"ސާބަސް އަޒްކާ.. ދޮންތި ހަނީމޫންގަ ހުރީމަ ބައްޕަމެން މިއުޅުނީ ދޮންތައަށް ނާންގަން... އިޓްސް ހަރ ހެޕީ މޯމަންޓް... ފަހުން ތާރާއަށް ސިންގަޕޯރއަށް އާދެވިދާނެ ނޫންތަ؟..." އާތިފް ހިތްހަމަނުޖެހި ހުރެ ވާހަކަ ދައްކަމުން ސިޓީންގް ރޫމުގައި ދެކޮޅަށް ހިނގަން ފެށިއެވެ.

"ދޮންތައަށް ނާންގާ އަަހަރެމެން ތިބިއްޔާ އޭނާ ދެރަވާނެ... މަންމައަށް ކަމެއް ވެއްޖިއްޔާ ޝީ ވޯންޓް ފޮގިވް އެނީ އޮފް އަސް... ދޮންތަ އަށް އިނގެން ޖެހޭނެ... ނޫންތަ ދައްތާ...." ޒުމްރާ އިށީނދެގެން އިން ސޯފާގެ އަތްގަަނޑު މަތީ އިށީންނަމުން އަޒްކާ ވާހަކަ ދެއްކީ އެންމެންގެ މޫނަށް ވަކިވަކިން ބަލަމުންނެވެ.

"އަޒްކާ އެބުނީކީ ވެސް ދޮގު ވާހަކައެއް ނޫން... ތާރާއަށް އަންގަންވާނެ... ފަހުން ހަމަޖެހިގެން އެކުދިންނަށް ހަނީމޫނު ދަތުރެއް ދެވިދާނެ ނޫންތަ؟... ސޯ އެމީހުން އަންނަ ކަމަށް ވަންޏާ ތާރާ ކައިރީ އަހައިގެން ސިންގަޕޫރަށް ދާ މީހުން ބަލާފަ ރިޒަވޭޝަން ހަމަޖައްސާ..." ޒުމްރާ މިހެން ބުނެ ސޯފާއިން ތެދުވެ ތަހުމީނާގެ އަތުގައި ހިފާލިއެވެ. ދުރުގައި ހުރި ކަމްލާވެސް އެވަގުތު އައިސް ތަހުމީނާގެ ގައިގާ ހިފެހެއްޓިއެވެ. އެ ދެމީހުންގެ އެހީގައި ތަހުމީނާ ކޮޓަރިއަށް ގެންދިޔައީ ތަހުމީނާ އަރާމުކޮށްލަން ބޭނުންވާތީއެވެ.

*** *** *** *** *** ***

ލަގެޖްތައް ޑިކީ ބަޔަށް ލުމަށްފަހު ތާރާ އާއި އިކާން ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ. ތާރާގެ އަތުގައި އިކާން ހިފާލީ ތާރާ ހާސްވެފައި ހުރިވަރު އެނގެތީއެވެ.

"ދެންމެ އެ ގުޅީ ބައްޕަ... ސިންގަޕޯރއަށް މާދަމާ ފުރާ ފްލައިޓެއް އިނީމަ... ރިޒަވޭޝަން ހަމަޖައްސަން... އިކާން ވެސް ދާނަން ދޯ!..." އިކާންގެ މޫނަށް ތާރާ ބަލާލިއެވެ.

"ނޫން... އައިމް ގޯނަ ސްޓޭ... ސްޓޫޑިއޯގެ މަސައްކަތްތައް ނިންމާލަން ހުރީމަ... ބަޓް ކަމެއް ގޯސްވަންޏާ އަންގާލާތި އަހަރެން އެންމެ އަވަހަށް ފުރާ އެއްޗަކުން ދާނަން... އެގޮތް އޯކޭ ވާނެތަ؟..." އިކާންގެ ހިޔާލު ހުރިގޮތް ހިއްސާކޮށްލުމުން ތާރާ ބޯ ޖަހާލީ ހިނިތުންވަމުންނެވެ. އެމީހުން ތިބި ކާރު މިސްރާބު ޖެހީ ޑުބާއީ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާއަށެވެ. އެވަގުތު ފޯނުން ތާރާގެ ބައްޕައަށް މެސެޖް ކޮށްލީ ސިންގަޕޯރަށް ދާނީ ތާރާ އެކަނި ކަމަށް ބުނާށެވެ.

ދިގު ދަތުރަކަށްފަހު އިކާންމެންގެ ދެމަފިރިން މާލެ އާދެވުނު އިރު އެމީހުން ބަލާ އާތިފް ފޮނުވި ޑްރައިވަރު ހުރީ އެމީހުން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ތާރާ ބޭނުންވީ އޭނާގެ މަންމަ ދެކިލަން ގެއަށް ދާށެވެ. އެގޭ ކައިރިއަށް ކާރު މަޑުކޮށްލުމުން ތާރާ އާއި އިކާން އަވަހަށް މިސްރާބު ޖެހީ ގޭތެރެއަށް ވަންނާށެވެ. ސެކިއުރިޓީ މީހާގެ އެދުމަށް އެ ދެމަފިރިންގެ ލަގެޖް މައްޗަށް ގެންދިޔުމަށް ޑްރައިވަރާ އެކީ އެގޭ މަސައްކަތު މީހެއް އަވަސްވެގަތެވެ.

އެޕާޓްންޓްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ތާރާ އަވަސްވެގަތީ ތަހުމީނާގެ ކޮޓަރިއާ ދިމާއަށެވެ. އިކާން ގޭތެރެއަށް ވަދެ ސިޓިންގް ރޫމްގައި މަޑުކޮށްލިއެވެ. ތަހުމީނާ އޮތް ހާލު ފެނުމާއެކީ ތާރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރިގަތެވެ.

"ތާރާ... ކޮން އިރަކު އައީ؟... ކޮބާތަ އިކާން؟..." ބަލި އަޑުން ތަހުމީނާ ވާހަކަ ދެއްކި އިރު އޭނާގެ ގައިގާ އެއްވެސް ވަރެއް ނެތްކަހަލައެވެ.

އިކާނަށް ތާރާ ގޮވާލިއެވެ. އޭރު އިކާނާ އެކީ އާތިފް ބޭރުގައި ވާހަކަ ދައްކަން ތިއްބެވެ. އެ ދެމީހުންވެސް ތަހުމީނާ އޮތް ކޮޓަރިއަށް އަަވަސްވެގަތެވެ. އެނދު ވަށާ އެންމެން ތިބީ ތަހުމީނާ ދައްކާ ވާހަކައެއް އަޑުއަހާށެވެ.

"މަންމަމެން އެއްކޮށް ސިންގަޕޫރަށް ބަދަލުވާން މި ވިސްނަނީ.. އަޒްކާ އެކޮޅުން ކޮލެޖަށް ވައްދަން ހުރިހާ ކަމެއް ދައްތަ ހަމަޖައްސާނެ... އެހެންވީމަ އެކޮޅުގަ އަހަރެމެން މަޑުކުރާތީ މިގެ ހުންނާނީ ހުސްކޮށް.. މަންމަ ބޭނުންވަނީ ތި ދެކުދިން މިގޭގަ ދިރިއުޅެން... މަންމައާ އެކީ ކަމްލާ ވެސް އެކޮޅަށް ދާނެ... އެކަމަކު ދައްތަމެން ގެއިން ނޯކަރެއް މިގެއަށް ހަމަޖައްސާނަން... އެގޮތް ކިހިނެއް ވަނީ... މަންމަ ބޭނުމެއް ނޫން މިތަން ހުހަށް ބަހައްޓާކަށް.. އަދި ކުއްޔަށް ދޭކަށް ވެސް..." ތަހުމީނާގެ އެދުން ހާމަކުރުމުން ތާރާއަށް ބަލާލެވުނީ އިކާންގެ މޫނަށެވެ.

އިކާންމެން ގެއިން އެމީހުންނަށް ތައްޔާރުކޮށްފައިވާ ރީތި އެޕާޓްމަންޓް ހިތަށް އެރުމުން އިކާން ދޭނެ ޖަވާބަކާ މެދު ވިސްނާލަން ތާރާއަށް މަޑުކޮށްލެވުނެވެ. ތާރާގެ މޫނަށް ބަލަން ހުރުމަށްފަހު އިކާން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ."

އަޅުގަނޑުގެ މައްސަލައެއް ނެތް؟... މިގޭގަ އުޅެން ވިޔަސް... ތާރާ މަންމަގެ އެދުމެއްނު... އަޅުގަނޑު ހަމަ ހިިތުން ރުހުމާއެކު ގަބޫލު... އަޅުގަނޑުމެން އުޅޭނީ މިތާގަ... ކީކޭ ތާރާ ބުނަނީ؟..." އިކާންގެ ނިންމުން ހާމަކުރުމުން ތާރާގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަ ފާޅުވެގެން ދިޔައެވެ. އުފަލުން ތާރާ ބޯ ޖަހާލުމަށްފަހު އޭނާގެ މަންމަ ގާތަށް ޖެހިލަމުން މަންމަގެ އަތުގައި ފިރުމާލިއެވެ.

އެއަށްފަހު އިކާންގެ މޫނަށް ބަލާލިއިރު ތާރާ ހިނިތުންވެލަމުން ތުންފަތް ހަރަކާތްކޮށްލިއެވެ. އިކާން ހުރީ ތާރާގެ ހަރަކާތަށް ބަލަން ކަމުން ތާރާ ބުނީ ކީކޭކަން އޭނާއަށް އެނގުނެވެ. "އައި ލަވް ޔޫ...." ތާރާ އެހެން ބުނީ އޭނާގެ މަންމަގެ އެދުމާ އެއްގޮތަށް އިކާންގެ ނިންމުން ހާމަ ކުރީމަ ކަން އިކާނަށް އެނގުނެވެ.

ހިނިތުންވެލަމުން އިކާން އެކޮޓަރިން ނިކުންނަން ހިނގައިގަތީ ސްޓޫޑިއޯއަށް ވަދެލަން ޖެހޭ ވާހަކަ ބުނަމުންނެވެ.

ނިދިފައި އޮތް ތާރާއަށް ހޭލެވުނީ އޭނާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. ދެލޯ ހުޅުވާލަމުން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމުން މިއޮވެވުނީ ކޮންތާކުކަން އޭނާއަށް ރޭކާލިއެވެ. ތަހުމީނާގެ މޫނަށް ބަލާލަމުން ތާރާ އެނދުން ތެދުވިއެވެ. އަދި ފޯނުގައިވާ ގަޑިއަށް ބަލާލުމަށްފަހު ފްލައިޓް އޮތް ގަޑި އޮޅުން ފިލުވަން އާތިފްގެ ނަންބަރަށް ގުޅާލިއެވެ.

"ކޮބާ ހޭލެވުނީދޯ... ބައްޕައާ އެކީ ކޮފީއެއް ބޮއެގެން އިކާން ސްޓޫޑިއޯއަށް ރޭގަ ދިޔައީ... މިހާރު ސައިބޮއެގެން ފުރަންދާން ނައްޓާލަންވީ.. ތާރާއަށް ނިދިފަ އޮތީމަ ބައްޕަ ނުގޮވީ...." ސިޓިންގްރޫމަށް ތާރާ ނިކުތީ އަޒްކާ ހޭލައިފިތޯ ބަލާށެވެ. އޭނާއަކީ އެހާ ތަތްކޮށް ތައްޔާރުވާ ކުއްޖެކެވެ. ތާރާ އާއި އިކާންގެ ލަގެޖް ސިޓިންގް ރޫމުގައި ހުރިތަން ފެނުމުން ތާރާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ދަތުރަށް ތައްޔާރީތަކެއްވެ ޕެކްކުރަން ނުޖެހޭނެކަން އޭނާއަށް އެނގުމުން ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

އަޒްކާއަށް ގޮވާލަމުން އެކޮޓަަރީގެ ދޮރު ތާރާ ހުޅުވާލިއެވެ. އަޒްކާ ހުރީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ދަބަސް ވެސް ޕެކް ކޮށްގެންނެވެ. ސިންގަޕޫރަށް ދެވޭތީ އެކަމާ އުފަލުން ރޭގަަ އޭނާ ނުނިދާ ހުރެ ޕެކްކޮށް އެންމެނަށް ވުރެ ކުރިން އޭނާ އެހުރީ ތައްޔާރު ވެގެންނެވެ.

"ތާރުގަނޑޫ.. ދޭ ފެންވަރައިގެން ރީތި ވާން... ގަޑިއަށް ރެޑީވެގެން ހުންނާތި.. ޑޯންޓް ބީ ލޭޓް... ކޮބާ މަންމަ.." އަޒްކާ އެކޮޓަރިން ނިކުމެ ތަހުމީނާ ކޮޓަރިއަށް ދާން އަވަސްވެގަތެވެ. ތާރާ ވެސް އަވަސްވެގަތީ އަވަހަށް ތައްޔާރުވާށެވެ. ތާރާގެ ކޮޓަރިއަށް ވަންނަމުން ޖިންސު ޖީބުގައި އޮތް ފޯނު ނަގާ އިކާންގެ ނަންބަރަށް ގުޅާލިއެވެ.

"ހެއި.. ސޮރީ ސްޓޫޑިއޯގަ އިންދާ ނިދުނީ... ކޮންއިރަކު ފުރަނީ؟..." ފޯނު ނެގުމަށްފަހު އިކާން ވާހަކަ ދެއްކީ ކަންނެތް ގޮތަކަށެވެ.

"އިރުކޮޅަކުން ނައްޓާލަން މިއުޅެނީ.... ފުރުމުގެ ކުރިން ގެއަށް އާދެބަލަ.. ބައްޕަ ބުނި އިކާނަށް ތަޅުދަނޑި ދޭންވެގެން އިކާން ކޮބާހޯ... އާދޭ އަވަސްކޮށްލައިގެން ސައިބޯން... ލަސް ނުކުރައްޗޭ...." ތާރާ ފޯނު ކަނޑާލުމަށްފަހު އަވަސްވެގަތީ ފާޚާނާއަށް ވަދެ ރީތިވާށެވެ. ރީތިވެގެން ތާރާ ބޭރަށް ނިކުތް އިރު އިކާން ސިޓިންގް ރޫމުގައި އިންތަން ފެނުމުން ހިތްހަމަޖެހުމެއް ލިބުނެވެ. އިކާން ގާތަށް ގޮސް ސައިބޯން އަންނާށޭ ތާރާ ބުނެލުމުން އިކާން ސޯފާއިން ތެދުވެ ތާރާގެ އަތުގައި ހިފާލިއެވެ.

"ބައްޕަ ތަޅުދަނޑި ދީފި..." ތާރާއާ ގާތްވެލަމުން އިކާން ބުނެލިއެވެ. "ބަޓް.. ތާރާ އަންނަންދެން އައިވިލް ސްޓޭ އިން މައި ޕްލޭސް... އޯކޭތަ؟..." ތާރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އިކާން ބޭނުންވާ ގޮތް ހާމަކޮށްލިއެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތޭ ބުނެލަމުން ތާރާ ބޯޖަހާލީ ހިނިތުންވަމުންނެވެ.

ތާރާގެ މަންމައާއި ބައްޕަ އާއި އަޒްކާ އަދި އިކާންމެންގެ ދެމަފިރިން ސައިބޯން މޭޒު ދޮށުގައި ތިބިއިރު އެކި ކަހަލަ ވާހަކަތައް ހިއްސާ ކުރަމުން ދިޔައެވެ. ހުޅުލެއަށް ދާންޖެހޭ ގަޑި ކައިރިވުމުން ތާރާ، އިކާންގެ ގައިގާ ބައްދާލިއެވެ. ގޭޓް ކައިރީ ތިިބި އެންމެންނަށް އެމަންޒަރު ފެނުމުން ތާރާއާ ދިމާކޮށްލިއެވެ. ތާރާއާ ސަލާމް ކޮށްލަމުން އިކާން މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާއަށެވެ. ތާރާމެން ހުޅުލެއަށް ދާން ޓަރމިނަލާ ދިމާއަށް ދަތުރު ފެއްޓިއެވެ.

- ނުނިމޭ -