ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ، ބާޒީގެ ހުސައިން ޝަހީދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުކަމަށާއި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ރަސްމިއްޔާތުގައި ރައީސް ޝަހީދަށް ހަވާލުކުރައްވާފައިވާ ކަމަށެވެ.

ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. އެގޮތުން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 30 ގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެއާއެކު އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން ޝަހީދާ އެކު އިތުރު ދެ ބޭފުޅުން ކުރިމަތިލެއްވިއެވެ. އެއީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމެވެ.

އެ ތިން ބޭފުޅުންނާ ވަކިވަކިން އިންޓަވިއު ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޝަހީދު އެ މަގާމަށް އައްޔަނުކުރުމަށެވެ. އަދި ހަމައެހެންމެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވެސް ނިންމާފައިވަނީ ޝަހީދަށް ރުހުން ދިނުމަށެވެ.

ޝަހީދަކީ އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާ އިން މާސްޓާސް އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.