ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާ ފަރާތްތަކުން ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ އެ ވާހަކަތަކަކީ އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށާއި އެއީ ހަގީގަތެއް ނެތް، އަސާސެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ. މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގަނެ، ފައިސާ ދައްކާފައިވާ ފްލެޓެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާ ފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް ފަހުމީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ ކުރަމުންދާ ގައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިހްތިރާމްކޮށް، މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ.