5000 ރުފިޔާގެ އެލަވަންސަކާއެކު އެމްޓީސީސީގެ "ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ، އަހުލުވެރި ދިވެހީން ބިނާކުރުމަށްޓަކައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެމްޓީސީސީގެ އަމާޒަކީ މިފަހަރު މި ހުޅުވާލި ޕްރޮގްރާމްގެ ތެރެއިން "ހުނަވަރު ސޭލްސް ޓްރޭނީ" މަގާމުގައި 10 ފަންނުވެރިން ތަމްރީން ކުރުމެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެމްޓީސީސީގެ ޓްރޭޑިން ޑިވިޒަނަށް ބޭނުންވާ ސޭލްސް މުވައްޒަފުން ތަމްރީނު ކުރުން ކަމަށެވެ. މި ތަމްރީނުތަކުގައި އުނގަންނައި ދިނުމަށް ހަމަޖެހިފައި ވަނީ މުދާ ވިއްކުމާއި، ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ހުނަރެވެ. މީގެ އިތުރުން އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ އަމަލީ ތަޖުރިބާ ހޯދޭނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި މި މުއްދަތުގެތެރޭގައި ތަމްރީނުވުމަށް ފަހު އިވެލުއޭޝަނުން ފާސްވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ލި ޭލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
"ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ބައިވެރިވުމުގެ ފުރުސަތު، 17 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ކޮންމެ ރައްޔިތަކަށް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމަށް ކުރިމަތިލާ މީހުންނަކީ ދަށް ވެގެން، ޖީސީއީ އޯލެވެލްއިން 3 ފާސް ހާސިލުކޮށްފައިވާ، ފީލްޑް ސޭލްސް ހަރަކާތްތަކާއި ފީލްޑް ވިޒިޓްތަކަށް ދިއުމަށް ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ވާން ޖެހޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ހަމައެއާއެކު ދިވެއްސާއި އިނގިރޭސި ބަހަށް ފަރިތަ، މައިކްރޮސޮފްޓް އޮފީސް ބޭނުންކުރަން އެނގޭ މީހުންނަށް ވާންވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މެރިން އިންޑަސްޓްރީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިތުރު އިސްކަމެއް ދެވޭނެ ކަމަށާއި މި ޕްރޮގްރާމަށް ހޮވޭ ބައިވެރީންނަށް 5,000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސެއް ވެސް ދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
"އެމްޓީސީސީ ހުނަވަރު ސޭލްސް ޓްރެއިނީ ޕްރޮގްރާމް 2025" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.