ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެވަގުތު ހިދުމަތް ހޯދަމުން ގެންދިޔަ ޕޭޝަންޓުންނާއި އެ މީހުންގެ އާއިލާތަކާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.
ރައީސް މިއަދު ހެނދުނު ތެލަސީމިއާ ސެންޓަރަށް ވަޑައިގެންނެވީ ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލެސީމިއާ މީހުންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް ރޭ ކުރި މުޒާހަރާއާއި ގުޅިގެން އެ ތަނުގެ ހާލަތު ބައްލަވާލެއްވުމުގެ ގޮތުންނެވެ. އެގޮތުން ތެލަސީމިއާ ސެންޓަރުގެ ހުރިހާ ޑިޕާޓްމެންޓެއްގެ ހާލަތު ރައީސް ބައްލަވާލައްވާފައިވާއިރު، ރައީސް ވަނީ ހުޅަހެޅުއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާ ފިޔަވަޅުތައް އަޅަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
ރޭގައި ކުރި މުޒާހަރާގައި މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން ލިބެންޖެހޭ ބޭސް ނުލިބުމާއި ލޭ ހޯދަން އުނދަގޫވެ ފިލްޓަރުތައް ހަލާކުވެފައި ހުރުމުން ލޭ ޕެކެޓު އުކާލަން ޖެހޭ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. މީގެއިތުރުން ޕޭޝަންޓުންގެ މެޑިކަލް ހިސްޓްރީ އެމްބީއެސްގައި ނެތުމާއި، ދާއިމީ ފިޒީޝަނެއް އެމްބީއެސްގައި ނެތުމަކީވެސް މުޒާހަރާގެ ބައިވެރިން ފާހަގަކުރި ކަންކަމެވެ.
މި ތަނުގެ ހާތަލު ބައްލަވާލައްވަން ރައީސް ވަޑައިގެންނެވި އިރު ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ތެލަސީމިއާ ސެންޓަރަށް ވަޑައިގަތެވެ.