އޮތް ޒުމްރާގެ ލޮލަށް އިކާން ބަލައިލީ ހަމްދަރުދީއިން ފުރިގެންވާ ނަޒަރަކުންނެވެ. ޒުމްރާ ކަހަލަ އަންހެނަކަށް އެކަހަލަ ދެރަގޮތް މެދުވެރިވާންވީ ކީއްވެގެން ބާއޭ އިކާންގެ ހިތަށް އެރިއެވެ.
ކޮޓަރިއަށް ވަނުމާއެކު ޒުމްރާގެ އަތުން ދޮރުފަތް ލައްޕާލަމުން އިކާންގެ އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލިއެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އާތިފްގެ މަތިން ހަނދާން ނައްތާލަން ޒުމްރާ ބޭނުންވިއެވެ.
*** *** *** *** *** ***
ޒުމްރާގެ ހަގީގަތް އެނގުމުން އިކާންގެ ހިތަށް އުނދަގޫތަކެއް ވިއެވެ. ކޮންމެ ގޮތެއް ވިޔަސް ދެން ޒުމްރާއާ އެފަދަ ގުޅުމެއް އިކާނަށް ބާއްވާކަށް ނުކެރޭނެއެވެ. ތާރާއަށް އޮޅުވާލައިގެން ކުރެވުނު ކައިވެންޏެއް ކަން އެނގުނު ނަމަވެސް އެހާ ބޮޑު އޮޅުވާލުމަކަށް ވެދާނެއެކޭ އިކާންގެ ހިތަކަށް ނާރައެވެ. ތާރާ ކައިރިއަށް މިފަދަ މޫޑެއްގައި ހުރެ ދާން ނުކެރުމުން އިކާން ގަސްތު ކުރީ އެ ސްޓޫޑިއޯގައި އިރުކޮޅަކު މަޑުކުރާށެވެ. ތަކުރާރުކޮށް އިކާންގެ ފޯނަށް އަންނަމުން ދިޔަ ފިޒާމްގެ ކޯލަށް ޖަވާބު ދޭން ވެސް އިކާން ބޭނުން ނުވާތީ ފޯނު ވެސް ނިއްވާލިއެވެ.
ސްޓޫޑިއޯގައި ހުރެ އިކާން އޭނާގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލީ ބޮލުގައި އުފެދެމުން ދިޔަ ރިހުމާ ހެދި އުނދަގޫވާތީއެވެ. ގޮނޑިން ތެދުވެގެން އެއްފަރާތުގައި ހުރި ހަރާ ދިމާއަށް ގޮސް އެ ހަރުގައިވާ ސާމާނުތަކަށް އިކާން ބަލާލިއެވެ. އެއްފަރާތުގައި ތަރުތީބުކޮށް ބަހައްޓާފައިވާ ފައިލްތަކުން ކަޅުކުލައިގެ ފައިލެއް ނަގާ އެ ފައިލްގައިވާ ގަނޑުތައް އުކާލިއެވެ. އިކާންގެ ފުރިހަމަ ނަން ލިޔެފައިވާ ބްލޭންކް ޗެކެއް ފައިލްކޮށްފައިވާ ގަނޑަށް ހުޅުވާލެވުމުން ރަނގަޅަށް ބަލާލިއެވެ. އެ ޗެކްގައި ސޮއިކޮށްފައިވާ ފަރާތަކީ ޒުމްރާއެވެ. ޒުމްރާގެ ސޮއިއަށް ބަލާލި ވަގުތު އިކާންގެ ހަނދާންތައް ދަތުރު ކުރީ މީގެ ތިން އަހަރު ކުރީގެ ދުވަހަކަށެވެ.
*** *** *** *** *** ***
ހާސްވެފައި ހުރެ އިކާން ހިނގަމުން ދިޔައީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އެއް އަތުން ގިޓާ ހިފައިގެން ހުރެ އިކާން އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އިކާނަށް ވިސްނެމުން ދިޔައީ ދެން ވެދާނެ ގޮތަކާ މެދުއެވެ. އެއްގޮތަކަށް ވެސް ރަހްމަތްތެރިން ކޮށްފާނެ ސުވާލަކާ މެދު އޭނާ ވިސްނައެއް ނުލައެވެ. އެއް ފަރާތެއްގައި ގިޓާ ބެހެއްޓުމަށްފަހު އިކާން ގޮސް އޭނާގެ އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހެއް ގެނެސް މޭގައި ޖައްސާލަމުން އެ ބާލީހުގައި ދެއަތުން ބައްދާލިއެވެ.
"އިކާން... ކޮންތާކަށް ދިޔައީ؟.. އަހަރެމެން ހާދަ ގުޅީމޭ.. ތިގޮލާ ބޭރަށް ދިއައީ ފޯންވެސް ބާއްވާފަ.. ބަގީއެއްގަ ނުކުމެ މުޅި ރިސޯޓް އަހަރެމެން ބެލިން އެކަމަކު ނުފެނުން.. ކޮންތާކަށް ދެމިގަތީ..." ފާޚާނާއިން ނުކުތް ފިޒާމަށް އެނދުގައި އޮތް އިކާން ފެނުމުން އަހާލިއެވެ.
"ހޫމް ރޭގަ ދޯ... އެވާހަކަ ނުދައްކާ..." އިކާން ދެލޯ މަރާލީ ފިޒާމްގެ ސުވާލުތަކަށް ޖަވާބެއް ދޭން ބޭނުން ނުވާތީއެވެ.
"އެހެންތަ.. ދެން ރެޑީ ވާންވީނު.. މާލެ ނައްޓާލަންވީ... ހިނގާ އޭރަށް ސައެއް ބޯލަން ދާން...." ފިޒާމްގެ ބޮލުގައި ފުނާ އަޅަމުން ވާހަކަ ދެއްކިއެވެ. އިކާން އޮތީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން އޭނާ ބޭނުންވީ ސައިބޯން ދާށެވެ. އެނދުން ތެދުވެ ފިޒާމާ އެކީ ބޭރަށް ނުކުމެގެން ދިޔައީ ގެސްޓް އޭރިއާ އަށެވެ. ރެސްޓޯރަންޓަށް ވަދެ ބުފޭގައި އަތުރާފައިވާ ތަފާތު ކެއުންތަކަށް އިކާން ނަޒަރު ހިންގާލިއެވެ. ބޭނުންވާ ތަކެތި ތައްޓަކަށް އަޅައިގެން އައިސް ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި އޭނާ އިށީނެވެ.
އޭރު ފިޒާމް ދިޔައީ އޭނާ ބޭނުންވާ ތަކެތި ތައްޓަކަށް އަޅަމުންނެވެ. ކާން ފެށި ތަނާ އިކާނަށް މަޑުޖެހިލެވުނީ އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނު އަންހެން މީހާ ފެނުމުންނެވެ. އިކާން އެކަނިމާ އެކަނި މޭޒެއްގެ ދޮށުގައި ކާން އިންތަން ފެނުމުން ޒުމްރާ އެ މޭޒު ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލިއެވެ. އިކާނަށް އެވަގުތު ބަލާލެވުނީ އެ މޭޒާ ދިމާއަށް ހިނގާފައި އަންނަމުން ދިޔަ ފިޒާމް އަށެވެ. އިކާނާ އެކު ރިސޯޓުގެ އޯނަރ ފެނުމުން ފިޒާމްގެ ފިޔަވަޅަށް ހުއްޓުމެއް އައެވެ. އިކާންގެ ބަލާލުމުން ފިޒާމަށް ދުރުގައި މަޑުކޮށްލަންވީކަން އެނގުނެވެ. ފިޒާމް އެ މޭޒާ ކައިރީގައި ހުރި އެހެން މޭޒަކާ ގާތްވެލުމުން އިކާނަށް ހިތްހަމަޖެހުމެއް ލިބުނެވެ.
އިކާންގެ މޫނަށް ބަލާލަމުން ޒުމްރާގެ އަތްދަބަސް ހުޅުވާލިއެވެ. "ހެއި.. ރޭގަ ވީ ކަންތައް އެއީ ނުވާ ކަމެއް.. އަހަރެން ދުވަހަކު ވެސް މިހެން ކައިވެނިން ބޭރުން އެހެން މީހެއް ކައިރިއަކަށް ނުދަން.. އެއީ ވަރަށް ބޮޑު މިސްޓޭކެއް.. މި ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތި.. އިކާނަށް އަހަރެން ބޭނުން ވަރަކަށް ފައިސާ ދީފާނަން.. އިކާންގެ ދިރިއުޅުމަށް ބޭނުމީ ފައިސާގެ ތަނަވަސް ކަމެއްނު.. އަން މިއޮތީ ބްލޭންކް ޗެކެއް.. އިކާން ބޭނުން އަދަދަކަށް ފައިސާ ނަގަންވީ.. ދެން ދިޔައީ.. ހޯޕް އައި ކޭން ޓްރަސްޓް ޔޫ.." އިކާން ދޭނެ ޖަވާބަކަށް މަޑުކުރުމެއް ނެތި ޒުމްރާ އެ ރެސްޓޯރަންޓުން ބޭރަށް ދާން ހިނގައިގަތީ އަތުގައި އޮތް އަވިއައިނު ލޮލުގައި އަޅާލަމުންނެވެ.
"ވާވް... އިކާން.. ވަޓް ޑިޑް ޔޫ ޑޫ.. ދައްކަބަލަ ތި ބަލާލަން.." އިކާން ކައިރިއަށް އައިސް ހުސް ގޮނޑިއެއްގައި އިށީނުމަށްފަހު އިކާންގެ އަތުގައި އޮތް ޗެކް ދަމައިގަންނަމުން ފިޒާމް ވާހަކަ ދެއްކިއެވެ. "އަ ބްލޭންކް ޗެކް... ކިހިނެއް މިވީ؟.. މަށަށް ކިޔައިދީ ބަލަ.." ފިޒާމް އިނީ އެ ވާހަކަތައް އެނގެން ބޭނުންވެފައެވެ. ޒުމްރާ ބުންޏަސް އެވާހަކަތައް ފިޒާމަށް ކިޔައި ނުދީ ނުހުރެވޭނެތީ އިކާން އެހުރިހާ ވާހަކައެއް ފިޒާމާ ހިއްސާކުރިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އެދުވަހަށްފަހު އެއްމަސް ދުވަސް ވޭތުވެދިޔައިރު ވެސް އިކާން އެ ޗެކަށް ފައިސާއެއް ނުނަގައެވެ. އެ ޗެކްގައި ދީފައިވާ ތާރީޚް ފަހަނައަޅާ ދިޔައިރުވެސް އިކާން ފައިސާ ނުނެގުމުން އެކަމުން ޒުމްރާއަށް ހައިރާން ކަމެއް ލިބުނެވެ. އާތިފްގެ ފަރާތުން އަޅާލުމާ އޯގާތެރިކަން ނުލިބި ހޭދަވާ ގިނަ ދުވަސްތަކުގައި އިކާން މަތިން ޒުމްރާ ހަނދާން ކުރެއެވެ. އިކާނާ ބައްދަލުކޮށްލަން އޭނާގެ ހިތް އެދެމުން ދިޔައެވެ.
ފިޒާމްމެން ގޭގެ ފާޚާނައިގައި ފެންވަރަން އިކާން ހުއްޓާ އޭނާގެ ކަންފަތުގައި ޖެހުނީ ފިޒާމްގެ އަންހެނުންގެ ރުޅިވެރި ބަސްތަކުގެ އަޑެވެ. "ފިޒާމް ކައިރީ ކިތައް ފަހަރު ބުނެފިން ރައްޓެހިން ގޮވައިގެން ދިރިއެއް ނޫޅެވޭނެ... އަހަރެމެން އަމިއްލަ ހާލައިގެން ނޫޅެވޭ އިރު ކިހިނެއް މީހަކު ގޮވައިގެން އުޅޭނީ.. އިކާނަކީ އަމިއްލައަށް މަސައްކަތެއް ކޮށްލަން ކެރޭ ފިރިހެނެއް ނޫން.. ފިރިހެނެކޭ ބުނަން ލަދުވެސް ގަނޭ..."
"ސާބަސް.. ތިހާ ބާރަށް އެއްޗިހި ނުކިޔަބަލަ.. އެއީ މަގޭ ރައްޓެއްސެކޭ.. އޭނާއަށް އަޑު އިވިދާނެ.... ހެޔޮނުވާނެ.. ރުޅި މަޑުކޮށްބަލަ... އަހަރެން ގޮތެއް ހަމަޖެއްސޭތޯ ބަލާނަން.. ހަފްތާއެއް ދީ..." ފިޒާމްގެ އަންހެނުންނަށް އޭނާ ވިސްނައި ދޭން މަސައްކަތް ކުރިއެވެ.
ފާޚާނާއިން ނިކުމެގެން އިކާން ގޮސް ކޮޓަރިއަށް ވަދެ އޭނާގެ ވޮލެޓް ހުޅުވާލިއެވެ. އެންމެ ފައިސާއެއްގެ ނޫޓެއް ވެސް ނެތް އެ ވޮލެޓް ތެރެއިން އޭނާ ނެގީ ޒުމްރާ ދިން ބްލޭންކް ޗެކެވެ. އިކާނަށް އެ ޗެކަށް ފައިސާ ނަގަން ބޭނުން ނުވީ ޒުމްރާއާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭތީއެވެ. ނަމަވެސް މިވަގުތު އިކާން އެވަނީ ފައިސާގެ އެހީތެރި ކަމަކަށް ބޭނުން ވެފައެވެ. ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔަ އިކާނަށް ނޭވާ ނުލެވޭނެ ވަރަށް ދިރުޅުމުގެ ދަތިކަމުގެ ފެންގަނޑު ބޮޑުވެ ގެނބުމާ ދާދި ކައިރި ވެއްޖެ ކަން އެނގުމުން މަގެއް ހޯދަން އޭނާއަށް މަޖުބޫރުވިއެވެ.
ފޯނު ހިފައިގެން އިކާން ބޭރަށް ނިކުތީ ރިސޯޓުގައި އުޅޭ ރައްޓެއްސަކަށް ގުޅައިގެން ޒުމްރާއަށް ގުޅޭތޯއެވެ. އެތައް މަސައްކަތަކަށް ފަހު އިކާނަށް ޒުމްރާގެ ނަންބަރު ލިބޭގޮތް ވުމުން ހިތްހަމަ ޖެހުމެއް ލިބުނެވެ. އަވަހަށް ޒުމްރާގެ ފޯނަށް ގުޅާލީ އެތައް އުންމީދަކާ އެކުގައެވެ.
ޒުމްރާގެ ފޯން ރިންގްވާތާ އިރުކޮޅެއް ވީފަހުން އެ ފޯނަށް ޖަވާބު ދިނެވެ. ނުދަންނަ ނަންބަރަކަށް ވުމުން ޒުމްރާ އެފޯނަށް ޖަވާބުދެމުން ކަނުލާ އަޑުއަހަން އިނެވެ. އިކާންގެ އަޑު ޒުމްރާގެ ކަންފަތުގައި ޖެހުމާއެކީ އޭނާއަށް އެ ހުރިތަނުން ދުރަށް ޖެހިލެވުނެވެ. ޒުމްރާއަށް އެވަގުތު ހުރެވުނީ އޭނާގެ އެކުވެރިންތަކަކާ އެކީގައި ކަމުން އޭނާ ދުރަށް ޖެހިލީ އެހެން އަޑުތަކާ ދުރަށް ޖެހިލަމުން މިހާރު އިވެމުން އެދާ އަޑުގެ ވެރިޔާ އެއީ ކާކުކަން ޔަގީންކުރާށެވެ.
"ޒުމްރާ ތޯ... މީ އިކާން.. އެނގިލައްވައިފިތޯ... އަޅުގަނޑު މި ގުޅީ ވަރަށް ބޮޑު ކަމަކު..." ރަތްދައްކާ ގަދަ އަވީގައި ހުރެ އިކާން ވާހަަކަ ދައްކަމުން ދިޔައިރު އޭނާގެ ނިތްކުރިން ދާތިކިތިކި ފާޅުވަމުން ދިޔައެވެ. ދެންމެ ފެންވަރައިގެން ނިކުތް މީހެއްހެން ވެސް ހީނުވާ ކަހަލައެވެ.
އެ އަޑުގެ ވެރިޔާ ޒުމްރާގެ ހިތުން ފޮހެވޭނީީ ކިހިނަކުން ހެއްޔެވެ. އިކާނާއެކީ އެ ހޭދަވީ ވަގުތުކޮޅަކީ ޒުމްރާގެ ހިތުން ފޮހެލެވޭނެ ވަގުތެއް، ނޫނެވެ. ލޯބީގެ ލަވައެއް އިވުނަސް ޒުމްރާގެ ލޯ މައްޗަށް ފިލްމެއްގެ ސިފައިގައި އެރޭގެ މަންޒަރުތައް ކުރެހެން ފަށައެވެ.
"އިކާން... އާ އެނގިއްޖެ... ކީކޭ... ކޮންކަމަކު؟..." ޒުމްރާ މަޑުމަޑުން ވާހަކަ ދައްކަމުން ދުރުގައި ތިބި އޭނާގެ އެކުވެރިންތަކާ ދިމާއަށް ބަލާލީ އެއިން މީހަކަށް އޭނާ ބުނިއެއްޗެއް އަޑު އިވެން ބޭނުންނުވާތީއެވެ.
- ނުނިމޭ -