ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ލޯބިކުރުމާއި އެ ދާއިރާއިން ކުރިއަށް ދާން މަސައްކަތް ކުރުމަކީ ހަމަ އެކަނި ފިރިހެނުންނަށް ހާއްސަ ކަމެއްގެ ގޮތުގައި ދެކުނު ޒަމާނެއް ދިޔައެވެ. އޭރު ބައެއް ކަހަލަ ކުޅިވަރުތަކަކީ ފިރިހެނުންނަށް ހާއްސަ ކުޅިވަރުތަކެއްގެ ގޮތުގައި ދެކުނު ނަމަވެސް ޒަމާނާއެކު މި ބޯދާ ވިސްނުން ބަދަލުވެއްޖެއެވެ. ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށްވެސް ފުރުސަތު ހުޅުވިއްޖެއެވެ. ދުނިޔޭގެ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރަންވަނަ ހޯދާ އަންހެނުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ މިދާއިރާއިން ކުރިއަށް ދިއުމަށް ފޮނި ހުވަފެންތައް ދެކެމުން އަންނަ ޒުވާނުންނަށްވެސް ފުރުސަތުތައް ވަނީ ފަހިވެފައެވެ.
ޏ.ފުވައްމުލަކު ވައިފިލާގެ ހަދީޖާ އަހްމަދު (ކެދޫ) ބޮޑުވަމުން އައި ކުޅިވަރުގެ ތެރެއަށެވެ. ރަށު ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރުވެސް ކުޅިވަރަށް މޮޅު ކެދޫ ސްކޫލު ނިންމުމަށްފަހު ހިޔާރުކުރި ވަޒީފާއަކީވެސް ކުޅިވަރުގެ ތެރޭގައި އުޅޭވޭނެ ވަޒީފާއެވެ. ބްރައިޓްވޭ ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ ގޮތުގައި އޭރު މަސައްކަތްކުރަމުން ދިޔަ ކެދޫ އަކީ މޮޅު ނެޓްބޯޅަ ކުޅުންތެރިއެކެވެ. ގައުމީ އެތްލެޓިކްސް ޓީމުގެ މެންބަރެކެވެ. ރަށު ފެންވަރުގައި ކުޅޭ މިފަދަ ކޮންމެ މުބާރާތެއްގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. 2019ވަނަ އަހަރު ފުވައްމުލައް ސިޓީގައި ބޭއްވި ހޭންޑްބޯލް މުބާރާތް ވެގެންދިޔައީ ކެދޫގެ ކުޅިވަރުގެ ލިސްޓަށް އިތުރުވެގެން ދިޔަ ބޮޅަކަށެވެ.
އޭރު ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ކިޔަވަމުން އައި ކެދޫ ބޭނުންވީ ކޯސް ނިންމުމަށްފަހު ކިޔެވި ދާއިރާއިން ކުރިއަށް ގޮސް އެ ދާއިރާއާއި ގުޅޭ ވަޒީފާއެކެވެ. އެހާ ހިސާބުން އޭނާގެ ދިރިއުޅުމުގެ މިސްރާބު ބަދަލުކޮށްލީ މާލެއަށެވެ. މިހާރު އެމްޕީއެލްގައި މަސައްކަތްކުރަމުން އަންނަ ކެދޫ ބުނީ އެއީ އޭނާއަށް ކުޅިވަރުގެ ދާއިރާ ހާއްސަކޮށް ހޭންޑްބޯލް އިން ކުރިއަށް ދިއުމަށް ހުޅުވުނު ރަނގަޅު ދޮރެއްކަމަށެވެ. މިހާރު ރެޑް ހޯކްސް ސްޕޯޓްސް ކްލަބުގައި ހޭންޑް ބޯލް ކުޅެމުން އަންނަ ކެދޫ ބުނީ އެންމެ ފުރަތަމަ، 2023 ވަނަ އަހަރު ނޭޝަނަލް މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެން ދިޔައީ ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންނާ އެކު ކަމަށެވެ. އެއީ ކެދޫއަށް ވަރަށް ގިނަ ތަޖުރިބާ ލިބިގެން ދިޔަ މުބާރާތެކެވެ. 2024 ވަނަ އަހަރު ނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ލިބިގެން ދިޔައިރު ހަމަ އެ އަހަރު ވޭމަންޑޫ ކައުންސިލް ކަޕްގައި ބައިވެރިވެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ކެދޫއަށް ލިބިގެން ދިޔައެވެ.
މިހާރު ހޭންޑްބޯލް ކުޅުމަށް ހުސްވެގެން ހުރި ނަމަވެސް ކެދޫއަކީ ވަޒީފާއަށް ފަރުވާތެރި ނަމޫނާއެކެވެ. ހެނދުނު ޑިއުޓީ އަދާކުރުމަށް ފަހު ހަވީރު ނޫނީ ރޭގަނޑުގެ ވަގުތުތައް ހޭންޑްބޯލް ކުޅުމަށް ހާއްސަކޮށްފައިވާއިރު ކެދޫ ބުނީ ޓައިމް މެނޭޖުކޮށްގެން ކުރިއަށް ގެންދާތީ އެއްވެސް ކަމެއް ކުރުމަށް ދަތި ނުވާކަމަށެވެ. ހޭންޑްބޯލް އަކީ ކެދޫގެ އެންމެ ހާއްސަ އެއް ކުޅިވަރުކަމުގައިވާއިރު އޭނާ ބުނީ ރަނގަޅު ކޯޗުންގެ ފަރާތުން ތަމްރީނުތައް ލިބެން ފެށުމުން ކުޅުމަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައި ކަމަށެވެ. "އިމާއު ކޯޗު އަދި ސޮފީ ކޯޗުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. އިތުރު ފުރުސަތުތަކެއް ލިބި އިމްޕްރޫވްކުރަން މަސައްކަތްކޮށްދިންކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ" ކެދޫ ބުންޏެވެ.
މިހާރު ރާއްޖޭގައި މިއޮއް ކުޅިވަރު ނިޒާމު ބަދަލުކުރަންޖެހޭ ކަން ފާހަގަކޮށް ކެދޫ ބުނީ ހުރިހާ ކުޅުވަރަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ދީ ހުރިހާ ކުޅިވަރެއްވެސް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދިވެސް ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކޮށް ކެދޫ ބުނީ އެންމެންގެ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.
ރާއްޖޭގައި ހޭންޑްބޯލް އިންޑޯ ކޯޓެއް ނެތްކަން ފާހަގަކޮށް ކެދޫ ބުނީ ވަސީލަތްތައް މަދުވެ ޕްރެކްޓިސް ކުރާނެ ކޯޓުތައް މަދުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ރަށު ފެންވަރު، އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކުޅޭ މުބާރާތްތަކުގައިވެސް ކޯޓުގައި މޮޅު ކުޅުމާއެކު ރަނގަޅު އަހްލާގެއް ދައްަކަމުން އަންނަ ކެދޫ ދެކޭ އެންމެ ބޮޑު ހުވަފެނަކީ ރެާއްޖޭގައި ހޭންޑްބޯލް ކުޅެގެން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމެވެ. އަދި އެހެން ކުޅިވަރުތައް ފަދައިން މި ކުޅިވަރު ކުރިއެރުވުމަށްވެސް މަސައްކަތްކޮށް، ރާއްޖެއިން ބޭރުގައި ބާއްވާ މުބާރަތްތަކުގައި ރައްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ބޮޑު ހުވަފެނެކެވެ.