ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހެޅި އިސްލާހު ތަސްދީގުނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލެއްވުމުން އެ އިސްލާހު އަލުން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. މީގެ އިތުރުން އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް އޭނާ ހުށަހަޅުއްވާފައިވެއެވެ. އެއީ:

  • ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް ޖޭއެސްސީން ގަބޫލުކޮށް އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން
  • ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ، އަދި މި މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެން

މި އިސްލާހު އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ މަހުގެ 25 ގައެވެ. އަދި އެއް ދުވަހުގެ ތެރޭ އިސްލާހަށް ބަހުސްކޮށް ކޮމިޓީ މަރުހަލާ ނިންމާލުމަށް ފަހު ޖެހިގެން އައި ދުވަހު އިސްލާހު ފާސްކޮށް ތަސްދީގުކުރުމަށް ވަނީ ފޮނުވާލައިފައެވެ. ނަމަވެސް ރައީސް ވަނީ ބަންޑާރަނައިބުގެ ލަފާގެ މަތިން، އިސްލާހާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން މަޖިލީހަށް ފޮނުވާލައްވައިފައެވެ.

މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވީ އިސްލާހު އަލުން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލުމަށެވެ. އެކަމަކު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނާއި އެމްޑީޕީގެ މެންބަރުން ވަނީ އިސްލާހު މަޖިލީހުން ބޭރުކުރުމަށް ގޮވާލައްވައިފައެވެ.

ފަލާހުގެ ހުށަހެޅުން ފާސްކުރަން ފެނޭތޯ ވޯޓު ގަޑީގައި ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ތެރެއިން 50 މެންބަރަކު ވޯޓު ދެއްވީ އިސްލާހު ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލުމަށެވެ. ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އަބްދުއްސައްތާރު ހުށަހެޅުއްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައި، އަދި އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލައަކާ ގުޅިގެން ޖޭއެސްސީއަށް ހާޒިރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދެ ފަނޑިޔާރުން ވެސް ވަނީ ޖޭއެސްސީން ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ.