ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި އުފައްދާފައިވާ "އެންޓި -ސްކޭމް ސެންޓަރު" އަށް ގުޅޭނެ ހާއްސަ ނަންބަރެއް ހަމަޖައްސައިފިއެވެ.
ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ އެކި ސްކޭމްތައް ހުއްޓުވަން 'އެންޓި ސްކޭމް ސެންޓާ'އެއް ގާއިމްކޮށްފައި ވަނީ ނިމިދިޔަ އަހަރުގެ ޖޫން މަހުއެވެ.
އެ ސެންޓަރާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުންގެ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، 17، މާޗް 2025 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހައިފިޔަވަޅުތައް އެޅުމާއ،ި އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓ-ިސްކޭމް ސެންޓަރުން ކަމަށެވެ.
މި އާ ނިޒާމުގެ ދަށުން، ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމް ކުރެވިފައިވާއިރު، މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓު ކުރެވޭ ވަގުތުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުން ކަަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ނެޝަނަލް އެމެޖެންސީ ނަންބަރު 911 ގެ އިތުރުން 125 މެދުވެރިކޮށް ގުޅާ އަދި ހަމައެހެންމެ އެންޓި-ސްކޭމް ސެންޓަރުގެ އީމެއިލް [email protected] އަށް ކޮންމެ ތާކު ހުރެގެންވެސް ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
އަދި މިހާރެކޭވެސް އެއްގޮތަށް މާލެ އާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުންވެސް ފާއިތުވި ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއި މާލީ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިއީ ކުރިއަށް އޮތް ހަތަރު އަހަރަށް އެ މުއަސަސާއިން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު ކަމެއްކަން ފާހަގަކޮށްލެވެއެވެ.