ލޮލުން އޮހެމުން ދިޔަ ކަރުނަތައް އެ ކޯތާފަތުގައި ބޮސްދެމުން އައިސް ދަތްދޮޅި ދަށުން ތިކި ޖަހަމުން ދިޔައިރުވެސް އެއިން ކަރުނަ ތިއްކެއް ފޮހެލަން ޒުމްރާގެ އަތް ހަރަކާތެއް ނުކުރެއެވެ. ދޮންވެލިގަނޑުގައި ބީއްސަމުންދިޔަ ރާޅުގެ މިއުޒިކީ އަޑަށް ގެނބެމުން ދިޔަ އިރު ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން ޒުމްރާގެ ބަލިކަށި ހިތަށް ފިނިކަމެއް އިހްސާސް ވިއެވެ. އޭނާގެ ދިރިއުޅުމާ މެދު އޭނާއަށް ވިސްނެމުން ދެވުނެވެ.

އެކަނިވެރިކަން އިހްސާސްވާ ކޮންމެ ފަހަރަކު ޒުމްރާގެ މައިންބަފައިން މި ދުނިޔޭގައި ތިބި ނަމައޭ ހިތަށް އަރައެވެ. އޭނާގެ ޅަ އުމުރުގައި ލޯބިވެގެން ކުރި ކައިވެނި ހަލާކުވެގެން ދާތަން ބަލަން ކެތް ނުވަނީއެވެ. ދަރިއަކު ނުލިބުމުގެ ސަބަބުން އާތިފް އެކަމާ ހިތާމަ ކުރާކަން އެނގުމުން ޒުމްރާ ދެވަނަ ކައިވެންޏެއް ކުރަން އެއްބަސް ވީ އެއީ އާތިފްގެ އުފަލަކަށެވެ. ނަމަވެސް އެކައިވެނި ކުރި ފަހުން އާތިފް ބަދަލުވަމުން ދިޔަކަން ޒުމްރާއަށް ފާހަގަވިއެވެ. ޒުމްރާ އަތުގައި ފައިސާގެ ތަނަވަސްކަން އެބައޮތެވެ. ނަމަވެސް ލޯތްބަށް އޭނާގެ ހިތާ ޖިސްމު ފެންބޮވައިގެންފައިވާތާ އެތައް އަހަރެއް ވީއެވެ. އޭނާ އެވަނީ ލޯބީގެ ދުނިޔޭގައި އެކަނިވެރިއަކަށް ވެފައެވެ. ބާކީވެފައެވެ.

ހިމުން ދޮންވެލިގަނޑުމަތީ ހިނގަމުން ދިޔަ ޒުމްރާގެ ފިޔަވަޅު ހުއްޓުނީ އޭނާގެ ކަންފަތުގައި ޖެހުނު މިއުޒިކް އޭނާގެ ހިތުގެ ހިމަ ނާރުތަކާ ކުޅެލުމުންނެވެ. ޒުމްރާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު ކަހަލައެވެ. އެއީ ގިޓައަކުން ކުޅެމުން ދިޔަ މިޔުޒިކެއްގެ އަޑެވެ. އަޑު އަންނަމުން ދިޔަ ދިމާއަށް ޒުމްރާގެ ފިޔަވަޅު އަވަސް ކޮށްލިއެވެ. ރާގާ އެއްވަރަށް ފިރިހެން ރީތި އަޑަކުން އެލަވައިގެ ބައިތު ކިޔާލި އަޑު އިވުމުން ޒުވާނާ ބަލާލުމުގެ ޝައުގުވެރިކަން ބޮޑުވިއެވެ.

އެ ކިޔަނީ ޒުމްރާއަށް ވަރަށް ރީތި ލަވައެކެވެ. އެކަނިވެރިކަން އިހްސާސްވާ ކޮންމެ ފަހަރަކު އެ ލަވައިގެ ކޮންމެ ބައިތަކީ ވެސް ޒުމްރާގެ ދިރުއުޅުމާ ގުޅޭ ލަވައެއް ކަމަށް އޭނާ ގަބޫލުކުރާ ވަރަށް ފުރިހަމަ ލަވައެކެވެ.

"އެ ހޯދި އުފާތަކާ، އެ މަސްތީ ރޭތަކާ... އެ އައި މޫސުމް ނަޔާ، މިލާ ނެތިގެން ދިޔާ... އެ ފަރި ހިނިތުންވުމާ އެރީތި ބެލުންތަކާ... ހަނދެއް ފަދަ ރީތިކަން ލޮލަށްވީ ގެއްލިފާ... އެ މަންޒިލްއަދު ކޮބާ؟.. އެ ހަނދުވަރު އޮއްސިފާ... ހުރީވެވިފާ ބާކީ..."

އެ ޒުވާނާގެ ރީތި އަޑުގެ ޖާދޫގައި ޒުމްރާ ޖެހިއްޖެއެވެ. އެ އަޑުގައި އެވާ އަސަރާއި ރިހުން ޒުމްރާއަށް އިހްސާސްވަމުން ދާ ކަހަލައެވެ. އެ ޒުވާނާގެ މޫނު ފެންނަ ހިސާބަށް އާދެވުމުން އޭނާ މަޑުޖެހިލިއެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައިވާ އެ ފަން އިސްތަށިގަނޑު ވަރަށް ވެސް ހިތްގައިމެވެ. އަތް ދިގު ހުދުކުލައިގެ ޓީޝާޓެއްގައި ހުރި އިރު އޭނާ ލާފައި ވަނީ މަޑު ނޫކުލައިގެ ޖީންސެކެވެ.

ލަވަކިޔަމުން ދިޔައިރު އޭނާގެ ދެލޯ ވަނީ މެރިފައެވެ. ޒުމްރާއަށް އޭރު ހުރެވުނީ އެ ޒުވާނާ ކުރިމަތީގައެވެ. މަޑުމަޑުން އެ ޒުވާނާގެ ދެލޯ ހުޅުވާލަމުން ގިޓައަށް ބަލާލިއެވެ. ކުއްލިއަކަށް މީހަކު ކުރިމަތީ ހުރިތަން ފެނުމުން އެ ޒުވާނާއަށް ސިހުމެއް ލިބިގެން ދިޔައެވެ. ސިހުނު ވަރުން އޭނާ އިށީނދެގެން އިން ގޮނޑި މަތިން އަރިއަޅާލައިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

ޒުމްރާ ކުރިއަށް ފިޔަވަޅެއް އަޅަމުން ސޮރީއޭ ބުނެލިއެވެ. އެ ޒުވާނާ އޭނާގެ ކަޅި ޒުމްރާއަށް ހަމަކޮށްލަމުން ބަލާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.

"ވަރަށް ރީތި ތި ކީ ލަވަ... ތީ އަހަރެންނަށް އެންމެ ރީތި ލަވަ... ކީއްވެ މިތާ މީހުން ނެތް ހިސާބެއްގަ އެކަނި ތީނީ..." ޒުމްރާ ވާހަކަ ދެއްކީ އޭނާގެ ހިތުގެ ރިހުން ފޮރުވަމުންނެވެ.

"ތީ... ކާކު؟.. އަނެއްކާ... ޖިންނިއެއްތަ؟..." އިކާންގެ މޫނަށް ވައްތަރެއް ޖައްސާލަމުން އެހެން އަހާލީ ފިޒާމްމެން ބުނި އެއްޗެއްގެ ސަބަބުންނެވެ.

އެމީހުންނާއެކީ ރިސޯޓަށް އިކާން އައީ ޒިވީގެ ހަނދާންތަކުން ދުރަށް ދާށެވެ. ނަމަވެސް ރަހްމަތްތެރިންނާ އެކީ ގިިނަ ވަގުތު ވާހަކަ ދައްކަން ހުންނަން ޖެހުމުން އޭނާއަށް އުނދަގޫވިއެވެ. ސަބަބަކަށްވީ އިކާންގެ ހުރިހާ އެކުވެރިންނަކީ ވަޒީފާގައި އުޅޭ ޒިންމާދާރު ބަޔަކަށް ވުމެވެ. އެ އެންމެންގެ ލަފަޔާ އިރުޝާދު ހުރީ އެއް ދިމާއަަށެވެ. އެމީހުުން ވެސް އައީ އިކާން ކުށްވެރި ކުރަމުންނެވެ. އެމީހުންގެ ތެރޭ ހުންނަން ބޭނުން ނުވާތީ ގިޓާ ހިފައިގެން އިކާން ހިނގައިގަތީ ގޮނޑުދޮށާ ދިމާއަށެވެ.

އިކާން ހިތްހަމަނުޖެހިގެން ދަނީކަން އެނގުމުން ފިޒާމްމެން ދިމާ ކޮށްލަން ބުނި ބަސް އިކާންގެ ކަންފަތުގައި ގުގުމާލިއެވެ. "ތިދިމާލަށް އެކަނި ނުދޭ... ވަރަށް ރީތި އަންހެން ކުއްޖެއް ފެނެއޭ މި ރިސޯޓުގަ އުޅޭ ކުދިން ބުނޭ... އަވަލައިގެން އިކާން މޮޔަ ވެދާނެ..."

"ޖިންނިއެކޭ... ހެހެ.. ނޫނޭ... އަހަރެންމީ ތީނަ ކަހަލަ އިންސާނެއް... އެ ޕާޓީގަ ހުންނަން އަހަރެން ބޭނުން ނުވީ.. އެކަހެރި ވަގުތުކޮޅެއް ބޭނުންވީމަ ހިނގަމުން ހިނގަމުން މިހިސާބަށް އައިތަނުން ތީނަ ލަވަ ކިޔާ އަޑު އިވިގެން މި އައީ.. އަސްލު ވެސް ތި ލަވަ ކިޔައިދިިން ގޮތް ވަަރަށް ފުރިހަމަ..." ޒުމްރާ މިހެން ބުނަމުން ރަށުތެރެއަށް ބަލާލިއެވެ.

ޒުމްރާގެ ކޮޓޭޖް ކައިރިއަށް އާދެވުނީކަން އެނގުމުން އޭނާ އެއްގަމަށް އަރަން މިސްރާބު ޖެހިއެވެ. ޒުމްރާ ދާ ދިމާއަށް ބަލަން އިކާނަށް އިނދެވުނެވެ. ހިނގަމުން ކުރިއަށް ގޮސްގޮސް ހުރި ޒުމްރާ ކޮރަކާއެކީ އެއް ފައި އުފުލާލަމުން އައްދޯއި އޭ ބުނި އަޑަށް އިކާން އެ އިން ތަނުން ތެދުވެ ޒުމްރާއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ޒުމްރާގެ ފައިތިލައަށް ބަލަން އިކާން ގުދުވެލީ އަތުގައިވާ ގިޓާ ދޮންވެލިގަނޑުމަތީ ބާއްވަމުންނެވެ. ޒުމްރާގެ ފަޔަށް ވަނީ އެއްޗެއް ހެރިފައެވެ. ތޫނުކޮށް އިން ހިމަ ގޮފިކޮޅެއް ޒާތުގެ އެތިކޮޅެކެވެ. މަޑުމަޑުން ޒުމްރާގެ ފައިގާ ހިފާލަމުން އިކާން އެ އެތިކޮޅު ދަމައިގަތެވެ. ވީތަދުން ޒުމްރާއަށް ޗޫސް ދަމާލެވުނެވެ. އެ އެތިކޮޅު ފައިން ވަކިވި ވަގުތު ކޮންމެވެސް ވަރަކަށް ފައިން ލޭވެސް އައެވެ. އެފައި ބިންމަތީ ނުޖައްސާ އެއް ފައި މައްޗަށް ހުންނަން ޒުމްރާ މަސައްކަތް ކުރި ނަމަވެސް އަރި އަޅާލުމުން އިކާންގެ ހަށިގަނޑުގައި އޭނާ ލައްވިއެވެ. އެ ވަގުތު އިކާނަށް ވެސް ބޭއިޚްތިޔާރުގައި ޒުމްރާގެ ކޮނޑުގައި ހިފާލެވުނެވެ.

ބާރު އަޑުފަށްގަނޑަށް ސިހިނު ނަމަވެސް އެމީހުންގެ ގަޔަށް އެޅުނު އަލިތަކުގެ ދަޅައިގެ ސަބަބުން ފަޒާގެ ތެރެއަށް ބަލާލެވުނެވެ. ރިސޯޓުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ހަވާ އަރުވަން ފެށީކަން އެނގުމުން ޒުމްރާއަށް އިސްޖާހާލެވުނެވެ. ހިތާހިތުން ކައިވެންޏަށް 26 އަހަރު ވީއިރު އާތިފްއާ ޒުމްރާގެ ގުޅުން ހުރި ހިސާބުން އަމިއްލަ ނަފްސަށް މަލާމާތް ކޮށްލެވުނެވެ. އެ މަންޒަރަށް ބަލަން ތިބެވުނު އިރު އެ ދެމީހުންނަށް ތިބެވުނީ ކިހިނެއް ކަން ވެސް ރޭކާލީ އިރުގަނޑެއް ވީފަހުންނެވެ.

ޒުމްރާ ލަދުން އިސްޖަހާލަމުން އިކާންގެ ހަށިގަނޑުން ދޫކޮށްލިއެވެ. ނަމަވެސް ކޮރެއް ޖަހަމުން ކޮޓޭޖަށް ދާން އޭނާއަށް ވަރަށް އުނދަގޫވިއެވެ. "އަހަރެން ގެންގޮސްދީފާނަން... ކޮންތާކަށް ދާންވީ؟..." ޒުމްރާއަށް އެހީވާން އިކާން ބޭނުންވިއެވެ. އަތުގެ ޝަހާދަތް އިނގިލިން ކޮޓޭޖަށް އިޝާރާތްކޮށްލުމުން ބިންމަތީ އޮތް ގިޓާ ނަގާ އެއް އަތުން ހިފާލަމުން ޒުމްރާއާ އޭނާ ގާތްވެލިއެވެ. ޒުމްރާ އަތަށް ގިޓާ ދިއްކޮށްލުމުން ގިޓާގައި ޒުމްރާ ހިފާލިއެވެ. އަދި އިކާނާ ދިމާއަށް އޭނާ ބަލާލީ ސުވާލުން ފުރިގެންވާފަދަ ބެލުމަކުންނެވެ.

ގުދުވެލަމުން ޒުމްރާ ނަގާ އަތްދަނޑި މައްޗަށް ލާ އިކާން އުރާލިއެވެ. އިކާންގެ މޭމަތީގައި ޒުމްރާގެ ހަށިގަނޑު ލަށްވެގެން ދިޔަ ވަގުތު ޒުމްރާއަށް ތަފާތު އިހްސާސެއް ކުރެވުނެވެ. އިކާންގެ މޫނަށް ކަޅި ޖަހައިނުލާ ޒުމްރާއަށް ބަލަން އޮވެވުނެވެ. ކޮޓޭޖާ ހަމައަށް ދެވުމުން އިކާންގެ ފިޔަވަޅު މަޑުކޮށްލިއެވެ. ޒުމްރާއަށް އޭރުވެސް އިނދެވުނީ އިކާންގެ މޫނަށް ބަލަން ގެއްލިފައެވެ.

"ތަޅުދަނޑި...." ޒުމްރާ ގާތު އިކާން އަހާލިއެވެ. އަތްދަބަސް ހުޅުވާލަމުން އޭގެން ތަޅުދަނޑި ނަގާ އެ ދޮރު ޒުމްރާ ހުޅުވާލިއެވެ. ދޮރު ހުޅުވުނު އިރު އެތެރެއިން ފެނުނު މަންޒަރުން އިކާންގެ ފިޔަވަޅު ހުއްޓުނެވެ. ޕޫލަކާއެކު ފެންނަން ހުރި ގެއެއްވަރުގެ ރީތި ތަނެކެވެ. ޕޫލް ތެރޭގައި ވެސް ވަނީ އެކި ކަހަލަ މާތަކުން ޒީނަތްތެރިކުރެވިފައެވެ. ޕޫލް ކައިރީގައި ދެމީހަކަށް އެރޭގެ ކެއުން ތައްޔާރުކޮށްފައިވާ މޭޒެއް ހުރި އިރު މުޅި ތަންވަނީ މަޑު އޮރެންޖް ކުލައިގެ ފަނޑު އަލިކަމެކެވެ.

އިކާން އެތެރެއަށް ވަދެގެން ދިޔަ އިރު އެތަން ފެނި ހުރެވުނީ އާޝޯޚް ވެފައެވެ. އެ މޭޒު ކައިރިއަށް މަޑުކޮށްލުމުން އިކާންގެ އަތު ތެރެއިން ޒުމްރާ ފޭބިއިރު ވެސް އޭނާއަށް ހުރެވުނީ އިކާންގެ މޫނަށް ބަލާށެވެ. ޒުމްރާގެ ފައި މިހާރު ކިހިނެއްތޯ އިކާން އަހާލި އިރުވެސް އޭނާގެ ކަޅި އަމާޒުވެފައި ިވަނީ އެތަނުގެ ރީތިކަމަށެވެ.

"އާން.. އޯކޭ... އަހަންނަށް ކިޔަނީ ޒުމްރާ... ތީނަޔަށް ކޮން ނަމެއްތަ ކިޔަނީ؟... ވަރަށް ބޮޑަށް ޝުކުރިއްޔާ މިހިސާބަށް ގެނެސްދިނީމަ..." މޭޒު ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ޒުމްރާ އަހާލިއެވެ.

"އިކާން... އަހަންނަށް ކިޔަނީ އިކާން... ދެން ގޮސްލަނީ..." މޭޒުމަތީ ބަހައްޓާފައި ހުރި ކޭކް އިކާނަށް ފެނުމުން އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ކޭކުގައި ހެޕީ އެނިވަރސަރީ ޖަހާފައިވުމުން ޒުމްރާގެ ފިރިމީހާ ކޮންމެ ވަގުތެއްގައި ވެސް އައިސްދާނެ ކަމާމެދު އިކާން ކަންބޮނޑުވިއެވެ.

"ނޫން... ޕްލީސް މަޑުކޮށްބަލަ.. އަހަރެން މި ކޭކު ފަޅަން ޖެހޭނީ އެކަނި.. މި ކެއުން ވެސް... ޕްލީސް ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަބަލަ... ހޭވް ޑިނަރ ވިތު މީ..." އާދޭހުގެ ރާގަކަށް ޒުމްރާ ވާހަކަ ދެއްކި އިރު އޭނާގެ ދެލޮލުން ކަރުނައިގެ ވިދުން ފާޅުވިއެވެ.

ޒުމްރާގެ ދިރިއުޅުމުގައި ތަގްދީރު ކުޅުނީ ކިހާވަރެއްގެ ޑްރާމާއެއްކަން އިކާނަށް ނޭނގުނު ނަމަވެސް އެހިތުގައި ރިހުމެއް ވާ ކަން އިކާނަށް ނަގައިގަނެވުނެވެ. އެހެންކަމުން އިކާން ގަސްތު ކުރީ ޒުމްރާއާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. އިކާންގެ ހިތަށްވެސް ލުއިކަމެއް ލިބޭނެކަމުގެ އުންމީދުގައެވެ.

ކެއުމަށް އިންސާފް ކުރުމަށްފަހު ދެމީހުން އެކި ވާހަކަތައް ހިއްސާ ކުރަމުން ދިޔައީ ދިރުއުޅުމާ ބެހޭ ގޮތުންނެވެ. އިކާންއަށް މިރޭ އެ ރިސޯޓަށް އާދެވުނު ގޮތް ސާފުކޮށް ކިޔައި ދިނުމުން ޒުމްރާ ވެސް އޭނާގެ ދިރިއުޅުން މިހިސާބަށް ދާން މެދުވެރިވީ ސަބަބުތައް ކިޔައިދިނެވެ. ދެމީހުންގެ ހަޔާތުގެ މާޒީގެ ހިތި ތަޖުރިބާތައް ހިއްސާކޮށް ނިމުނު އިރު އެ ދެމީހުންނަށް ތިބެވުނީ ޖަޒުބާތުން ފުރިފައެވެ. ދެލޮލުން ފޭދިގެން ދިޔަ ކަރުނަތިކި ޓިޝޫކޮޅަކުން ފޮހެލަމުން ޒުމްރާ ހިނިތުންވާން މަސައްކަތް ކުރިއެވެ.

"އިކާން... އަހަންނަށް ލަވައެއް ކިޔައިދޭންވީނު... އަހަރެން ވަރަށް އުފާވާނެ... ދެންމެ ކީ ލަވަ އެއްކޮށް ކިޔައިދެވިދާނެތަ؟.." ޒުމްރާގެ އެދުމަށް އިކާން ފުރަގަސްދޭކަށް ބޭނުމެއް ނުވިއެވެ. އިކާންގެ އަޑުން އެ ރީތި ލަވަ ކިޔައިދެމުން ދިޔައިރު ގިޓާގެ ނަރުތަކަށް އިކާންގެ ހިމަދިގު އިނގިލިތަކުން ފަރިތަކަމާއެކު ކުޅެލިއެވެ. ލަވަ އެއްކޮށް ކިޔާ ނިންމާލުމުން ޒުމްރާ ގޮނޑިން ތެދުވެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް އޭނާއަށް ރަނގަޅަކަށް ނުހިނގުނެވެ.

- ނުނިމޭ -