"އިކާން.. ހަމަޖެހިބަލަ..." ޒުމްރާ ބޭނުންވީ އިކާނަށް ވިސްނައިދޭށެވެ. ރުޅިއައިސްގެން ނެގޭ ފިޔަވަޅަކުން ދެމީހުންގެ ދިރިއުޅުން ހަލާކުވެދާނެތީއެވެ.
"ހަމަޖެހޭށޭ... ކިހިނެއް މަ ހަމަޖެހޭނީ.. ޒުމްއަކީ ތާރާގެ ދެވަނަ މަންމައޭ ބުނީ... ބޯ ހަލާކު.. ދެން މަށަށް ނުގުޅާތި... ދިސް އިޒް އޯވާރ..." އިކާން ފޯނު ކަނޑާލި އިރުވެސް ޒުމްރާ އިނީ ކަންފަތުގައި ފޯނު ޖަހައިގެންނެވެ.
"އިކާން... އިކާން.. ފޯނު ކަނޑާ ނުލާތި.. އޭ.. ބަލަ އަހަރެން ކޮށްދިން ކަންތައް ހަނދާން ނެތުނީތަ.. އިކާން... އިކާން މީހަކަށް ހެދީ އަހަރެން.. އަހަރެމެންނާ ނުލާ އިކާނަކީ އެއްވެސް މީހެއް ނޫން..." އިކާން ފޯނު ކަނޑާލިކަން އެނގުމުން ޒުމްރާގެ އަތުގައިވާ ފޯނު އަތުކޮޅަށް ހޫރާލިއެވެ.
"އިކާން.. ޔޫ ކަންޓް ޑޫ ދިސް ޓު މީ... އަހަރެން ބޭނުން އެއްޗެއް އަހަރެން ހޯދާނަން... ހާސިލް ކުރާނަން..." ޒުމްރާ މިހެން ބުނުމަށްފަހު ކައިރީ ހުރި ޕޫލްގެ ތެރެއަށް ފުންމާލިއެވެ.
ފެންގަނޑުގެ ތެރެއިން މައްޗަށް އެރުމަށްފަހު މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ދެއަތުން މައްޗަށް ނަގާ އަނގަ ހުޅުވާލަމުން ފުން ނޭވާއެއް އެތެރެކޮށްލިއެވެ. އިކާން ބުނި ވާހަކަތައް އޭނާގެ ސިކުނޑީގައި ވަށާލުމުން އަނބުރާ ފެންގަނޑުގެ އަޑިއަށް މޫނު ގަންބާލީ ފުން ނޭވާއެއް ލުމަށްފަހު ދެލޯ މަރާލާ، ދެ ތުންފަތް ލައްޕާލަމުންނެވެ.
ނޭވާ ހުސްވަންދެން ފެންގަނޑު ތެރޭގައި އޭނާ މަޑުކުރުމަށްފަހު އަނެއްކާވެސް ފެންގަނޑުން މައްޗަށް އަރާ އަނގަ ހުޅުވާ ފުންކޮށް ނޭވާލީ މޫނު ދެއަތަށް ތަޅުވާލަމުންނެވެ. ހާސްވެފައިވުމުން ޕޫލްގެ އެއްކައިރިއަށް ފަތާފައި އައިސް މަޑުކޮށްލަމުުން އެއްފަރާތުގައިވާ ފާރުބުރީގައި ދެއަތުން ހިފާލިއެވެ.
"އަހަރެން ބާކީ ވެއްޖެ... އިކާން ވެސް އަހަރެންނާ ދުރަށް ދިއައީ.. އާތީ ވެސް... އާތީ ވެސް..." ޒުމްރާއަށް މަޑުމަޑުން މިހެން ބުނެވުނު އިރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ނުރޯން އޭނާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ހިތަށް ކުރަމުން ދިޔަ ފުން އަސަރުން ފެންގަނޑުގައި އޭނާގެ އަތުން ބާރަށް ޖަހާލުމުން ފެންތައް ބުރައިގެން ދިޔައީ އޭނާގެ މޫނަށެވެ. އެ ދެލޯ މަރާލަމުން މޫނު އެއް ފަރާތަކަށް އަނބުރާލީ އެ ހަނދާންތަކުން ހިތުގައި ރިހުމެއް އުފެދުމުންނެވެ.
އެ ވަގުތު ޒުމްރާގެ ހަނދާންތައް ދަތުރު ކުރީ އެ ހާއްސަ ރެއަށެވެ. ހަނދާނުން ފިލުވާނުލެވުނު އެދެމީހުންގެ ފުރަތަމަ ބައްދަލުވުމަށެވެ.
*** *** *** *** *** ***
"ޒުމްރާ ރިސޯޓް" ގައި ހުންނަ ޕްރައިވެޓް ކޮޓޭޖްގެ ހިތްގައިމު ސްވިމިންގް ޕޫލް ތެރެއިން ޒުމްރާ އެރީ އޭނާގެ ބޮލުގެ ފަން ދިގު އިސްތަށިގަނޑުގައި އަތް ކާއްތަމުންނެވެ. އޭނާ ލައިގެން ހުރި ސްވިމިންގް ސޫޓުގެ މަތިން އުނަގަނޑުގައި ސްކާފެއް ބަނދެލުމަށްފަހު ޕޫލް ކައިރީގައި ހުރި ޕްލާސްޓިކް ހުދު ގޮނޑީގައި ޒުމްރާ ހަމަޖެހިލަމުން ބަލާލީ ޖެހިގެން ހުރި ގޮނޑީގައި އޮށޯވެގެން ފޯނާ ކުޅެން އޮތް އާތިފްގެ މޫނަށެވެ.
"އާތީ... އެމް ސޯ ހެޕީ ޔޫ ޕްލޭންޑް ދިސް ޓްރިޕް ފޯ އަސް... އަހަރެމެންގެ ކައިވެނީގެ ފުރަތަމަ އެނިވާރސަރީއަށް އާތިފް މިރިސޯޓް ހުޅުވައި ދިނީ އަހަރެންގެ ނަމުގަ... މިހާރު އޭގެ ފަހުން ކިތައް އަހަރު ވެއްޖެ... މިއަދަކީ އަހަރެމެންގެ ކައިވެންޏަށް 26 އަހަރު ވީ ދުވަސް... އާތިފްގެ ބިޒީ ޝެޑިއުލްއިން މިދުވަސް އަހަރެންނަށް ހުސްކޮށްލީތީ ވަރަށް އުފާވެއްޖެ..." ގޮނޑީގެ އަތްގަނޑުގައި އަޅުވާފައިވާ ހުދު ތުވާލި ކޮޅުން ޒުމްރާގެ އިސްތަށިގަނޑު ހިއްކާލިއެވެ.
އުމުރުން 43 އަހަރުވެފައި ހުއްޓަސް ޒުމްރާ އެކޭ ޒުވާން ކުއްޖެކޭ ތަފާތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަން އެހާމެ ރީތިވެފައި ފުރިހަމައެވެ. ޒުމްރާގެ އިސްތަށުގަނޑުގައި ވަނީ މުށިކުލައެއް ޖައްސާފައެވެ. އެ ދޮން މޫނުގައި ލަކުނެއްވެސް ފެންނާކަށް ނެތެވެ. ކޮންމެވެސް ވަރަކަށް ލޯކައިރިން ރޫތަކެއް ފާޅުވި ނަމަވެސް އޭނާގެ އުމުރު ބުނެފިއްޔާ މީހަކު ގަބޫލު ނުކުރާހާ ޒުމްރާ ރީއްޗެވެ.
ޒުމްރާގެ އިސްތަށިގަނޑު ހިއްކާލުމަށްފަހު އެ ގޮނޑިން ތެދުވެ އާތިފްގެ ހަށިގަނޑާ ގާތްވެލަން މަސައްކަތް ކުރިއެވެ. "ޒުމްރާ.. ދެން މީ ކޮންގަޑިއެއް... ދޭ ރީތި ވާން... މިތާ ބީޗްގަ އޮތް ކުޅިވަރުތައް ބާއްވާ ތަނަށް ދާން ހިނގާ... މިހާރު ތައްޔާރުވާން ފެށިއްޔާ ޒުމްރާއަށް ރީތި ވެވޭނީ ހަމަ ކިރިޔާ..." ފޯނުގެ ސްކްރީން އޮފްކޮށްލަމުން ކޮޓަރިއާ ދިމާއަށް ދާން އާތިފް ހިނގައިގަތެވެ.
ރޮނގުދެމި ޓީޝާޓަކާ އެކީ ހުދު ކުލައިގެ ސޯޓެއްގައި އާތިފް ހުންނައިރު ވަރަށް ސްމާޓެވެ. އާތިފަކީ ހެޔޮވަރުގެ އިސްކޮޅަކާއި ހަށިގަނޑެއް ލިބިފައިވާ މެދު އުމުރުގެ ރީތި ފިރިހެނެކެވެ. ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ނަމަވެސް ބޮލުގެ ދެފަރާތުން ކޮންމެވެސް ވަރަކަށް ނުރަ ފެންނަން ހުއްޓެވެ. "އާތީ... އަޅެ ބޯ ޑައި ކުރަންވީނުން... ގުޅަންތަ ސްޓައިލިސްޓަށް..." ޒުމްރާ ވެސް އާތިފް ފަހަތުން އެތެރެއަށް ވަނެވެ.
ޒުމްރާ ދައްކަމުން ދިޔަ އެއްވެސް ވާހައަކަށް އޭނާގެ ސަމާލުކަން ނެތް ކަހަލައެވެ. ފަހަކަށް އައިސް އާތިފްގެ ފަރާތުން މި ތަފާތުތައް ޒުމްރާއަށް ފެންނަމުން ދިޔަ ނަމަވެސް އެއްވެސް ޝަކުވާއެއް ކުރާކަށް ޒުމްރާ ބޭނުމެއް ނޫނެވެ. އެކަނިމާ އެކަނި ދިރިއުޅެން ޒުމްރާއަށް ވަނީ އާދަވެފައެވެ. ހިތުގެ ކަނަކުން އާތިފްގެ ފަރާތުން ލޯބި ލިބޭނެ ދުވަހަށް އިންތިޒާރު ކުރަމުން ދިޔަ ޒުމްރާ ބޭނުންވީ މިރެއަކީ އެމީހުންގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް އަންނާނެ ދުވަހަކަށް ހަދާށެވެ.
ފެންވަރައިގެން ނިކުމެ އެރެއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ރަތްކުލައިގެ ހެދުން އަލަމާރިން ނެގުމަށްފަހު ޒުމްރާ ލިއެވެ. އޭނާގެ ކޮޓެޖަށް އައިސް ހުރި ސްޓައިލިސްޓްގެ އެހީގައި އޭނާގެ އިސްތަށިގަނޑު ހަދާލުމަށްފަހު ރީތި މޭކަޕުން މޫނުމަތި އުޖާލާ ކޮށްލިއެވެ. ސްޓައިލިސްޓް ފޮނުވާލުމަށްފަހު އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އޭނާގެ ހަށިގަނޑަށް ބަލާލިއެވެ. ހިނިތުންވަމުން ޑްރެސިންގް ޓޭބަލްއާ ގާތްވެލާ ސެންޓު ފުޅިނަގާ ގަޔަށް ސެންޓު ޖަހާލުމަށްފަހު އަތްދަބަހާ އެކު ފޯނު ހިފައިގެން ކޮޓަރިން ބޭރަށް ޒުމްރާ ނިކުތެވެ.
ބޭރުގައި ހުރި ސޯފާގައި އިށީނދެގެން އިން އާތިފް ކުރިމައްޗަށް ހުއްޓެމުން ޒުމްރާ ވާހަކަ ދެއްކީ ވަރަށް އުފަލުން ހުރެއެވެ. "އާތީ.. އައިމް ރެޑީ.. ހައު ޑޫ އައި ލުކް..." އެ ދިގު ހެދުމުގެ އެއް ފަރާތުގައި ހިފާ އުފުލާލަމުން ޒުމްރާ ހިނިތުންވެލިއެވެ. ޖަވާބުގައި އާތިފް އާއެކޭ ބުނަމުން ސޯފާއިން ތެދުވިއެވެ.
ލިބުނު ޖަވާބަކީ ޒުމްރާ އުފާ ކުރަންވީ ޖަވާބެކެވެ. ނަމަވެސް އަތުގައި އޮތް ފޯނުން އާތިފްގެ ނަޒަރު ދުރުކޮށް ނުލިތާ ޒުމްރާއާ ދިމާއަށް ބަލާވެސް ނުލައެވެ. ހިތުގައި ޖެހުނު ނަމަވެސް އެއީ މާ ބޮޑުކަމަކަށް ހަދައިގެން ދެމީހުން ދެބަސްވެ ވާހަކަދައްކަން ޒުމްރާ ބޭނުން ނުވީއެވެ.
ބީޗްގައި ކުޅިވަރުތައް ބާއްވާ ސަރަހައްދަށް ގޮސް އެ ކުޅިވަރުތައް ކުޅޭ ތަން ބަލަން ހުރި އިރު ވެސް އާތިފް މުޅިން އުޅުނީ އެހެން ކަމަކާއެވެ. ދޭތެރެއަކުން ދުރަށް ޖެހި ފޯނަކަށް ވާހަކަ ދައްކަމުން ދާތަން ޒުމްރާއަށް ފެނެއެވެ. ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުން ޒުމްރާ އެއްފަރާތަކަށް ޖެހިލަމުން ވެއިޓަރަކަށް ގޮވާލީ ބުއިމަކަށް އޯޑަރ ދޭށެވެ.
ޒުމްރާގެ ގާތް އެކުވެރިންތަކަކަށް ވެސް ވަނީ އެ ރިސޯޓުގައި އޮތް މި ހަފްލާއަށް ދައުވަތު ދީގެން ގެނެސްފައެވެ. އޭގެތެރެއިން ދެ ދެއެކުވެރިން ޒުމްރާ ފެނުމުން ޒުމްރާ ގާތަށް އައިސް އެމީހުން ވެސް ބުއިމަކަށް އޯޑަރ ދިނެވެ.
"ވާވް.. ވަރަށް ސަޅިދޯ... މިރޭ ހަވާވެސް އަރުވާ ވާހަކަ ބުނި. ރިސޯޓަރށް 25 އަހަރު ފުރުނީދޯ... އެންޑް އިޓްސް ޔޯ އެނިވަރސަރީޓޫ.. ކޮބާތަ އާތިފް.." ޝީރީން ވާހަކަ ދައްކަމުން ޒުމްރާގެ މޫނަށް ބަލާލީ ޒުމްރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.
ދުރުގައި ފޯނެއްގައި ހުރި އާތިފްއާ ދިމާއަށް ބަލަން ހުރި ޒުމްރާގެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސް ކަން ޝީރީނަށް ފެނުމުން އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. "އާތިފް އަދިވެސް އެ ތަހުމީނާއަކާ ވެގެންދޯ އުޅެނީ... މަ އޭރުވެސް ބުނިން ކޮން ދެވަނަ ކައިވެންޏެއް ކުރާކަށް ހޭ.. ކުއްޖަކު އެޑޮޕްޓް ކުރި ނަމަވެސް... ތަހުމީނާއާ އިނީމަ އާތިފް ބަދަލުވާނެއޭ އަހަރެން ކުރިންވެސް ބުނިން ދޯ!..."
ޒުމްރާ އިސްޖަހާލީ އެކުވެރިޔާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނާގެ ލަގޮނޑީގައި ރިއްސާލުމުންނެވެ. އަމިއްލަ މީހާގެ ދިރިއުޅުން ވެއްޔާ މޮޑެވިގެން މިދަނީ ޒުމްރާ ނެގި ފިޔަވަޅެއްގެ ސަބަބުންނެވެ. އަތުގައި ހުރި ތަށީގައިވާ ބުއިން އެއްކޮށް ހުސްކޮށްލުމަށްފަހު ވެއިޓަރަށް ތަށި ހަވާލުކޮށްލިއެވެ. އެތަނުން ދާން ހިނގައިގަތް ޒުމްރާ މަޑު ކުރުވީ އެ ރިސޯޓްގަ މަސައްކަތް ކުރާ މުވައްޒަފެކެވެ.
"މެޑަމް... ކޮޓޭޖް ރެޑީވާނެ ބަރާބަރު ބާރަ ޖަހަންވާއިރަށް..." ބޯ ޖަހާލަމުން ޒުމްރާ ހިނިތުންވާން މަސައްކަތް ކުރީ ޒުމްރާއާ ދިމާލަށް އާތިފް އަންނަ ތަން ފެނުމުންނެވެ.
"ޒުމްރާ.. އަހަރެން ވަރަށް އާރޖަންޓް ކަމެއް ޖެހިގެން މާލެ ދާން މިދަނީ... ޝީރީނާއި ފަޒީލާ ވެސް އެބަ ތިއްބެއްނު... ތިމީހުން އެންޖޯއިކޮށްލާ... ތަހުމީނާ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންގޮސްފި... ޒުމްރާ ހާސްވާނެ ކަމެއް ނެތް... މިކޮޅުގަ ކޮންމެވެސް އެކަކު ހުންނަން ވާނެ.. ސޯ ޒުމްރާ ރިސޯޓުގަ މަޑުކުރޭ..." އާތިފް ވާހަކަ ދައްކަދައްކާ ހުއްޓާ އޮފީހުގެ ސްޓާފެއް އައިސް އާތިފް ކައިރިއަށް މަޑުކޮށްލިއެވެ.
"ލޯންޗް އޮތީ ރެޑީގަ... ދުރުވޭ..." ޒުމްރާގެ ކޮނޑުގައި ފިރުމާލުމަށްފަހު އާތިފް އެ ޒުވާނާއާ އެކީ ބަގީއަށް އަރަން މިސްރާބު ޖެހިއެވެ. "އާތީ.. ޕްލީސް ނުދޭ... ކޮންމެ ފަހަރަކު ހަދަނީ ތިހެން.. އަހަރެން އެކަނިކޮށްފަ ނުދޭ..." ޒުމްރާގެ ހިތުގެ ގޮވުން އާތިފްއާ ހަމައަށް ވާސިލްކުރަން ބޭނުވި ނަމަވެސް ޒުމްރާގެ ދޫ ހަރަކާތެއް ނުކުރިއެވެ.
"މިރޭ ދެން އާތިފް ނުގެންދިޔަޔަސް ވެދާނެ ދޯ... ޔަގީން ތަހުމީނާއަށް އިނގޭނެ މީ ތި ދެ މީހުންނަށް ވަރަށް ހާއްސަ ދުވަހެއް ކަން.. މީ އެ ތަހުމީނާ ގަސްތުގަ ކުރާނެ ކަމެއް... އޭނާގެ މަކަރުވެރި ރޭވުމެއް.." ޝީރީންގެ ބަސްތައް އަޑުއަހަން ހުރި ޒުމްރާއަށް ރޮވޭ ގޮތް ވިއެވެ. އެ އެންމެންގެ ތެރޭގައި ހުންނަން އޭނާއަށް އުނދަގޫ ވިއެވެ. ޒުމްރާ ކުރިއަށް ހިނގައިގަތީ ބީޗާ ދިމާއަށެވެ. މޫދު ކައިރިއަށް ނުކުމެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
އޭނާގެ ދެއެކުވެރިން ގޮވާލުމުންވެސް ޒުމްރާ އެމީހުން ގާތަށް ދާކަށް ބޭނުމެއް ނުވިއެވެ. އަރާފައިވާ ފައިވާން ބޭލުމަށްފަހު އަތުން ފައިވާން ހިފައިގެން ހުސްފައިގައި ގޮނޑުދޮށުން އެއް ފަރާތަކަށް މަޑު ހިނގުމެއްގައި ކުޅިވަރުތައް އޮތް ސަރަހައްދާ ދުރަށް ދާން ޒުމްރާ ހިނގައިގަތެވެ. ޒުމްރާ ބޭނުންވީ އެއްވެސް މީހެއްގެ ހިލަމެއް ނުވާނެ ހިސާބަކަށް ދާށެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް އެ ކޯތާފަތުގައި ބޮސްދެމުން އައިސް ދަތްދޮޅި ދަށުން ތިކި ޖަހަމުން ދިޔައިރު ވެސް އެއިން ކަރުނަ ތިއްކެއް ފޮހެލަން ޒުމްރާގެ އަތް ހަރަކާތެއް ނުކުރެއެވެ.
ދޮންވެލިގަނޑުގައި ބީއްސަމުންދިޔަ ރާޅުގެ މިއުޒިކީ އަޑަށް ގެނބެމުން ދިޔަ އިރު ޖެހެމުން ދިޔަ ފިނި ވައި ރޯޅިތަކުން ޒުމްރާގެ ބަލިކަށި ހިތަށް ފިނިކަމެއް އިހްސާސް ވިއެވެ. އޭނާގެ ދިރިއުޅުމާ މެދު އޭނާއަށް ވިސްނެމުން ދެވުނެވެ.
- ނުނިމޭ -