ދެމީހުން އޯޑަރ ކުރި އެއްޗިހި މޭޒުމައްޗަށް ގެނެސްދިނުމުން އިކާން އަވަސްވެގަތީ ރޮށިކޮޅަކާއެކު މަސްހުނިކޮޅެއް ޖައްސައިގެން ކާށެވެ. "ދެން އިކާނަށް ޖޮބެއް ލިބިގެން ސެޓްލް ވެވުނީމަ ޒިވީ ކައިރިއަށް އެނބުރި ދާނަންތަ؟... މިދެން އަހާލީ އިނގޭ..."

އަނގައިގަ ހުރި ކާ އެތިކޮޅުތައް ދިރުވާލުމަށް ފަހު ފިޒާމް ކުރި ސުވާލަށް ރައްދު ދޭން އިކާން ވާހަކަ ދެއްކިއެވެ. "ދެން ދާނަމެކޭ ނޫން.. ބަޓް އަހަރެން ޒިވީ ދެކެ ވަރަށް ލޯބި ވިން... އެކަމަކު މަށާ ދޭތެރޭ ޒިވީ ކަންތައް ކުރި ގޮތުން މަ ބޭނުން ވަނީ ޒިވީ އަހަރެން ބޭނުންވެގެން ތެޅޭތަން ބަލަން... އަހަރެން ދޫކޮށްލި މީހެއް ކައިރިއަށް އަހަރެން އަނބުރާ ނުދާނަން... ދެޓްސް މައި ސްޓައިލް..."

*** *** *** *** *** ***

"އިކާން... މި ޓީޝާޓް ރީތި ތަ؟.. މީ އެކޮޅުން ގައިން އެއްޗެއް..." ރީތިވާ މޭޒު ކުރިމަތީ ހުރެ ލޯގަނޑުން ފަރި ބަލަމުން ތާރާ ސުވާލުކޮށްލިއެވެ. އިކާންގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް ވާހަކަ ދެއްކީ ތާރާއެވެ. "އިކާން.. ކޮންތާކަށް ދާނީ؟... އަހަރެން ވަރަށް ހައި..."

އިސްތަށިގަނޑު ނަގާ ހުޅިއެއް ގޮތަށް ބޮލު މެދަށް ހަރުކޮށްލުމަށްފަހު ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ތާރާ ހާކާލިއެވެ. ޓީޝާޓަށް ހިފާ ދަމާލަމުން އެނދާ ދިމާއަށް ތާރާ އެނބުރިލި އިރު އިކާން އޮތީ ނިއްމަތީ އަތް ބާއްވާލައިގެން ފުން ވިސްނުމެއްގައި ކަން ތާރާއަށް އެނގުނެވެ.

އެނދުގެ މަގަތުގައި އިށީންނަމުން އިކާންގެ ކަކޫމަތީ ތާރާގެ އަތް ބާއްވާލުމަށްފަހު ގޮވާލިއެވެ. ސިހިފައި އިކާނަށް ބަލާލެވުނީ ތާރާގެ މޫނަށެވެ. ދެއަތަށް ބޯ ހޫރާލަމުން އިކާން އެނދުމަތިން ތެދުވެ ޑްރެސިންގް ޓޭބަލް ކައިރިއަށް ހިނގައިގަތެވެ. އިސްތަށިގަނޑު ރީތި ކޮށްލަމުން ދާންވީހޭ އިކާން ބުނެލީ މަޑުމަޑުންނެވެ.

އިކާން ކަމަކާ މާބޮޑަށް ވިސްނަނީ ކަން ތާރާއަށް އެނގުނެވެ. ފަހަރުގައި މަސައްކަތުގައި ދިމާވި ކަމަކާ ވެސް ވިސްނާފާނޭ ކަމަށް ތާރާ ނިންމިއެވެ.

ދެމީހުން އެކީ ސީ ހައުސަށް ވަނީ އެއީ ތާރާގެ ފޭވަރިޓް އެއް ރެސްޓޯރަންޓަށް ވީމައެވެ. ތާރާމެންގެ އޯޑަރ ނެގުމަށްފަހު ވެއިޓަރ މޭޒާ ދުރަށް ޖެހިލުމުން ތާރާއާ ދިމާއަށް އިކާން ބަލާލިއެވެ. ކަޅި ޖަހާނުލާ އިކާން ބަލަން އިން ގޮތް ފެނުމުން ތާރާއަށް އުނދަގޫ ވިއެވެ. ވަށައިގެންވާ މޭޒުތަކާ ދިމާއަށް ތާރާ ބަލާލީ ލަދުން ހަލާކުވާތީއެވެ.

އިކާން ނުބަލާނެ ގޮތެއް ހަދަން ތާރާ ބޭނުންވިއެވެ. އިސް ޖަހައިގެން އިން ތާރާ ވާހަކައެއް ފަށަން ވިސްނާލިއެވެ. ދައްކާނެ ވާހަކައެއް ވެސް އެވަގުތު ތާރާގެ ސިކުނޑިއަކަށް ނައެވެ. އިކާން ކުޅެފައިވާ ވީޑިއޯ ލަވައިގެ ވާހަކަ ހަނދާންވީ އެވަގުތެވެ. އުލްފާ އޭރު ދެއްކި ވާހަކަ ހަނދާންވުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ތާރާ ނިންމިއެވެ.

އެ ވާހަކަ ނުފެށެނީސް ދުރުގައި ހުރި މޭޒެއްގައި ތިބި އަންހެން ކުދިންތައް އެ މޭޒާ ދިމާއަށް މިސްރާބު ޖެހިތަން ތާރާއަށް ފެނުނެވެ. އެ ހުރިހާ އަންހެން ކުދިންގެ ނަޒަރު ހުއްޓިފައި ވަނީ އިކާނާ ދިމާއަށެވެ. ތާރާ ހިނިތުންވެލައިގެން އިނދެ ދުރަށް ބަލަމުންދާ ކަން އިކާނަށް ފާހަގަވުމުން ފަސް އެނބުރި ތާރާގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް އޭނާ ބަލާލިއެވެ.

"ހޭއި..." އިކާންމެން ތިބި މޭޒާ ދިމާއަށް ފިޔަވަޅު އަވަސްކޮށްލަމުން އެތަނުން އަންހެން ކުއްޖެއް އަތް ހަނާ އަޅާލިއެވެ. އިކާން ހިނިތުން ވެލަމުން ތާރާގެ މޫނަށް ބަލާލަމުން ބޯއަރިކޮށްލީ ދެލޯ ވެސް ބޮޑުކޮށްލަމުންނެވެ. އެ އަންހެން ކުދިންގެ ގްރޫޕް އައިސް އެމޭޒު ދޮށަށް ހުއްޓުނު އިރު އެތާ ތިބި ހުރިހާ ކުދިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"އިކާން... ކޭން ވީ ޓޭކް އަ ސެލްފީ... ޕްލީސް... އިކާންގެ ލަވަތައް ހާދަ ރީއްޗޭ..." އެއް ކުއްޖެއް ވާހަކަ ދައްކަމުން ދިޔަ އިރު އެކަމަށް ތާއީދު ކުރުމުގެ ގޮތުން ދެން ތިބި ކުދިިން ބޯ ޖަހާލިއެވެ. ހިނިތުންވެލަމުން އިކާން ސެލްފީއެއް ނަގަން އެއްބަސް ވިއެވެ. ފަހަރަކު ކުއްޖެއް ވަކިވަކިން އިކާނާ އެކީ ސެލްފީ ނަގަމުން ދިޔައެވެ. އެއަށްފަހު އެ ހުރިހާ ކުދިން ގްރޫޕް ސެލްފީއެއް ނަގަން ބޭނުންވިއެވެ. އެވަގުތު އިކާން ތާރާއާ ދިމާއަށް ބަލާލިއެވެ.

"ގްރޫޕް ސެލްފީއެއް ދޯ... މީޓް މައި ބިއުޓިފުލް ވައިފް ތާރާ... ތާރާވެސް ޖޮއިން ކުރަން ވާނެ.. އާދޭ..." އިކާން އަތުން އިޝާރާތްކޮށްލުމުން ގޮނޑިން ތެދުވެ އިކާން ގާތުގައި އައިސް ތާރާ ހުއްޓުނެވެ. ތާރާގެ ކޮނޑުގައި ހިފާ އިކާން އޭނާގެ ހަށިގަނޑާ ތާރާ ގާތްކޮށްލުމުން ތާރާ ހުރީ ލަދުގެންފައެވެ. ސެލްފީ ފޮޓޯތަކެއް ނެގުމަށްފަހު އެ ކުދިން އެތަނުން ދިޔައީ އިކާންގެ އަންހެނުންގެ ރީތިކަމަށް ތަޢުރީފް ކޮށްފައެވެ.

އިކާންމެން ދިން އޯޑަރަށް ކާ އެއްޗެހި އައުމުން އިކާނާ ތާރާ ކާން ފެށިއެވެ. ކާން އިން އިރު ތާރާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިކާންގެ ސަޕޯޓަރުންނަށް ތާރާ ތައާރަފްކޮށްދިން ގޮތް އޭނާގެ ލޯމައްޗަށް ސިފަވަމުން ދިޔައެވެ. ތާރާ ދެކެ އިކާން ލޯބިވާ ވަރު އެނގުމުން ތާރާގެ ހިތަށް ލުއިކަމެއް ލިބުނެވެ.

ކާން ތިއްބާ އިކާންގެ ފޯނު ރިންގްވާން ފެށުމުން މޭޒުމަތީ އެއްފަރާތެއްގައި އޮތް ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. އެ ކޯލަށް ޖަވާބު ދޭން އިކާން ބޭނުމެއް ނޫނެވެ. ނަމަވެސް ޖަވާބު ނުދީފިއްޔާ ތަކުރާރުކޮށް ގުޅާނެކަން އެނގުމުން އިކާން އެ ފޯނަށް ޖަވާބު ދޭން ކޯލް ނަގާ ކަންފަތުގައި ޖަހާލަމުން ގޮނޑިން ތެދުވިއެވެ. އަދި މޭޒާ ދުރަށް ހިނގައިގަތެވެ.

އިކާން އެ ފޯނަށް މާގިނަ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ކޯލުގައި ހުރި އިރު ދޭތެރެއަކުން ތާރާއާ ދިމާއަށް އޭނާ ބަލާލައެވެ. އިކާން ފޯނުގައި ހުރިތަން ބަލަން އިން ތާރާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. ފޯނު ކަނޑާލުމަށްފަހު އިކާން އައިސް ގޮނޑީގައި އިށީންނަމުން ތާރާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. އެ މޫނުމަތިން ކުރިން ފެންނަން ހުރި ހިނިތުންވުން ވަނީ މިލާ މޯޅިވެފައި ކަން އިކާނަށް އެނގުމުން އެ ފޯނަކީ ސްޓޫޑިއޯއިން އައި ކޯލެއްކަމަށް ބުނެ އިކާން ދޮގު ހެދިއެވެ. އަދި ގޮނޑީގައި ހަމަޖެހިލަމުން ކުރިއަށް ޖެހި ތާރާގެ ކޮލުގައި އިކާން ފިރުމާލަމުން ހިނިތުންވެލީ ތާރާ ހިތްހަމަޖައްސައިދޭށެވެ.

މޭޒުމަތީ ހުރި ޖޫސްތަށިން އެތިފޮދެއް އިކާން ބޯލީ އޭނާގެ ކަރުހިއްކުން ފިލުވާލާށެވެ. ތާރާއަށް އޮޅުވާލާ ދޮގު ހަދަންޖެހުމުން ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އިކާނަށް ވަމުން ދިޔައެވެ.

*** *** *** *** *** ***

ފޯނަށް ވާހަކަ ދައްކަމުން ލިފްޓުން ނިކުތް މީހާއާ ދިމާއަށް ސައްތާރު ބަލާލިއެވެ. ދެބުމަ ގޮށް ޖަހައިގެން ހުރެ ސައްތާރު ލިފްޓަށް އެރުމަށްފަހު އަށްވަނަ ފަންގިފިލާއަށް ދާން ސްވިޗަށް ފިތާލިއެވެ. ލިފްޓުގައި އިން އިރު ސައްތާރުގެ ސިކުނޑިއަށް އުނދަގޫވަމުން ދިޔައެވެ. ގޭތެރެއަށް ވަދެގެން ގޮސް ސައްތާރު ހަމަޖެހިލީ ސިޓިންގް ރޫމުގައި ހުރި ހުދު ކުލައިގެ ސޯފާގައި އިށީންނަމުންނެވެ.

ސައްތާރުގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން އާމިރާގެ ލޮލުގައި އަޅައިގަތެވެ. ބަދިގޭތެރޭގައި ހުރި ރަޖްނީގެ އަތުގައި ކޮއްޓާލަމުން ފެން ތައްޓެއް އަޅައިދިނުމަށް ބުނަމުން އާމިރާ ގާތްވެލީ ސިންކު ކައިރިއަށް އަތް ދޮވެލާށެވެ.

ތުވާލިކޮޅުން އަތް ފޮހެލައިގެން އާމިރާ ބަދިގެއިން ނިކުމެ ސިޓިންގް ރޫމަށް އައިސް ސައްތާރު ކައިރީ ސޯފާގައި އިށީނެވެ. އޭރު ރަޖްނީ ދެ ފެންތަށި ތަބަކަކަށް ލައިގެން އައިސް ސޯފާ ކުރިމަތީ ހުރި މޭޒުމަތީ ބެހެއްޓިއެވެ.

"ރަޖްނީ... ދެންދޭ މައްޗަށް... އިކާންގެ އެޕާޓްމަންޓް ސާފު ކުރަން..." ރަޖްނީ ބޯ ޖަހާލުމަށްފަހު އެތަނުން ނިކުމެގެން ދިޔުމުން އާމިރާ މޭޒުމަތީ ހުރި ދުފާތަށި ނަގަމުން ވާހަކަ ދައްކަން ފެށިއެވެ. "ސައްތާރޫ... އަހަރެން ބޭނުން ރަށުގަ ތިބި ކޮއްކޮމެންނަށް ރަނގަޅު ހަދިޔާތަކެއް ފޮނުވަން... މީ ހިތާނީ ދުވަސްވަރެއްނު... އަހަރެން ރަށަށް ނުދިޔަކަސް އެއްޗެއް ފޮނުވަން ވާނެއްނު..." އަނގަޔަށް ފޯއްފޮއްޗެއް ލަމުން އާމިރާ ވާހަކަ ދެއްކިއެވެ.

އާމިރާ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސައްތާރުގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ހިޔާލު ވަނީ މުޅިން އެހެން ހިސާބެއްގައެވެ. "ސައްތާރު.. ކިހިނެއްވެފަ ތިއިނީ؟..." ސައްތާރުގެ ކޮނޑުގައި ހިފާލަމުން އާމިރާ އަހާލިއެވެ."

އިކާން އަދިވެސް އެކަންތައް ނުހުއްޓާކަން އާމިރާއަށް އިނގޭ ދޯ... މިހާރު އިކާން މީހަކާ އިނދެގެން އުޅޭއިރު އެއީ ދެން ކޮން ކަމެއް؟.. އަހަރެން ދެންމެ ދެކުނިން އެ އަންހެނާ މިތަނުން ނިކުމެގެން ދިޔަތަން... ރޭ ހަތަރުދަމުއްސުރެ މިތާ އުޅެފަ އެ ދިޔައީ... ގަޑި ބަލާބަލަ.. މިހާރު ދޭއް ޖެހީ... މިކަން ތާރާމެން އާއިލާއަށް އެނގިއްޖިއްޔާ ވާނެ ގޮތް ވިސްނާލިންތަ؟.. އަހަރެން ބޭނުން މިކަމާ އިކާނާ ވާހަކަ ދައްކަން.. އެ އުޅުން ހުއްޓާލާފަ އަމިއްލަ ދިރިއުޅުމައިގެން އުޅެންވީ..." ސައްތާރު ދައްކަމުން ދިޔަ ވާހަކަތަކުން އާމިރާގެ ބޮލަށް އުނދަގޫވާން ފެށި ކަހަލައެވެ.

"ސާބަސް ސައްތާރަށް... އިކާނަކީ ވެސް ކުޑަ ކުއްޖެއް ނޫން.. އިކާނަށް އެނގޭނެ އުޅެންވީ ގޮތާ ނޫޅެންވީ ގޮތް... އޭނާގެ އަމިއްލަ ދިރިއުޅުމަށް އަހަރެމެން ފާޑުކިޔާނެ ކަމެއް ނެތް... ކުރިން މަސައްކަތެއް ނުކޮށް އުޅުނު އިކާންގެ ސަބަބުން މިގެ މި ފެންވަރަށް ހަދާ އަހަރެމެންނަށް މުއްސަނދި ތަނަވަސް ދިރިއުޅުމެއް ލިބުނީ.. އެ ސޮރު އުޅޭނެ ގޮތަކަށް އުޅެން ބަހައްޓާ.. އަހަރެމެން އެއްޗެއް ބުނާނެ ކަމެއް ނެތް...."

އާމިރާގެ ވިސްނުން ހުރި ގޮތުން ސައްތާރު ހައިރާން ވިއެވެ. އާމިރާގެ މި ނިންމުމުގެ އަޑީގައި ނުބައެއް އުޅޭކަން ސައްތާރަށް ފާހަގަ ވިއެވެ. އިތުރު އެއްޗެއް ނުބުނެ ސައްތާރު ސޯފާއިން ތެދުވެ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

- ނުނިމޭ -