އެމްޑީޕީގެ އެކްޓިވިސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ މެޑަމް ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ.

ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ވިދާޅުވީ، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން އެންމެ ހަރުކަށު ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

"ރޭގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން އަޅުގަނޑު އެންމެ ހަރުކަށު ޢިބާރާތުން ކުށްވެރިކުރަމެވެ. އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއްނޫނެވެ. މިވަތުތުގައި ކަންކަން ހަލަބޮލި ނުކުރައްވާ، އިންޞާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން" މެޑަމް ވިދާޅުވެފައި ވެއެވެ.

މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.

ހެލްމެޓް އަޅާ އަދި މާސްކް އަޅައިގެން ތިބި ބަޔަކު ސައިކަލުގައި މަންދީ އަށް ފާރަލަމުން ގޮސް މަޖީދީ މަގުން އޭނާގެ ގަޔަށް ކަޅުތެޔޮ ފުޅިއެއް ޖެހި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

މަންދީ ގެ ގަޔަށް ކަޅުތެޔޮ ޖެހި މި ހާދިސާ ހިނގާފައި މި ވަނީ، އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލަށް ނިސްބަތް ކޮށް މަންދީ ދައްކާފައި ވާ ވާހަކަތަކާ ގުޅިގެން އޭނާ އަށް ދައުވާ ކުރުމަށް ރައީސްގެ އާއިލާއިން ނިންމާފައި ވަނިކޮށެވެ.

މަންދިއަށް ދައުވާ ކުރަން އެ އާއިލާއިން ނިންމީ، އެ މުޒާހަރާތަކުގައި ވާހަކަ ދައްކަމުން، ސަރުކާރުން ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލަކު ވޭޕް ހިއްޕަވާތީ ކަމަށް ބުނެފައެވެ.

ނަމަވެސް އެކަން ދޮގު ކުރައްވައި މެޑަމްގެ ފަރާތްޕުޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، "އުމައިރު (ދޮށީ ދަރިކަލުން) އަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން" ކަމަށެވެ.