މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން އަތުން ނާޖާއިޒު ފައިދާ ހޯދަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ޕާސްޕޯޓް ހިފަހައްޓާ އާއިލާ މެންބަރެއްގެ ފޯނު ހިފަހައްޓައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައި ގެއެއް ބަލައި ފާސްކުރުމަށް ފަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައެވެ. އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ދެ އޮފިސަރުން ފުރުން މަނާކުރީ ކޯޓު އަމަރެއްގެ ދަށުން ކަމަށެވެ.
އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދުގެ އާއިލާ މެންބަރެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ. އެއީ ކޮން ފަރާތެއް ކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް ދަ ޕްރެސް އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓި ޝަމްއާންގެ އާއިލާގެ މެންބަރަކީ އޭނާގެ އަނބިކަނބަލުން ހިދްފާ ފާއިޒް އެވެ.
މި އޮޕަރޭޝަން ހިންގި ރޭ ދަންވަރު ފުލުހުން ވަނީ ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އެއަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.
އަދި އެ ރެއިޑުގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝައްމާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ހަމަ އެހެންމެ އެ ބިދޭޭސީ މީހާ ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
މިމައްސަލައިގައި ހައްޔަރު ކުރި އޮފިސަރުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު 3 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޝަމްއާން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.