ތަހުމީނާ އެނދުމަތިކޮށްފައިވާ ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވާލަމުން އާތިފް އެތެރެއަށް ވަނެވެ. އޭރު ދެމައިންނަށްވެސް ވަނީ ނިދިފައެވެ. ތާރާގެ ބޮލުގައި އާތިފް މަޑުމަޑުން ފިރުމާލުމުން ސިހިފައި އޭނާއަށް ހޭލެވުމުން ދެލޯ ބޮޑުކޮށްލިއެވެ. "ބައްޕާ... ކޮންއިރަކު އައީ؟..." ގަދަކަމުން ދެލޯ ހުޅުވަން މަސައްކަތް ކުރަމުން ތާރާ ވާހަކަ ދެއްކިއެވެ.

"ދަރިފުޅާ.. މިހާރު ތިހެން ނުނިދާ ހޮސްޕިޓަލުގަ އުޅޭތާ ދެ ދުވަސްވީ.. ދަރިފުޅު ދޭބަލަ ގެއަށް އަރާމްކޮށް ނިދާލަން... ތިިހެން އުޅެނިކޮށް ދަރިފުޅު ބަލިވެދާނެ... އޭރުންނޯ.... ބައްޕަ މިތާ މަޑުކުރާނަން... ދަރިފުޅު ގެއަށް ދިޔައިމަ ނާސިހާމެންނާ އެކީ ކަމްލާ ވެސް އަންނާނެ..." ތަހުމީނާއަށް ހޭލެވިދާނެތީ އާތިފް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

ދެ ދުވަސްވަންދެެން ގެއަށް ނުގޮސް އެހެން ހުރުމުން ތާރާ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ނިދާލަން ބޭނުން ވެފައެވެ. އެހެންކަމުން ގެއަށް ދާން އޭނާ އެންމެފަހުން އެއްބަސްވެ ގޮނޑިން ތެދުވެ އަތް ދަބަސް ކޮނޑުގައި އަޅުވާލިއެވެ.

މަންމަގެ ގައި މަތީގައި އަޅާފައިވާ ރަޖާގަނޑު ރީތިކޮށްލުމަށްފަހު އާތިފްއާ ކުރިމަތިލަމުން ތާރާ ވާހަކަ ދެއްކިއެވެ. "ދެންމެ ކުޑަ ބަތްޕެންކޮޅެއް ބުއި... މިރެއަށް މަންމައަށް ސޫޕެއް ދިނީމަ އޯކޭ ވާނެ ދޯ... ކަމްލާ ކައިރީ ބުނާނަން ސޫޕް ހަދައިގެން އަންނާށޭ... ފަހުން ހެދި ޓެސްޓުން ވެސް ބުނީ ލޭ މަދުވާ ވާހަކަ.... އަދި މާދަން ޓެސްޓު ކޮށްފަ ލޭ އަޅަންޏާ އެނގޭނެ ކަމަށް ބުނީ.. ދެން ދަނީ އިނގޭ..."

ގެއަށް އައިސް ވަދެވުމުން ފައިވާން ބޭލުމަށްފަހު ތާރާ އަވަސްވެގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ފައިތިލައިގަޔާ ބުރަކަށީގައި ވާޅުކަމެއް ހުރުމުން އެކަމަށް ލުޔެއް ލިބޭތޯ ރީތިވެގެން އައިސް އެނދުގައި ޖައްސާލީ ނިދާލާށެވެ. އެނދުކައިރީ ހުރި ކަރަންޓު ބޯޑަށް ފޯނުގެ ޗާޖަރު ގުޅާލަމުން ފޯނު ޗާޖަށް ޖަހާލިއެވެ. އިކާނަށް ގުޅާލަން ހިތަށް އެރި ނަމަވެސް ފޯނު ނިވިދާނެތީ ތާރާ ފަހުން ގުޅަން ހިތަށް އެރިއެވެ. ބާލީހެއްގައި ބައްދާލަމުން ދެލޯ މަރާލީ ފުން ނިންޖަކުން ނިދާލާށެވެ.

އެވަގުތު އެކޮޓަރީ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ތުންގަނޑު އޫކޮށްލަމުން ދޮރާ ދިމާއަށް ތާރާ ބަލާލިއެވެ. "ކާކު..."

ދޮރު ހުޅުވާލަމުން އެތެރެއަށް ބޯދިއްކޮށްލި ކަމްލާ ފެނުމުން ތާރާ ފުންމައިގެން އެނދުން ތެދުވިއެވެ. "ކަމްލާ... ހަވީރު މަންމަ ކައިރިއަށް ދާ އިރު ޗިކަން ސޫޕެއް ހަދައިގެން ގެންދޭ... ނާސިހާއްތައާ އެކީ ހަވީރުން ދާތި..." ވެފައި ހުރި ވަރުބަލިން ކަމްލާ ކައިރީ ބުނަން ހަނދާން ނެތުނު ވާހަކަ ބުނެވުނީތީ ތާރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

"ތާރާ... ކާ އެއްޗެއް ބޭނުންތޯ ބަލާލަން އަޅުގަނޑު މިއައީ..." ދެއަތަށް ބޯ ހަލުވަމުން ކަމްލާ އެ ކޮޓަރިއަށް އައި ސަބަބު ހާމަކުރިއެވެ. ނޫނެކޭ ބުނަމުން ތާރާ އެނދުގައި އޮށޯތުމުން ކަމްލާ އެ ކޮޓަރިން ނިކުމެގެން ދިޔައީ މަޑުމަޑުން ދޮރު ލައްޕާފައެވެ.

*** *** *** *** *** ***

އިކާނަށް ހޭލެވުނީ އޭނަގެ ފޯނު ރިންގް ވާތީއެވެ. ފޯނަށް ބަލާލުމަށްފަހު އިކާން ބަލާލީ އޭނާ އޮތް އެނދަށެވެ. އެނދުގެ ބެޑްޝީޓް ގަނޑުވަނީ އެބަޑިބަޑިން ޖަހާފައެވެ. އެހިސާބުން އިކާނަށް ބަލާލެވުނީ ފާޚާނާއާ ދިމާއަށެވެ. ފާާޚާނާގައި ވެސް މީހަކު ނެތުމުން އޭނާ ދިޔައީ ކަން އިކާނަށް އެނގުނެވެ.

ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ޓެރަސްބަޔަށް އިކާން ނުކުތެވެ. "އޭ. އިކާން... ކަލޭ ނިދަނީ ދޯ... އެއްކަލަ ލަވަ ރިލީސް ކުރަން މިއުޅެނީ... ވީ ނީޑް ޔޫ ހިޔަރ... ބަލާ ދާންވީތަ؟..." ފިޒާމް ވާހަކަ ދައްކަމުން ދިޔައިރު އޭނާ އަވަސްއަރުވާލާފަ ހުރިކަން އެނގެއެވެ.

"އާން ދެންމެ މި ހިއްލާލީ... ގަޑިން ކިހާއިރެއްތަ އެވީ..." އާފުރެމުން އިކާން ވާހަކަ ދެއްކިއެވެ.

"ސާބަސް މެންދުރު ދޭއް ޖެހީ... ރޭގަ ނުނިދަނީތަ؟... މެރީ ކުރިފަހުން މީނަ ހާދަ ކަންނެތޭ..." ސަމާސާ ރާގަކަށް ފިޒާމް ވާހަކަ ދެއްކިއެވެ.

"އޯކޭ... ގިވް މީ ފިފްޓީން މިނިޓްސް... އާދޭ ބަލާ ގޭ ކައިރިއަށް... ކަޓް.." ފޯނު ކަނޑާލުމަށްފަހު އިކާން ފާޚާނާއާ ދިމާއަށް އަވަސްވެގަތެވެ. ގެއިން ނިކުތުމުގެ ކުރިން ހުސްބަނޑާ ހުންނަން އިކާން ބޭނުމެއް ނުވިއެވެ. އެހެންކަމުން ކޮޓަރީގައި ހުރި އައިސް އަލަމާރި ހުޅުވާލިއެވެ. ޖޫސް ޕެކެޓާ ކިރު ޕެކެޓްވެސް ހުރީ ހުސްވެފައެވެ. ބަނޑުގައި އަތް ކާއްތަމުން އިކާން ބޭރަށް ނިކުންނަން ހިނގައިގަތީ ރީތިވާ މޭޒުމަތީ އޮތް އަވިއައިނު ނަގަމުންނެވެ.

މަގުމައްޗަށް ނިކުތުމަށްފަހު އިކާން ބަލާލީ ފިޒާމް އައިސް ހުރިތޯއެވެ. ފިޒާމް ފެންނަން ނެތުމުން ކުރިމަތިން ފެންނަން ހުރި ފިހާރައާ ދިމާއަށް އިކާންގެ ފިޔަވަޅު އަވަސް ކޮށްލީ ލޮލުގައި އަވިއައިނު އަޅަމުންނެވެ. މަގު ހުރަސްކޮށް އެފިހާރަށް ވަދެ އިކާން ބަލާލީ ފްރިޖްގަ ހުރި ދަޅުތަކާ ދިމާއަށެވެ. އެތަނުން 'އެކްސް-އެލް' ދަޅެއް ނެގުމަށްފަހު ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު އިކާން ފިހާރައިން ނިކުތީ އެ ދަޅުގެ މަތި ފޮހެމުންނެވެ. ފިހާރައިން ނިކުތް ވަގުތު އިކާންގެ އަތުން އެ ދަޅު ބިންމައްޗަށް ވެއްޓުނެވެ.

ޗޮކެއް ކަނޑާލަމުން އިކާން އެދަޅު ނަގާ ބަލާލިއެވެ. ޖީބުން ނެގި ޓިޝޫކޮޅަކުން ދަޅުގެ ކައިރި ފޮހެލިއެވެ. އެއަށްފަހު ގަޔާ ދުރަށްދަޅު ދިއްކޮށްލަމުން އެ ދަޅުގެ މަތި ކަނޑާލިއެވެ. އެދަޅުގައިވާ ބުއިންތައް ކެކިގެންފައި މައްޗަށް އަރާ ބުރުއްސައިގެން ދިޔުމުން އިކާނަށް ފަހަތަށް ޖެހެވުނެވެ.

"ކިހާ ދެރަ ކަމެއްތަ؟... ބައްޔެއް... މަގޭ ގަޔަށްތަ ދަޅުކަނޑަން އެނގުނީ..." ރުޅިވެރި ބަސްތަކުން އިކާނަށް އައި ހަމަލާގެ އަޑަކީ އިކާން ދަންނަ އަޑެއް ހެން ހީވި ނަމަވެސް ސޮރީއޭ ބުނަމުން އިކާންގެ ލޮލުގައިވާ އައިނު ނަގާ ބަލާލީ އެއީ އިކާން ގަސްތުގައި ކުރި ކަމަކަށް ނުވާތީއެވެ.

ރުޅި އައިސް ދެބުމަ ގޮށްޖަހައިގެން ހުރެ އެ އަންހެން މީހާ ދިޔައީ އޭނާ ލައިގެން ހުރި ގަމީސްކޮޅުގައި އަތް ހާކާ ފޮޅަމުންނެވެ. އިސް އުފުލާލަމުން އިކާނާ ދިމާއަށް އޭނާ ބަލާލީ ވަރުގަދަ އެއްޗެއް ބުނާށެވެ. ނަމަވެސް އަނގަ ހުޅުވި ގޮތަށް އިކާންގެ މޫނު ފެނި އޭނާގެ ބަސް ހުއްޓި މީހާ ގަނޑު ވިއެވެ.

ވެދިޔަ ކަންތައް ހިތަށް އެރުމުން ބުނާނެ އެއްޗެއް ވެސް އިކާނަކަށް ނުވިސްނުނެވެ. "އޭ އިކާން... އާދޭ ދާން..." ފިޒާމްގެ އަޑު ޖެހުމުން އިކާން ކުރިއަށް ހިނގައިގަތީ ދަޅު އަނެއް އަތަށް ބަދަލު ކޮށްލަމުންނެވެ. ފިޒާމްގެ ސައިކަލަށް އަރަމުން އިކާން އަތުގައި އިން ދަޅުގައި ތުން ޖަހާލިއިރު އަނެއް އަތް ފޮޅާލިއެވެ. ދަޅުގައި ހުރީ ކޯވަރެއްހާ މަދު އެތިފޮދެކެވެ. އެ އެތިފޮދު ބޯލުމަށްފަހު އިކާން ހިނިގަނޑެއް ޖަހާލިއެވެ.

"ކީއްވެތަ ބަވާނުލީ... ބަލަން އެބަހުރި އާގަމަ ކައިފަ... މުޅި މީހާ ވެޓްކޮށްލާފަ އެ ދިޔައީ... މަ ހީކުރީ ޒިވީއަށް ވަރަށް ކެރޭނެ ކަމަށް..." ޒިވީ ކައިރި ހުރި އޭނާގެ އެކުވެރިޔާ ވާހަކަ ދެއްކިއެވެ.

އިކާން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ޒިވީގެ ދަބަހުން ޓިޝޫއެއް ނަގާ މޭމަތީގައި ހާކާލީއެވެ. "ބަލާބަލަ... އަދި މޭމައްޗަށްވިއްޔާ އެ ދަޅު ވަރާލީ..."

"އަޅާނުލާ... ހިނގާ ގެއަށް ދާން.. އެއްޗިހި ބަދަލުކޮށްގެން ދެން ދެވޭނީ..." އެކުވެރިޔާއެކީ އަނބުރާ އައިކޮޅަށް ދާން ޒިވީ ފަސް އެނބުރި ހިނގައިގަތެވެ. އިއްތިފާގުން ވެސް އިކާނާ ދިމާވުމުން ޒިވީގެ ހިތަށް އުނދަގޫތަކެއް ވިއެވެ. އެ ހަނދާންތަކާ ދުރަށްދާން ޒިވީ މަސައްކަތް ކުރިއަސް އިކާން ފެނުމުން އެ ހަނދާންތައް އޭނާގެ ސިކުނޑީގައި ވަށާލައިފިއެވެ.

އިކާންގެ ކައިވެނީގެ ރެއަށްފަހު އަދި ޒިވީއަކާ އިކާން ބައްދަލެއް ނުވެއެވެ. އިކާނާ ބައްދަލު ކުރާކަށް އޭނާ ބޭނުމެއްވެސް ނުވެއެވެ. އެއީ މިހާރު ތާރާގެ އިކާނެވެ.

*** *** *** *** *** ***

ކޮފީ ބޯން އައިސް ތިބި އެންމެން އެތަނުން ދިޔަ އިރުވެސް ފިޒާމާ އިކާން އެތަނުގައި ތިއްބެވެ. "އިކާންމެން ފްރީ ކަން ދޯ... މެރީ ކުރީމަ މީހުން ބުނޭ އެއީ ދެންހަމަ ޓްރެޕް އެކޭ... އިކާންމެންނަށް އެއްވެސް ކަމެއް ނޫން.. ދޯ.. ތާރާ އެކޮޅަށް ދިޔަ ފަހުން ހަފްތާއެއްވީ... ކޮންއިރަކުންނޯ އަންނަނީ..." އިތުރު ކޮފީއަކަށް އޯޑަރ ކޮށްލަމުން ފިޒާމް ވާހަކަ ދެއްކީ ފޯނާ ކުޅެން އިން އިކާނާއެވެ.

"ތާރާއަށް މި މެސެޖް ކުރަނީ... ތާރާ ސަލާމް ބުނި... އަދި ނޭނގެޔޯ އަންނަ ދުވަހެއް... މަންމަ ރަނގަޅުވަންދެން މަޑުކުރާށޭ އަހަރެން ބުނީ..." ފޯނުގެ ސްކްރީނުން ނަޒަރު ދުރުކޮށްލަމުން އިކާން ވާހަކަ ދެއްކިއެވެ.

"ހެހެހެ.. އޭރުންނެއްނު ދޯ... އަހަންނަށް އިނގޭ އިކާން އެއްކަލަ ކަންތައް ހަމަ ކޮންޓިނިއު ކުރާކަން... ނުބުންޏަސް އަހަންނަށް އިކާން ވަރަށް ރަނގަޅަށް އިނގޭ..." ފިޒާމް އަތުގައި އޮތް ލައިޓަރު އަނބުރާލަމުން ވާހަކަ ދެއްކިއެވެ.

"އެ ކިހިނެއް އިނގެނީ... ބުނެބަލަ... ކަލޭ އަސްލު ވަރަށް މޮޅޭ..." އިކާން ސިނގިރޭޓެއް ރޯކޮށްލަން ލައިޓަރު ދޭށޭ ބުނެ އަތުން އިޝާރާތް ކޮށްލިއެވެ.

"މަށަށްފެނޭ... މިހާރު ތާރާ ހުރީކީ ނޫން... ކަމެއްނުކުރަންޔާ އިކާން ކަރުދޮށުގަ މަދިރި ލޭ ބޮއެފަ ހުންނަ ތަންތަން ދޯ އެއީ... އެއީ އަޅެފަހެ ވެމްޕަޔަރެއްތަ؟... ކޮންމެ ރެއަކު ކޮންމެ ރެއަކު... ތިގޮލާ ކެތްގަދަ... ހަހަހަ" ފިޒާމް ހިނިގަނޑު ފަޅައިގެން ދިޔައެވެ. އިކާންގެ ތުންފަތަށްވެސް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

- ނުނިމޭ -