"އާން... އަސްލުވެސް... ސާފުކޮށްލަންވީ... އަހަރެން މީހަކު ހަމަޖައްސަފާނަން..." އިކާން އެހެން ބުނެލީ އޭނާގެ ގޭގައި މަސައްކަތް ކުރާ ރަޖްނީ ގެންނާށެވެ. "ބައްޕައަށް ގުޅާފަ ދޯ... އިކާން، އަޅެ ބަލާބަލަ ތި ޕެންގަ ހުރީ ކޯއްޗެއްތޯ... މަގޭ ލެޕް އޭނީ މޭޒުމަތީގަ... ވަރަށް އަވަސްކޮށްލައިގެން މިއަންނަނީ..." ތާރާ މިހެން ބުނެ ފާޚާނާގެ ދޮރު ލައްޕާލިއެވެ.

ލެޕްޓޮޕް ހިފައިގެން އައިސް އިކާން އެނދުމަތީގައި ހަމަޖެހިލުމަށްފަހު ޕެންޑްރައިވް އެއަށް ގުޅާލިއެވެ. އަދި އެ ޕެންގައިވާ އެއްޗެއް ބެލުމުގެ ބޭނުމުގައި ހުޅުވާލިއެވެ. ދެ ފޯލްޑަރެއް އޭގައި ވާއިރު އެއް ފޯލްޑަރުގައި ހުރީ ކައިވެނީގެ ހަފްލާގައި ނަގާފައިވާ ފޮޓޯތަކެވެ. ފޮޓޯތަކަށް ބަލަމުން ދިޔަ އިރު ކުއްލިއަކަށް އިކާންގެ ލޮލުގައި އަޅައިގަތީ ޒިވީއާ އެކީ އެ ދެމަފިރިންނަށް ނެގިފައިވާ ފޮޓޯއެވެ.

އިކާންގެ ސިކުނޑި އެވަގުތު ދައުރު ކުރީ އޭނާގެ މާޒީއަށެވެ. އެ ދުވަސްތައް އޭނާގެ ލޯމަތީ ފޮޓޯތަކެއްހެން ކުރެހެމުން ދިޔައެވެ.

*** *** *** *** *** ***

އައިސް ހުރި ރުޅިން އިކާންގެ ފަން ދިގު އިސްތަށިގަނޑުގައި ދެއަތުން ހިފާ ބާރު ކޮށްލެވުނެވެ. ޒިވީގެ ރުޅި ވެސް ވަނީ އިންތިހާއަށް ގޮސްފައެވެ. އިކާންގެ ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ކިތަންމެހާ ވެސް ގިނައެވެ. ކުރަން ބޭނުންވާ އެތައް ސުވާލުތަކެއް އޭނާގެ ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ.

ކޮޓަރީގައި ހުރި ބޮޑު އަލާމާރީގެ ދޮރު ހުޅުވާލަމުން އޭގެ ތެރޭގައި ހުރި ބައެއް ހެދުންތައް ނަގާ އިކާނާ ދިމާއަށް ޒިވީ ހޫރަމުން ދިޔަ އިރު އެނދުގައި އިށީނދެގެން އިކާން އިނީ އިސް ޖަހައިގެންނެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހުއްޓުވަން އޭނާ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ މޫނު ރަތްވަމުން ދިޔައެވެ.

"ޒިވީ... ކޮބާތަ މައްސަލައަކީ؟... މިހުރިހާ ދުވަހު އުޅުނު އިރު މައްސަލައަކަށް ނުވި ކަމެއް މިހާރު މައްސަލައަކަށް ވީ ކީއްވެ؟.. ޓްރައި ޓު އަންޑަސްޓޭންޑް..." އެނދުމަތިން ތެދުވެ އަލަމާރި ތެރެއިން އަންނައުނުތައް ނަގާ އުކަމުން ދިޔަ ޒިވީގެ އަތުގެ މުލައްދަނޑީގައި ހިފާ އިކާނާ ދިމާއަށް ޒިވީގެ ތުނި ހަށިގަނޑު އަނބުރާލިއެވެ.

"ބުނެފީމެއްނު... އަބަދު މިިހެން ނޫޅެވޭނޭ... އަަހަރެން ވެސް ބޭނުން ލައިފެއް ފަށަން... އިކާން ދުވަހަކު ވެސް ބަދަލެއް ނުވާނެ... ބަދަލުވާ ނަމަ ބަދަލު ވާހާ ދުވަސް ވެއްޖެ.... އިކާންގެ ފެމިލީ އެންމެން އެ ބުނަނީ ތެދު ވާހަކައެއް... މަށަށް ވިސްނިއްޖެ... ޔޫއާ ނަތިން... އަ ލޫޒާ... ވީ އާ ފިނިޝްޑް..." އިކާންގެ އަތުގައި ހިފާ ފޮޅާލަމުން ޒިވީ ވާހަކަ ދެއްކީ މޫނު ކުނިކޮށްލަމުންނެވެ.

"ބަލަ ޒިވީ... އަހަރެންނާ ރައްޓެހިވީ އިރުވެސް އަހަރެން ހުރީ މިހެން.. އޭރު މައްސަލައަކަށް ނުވި ދޯ.. ސޯ ވަޓްސް ދަ ޕްރޮބްލަމް ނައު... އަހަރެން ޖޮބެއް ނުހޯދާކަށް ނޫނޭ... އަހަރެން ކާމިޔާބު މީހަކަށް ވާނަމޭ... ބޭބީ ޕްލީސް ގިވް މީ ވަން ޗާންސް..." ޒިވީގެ ހަށިގަނޑުގައި ދެއަތް ވަށާ ބައްދާލަމުން އިކާން މަސައްކަތް ކުރީ ޒިވީ ރުއްސޭތޯއެވެ.

"ޑޯންޓް ޔޫ ޑެއަރ ޓަޗް މީ ލައިކް ދެޓް... މި ބުނީނު މި ނިމުނީ އޭ... ކިތައް ޗާންސް ދޭންވީ؟... މިވީ އެއް އަހަރު ތި އުޅުނީ މިގޭގަ ނިދައިގެން އަހަރެން ދިނީމަ ކައިގެން ބޮއެގެން... އަހަރެން ދިނީމަ ހުރިހާ ކަމެއް ކޮށްގެން... މިހެން ކިހިނެއް އުޅޭނީ... އަހަރެންގެ ވެސް ފެމިލީއެއް އެބަ އޮތޭ.. އެމީހުުން ކިޔާ އެއްޗިއްސޯ... ލަދުގަނޭ އިކާން ތިވައްތަރަށް އުޅޭތީ.. އަހަރެންނަކަށް މިހެން ނޫޅެވޭނެ... އެމް ފެޑްއަޕް އޮފް ޓްރައިންގް... މިހުރީ އިކާންގެ ހުރިހާ އެއްޗެއް.. މި އެއްޗިހި އަހަރެން ޑިއުޓީން އަންނަން ވާއިރަށް މިތަނުން ނެރެން ވާނެ..." ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މޫނުގައި ސްޕޮންޖް ކޮޅަކުން ޓަޗްކޮށްލަމުން ޒިވީ ވާހަކަ ދެއްކީ އޭނާ ޑިއުޓީއަށް ދާން ގަޑި ޖެހޭތީއެވެ.

ނުރޯން މަސައްކަތް ކުރަމުން ޒިވީ ހަރުކަށިކޮށް ވާހަކަ ދައްކަމުން ދިޔައީ އޭނާއަށް މިގޮތަށް ވާހަކަ ދައްކަން މަޖުބޫރު ވީމައެވެ. އެއް އަހަރު ދުވަސް ވޭތުވެ ދިިޔަ އިރު އިކާންގެ ފަރާތުން އިސްލާހު ވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނުފެނުމުން މި ގޮތަށް ކަން ކުރަން އޭނާއަށް މަޖުބޫރު ވީއެވެ. އިކާން އިސްލާހުވާން އޮތީ މިފަދަ ގޮތަކަށް އަމަލުކޮށްގެން ކަން ޒިވީއަށް ގަބޫލު ކުރެވުނީ އެތައް ދުވަހު ލޯބިން ވިސްނައިދީގެން އިކާން ބަދަލުވާން މަސައްކަތް ނުކުރުމުންނެވެ.

ރީތިވާ މޭޒުމަތީ ހުރި އަތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ޒިވީ ކޮޓަރިން ނުކުމެ ދޮރުފަތް ލައްޕާލި އިރު މުޅި ކޮޓަރި ތެރެއަށް އުކާލާފައި ހުރި އަންނައުނުތަކަށް ބަލަން އިކާން ހުރީ ކަރު އެލުވާލައިގެންނެވެ. ޖީބުގައި އޮތް ފޯނު ނަގާ ފޯނަށް ބަލާލީ ގަޑިން ވީ އިރެއް ޔަގީން ކުރާށެވެ. ތަނަކަށް ގުޅޭ ވަރަށް ފޯނުގައި ކްރެޑިޓް ނެތުމުން އިކާންގެ އެންމެ ގާތް ރައްޓެހިންނަށް "ކޯލްމީ ބެކް" މެސެޖް ފޮނުވީ އެ ގޮތަށް ހުރެ ގެއަށް ދާން ބޭނުން ނުވާތީއެވެ.

ހުރިހާ އަންނައުނުތައް ނަގާ ބޮނޑި ކުރަމުން ކޮތަޅަކަށް އަޅަމުން ދިޔައިރު އިކާންގެ ސިކުނޑީގައި އެނބުރެން ފެށީ ޒިވީގެ ދުލުން ބޭރުކުރި ބަސްތަކެވެ. "ޔޫއާ ނަތިން... އަ ލޫޒާ... ވީ އާ ފިނިޝްޑް....އަ ލޫޒާ.. ޔޫއާ ނަތިން.. ވީ އަ ފިނިޝްޑް... ޔޫއާ ނަތިން...."

ޒިވީ އެ ދިޔައީ އިކާން ހިތުގައި ޖައްސާފައެވެ. އިކާންގެ އާއިލާއިން ވެސް ވަނީ އޭނާ ބާކީ ކޮށްލާފައެވެ. އުމުރުން ބާވީސްް އަހަރުވީ އިރު ހަރުދަނާ ކަމެއް ނެތް ތަނުގައި އަމިއްލަ ފައި މައްޗަށް ނުތެދުވެ ހުރެ މަޖަލުގައި ދުވަސްތައް ބޭކާރު ކުރަމުންދާތީ އޭނާގެ އާއިލާއިން ދިޔައީ މެދުނުކެނޑި އެއްޗިހި ކިޔަމުންނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއާ ތަފާތު ކުރަމުން ދިޔައީ މިސަބަބުތަކާ ހުރެއެވެ.

ހެދުންތައް ކޮތަޅަށް އަޅާ ނިންމާލުމަށްފަހު އެނދުގައި އިކާން ޖައްސާލީ އޭނާގެ ކޮއްކޮއަށް ގުޅަންވީ ބާވައޭ ހިތަށް އެރުމުންނެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އިކާން ނިންމީ އޭނާގެ އާއިލާއިން އިތުރަށް ކުރާނެ މަލާމާތް ސިކުނޑީގައި ތަސައްވަރު ކުރެވުމުންނެވެ.

ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން އިކާން އެ ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. އެ ގުޅާނީ އޭނާގެ ތިން އެކުވެރިންގެ ތެރެއިން ފިޒާމެވެ. "އޭއި ފިއްޓޭ.. ވަރަށް ކަޑަ ކަމެއް ވެގެން މި އުޅެނީ.. އެއްކަލަ ޒިވީ ހެސްކިޔާފަ ނައްޓައިގެން... ބްރޭކް އަޕްވީ.." އެކުވެރިޔާއަށް ކަންތައް ވީ ގޮތް ކިޔައިދެމުން އެއް އަރިއަކަށް އިކާން އެނބުރުނެވެ.

"އަނެއްކާ... ތީ އަޅެފަހެ ކުޅިވަރެއްތަ... މިދިޔަ މަހު ވެސް ތިހެން ބްރޭކްއަޕްވި..." ފިޒާމް ވާހަކަ ދެއްކީ އިކާނަށް މަލާމާތް ކުރަމުން ކަން އިކާނަށް އެނގުނެވެ.

"މި ފަހަރު ބުނީ ގެއިން ނުކުންނާށޯ... އަސްލު އަހަރެން ގެއަށް ދާކަށް ބޭނުމެއް ނޫން... ޕްލީޒް މަށަށް އެހެން ގޮތެއް ހޯދައި ދީބަލަ... މިއަދު އަދި މިހުރީ އެއްވެސް އެއްޗެއް ނުކައި...." އިކާންގެ ބަނޑުގައި ފިރުމަމުން ވާހަކަ ދެއްކީ ބަނޑުހައި ހޫނުކަން އިހްސާސް ވާތީއާވެސް އެކީގައެވެ.

"ކޮބާ؟.. މަ ބުނި ތަން ތިއައިސް ޖެހުނީ.. ބުނިން ދޯ އަބަދަކު ޒިވީގެ ތައްޕާހަކު ނޯވެވޭނެޔޭ... ދެންވެސް ޖޮބަކަށް ދާން ވިސްނަބަލަ... ރެޑީގަ ހުރޭ މަ މިދަނީ ތިގޮލާ ބަލާ... މިރޭ އަހަރެމެން މިއުޅެނީ ވީކެންޑަށް ރިސޯޓަށް ދާން... ޔޫ ޝުޑް ޖޮއިން... ބިޓުން ކެޓީމަ ބޯ ހަމަޖައްސާލަން ވަރަށް ފައްކާވާނެ... އޯކޭ މަމި ގާތް ކޮށްލަނީ... މާ ގިނަ އިރެއް ނުވާނެ.. ފަސް މިނެޓް ކޮށްފަ ބޭރަށް ނިކުމޭ..." ފިޒާމް ފޯނު ކަނޑާލުމުން އިކާން ވަނީ ފާޚާނާއަށް މޫނު ދޮވެ ތާޒާ ވެލާށެވެ.

ސައިކަލުގައި ފިޒާމް އައިސް ޒިވީމެންގޭ ދޮރުމައްޗަށް މަޑުކޮށްލި އިރު އިކާން ހުރީ އެގޭ ދޮރުމަތީގައެވެ. އެއް އަތުން ބޮޑު ހެދުން ކޮތަޅެއް ހިފަހައްޓައިގެން ހުރިއިރު އަނެއް އަތުން ހިފަހައްޓައިގެން ހުރީ މުށިކުލައިގެ ގިޓައެކެވެ. ފިޒާމްގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލަމުން އިކާން އިސްޖަހާލިއެވެ. އިކާންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ސައިކަލުގެ ލޯގަނޑުން ފިޒާމަށް ފެނުމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"އޯކޭ... އަހަރެމެން ގެއަށް ގޮސް އެއްޗިހި ބަހައްޓާފަ ދޯ ސައެއް ބޯލަން ދާނީ... އިކާނަށް އުޅޭނެ ތަނެއް ހަމަޖެހެންދެން އަހަރެމެން ގޭގަ މަޑު ކުރާނީ.. އޯކޭ ވާނެއްނު..." ފިޒާމް ބޭނުންވީ އޭނާގެ ރަހްމަތްތެރިޔާއަށް އެހީތެރިވާށެވެ.

"ތޭންކްސް ބަޑީ... އަސްލު އަހަރެން ވަރަށް އަވަހަށް ކޮންމެވެސް ގޮތެއް ހޯދާނަން.. ޒިވީ އެނބުރި އަހަރެން ކައިރިއަށް އަދި އަންނާނެ... އެވަރުގެ މީހަކަށް އަހަރެން ވާނަން..." ދެމީހުން ސައިކަލުގައި ދުއްވާފައި ދިޔައީ މާލޭގެ ކާރޫބާރު ބޮޑު މަގުތަކުން ތަންތަން ކޮޅަށް މަޑުކުރަމުންނެވެ. އެދުވަހުން ފެށިގެން ކާމިޔާބު ތަނަވަސް މީހަކަށް ވާން އިކާން އަޒުމް ކަނޑައެޅިއެވެ.

ސައިބޯން ދެ އެކުވެރިން ދިޔައީ މާލޭގެ މަޝްހޫރު ރެސްޓޯރަންޓަކަށެވެ. މަސްހުންޏާ ރޮއްޓަށް އޯޑަރ ދިނުމަށްފަހު އިކާންގެ ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ބޭރުކުރިއެވެ. "އަސްލު އަހަރެން ގެއިން ނުކުތީ ވެސް މަންމަމެންގެ ޗުކުޗުކުތައް އަޑުނާހަން... އަބަދު ވަޒީފާއަކަށް ދާށޭ ބުނާއިރު މަންމައަށް ނޭނގެނީތަ އެއީ ކިހާ އުނދަގޫ ކަމެއްކަން.. އަހަރެން ޓްރައި ނުކުރަނީކީ ނޫނޭ.. އަންހެން ކުދިންނަށް ޖޮބް ހޯދަން ފަސޭހަ ވިޔަކަސް ފިރިހެން ކުއްޖަކަށް އެއީ އެހާ ފަސޭހަކަމެއް ނޫން... އަހަރެން ކޮއްކޮއަށް ޖޮބްލިބިފަ މަށަށް ޖޮބެއް ނުލިބިގެން އެކަމާ ބައްޕަމެން ތަފާތުކޮށްފަ ވާހަކަ ދެއްކީ.. ކޮއްކޮ ޖޮބަށް ދާން ފެށި ހިސާބުން އަހަންނާ ދިމާއަށް ކިޔާ އެއްޗެތި އިތުރުވެގެން ދިޔަ.. ކިހިނެއް އެތާ އަަހަރެން އުޅޭނީ.. ކާ އެތިކޮޅެއް އަނގަޔަށް ލާން އުޅުނަސް މަންމަ ކިޔާ އެއްޗިހިން ކެވެނީކީ ނޫން.. އެހެންވެ އަހަރެން އެގެއިން ނުކުތީވެސް... ޒިވީ އަހަރެން ދޫކޮށްލީމަ އަހަންނަކަށް ނުކެރޭނެ މިހެން ހުރެ މަންމަމެން ކައިރިއަށް ދާކަށް..."

އިކާންގެ މާޒީ ހިއްސާ ކުރަމުން ދިޔަ އިރު އެވާހަކަތައް ކަނުލާ އަޑުއަހަން އިން ފިޒާމް ފުން ނޭވާއެއް ދޫކޮށްލިއެވެ. "އިކާން ތި ދައްކާ ވާހަކަ އަހަންނަށް އަންޑަސްޓޭންޑް ވޭ... އަސްލު އިކާން ޖޮބް އިންޓަވިއުއަށް ދާއިރު ތިބޮލާ އެއްޗިހި ކޮށާލައިގެން ތަންކޮޅެއް ޑީސެންޓްކޮށް ދާނަމަ ޖޮބް ލިބެން ފަސޭހަ ވާނެ... އަހަރެން ވެސް ބޭނުން ބޯ ދިގުކޮށްލަން.. ބަޓް.. ޑީސެޓް ލުކްސްއަކީ ވެސް ޖޮބަށް ވަންނަ އިރު ބޭނުންވާ އެއްޗެކޭ.. ރިސޯޓް ޓްރިޕް ނިންމާފަ އިކާންގެ ޖޮބާ ދޭތެރޭ ވިސްނާނީ.. ކޮންމެވެސް ކޮޅެއް ފެންނާނެ..."

ދެމީހުން އޯޑަރ ކުރި އެއްޗިހި މޭޒުމައްޗަށް ގެނެސްދިނުމުން އިކާން އަވަސްވެގަތީ ރޮށިކޮޅަކާއެކު މަސްހުނިކޮޅެއް ޖައްސައިގެން ކާށެވެ. "ދެން އިކާނަށް ޖޮބެއް ލިބިގެން ސެޓްލް ވެވުނީމަ ޒިވީ ކައިރިއަށް އެނބުރި ދާނަންތަ؟... މިދެން އަހާލީ އިނގޭ..."

- ނުނިމޭ -