ބޮޑުކަމު ނުދެވުން ނުވަތަ ހަޖަމް ކުރުމަކީ ގިނަ ބަޔަކަށް ދިމާވަމުންދާ ވަރަށް ވޭންދެނިވި މައްސަލައެކެވެ. ރަނގަޅު ސިއްހަތެއްގައި ހުރި މީހަކު ދުވާލެއްގެ މައްޗަށް ތިން ފަހަރު ނުވަތަ ހަފްތާއެއްގައި މަދުވެގެން ތިން ފަހަރު ބޮޑު ކަމު ދެވޭނެއެވެ. މިއަށް ވުރެ މަދުން ނުވަތަ ގިނައިން ދެވޭނަމަ ވެސް އެއީ މައްސަލައެއް ކަމަށް ގިނަ ތަޖުރިބާކާރުން ބުނެއެވެ.

މިފަދައިން ބޮޑު ކަމު ނުދެވޭނަމަ ދިމާވެދާނެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ބަނޑު ފުއްޕާ، ބަނޑަށް އުނދަގޫވެ، ބޮޑުކަމުދާ އެއްޗެހި ހަރުވެ ފުރަގަސްފަރާތް ދުޅަވެ ރިއްސާ ހެދުން ހިމެނެއެވެ.

އޭގެ ސަބަބުން ހުން އައިސް ވަރުބަލިވެ މީހާ ކަންނެތް ކޮށްލައެވެ. އާންމު ގޮތެއްގައި މިފަދައިން ބޮޑު ކަމު ނުދެވި ބަނޑު ހަރުވާ ގޮތް ދިމާވަނީ ފެން މަދުވެ، ހަށިގަނޑަށް ބޭނުންވާ ވަރަށް ފައިބާ އާއި ކަސްރަތު ނުލިބުމުންނެވެ. ނަމަވެސް ސިއްހީ އެހެން ސަބަބުތަކާ ހުރެ ވެސް ބޮޑު ކަމު ނުދެވި ހުރުން އެކަށީގެންވެއެވެ.

ބޮޑު ކަމު ނުދެވުމުގެ ސަބަބުން ބަނޑު ފުއްޕާފައި ހުރި މަންޒަރު ދައްކަުވާދޭ ފޮޓޯއެއް

އާންމު ދިރިއުޅުމުގައި ވެސް މިފަދަ މައްސަލަތައް ދިމާވަމުންދާއިރު ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ މިފަދަ މައްސަލަތައް ދިމާވުން އިތުރު މަހެކެވެ. އޭގެ ސަބަބަކީ އާދައިގެ މަސް މަހާ ހިލާފަށް މި މަހުގެ ކެއުން ބުއިމުގެ ވައްޓަފާޅި އަށް ގެންނަ ބަދަލުތަކެއްގެ ސަބަބުން ކަމަށް އެކަށީގެންވެއެވެ. އެހެންކަމުން ކިޔުންތެރިންނަށް މި ގެނެސްދެނީ ބޮޑު ކަމުދާން އުނދަގޫ ވެއްޖެ ހާލަތެއްގައި ނުކައި ދޫކޮށްލަންވި ބައެއް ކާނާއެވެ. މިފަދަ ކާނާއިން ދުރުވުމަކީ އެކަމަށް އޮތް ފަސޭހައަކަށް ވެގެންދާނެއެވެ.

ކެފެއިން:

ކޮންމެ ދުވަހަކު އެހާ ގިނައިން ކޮފީ އާއި ސައި ބުއިމަކީ ހަޖަމްވުމަށް އޮތް ހުރަހެކެވެ. އެ ދެ ބާވަތުން އުފައްދާ ކެފެއިންއިން ވިސްނުންތަކާއި ދުރުކޮށްދިން ނަމަވެސް އެ ތަކެތި މާ ގިނައިން ބޭނުން ކުރާނަމަ ހަށިގަނޑުން ހަކަތަ ބޭރުވެ، ބޮޑުކަމު ދިއުމަށް އުނދަގޫވާ ގޮތް ވެއެވެ. އެހެން ކަމުން މި ތަކެއްޗާ ވީ ހާވެސް ދުރުވާށެވެ.

ތަފާތޔ ވައްތަރުގެ ކޮފީ، ކެފެއިން އެކުލެވޭ ތަކެތި ގިނައިން ބޭނުން ކުރާ ނަމަ ބަނޑު ހަރުވެ، ބޮޑު ކަމުދާން އުނދަގޫވޭ

ފުށުން ތައްޔާރު ކުރާ ޕާން އަދި އެހެނިހެން ބާވަތްތައް:

ޕާނަކީ އޭގައި އެކުލެވޭ ފުށުގެ ސަބަބުން ހަޖަމް ކުރުމަށް އުނދަގޫތަކެއް ފޯރާ އެއްޗެކެވެ. އެހެންކަމުން ޕާން ކާން ބޭނުންކުރާ ނަމަ ބްރައުން ބޭނުން ކުރެވިދާނެއެވެ.

އަދި ހަމައެހެންމެ ނޫޑްލްސް، ރޮށި، ޕާސްތާ، ސްޕެގެޓީ، ބިސްކޯދުގެ އިތުރުން ބަތަކީ ފައިބާ މަދުން ހުންނަ ކާ އެއްޗިއްސެވެ. އެހެން ކަމުން ހަޖަމް ވާން އުނދަގޫ ނަމަ ވީހާވެސް މި ތަކެތި ކެއުމުން ދުރުވާށެވެ.

ތަފާތު ވައްތަރުގެ ޕާން އަދި ޕާސްތާ

ތައްޔާރީ ކާނާ އަދި ފްރައިޑް ފުޑްސް:

ތައްޔާރީ ކާނާ ނުވަތަ ޕްރޮސެސްޑް ފުޑްސް އަކީ އޭގައި ގިނަ އަދަދަކަށް އެކި ބާވަތްތަކުގެ ކެމިކަލް އެކުލެވޭ ތަކެއްޗެވެ. އެހެން ކަމުން ބޮޑު ކަމުދާން އުނދަގޫނަމަ މި ފަދަ ތަކެތު ބޭނުން ކުރުމަކީ އެކަމަށް އިތުރު އުނދަގޫ ވާނެ ތަކެއްޗެވެ. އެހެން ކަމުން ތައްޔާރީ ކާނާގައި އެކުލެވޭ ބާގާ އާއި ފްރެންޗް ފްރައިސް ފަދަ ކާނާގެ ބާވަތްތަކުން ދުރުވުން މުހިންމެވެ.

އަދި ހަމައެހެންމެ ގިނައިން ތެޔޮ އެކުލެވޭ ބާވަތްތައް ކަމުގައިވާ ތެލުލި ކުކުޅާއި ގިނައިން ފެޓްސްގެ ބާވަތްތައް އެކުލެވޭ ކާނާއާއި ދުރުވުމަކީ ވެސް ހަޖަމް ކުރަން އުނދަގޫވާ ނަމަ ދުރުވުން މުހިންމު ކާނާގެ ބާވަތްތަކެވެ.

ހަޖަމް ކުރަން އުނދަގޫނަމަ ތައްޔާރީ ކާނާއިން ދުރުވޭ

އިސްވެދިޔަ ކާނާގެ ބާވަތްތައް ގިނައިން ބޭނުން ކުރުމުން ހަޖަމް ކުރަން އުނދަގޫވެއެވެ. ނަމަވެސް ދެން މި ގެނެސްދެނީ ހަޖަމް ވާން އުނދަގޫވެއްޖެ ހާލަތެއްގައި އެކަމުން އަރައިގަތުމަށް ނުވަތަ އެކަމުން ފަސޭހަވާން ބޭނުން ކުރެވިދާނެ ބައެއް ކާނާތަކެވެ.

އެކި ކަހަލައިގެ މޭވާ:

މޭވާ އަކީ ސިއްހަތަށް ފައިދާ ހުރި ކާނާގެ ބާވަތަކަށް ވާއިރު ބޮޑު ކަމުދާން އުނދަގޫ ވެއްޖެ ހާލަތެއްގައި ގިނައިން ފައިބާ އެކުލެވޭ މޭވާ ގިނައިން ކެއުމުގައި ހިމަނާށެވެ.

އެގޮތުން އާފަލު، ޕެއާސް، ރާސް ބެރީސް، ޕްރޫންސް އަދި ފިގް އަކީ ގިނައިން ފައިބާ އެކުލެވޭ މޭވާގެ ބާވަތްތަކެވެ. އެހެން ކަމުން މި ތަކެތި ހުހަށް ކެއުން ނުވަތަ ޖޫސް ވެސް ބޭނުން ކުރެވިދާނެ އެވެ. ޖޫސް ބޭނުން ކުރާ ނަމަ އެންމެ ރަނގަޅީ އިތުރު އެއްވެސް ބާވަތެއް (ހާއްސަކޮށް ހަކުރު) ނާޅާ އޭގައި ޖޫސް ގިރައިގެން ބުއިމެވެ.

ގިނައިން ފައިބާ އެކުލެވޭ މޭވާއަކީ ހަޖަމް ކުރަން އުނދަގޫ ނަމަ ހައްލު

ތަރުކާރީގެ ބާވަތްތައް:

ތަރުކާރީއަކި ވެސް ކޮންމެ ދުވަހެއްގައި ވެސް ހިމެނުން މުހިންމު ކާނާއަކަށްވާއިރު ބޮޑު ކަމުދާން އުނދަގޫ ވާނަމަ މި ބާވަތްތަކުގެ ތަރުކާރީ ގިނައިން ބޭނުން ކުރުން މުހިންމެެވެ.

އެގޮތުން ބޮރޮކޮލީ، ކެރެޓް، އެކި ބާވަތްތަކުގެ ފަތް (ސްޕިނަޗް ، ކޭލް) އަދި ކައްޓަލަ ހިމެނެއެވެ. މޭވާ އެކޭ އެއްފަދައިން ތަރުކާރީގެ ބާވަތްތައް ހުހަށް ކެއުމުގެ ބަދަލުގައި ޖޫސް ގިރައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. އަދި މީރު ސެލެޑެއް ތައްޔާރު ކޮށްލައިގެން ނޫން ނަމަ އާވިން ކައްކާލައިގެން ކެއުމަށް ބޭނުން ކުރެވިދާނެއެވެ.

ގިނައިން ފައިބާ އެކުލެވޭ މޭވާގެ ބާވަތްތައް

ހޯލް ގްރެއިންސް:

ހޯލް ގްރެންސްގެ ބާވަތްތަކަކީ ދިވެހީންގެ ތެރޭގައި ވެސް މިހާރު އާންމު ބާވަތްތަކަކަށްވާއިރު ކެއުމުގައި ގިނަ ގިނައިން މިތަކެތި ހިމެނުމަކީ ބޮޑު ކަމުދާން އުނދަގޫވާނަމަ އެކަމަށް އޮތް ހައްލެކެވެ.

އެގޮތުން އޯޓް މީލް (އޯޓްސް)، ހޯލް ވީޓް ބްރެޑް، ބްރައުން ރައިސް އަދި ކުއީނޯ އަކީ މެންދުރު އަދި ރޭގަނޑުގެ ކެއުމުގައި ވެސް ހިމަނާލެވިދާނެ ކެއުމުގެ ބާވަތްތަކެވެ. މި ތަކެއްޗަކީ ފައިބާގެ އިތުރުން ގިނަ އަދަދަކަށް ނިއުޓްރިޝަންސް އެކުލެވޭ ބާވަތްތަކަށްވުމާއެކު އެހެނިހެން ބަލިތަކުން ވެސް ރައްކާތެރިވުމަށް އެހީވެދެއެވެ.

ހޯލް ގްރެއިން، މިއީ ބަނޑަށް އުނދަގޫވެ ބޮޑު ކަމުދާން އުނދަގޫ ނަމަ ވަރަށް ރަނގަޅު ކާނާއެއް

ނަޓްސް އަދި ސީޑްސް:

ނަޓްސް އަދި ސީޑްސް އަކީ ވެސް ތަފާތު އެކި ވައްތަރުގެ ބަލިތަކުން ދުރުވުމަށް ބޮޑު ރޯލެއް އަދާ ކުރާ ކާނާގެ ބާވަތަކަށްވި ނަމަވެސް އަހަރުމެންގެ އާންމު ދިރިުއުޅުމުގައި ވަރަށް ބޭނުން ނުކުރެވޭ ބާވަތެއްގެ ކާނާއެވެ. ނަމަވެސް ބޮޑު ކަމުދާން އުނދގޫ ނަމަ މި ނަޓްސްގެ ބާވަތްތަކާއި ސީޑްސް ބޭނުން ކޮށްލުން މުހިންމެވެ.

އެގޮތުން އަލްމަންޑް، ޕީނަޓް، ވޯލްނަޓް، ޗިއާ ސީޑް އަދި ފްލެކްސް ސީޑްސްއަކީ ބޮޑު ކަމު ނުދެވޭނަމަ އެކަމަށް އޮތް ވަރަށް ރަނގަޅު ހައްލެކެވެ. ނަޓްސްގެ ބާވަތްތަކަކީ ހުހަށް ކާލަން ވެސް މީރު ބާވަތްތަކެވެ. އަދި ސީޑްސްގެ ބާވަތްތައް ކިރަށް އަޅައިގެން ނުވަތަ އޯޓް މީލް އާއެކު އިންސާފު ކުރެވދިާނެއެވެ.

އެކި ބާވަތްތަކުގެ ނަޓްސް އަދި ސީޑްސް

ބޮޑު ކަމުގޮސް ހަދަން އުނދަގޫ ނަމަ އިސްވެދިޔަ ކަންކަން ކުރުން ވަރަށް މުހިންމެވެ. އަދި ހަމަ އެހެންމެ އާންމު ދިރިއުޅުމުގައި އުޅޭއިރު ވެސް ބެލެންސް ޑައިޓެއް ގެންގުޅުމާއި ގިނަ ގިނައިން ފެންބޮއެ ކަސްރަތު ކުރުމަކީ ވެސް ހަށިގަނޑަށް އަންނަ މިފަދަ އުނދަގޫތަކުނން ދުރުވުމަށް އަހަރުމެންނަށް ކުރެވިދާނެ ކަންކަމެވެ. އަދި މިފަދައިން އުނދަގޫތަކެއް ކުރިމަތިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއްގެ ލަފާ ހޯދުމަކީ ވެސް މުހިންމު ކަމެކެވެ.