"މަށަށްފެނޭ... މިހާރު ތާރާ ހުރީކީ ނޫން... ކަމެއްނުކުރަންޔާ އިކާން ކަރުދޮށުގަ މަދިރި ލޭ ބޮއެފަ ހުންނަ ތަންތަން ދޯ އެއީ... އެއީ އަޅެފަހެ ވެމްޕަޔަރ އެއްތަ؟... ކޮންމެ ރެއަކު ކޮންމެ ރެއަކު... ތިގޮލާ ކެތްގަދަ... ހަހަހަ" ފިޒާމް ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިކާންގެ ތުންފަތަށްވެސް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

ކޮފީ ނިންމާލުމަށްފަހު އިކާން ގެއަށް އައީ ރޭގަނޑު އެކެއްވެސް ޖެހި ފަހުންނެވެ. ގެއަށް އައިސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ބޮކި ދިއްލާލިއެވެ. އިކާންގެ ކަޅި ހުއްޓުނީ އެނދުމައްޗަށެވެ. ސެޓިން ފޮތީގެ ރަތް ހެދުމެއްގައި އޭނާ އޮށޯވެގެން އޮތީ ބަންޑުން ފޯނާ ކުޅޭށެވެ. އިކާނަށް ބަލާކަށް ނުހުރެވުނެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން އެނދާ ދިމާއަށް ހިނގައިގަތެވެ.

އެނދުގައި އިށީނދެ އެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. އިސްތަށިގަނޑު އަތަށް އޮޅާލުމަށްފަހު އިކާނާ ދިމާލަށް އޭނާގެ ހަށިގަނޑު ކައިރިކޮށްލަން ދަމައިގަތެވެ. އެ މަސްތީ ދެލޯ މަރާލަމުން އިސްތަށިގަނޑުގައި އަތް ޖައްސާލަމުން ޗޫސް ދަމާލިއެވެ. "އިކާން... ހާދަ ލަސްވީ..."

އިކާން ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ކައިރިއަށް އަރާ އިކާން އޮށޯތެވެ.

އެހެން ދުވަސްތަކާ ޚިލާފަށް އިކާން ހޭލިއިރު އެނދުގައި އޮތީ އެކަނި ނޫންކަން އެނގުމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިކާންގެ މޭމަތިން ހުރަހަށް އޮތް އަތް ނަގާ ދުރަށް ޖައްސާލީ އެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ފާޚާނާއާ ދިމާއަށް ދިޔައީ ތުވާލި ނަގާށެވެ. ތުވާލި އަނދެގެން ނިކުތް އިރު އިކާންގެ ފޯނު ރިންގްވަނީއެވެ. ތާރާގެ ކޯލެއްކަން އެނގުމުން އިކާން ފޯނު ނަގަމުން އެނދުގައި ގަދަޔަށް ނިދާފައިވާ އެ ދޮން މޫނަށް ބަލާލިއެވެ.

"އިކާން... ހެއި އައިމް ބެކް... މީނީ ގޭގަ... ތަޅުދަނޑި ނެތިގެން ނުވަދެވިފަ މީނީ..." ކަންފަތުން ފޯނު ދުރުކޮށްލި އިރު އިކާންގެ ދެލޯ ވަނީ ބޮޑުވެފައެވެ. އޭރު ދޮރުގައި އަނެއްކާ ވެސް ޓަކި ޖަހާލި އަޑު އިކާނަށް އިވުނެވެ. ކަންފަތުން ފޯނު ދުރުކޮށްލި އިރު އިކާންގެ ދެލޯ ވަނީ ބޮޑުވެފައެވެ. އޭރު ދޮރުގައި އަނެއްކާވެސް ޓަކި ޖަހާލި އަޑު އިކާނަށް އިވުނެވެ. ކަންފަތާ ދުރުކޮށްފައިވާ ފޯނުން ތާރާ ވާހަކަ ދައްކަމުން ދިޔަ އަޑު އިކާނަށް އިވެމުން ދިޔައެވެ. އަނބުރާ ކަންފަތުގައި ފޯނު ޖަހާލަމުން ދޭނެ ޖަވާބަކާ މެދު އިކާން ވިސްނާލިއެވެ.

"ތާރާ... ކޮން އިރަކު އައީ؟.. ނުވެސް ބުނަމެއްނު؟..."

"އާން. އިކާނަށް ސަޕްރައިޒެއް ދޭން ކަމަށް އުޅުނީ.. އެކަމަކު ގެއަށް ވަންނަން ތަޅުދަނޑި ނެތީމަ ނުވަދެވޭނެ ދޯ!... ދެން އާދެބަލަ ތަޅުދަނޑި ހިފައިގެން..." ތާރާ ވާހަކަ ދައްކަމުން ދިޔައިރު ދޭތެރެއަކުން ދޮރުގައި ޓަކި ޖަހާ އަޑު އިވެމުން ދިޔައެވެ. ތާރާ ފޯނުގައި ހުރެ ޓަކި ނުޖަހާނެކަން އިކާނަށް އެނގުމުން ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

"ކޮންތާކަށް ދާންވީ؟... އިކާން އިސްތަށިގަނޑުގައި ފިރުމާލަމުން އަހާލީ އޭނާގެ ސިކުނޑިއަށް ލުއެއް ލިބުމުންނެވެ. "މީނީ އަހަރެން ގޭގަ؟... ފުރަމުން އިކާން އަަތަށް ބައްޕަ ތަޅުދަނޑި ދިނެއްނު.. އަވަހަށް އަންނައްޗޭ.. އަމް ވެއިޓިންގް..." ތާރާ ފޯނު ކަނޑާލުމުން އިކާން އަވަސްވެގަތީ ދޮރާ ދިމާއަށެވެ. ދޮރާ ހަމައަށް ގޮސް އިކާން ފަސް އެނބުރި އެނދާ ދިމާއަށް ބަލާލިއެވެ. އޭރު އެނދުގައި އޭނާ އޮތީ ގަދައަށް ނިދާފައެވެ.

ދޮރު ހުޅުވާލަމުން އިކާން ބޭރު ބަލާލިއިރު ދޮރުމަތީ މީހަކު ނެތުމުން އިކާން ބޭރަށް ބޯދިއްކޮށްލިއެވެ. ލިފްޓާ ދިމާލުގައި ހުއްޓިގެން ހުރި އަންހެން މީހާ ފެނުމުން އެއީ އިކާންމެންގޭ ސާފްކުރަން އަންނަ މީހާކަން އެނގުނެވެ.

"ރަޖްނީ... ހަވީރުން އާދޭ... މިގަޑީ ވަރަށް ބިޒީ...." އިކާން އަޑު ބާރުކޮށް ރަޖްނީއަށް ގޮވާލުމުން އެއަންހެން މީހާ ބޯ ޖަހާލިއެވެ. ލިފްޓުގެ ދޮރު ހުޅުވުމުން ރަޖްނީ ލިފްޓަށް އެރުމުން އެޕާޓްމަންޓް ތެރެއަށް އިކާން ވަނެވެ. ފާހާނާއަށް ވަދެ ރީތިވެގެން އެޕާޓްމަންޓުން ނިކުތުމަށް އިކާން އަވަސްވެގަތީ އޭނާގެ އިންތިޒާރުގައި ތާރާ ހުންނާނެކަން އެނގޭތީއެވެ.

ބައިގަޑިއިރު ނުވަނީސް އިކާން ރޯޒްވިލާއަށް އައިސް ވަނެވެ. ހަތްވަނަ ބުރިއަށް ލިފްޓްއައިސް ދޮރު ހުޅުވުމުން އިކާން ނުކުމެ ދެފަރާތަށް ބަލާލިއެވެ. އެޕާޓްމަންޓް ދޮރުމަތީ ލަގެޖެއް ބަހައްޓާފައި ހުރި ނަމަވެސް ތާރާ ފެންނަން ނެތުމުން އިކާންގެ ޖީބުން ތަޅުދަނޑި ފައްޗާއެކު ފޯނު ނެގިއެވެ. އެޕާޓްމަންޓްގެ ދޮރު ހުޅުވާލުމަށްފަހު ފޯނުން ތާރާގެ ނަންބަރަށް ގުޅާލިއެވެ.

"ހެއި އަަހަރެން މިހުރީ ތާރާމެން ބައިގަ.. ކޮންތާކަށް ތި ދިޔައީ..." ގޭތެރެއަށް ނަޒަރު ހިންގާލަމުން އިކާން ވާހަކަ ދެއްކިއެވެ. "މިއަންނަނީ.... މިތިބީ ޓެރަސްގަ އުލްފާއާ އެކީ...." ތާރާ ފޯނު ކަނޑާލުމަށްފަހު އުލްފާ ގާތު ތިރިއަށް ދާން ހިނގާށޭ ބުނެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ.

"އިކާން އައީދޯ.. އޭނަގެ ލަވައެއް ރިލީސްކޮށްފިކަން އިނގޭތަ.. އެއްކަލަ ލަވަ... ހުރީވެވިފާ ބާކީ.. ވަރަށް ސަޅި އެ ލަވަ.. ވީޑިއޯވެސް ވަރަށް ސަޅި... މިހާރު ޗާޓްގަ އެއްވަނައިގަ އޮތީ އެލަވައެއްނު..." ލިފްޓަށް އަރަމުން އުލްފާ ވާހަކަ ދެއްކިއެވެ.

"އެހެންތަ... އަހަންނަށް ތިއިން އެއްވެސް ކަމަކާ އުޅެވޭވަރެއް ނުވެޔޭ ބުންޏަސް ދޮގަކަށްނުވާނެ... މަންމަ ގޮވައިގެން ހޮސްޕިޓަލުގަ އުޅެން ޖެހުމުން... އަސްލު އެކޮޅުގަ ވަރަށް ބިޒީއޭ... އަޒްކާގެ ކޮލެޖް ކަންތައް ހަމަޖެހުނީމަ މިއައީ... ޔޫނޯ ހާ... ވަރަށް ޕެނިކްވާނެ..." ތާރާ ވާހަކަ ދައްކަމުން އޭނާގެ އަތްދަބަސް ހާވާލިއެވެ. "އުލްފާއަށް ވަރަށް ސަޅި އެއްޗެއް ގެނައިން.. އެހިފައިގެން ދާންވާނީ..." އެޕާޓްމަންޓަށް ވަންނަ ދޮރު ހުޅުވާލަމުން ތާރާ ވާހަކަ ދެއްކިއެވެ. ދޮރުމަތީ ބެހެއްޓި ލަގެޖް އެތާ ނެތުުން އިކާން އެ ލަގެޖް އެތެރެއަށް ވެއްދީކަން ތާރާއަށް އެނގުނެވެ.

ގޭތެރެއަށް ނަޒަރު ހިންގާލަމުން އިކާނަށް ތާރާ ގޮވާލިއެވެ. ތާރާގެ ކޮޓަރިން އިކާން ނިކުތުމުން އަތް ދަބަސް ސޯފާ މައްޗަށް އެއްލާލުމަށްފަހު އިކާނާ ދިމާއަށް ތާރާ އަވަސްވެގަތެވެ. އިކާންގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން އިކާންގެ މޫނަށް ތާރާ ބަލާލިއެވެ. "ހެއި އައި މިސްޑް ޔޫ... އިކާން.. ހާދަ ހިކިއްޖެހެން ހީވެޔޭ... ނުކަނީތަ.."

"މިސްޑް ޔޫ ޓޫ... ކޮބާތަ އުލްފާ..." ދޮރާ ދިމާއަށް ބަލާލަމުން އިކާން އަހާލިއެވެ. އެތެރެއަށް ވަތް އުލްފާ ގާތު އިށީީންނާށޭ ބުނުމަށްފަހު ތާރާ އަވަސްވެގަތީ އޭނާގެ ކޮޓަރިއަށެވެ. އުލްފާއާ އެކީ ވާހަކަ ދައްކަން ސިޓިންގް ރޫމުގައި އިކާން މަޑުކުރިއެވެ. ކޮޓަރިން ނިކުމެގެން ތާރާ އައީ ބޮޑު ކޮތަޅެއް ހިފައިގެންނެވެ. އެ ކޮތަޅުގައި އުލްފާ ހިފަމުން ހިނިތުންވެލުމަށްފަހުު ކޮތަޅު ތެރެއަށް ބަލާލިއެވެ.

"ވާއު... ވަރަށް ބޮޑަށް ތޭންސްކް.. ދެން އަހަރެން ދަނީ އިނގޭ... ދެކުދިން އެކަނިވެލަން ބޭނުންވެފަ ދޯ ހުންނާނީ... އަހަރެން ނެތިން ތި ދެމެދުގަ ހުރަކަށްވާކަށް..." ސޯފާއިން ތެދުވަމުން އެޕާޓްމަންޓުން ނިކުންނަން ދާން އުލްފާ މިސްރާބު ޖެހި އިރު އޭނާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިިތުންވުމެކެވެ.

ތާރާ ދެލޯ ބޮޑުކޮށްލަމުން އުލްފާއާ ދިމާއަށް ބަލާލި އެކުވެރިޔާގެ ސަމާސާ ރާގުން އިކާން ކުރިމަތީ އޭނާ ލަދުގަންނުވާލީމައެވެ.

"އޯ އަދި އެއްކަން ހަނދާން ނެތުނީއްޔޭ.. އަސްލު އަހަރެން އައީ އެއްޗެއް ހަވާލުކުރަންވެގެންނޭ..." ދަބަސްތެރެއިން ޕެންޑްރައިވެއް ނެގުމަށްފަހު ތާރާ އަތަށް ދިއްކޮށްލަމުން އުލްފާ ބުނެލިއެވެ.

"މީ ކޯއްޗެއް؟..." ދެ ބުމަ ގޮށްޖަހައިގެން ހުރެ ތާރާ ސުވާލުކޮށްލިއެވެ. "ދެކުދިން އެކީ ތިބެ ތި ބަލާލާ... މަ ވަރަށް އަވަހަށް ތަނަކަށް ދާންވެސް ޖެހޭ.. އެހެން ދުވަހަކުން އަނގަތަޅާލަން އަންނާނަން..." އުލްފާ އެގެއިން ދިޔުމުން ތާރާ އަވަސްވެގަތީ ފާޚާނާއަށް ވަދެ ފެންވަރާލާށެވެ.

"އިކާން އަހަރެން އެބަ އަންނަން ފްރެޝް ވެލައިގެން... ހިނގާ ރީތިވެގެން ބޭރަށް ކާން ދާން.. ވަރަށް ބަނޑުހައި... އަދި ބައްޕަ އަށް ގުޅައިގެން ދައްތަމެން ގެއިން ނޯކަރެއް ހަމަޖައްސަން ވެސް ޖެހޭ... ގޭތެރެ ސާފްކޮށްލަން... މީހަކު ނޫޅެންޏާ ހާދަ އަވަހޭ ހިރަފުސް ވާލެއް..." ފާޚާނާއަށް ވަންނަން ދަމުން ތާރާ ވާހަކަ ދެއްކީ އިކާނާއެވެ.

"އާން... އަސްލުވެސް... ސާފުކޮށްލަންވީ... އަހަރެން މީހަކު ހަމަޖައްސަފާނަން..." އިކާން އެހެން ބުނެލީ އޭނާގެ ގޭގައި މަސައްކަތް ކުރާ ރަޖްނީ ގެންނާށެވެ. "ބައްޕައަށް ގުޅާފަ ދޯ... އިކާން، އަޅެ ބަލާބަލަ ތި ޕެންގަ ހުރީ ކޯއްޗެއް ތޯ... މަގޭ ލެޕް އޭނީ މޭޒުމަތީގަ... ވަރަށް އަވަސްކޮށްލައިގެން މިއަންނަނީ..." ތާރާ މިހެން ބުނެ ފާޚާނާގެ ދޮރު ލައްޕާލިއެވެ.

- ނުނިމޭ -