ރޯދަ މަހަކީ މުސްލިމުންގެ ހިތްތަކުގައި ހާއްސަ މަގާމެއް ލިބިފައިވާ މަހެކެވެ. މި މަހުގައި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކުވެސް ރޯދައަށް ހުންނަން ޖެހެއެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ރޯދައަށް ހުރުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. އެއީ ގިނަ ވަގުތު ނުކައި ނުބޮއެ ހުރުމަކީ ބައެއް ފަހަރު ބަނޑުގައިވާ ތުއްތު ދަރިފުޅަށާއި އަދި އަމިއްލަ ނަފްސަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް ވާތީއެވެ. އެހެންކަމުން މާބަނޑު އަންހެނުން ރޯދައަށް ހުރުމުގެ ކުރިން އެމީހެއްގެ ޑޮކްޓަރާ މަޝްވަރާކުރުން މުހިންމެވެ.

އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެކެވެ. މާބަނޑު މީހުންނަށް ރޯދައިގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޑޮކްޓަރު ލަފާދީފިނަމަ ނުވަތަ ރޯދައިގެ ސަބަބުން ބަނޑުގައިވާ ކުއްޖާއަށް ގެއްލުމެއް ވެދާނެކަމަށް ފެނިއްޖެނަމަ ރޯދަ ދޫކޮށްލުމަކީ އިސްލާމް ދީނުގައި ހުއްދަކުރެވިފައިވާ ކަމެކެވެ.

ރޯދަމަހަކީ އެހެން މަސްމަހާއި އަޅާބަލާއިރު ކެއުމަށް ބޮޑު ބަދަލެއް އަންނަ މަހެކެވެ. އެހެންކަމުން ހާއްސަކޮށް މި ދުވަސްވަރު މާބަނޑު މީހުން ރޯދައަށް ހުންނަ ނަމަ ކެއުމުގެ އާދަތައް ބައްޓަން ކުރަންވީ ގޮތާއި އަމަލުތައް ބައްޓަން ކުރަންވީ ގޮތް އިނގުމަކީ މުހިންމު ކަމެކެވެ.

ގިނައިން ފެން ބުއިން

ރޯދަ މަހަކީ އެ މަހެއްގައި ގިނަ ބަޔަކަށް ފެން ބޮވޭ މިންވަރު މަދުވެ ޑީހައިޑްރޭޓުވާން މަގުފަހިވާ ދުވަސްކޮޅެކެވެ. ހާއްސަކޮށް މާބަނޑު މީހުން މިކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން ރޯދަ ވީއްލާ ވަގުތު އަދި ހާރު ކާ ވަގުތުވެސް ކެއުމުގެ ތެރޭގައި ފެން އެކުލެވޭ ކާނާ ކެއުން ވަރަށް މުހިންމެވެ. މިސާލަކަށް ކިއުކަމްބާ، ޓޮމާޓޯ، ކަރާ ފަދަ އެއްޗެހި ކެވިދާނެއެވެ. މިފަދަ ބާވަތްތަކުގައި ޖޫސް ގިރައިގެން ބުއިމަކީވެސް ކުރެވިދާނެ ކަމެކެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ސަމާލުކަން ދޭން ޖެހޭ

ނަމަވެސް މާބަނޑު ދުވަސްވަރު ކޮފީ ސައި އަދި އެހެނިހެން ކެފެއިން އަޅާފައިވާ ބުއިންތަކާއި ފިޒީ ޑްރިންކުތަކުން ދުރުވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މިފަދަ ބާވަތްތަކަކީ މީހާ ޑީހައިޑްރޭޓް ވުން އިތުރު ކޮށްދޭ ތަކެތި ކަމުގައި ވާތީއެވެ.

ހަކުރު ގިނަ ކާނާ ކެއުމުން ދުރުހެލިވުން

މާބަނޑު ދުވަސްވަރު "ޕްރެގްނެންސީ ކްރޭވިންގްސް" އައުމަކީ އާ ކަމަކަށް ނުވާނެއެވެ. އަދި ހާއްސަކޮށް ރޯދައަށް ހުރެ ބަނޑުހައިވެފައި ހުންނަ ވަގުތު ފޮނި ކާނާ ކެއުމަށް ކެތް މަދުވެދާނެއެވެ. ނަމަވެސް މިފަދަ ދަނޑިވަޅުތަކުގައި ތިމާއާއި ތިމާގެ ބަނޑުގައިވާ ދަރިފުޅަށް އެންމެ ރަނގަޅު ވާނެ ފަދައިން އަމަލުކުރުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ގިނައިން ފޮނި ކާއެއްޗެހި ކެއުމުން ދުރުހެލިވާން ޖެހެއެވެ.

މީގެއިތުރުން ތެލުލި ކާނާގެ ބަދަލުގައި ސްޓީމް ކޮށްގެން ނުވަތަ ފިހެގެން ކާށެވެ. ހަވާދާއި މިރުސް އެކުލެވޭ ކާނާ ކެއުން ހުއްޓާލުމަކީވެސް ކުރުން މުހިންމު ކަމެކެވެ. އަދި ރޯދަ ވީއްލާ ވަގުތުވެސް ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެއް އެބައޮތެވެ. އެއީ އެއްފަހަރާ މާ ގިނައިން ކެއުމުން ދުރުހެލިވުމެވެ. ސަބަބަކީ މިފަދައިން ކެއުމަކީ މާގިނައިން ކެލޮރީ ބޭނުންވެ މާބޮޑަށް ބަރުދަން އިތުރުވުމުގެ ނުވަތަ ފަލަވުމުގެ ނުރައްކާ އިތުރުވާ ކަމަކަށް ވާތީއެވެ.

ބައެއް އަންހެނުންނަށް ކާނާ ހަޖަމުކުރުމުގެ މައްސަލަ ހާއްސަކޮށް ރޯދައަށް ހުންނައިރު ދިމާވެއެވެ. މިފަދައިން ވާނަމަ ފައިބާ ގިނައިން އެކުލެވޭ ކާނާތައް ކެއުމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ. ފައިބާ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހޯލް ގްރެއިންސް، ބީންސް، ސްޓްރޯބެރީ، ފެހިކަން ގަދަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

ކޮންމެ ދުވަހަކުވެސް ހެލިފެލިވެ އުޅުން

މާބަނޑު މީހުން ރޯދައަށް ހުންނައިރު ގިނަ ވަގުތު އިށީނދެ ނުވަތަ އޮށޯވެ އޮތުމުގެ ބަދަލުގައި މެދުމިނުގެ ހަރަކާތްތަކެއް ކުރުން މުހިންމެވެ. މިސާލަކަށް ކުޑަކޮށް ހިނގާލުން ނުވަތަ ލުއި މާބަނޑު ކަސްރަތުތައް ކުރުމަކީ ރަނގަޅު ކަމެކެވެ. މިފަދައިން ހަރަކާތްތެރިވުމަކީ ހަޖަމުކުރުމާއި ލޭގެ ހިނގުން ރަނގަޅުވުމަށް އެހީތެރިވެދޭ އަދި ޖިސްމާނީ ސިއްހަތާއި ނަފްސާނީ ސިއްހަތުގައި ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމެއް ކަމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ މުހިންމު ކަމެއް

ރޯދައަށް ހުންނައިރު މާބަނޑު މީހުން ނިދުމާއި އަރާމުކުރުމަށްވެސް އިސްކަން ދޭން ޖެހޭނެއެވެ. މާބަނޑު މީހުން ރޭގަނޑު ރަނގަޅަށް ނިދުމަށާއި ދުވާލުގެ ވަގުތުތަކުގައި ކުޑަކޮށް އަރާމުކޮށްލުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން

ނަފްސާނީ ދުޅަހެޔޮ ކަމަކީ ތިމާއަށާއި ތިމާގެ ތުއްތު ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރުން މުހިންމު ކަމެކެވެ. ރޯދަ މަހަކީ އަޅުކަމުގެ މައްޗަށް އަމިއްލަ ނަފްސު ތަމްރީނު ކުރުމުގެ މަހަކަށްވާއިރު މާބަނޑު މީހުންނަށްވެސް މި ފުރުސަތުގެ ބޭނުން ހިފާ އަޅުކަންތައް އިތުރުކޮށް ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. މި ކަންކަމަކީ ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބޭނެ ކަންކަމެވެ. އަދި އާއިލާއާއި އެކުވެރިންނާއެކު ވަގުތު ހޭދަކުރުމަކީވެސް ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ކުރެވިދާނެ ކަމެކެވެ.

މީގެއިތުރުން ކަސްރަތު ކުރުމަކީވެސް ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮ ވުމަށް ކުރެވިދާނެ ކަމެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުން އެންޑޯފިން ނަމަކަށް ކިޔާ ހޯމޯންއެއް ރިލީޒް ކުރެއެވެ. މި ހޯމޯން އަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް އެގޮތުން "ސްޓްރެސް ރިލީޒް" ކުރާ ހޯމޯންއެއް ކަމަށް ނިއުރޯ ސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ލިންޑެން ވަނީ ވިދާޅުވެފައެވެ.

މާބަނޑު ދުވަސްވަރު ގަވައިދުން ސިއްހީ ޗެކަޕް ހެދުން މުހިންމު

މާބަނޑު ދުވަސްވަރު ގަވައިދުން ސިއްހީ ޗެކަޕްތައް ހެދުމަކީ މުހިންމު ކަމެކެވެ. ރޯދަ މަހުގައިވެސް ޑޮކްޓަރަށް ދެއްކުމާއި ބޭނުންވާ ޓެސްޓުތައް ހެދުމަށް އިހުމާލުވެގެން ނުވާނެއެވެ. މިކަމުގެ ސަބަބުން މައިމީހާގެ އަދި ބަނޑުގައިވާ ކުއްޖާގެ ސިއްހަތު ރަނގަޅަށް ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.