ހުޅުލެއަށް ދާންޖެހޭ ގަޑި ކައިރިވުމުން ތާރާ އިކާންގެ ގައިގާ ބައްދާލިއެވެ. ގޭޓްކައިރީ ތިިބި އެންމެންނަށް އެމަންޒަރު ފެނުމުން ތާރާއާ ދިމާކޮށްލިއެވެ. ތާރާއާ ސަލާމް ކޮށްލަމުން އިކާން މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާއަށެވެ. ތާރާމެން ހުޅުލެއަށް ދާން ޓަރމިނަލާ ދިމާއަށް ދަތުރު ފެއްޓިއެވެ.
*** *** *** *** *** ***
އިކާން ގެއަށް ވަނުމާއެކީ ކޮއްކޮ އަލީޝާ އަދި މަންމަ އާމިރާގެ ސުވާލުތަކުން އިކާންގެ ސިކުނޑި ގޮއްވާނުލީ ހަމަ ކިރިޔާއެވެ. "ދޮންބޭ.. އަޅެ ހާދަ އަވަހަކަށް ތިއައީ... ގައިމު ބުނި ދިހަ ދުވަހުގެ ޓްރިޕްއެކޭ... ކޮބާ ތާރާ؟..."
"އޯކޭ... ހަމަ ޖެހޭ.. ހުރިހާ ވާހައެއް މިކިޔައި ދެނީ...." އިކާން އަވަހަށް މާލެ އަންނަން ޖެހުނީ ކީއްވެކަމާ، ކުއްލި ގޮތަކަށް ތަހުމީނާ ގޮވައިގެން ތާރާމެން ސިންގަޕޫރަށް ފުރަން ދިޔަ ވާހަކަ ބުނެ ނިންމާލުމުން އާމިރާ އާއި އަލީޝާ މުޅިން ހިމޭން ވިއެވެ. އެ ހަމަހިމޭންކަމުގެ ތެރޭގައި އިކާނަށް ހުންނަން އުނދަގޫވުމުން އޭނާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ދޮރު ހުޅުވާފަ ހުރުމުން އާމިރާ އެ ކޮޓަރިއަށް ވަދެ އިކާން ކައިރީީ ހުއްޓިގެން ހުރެ ވާހަކަ ދެއްކިއެވެ.
"އަޅެ މަންމަ ގާތު އިކާން ނުބުނީ ކީއްވެ.. މިހާރު މީ އާއިލީ ގުޅުން އޮތް ބަޔަކަށް ވާއިރު އެމީހުންނަށް ދިމާވާ ކަންކަަމުގަ މަންމަމެން ވެސް ވީ ވަރަކުން އެހީ ވާންވާނެ ދޯ.... އިކާން ބޮޑުވެގެން މީހަކާ އިނަސް އަދި ސިކުނޑި ޅަވީމަ ވާ ގޮތްމީ... ދެންވެސް އެކަހަލަ ކަމެއް ވެއްޖިއްޔާ މަންމަމެން ކައިރީ ބުނެލާތި.. އެހެން ނޫނީ އާތިފްމެން ހީކުރާނީ ކީކޭ... އަހަރެމެން ވާނެ ދޯ އެންމެ ގާތުގަ އެހީވާން ތިބެން..."
އިކާންގެ މަންމަ ދައްކަމުން ދިޔަ ވާހަކަތަކަށް އާން ހޫން އަޅުވާލަމުން އިކާން އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ފޯނަށް ބަލަން އޮތީ ތާރާގެ މެސެޖެއް ލިބޭތޯއެވެ. އެހެން އޮއްވާ އިކާންގެ ދެލޮލަށް ބަރުވެ އޭނާގެ ލޮލަށް ނިދި ސަވާރުވީއެވެ.
ނިދިފައި އޮތް އިކާނަށް ހޭލެވުނީ ބިއްލޫރި ތައްޓެއް ތަޅައިގެން ދިޔަ ޒާތުގެ އަޑަކަށެވެ. ސިއްސައިގެން ދިޔުމާ އެކީ އިކާނަށް އަވަގުތު ހުރެވުނީ ކޮޅަށެވެ. "ކާކު..." އަޑު ބާރުކޮށް އިކާން އަހާލިއެވެ.
"ސޮރީ ދޮންބޭ... އަހަރެން އަތުން ތައްޓެއް ތެޅުނީއްޔޭ!..." އަލީޝާ ބާރު ބާރަށް ވާހަކަ ދައްކަމުން ދިޔައީ އިކާނަށް އަޑު އިވޭނެ ވަރަށެވެ. ބެލްކަނިން ބޭރު އިކާނަށް ފެނުމުން ކޮޓަރީގައިވާ ގަޑިއަށް އޭނާއަށް ބަލާލެވުނެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. އިކާނަށް އެހާ ގިނަ އިރުވަންދެން ނިދުނީކަން އެނގުމުން ވަރަށް ދެރަވިއެވެ. ފޯނު ނަގާ ކޯލް ލިސްޓް ބަލާލިއިރު ތާރާ ފަސް ފަހަރަށް ގުޅާފަ އޮތެވެ. އިކާނަށް މެސެޖްވެސް ކޮށްފަ ހުއްޓެވެ.
ވައިބަރ އިން ތާރާގެ ނަންބަރަށް ގުޅޭތޯ އިކާން މަސައްކަތް ކުރަމުން ގޮސް އެކޮޓަރީގައި ހުރި އަލަމާރީގެ ދޮރު އިކާން ހުޅުވާލިއެވެ. އަލަމާރީ ހުރީ ހުސްކޮށެވެ. ތާރާއާ ކައިވެނި ކުރުމަށްފަހު އެމީހުން ދިރިއުޅެން ނުވަވަނަ ބުރީގައިވާ އެޕާޓްމަންޓް ތައްޔާރުކޮށް އެތަނަށް އިކާންގެ ސާމާނުތައް ބަދަލުކުރި ހަނދާންވުމުން ބޮލުގެ އިސްތަށިގަނޑުގައި އިކާނަށް އަތް ހާކާލެވުނެވެ.
"ހެއި.. އިކާނަށް ވަރަށް ގުޅިން... މިހާރު މިތިބީ ހޮސްޕިިޓަލުގަ... މަންމަ އެޑްމިޑްކޮށްފި... ވަކި އެއްޗެއް ބުނަން އެނގޭނީ ޓެސްތުތައް ހެދުމަށްފަހު ކަމަށް ބުނަނީ..." ތާރާ ވާހަކަ ދެއްކުން ވަރަށް އަވަސްވެފައި ވަރަށް ދޫފަރިތައެވެ. ތާރާ ކީ ހުރިހާ އެއްޗެއް އިކާންގެ ސިކުނޑިއަށް ނަގައެއް ނަގަނެވުނެވެ.
"އެހެންތަ؟.. އަހަރެން ގެއަށް އައިސް ޖައްސާލައިގެން އޮއްވާ ނިދުނީ.. ދެންމެ މި ހޭލެވުނީ.... ވާނުވާ އަންގައްޗޭ... ތާރާ ކައިފިންތަ؟..." ފޯނަށް ވާހަކަ ދައްކަމުން އިކާން އެ ކޮޓަރިން ނިކުތެވެ. އޭރު ސިޓިންގް ރޫމުގައި ފިހިގަނޑަކާ ޖަސްތުގަނޑެއް ހިފައިގެން އަލީޝާ އުޅުނީ ޓައިލްސް މަތީ ހުރި ބިއްލޫރިކޮޅުތައް ނަގާށެވެ.
ފަހުން ގުޅާނަން ކަމަށް ބުނުމަށްފަހު ތާރާ ފޯނު ކަނޑާލިއެވެ. އިކާން ވެސް އެވަގުތު އަވަސްވެގަތީ ނުވަވަނަ ބުރިއަށެވެ. އެޕާޓްމަންޓްގެ ދޮރު ހުޅުވާލުމަށްފަހު އިކާން ލައިގެން ހުރި ހެދުންތައް ގައިން ވަކިކޮށްލުމަށްފަހު އޭނާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ. ރީތިކޮށްް ފެންވަރައިގެން އިކާން ނިކުމެ ގައިން ފެން ހިއްކާލިއެވެ. އެއަށްފަހު އަލަމާރި ހުޅުވާލުމަށްފަހު އޭގެން ނެގި ހުދު ކުލައިގެ ޝޯޓުބުރި ލިއެވެ. އިސްތަަށިގަނޑުގައި ހުރި ފެންތައް އަތުން ފޮޅާލަމުން އެނދާ ދިމާއަށް އިކާން އެނބުރިލީ ވަގުތު ބެލްކަނީ ދޮރު ހުޅުވިފައި ހުރިކަން އެނާއަށް އެނގުނެވެ.
ވަޔާއެކީ ދޮރުކައިރި ހުރި ދޮރުފޮތިތައް ވިހުރެމުން ދިޔައެވެ. އިކާން ކުރިއަށް ޖެހިލީ އެ ދޮރު ލައްޕާށެވެ. ނަމަވެސް އެ ވަގުތު އިކާންގެ ކަންފަތުގައި ޖެހުނު އަޑުން އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. ވޭނީ ރިހުމެއް އެއަޑުގައި އެކުލެވިގެން ވެއެވެ.
"ނުހަނު ލޯބިން މިތާ، ކުރީ ވައުދާ ހުވާދެހިތް ވަކިވެވި ނުދާ. އަރަންޏާ އިރުހަނދާ... ތެމިއްޖެ ލޯ ކަރުނައިން ރޮވިއްޖެ ތިޔަ ހަނދުމައިން.. ހިނގައްޖެ އުންމީދުތައް، މުޅިން ބޭކާރުވެގެން.. ޚިޔާލާ ފިކުރުގާ ހުރީ ވަރުބަލިވެފާ... ވަނީ ވެވިފާ ބާކީ.."
އެލަވައިގެ އަޑު އިކާންގެ ކަންފަތުގައި ޖެހުމުން ހިތަށް ގޮތްތަކެއް ވެގެން ދިޔަ ކަހަލައެވެ. ކެހިފައިވާ ދޮރުން ބޭރަށް ނިކުންނަން އިކާން ފިޔަވަޅު އަޅާލީ ވަށައިގެން ބަލާލަމުންނެވެ. އެއްފަރާތުގައި ހުރި ހުދުކުލައިގެ އުނދޯލީގައި އިށީންދެގެން މަޑުމަޑުން ހެއްލަމުން އޭނާ ލަވަ ކިޔަވަމުން ދިޔައިރު އޭނާ ހުރީ ފުން ވިސްނުމެއްގައިކަން އިކާނަށް އެނގުނެވެ.
ނިއުޅުވާލަފައިވާ ފަން އިސްތަށިގަނޑު ވަޔާއެކު ވިހުރެމުން ދިޔައިރު އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ކަޅު ކުލައިގެ ދިގު ހެދުމެއްގައި ހުރި އިރު އޭނާ ވަރަށް ވެސް ރީއްޗެވެ. އިކާން ކުރިއަށް ހިނގަމުން އައިސް މަޑު ޖެހުނީ އެ އުނދޯއްޔާ ދާދި ކައިރީގައެވެ. އިކާން އައިސްފި ކަން އެނގުމުން އިކާނާ ދިމާލަށް އޭނާ ބަލާލީ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްކައިރި ކޮށްލަމުންނެވެ.
ޖީބުން ސިނގިރޭޓް ފޮއްޓާ ލައިޓަރު ނަގާ އިކާން ސިނގިރޭޓެއް ރޯ ކޮށްލިއެވެ. އެއްވެސް ވަރަކަށް ވާހަކަ ދައްކަން އިކާން ބޭނުންނުވާ ކަހަލައެވެ. ސިނގިރޭޓްގެ ދުންތައް އެތެރެ ކުރަމުން ދިޔަ އިކާނަށް ސިހުމެއް ލިބުނީ އޭނާގެ އަތުގައި އެ ފިނި އަތުން ހިފާލުމުންނެވެ.
"އިކާން... އަހަރެން މިއަދު ވަރަށް އެކަނިވެރި ވެއްޖެ... މި ލަވަ މުޅި ދުވަހު ސިކުނޑީގަ މި އެނބުރެނީ.. އިކާނާ މީޓް ނުކޮށް ނުހުރެވޭނެ ކަން އިނގެޔެއްނު... މިލަވައަކީ އަހަރެމެން ދެމީހުންނަށް ވަރަށް ހާއްސަ ލަވައެއް... އިކާންގެ އަޑުން އަނެއްކާ ވެސް މިލަވަ އަޑުއަހާލާ ހިތްވަނީ... ހަނދާން އެބަހުރިތަ އަހަރެމެންގެ އެންމެ ފުރަތަމަ ބައްދަލުވި ރޭ... އޯ އިކާން އައި މިސްޑް ޔޫ..."
ކައިރީ ހުރި އަޅިކެނޑިއަށް ސިނގިރޭޓް ބުރި ނިއްވާލަމުން އިކާން ފުންނޭވާއެއް އެތެރެ ކޮށްލިއެވެ. އެބުނާ ދުވަހަކީ އިކާންގެ ހިތުން ފޮހެވޭނެ ދުވަހެއް ނޫނެވެ.
އިކާން ލަވައިގެ މައިގަނޑު ކިޔާލީ ދުރުގައި ހުރި މޭޒާ ދިމާއަށް މަޑު ފިޔަވަޅުތަކެއްގައި ހިނގަމުންނެވެ. އިކާން މޭޒާ އަރާ ހަމަވުމުން މަޑުޖެހުނެވެ. ލަވައިގާ ކިޔާ ކޮންމެ އިބާރާތެއް އޭނާއާ ދިމާއަށް އިނގިލި ދިއްކުރަމުން ދާ ކަހަލައެވެ. އިކާންގެ އަޑު ކެނޑުނީ އޭނާގެ ފަހަތުން މީހަކު ގައިގާ ބީހޭކަމުގެ އިހްސާސް ވުމުންނެވެ. އިކާން ދެލޯ މަރާ ބާރުކޮށްލިއެވެ.
ހަމަ އެއާއެކު އެނބުރި އެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ. ދެމީހުން އެކަތިގަނޑެއްހެން ތިބި އިރު އެދެމީހުން ތިބީ އެކަކު އަނެކަކުގެ ހޫނު އިހްސާސްކުރަން ބޭނުންވެފައެވެ. އެކަމަށް ފެންބޮވައިގެންފައެވެ. އިކާނަށް އޭނާގެ ނަފްސު ހިފެހެއްޓޭ ގޮތެއް ނުވިއެވެ.
*** *** *** *** *** ***
ބަތްޕެން ސަމްސަލެއް ތަހުމީނާގެ ތުނބުގައި ޖައްސާލަމުން ތާރާ ވާހަކަ ދެއްކިއެވެ. "މަންމާ... އަދި ކުޑަ އެތިކޮޅެއް ބޯލަބަލަ... މިއަދު ހެނދުނު ވެސް ރަނގަޅަށް ކެވުނީކީ ނޫން... ނުކަންޏާ ވެސް ހައްތަހާ ބަލި ވާނީ.... އަދި ކުޑަ އެތި ކޮޅެއް... ޕްލީސް..."
ބަތްޕެން ފޮދު ބޯލި ވަގުތު ކުޑަކޮށް ތަހުމީނާ ކޮށި އަރާގޮތް ވިއެވެ. ކައިރީހުރި ކަބަޑުމަތީ ބަތްޕެން ތަށި ބެހެއްޓުމަށްފަހު ފެންތަށި ތަހުމީނާގެ ތުނބުގައި ޖައްސަން ތާރާ އަވަސްވެގަތެވެ. ކުޑަ ފެންފޮދެއް ބޯލުމުން ތަހުމީނާގެ ކޮށި ކެއްސުމަށް ލުޔެއް ލިބިގެން ދިޔައެވެ. ޓިޝޫކޮޅަކުން މަންމަގެ ތުންފަތް ފޮހެދިނުމަށްފަހު ތާރާގެ މަންމަ އެނދުގައި ބާއްވާލިއެވެ. މަންމަގެ ގައިމަތީގައި ހުދު ރަޖާގަނޑު އަޅައިދިނުމަށްފަހު އެނދުކައިރީ ހުރި ޕްލާސްޓިކް ގޮނޑީގައި ތާރާ އިށީނެވެ.
ތަހުމީނާ އެނދުމަތިކޮށްފައިވާ ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވާލަމުން އާތިފް އެތެރެއަށް ވަނެވެ. އޭރު ދެމައިންނަށް ވެސް ވަނީ ނިދިފައެވެ. ތާރާގެ ބޮލުގައި އާތިފް މަޑުމަޑުން ފިރުމާލުމުން ސިހިފައި އޭނާއަށް ހޭލެވުމުން ދެލޯ ބޮޑުކޮށްލިއެވެ. "ބައްޕާ... ކޮންއިރަކު އައީ؟..." ގަދަކަމުން ދެލޯ ހުޅުވަން މަސައްކަތް ކުރަމުން ތާރާ ވާހަކަ ދެއްކިއެވެ.
- ނުނިމޭ -