މި ރޯދަ މަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހަކީ ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި މިންވަރު އެންމެ މައްޗަށް އެރި ދުވަސް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭ ސަރަހައްދުގައި ޕީކް ގަޑިގައި ކަރަންޓް ބޭނުން ކުރި މިންވަރު ވަނީ 78 މެގަވޮޓަށް އަރާފައެވެ. އެ ދުވަަކީ މާލެ ސަރަހައްދުގެ ސްކޫލްތަކާއި އޮފީސްތައް ބަންދު ދުވަހެއް ކަމުން ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި މިންވަރު ދަށްވި ސަބަބެއް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.

މި ރޯދަ މަހު މާލެ ސަރަހައްދުގައި އެންމެ މައްޗަށް ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި މިންވަރު އަރާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ޕީކް ގަޑީގައި 106 މެގަވޮޓާ ހަމައަށް ކަރަންޓް ބޭނުންކޮށްފައި ވެއެވެ.އެއަށްފަހު މިދިޔަ އާދިއްތަ ދުވަހަކީ އެންމެ ގިނައިން ކަރަންޓް ބޭނުން ކުރި ދުވަހެވެ. އެ ދުވަހު ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި އަދަދު ވަނީ 103 މެގަވޮޓަށް އަރާފައެވެ.

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި ޕީކް ގަޑީ ކަރަންޓު ބޭނުންކުރި މިންވަރު:

  • މާޗް 14 ވީ ހުކުރު ދުވަސް: 97.555 މެގަވޮޓް
  • މާޗް 15 ވީ ހޮނިހިރު ދުވަސް: 103.498 މެގަވޮޓް
  • މާޗް 16 ވީ އާދިއްތަ ދުވަސް: 102.579 މެގަވޮޓް
  • މާޗް 17 ވީ ހޯމަ ދުވަސް: 103.215 މެގަވޮޓް
  • މާޗް 18 ވީ އަންގާރަ ދުވަސް: 101.294 މެގަވޮޓް
  • މާޗް 19 ވީ ބުދަ ދުވަސް: 102.094 މެގަވޮޓް
  • މާޗް 20 ވީ ބުރާސްފަތި ދުވަސް: 106.191 މެގަވޮޓް

މި އަހަރުގެ ރޯދަމަ މަސް ދިމާވެފައި މިވަނީ އަހަރުގެ ހޫނު ގަދަ މޫސުން ފެށުނު ދުވަސްވަރު ކަމުން ކަރަންޓް ބިލްތައް މައްޗަށް ދާނެ ކަމަށް ބުނެ ސްޓެލްކޯއިން ވަނީ ކަރަންޓް އިގްތިސޯދު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނެފައި ވަނީ، 2023 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށް އަރާފައިވާ އިރު، މިދިޔަ އަހަރު ޕީކްލޯޑް ވަނީ 113 މެގަވޮޓުަށް އަރާފައެވެ. މިހާރު ކަރަންޓުގެ ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މާލެ ސަރަހައްދުގައި މި އަހަރުގެ ޕީކްލޯޑް 134 އަށް އަރާނެ ކަމަށް ބެލެވޭ ކަމަސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.