ވިޔަސް އޭނާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. ތާރާގެ މަގަތުގައި އިކާން އޮށޯންނަމުން އޭނާގެ އަތުން ތާރާގެ އުނަގަނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. ތާރާ މަޑުމަޑުން އެނބުރިލަމުން އިކާނާ ގާތްވެލީ ދެލޯ މަރާލަމުންނެވެ. ދެމީހުން ތިބީ އެކަކު އަނެކަކުގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައެވެ.

ތަރާގެ އިސްތަށިގަނޑުގައި އިކާން ހިފާލަމުން މޫނާމޫނު ގާތްކޮށްލިއެވެ. އެ ބީހިލުމަށް އިންތިޒާރު ކުރަމުން ދިޔަ ތާރަ އޮތީ ކެތްމަދުވެފައެވެ. އެ ވަގުތު އިކާންގެ ފޯނު ވައިބްރޭޓް ވިއެވެ. ތާރާ ބޯ ހިއްލާލަމުން އެ ފޯނާ ދިމާއަށް ބަލާލިއެވެ.

ހަމަ އެ ވަގުތު ތާރާގެ ފޯނު ރިންގްވިއެވެ. އެހެންކަމުން ތާރާ އެނދުން ތެދުވެ ފޯނު ނަގަން އަވަސްވެގަތެވެ. ތާރާގެ ފޯނު ނަގަމުން އިކާންގެ ފޯނުވެސް ނަގާ އިކާން އަތަށް ދިއްކޮށްލިއެވެ.

"ހަލޯ... އާން ބައްޕާ.. މިހިރީ މިހާރު ރޫމްގަ.. ވަރަށް ސަޅި ހޮޓަލެއްގަ މިތިބީ..." ތާރާ އެނދުން ތެދުވެގެން ބެލްކަންޏާ ދިމާއަށް ހިނގައިގަތީ އޭނާގެ ބައްޕައާ ވާހަކަ ދައްކަމުންނެވެ.

އިކާން ފޯނުގެ ޑިސްޕްލޭ ހުޅުވާލަމުން ދެންމެ އައި މެސެޖް ބަލާލަން ވައިބާ ހުޅުވާލިއެވެ. މެސެޖް ފޮނުވި މީހާ ފެނުމުން އިކާނަށް ބަލާލެވުނީ ބެލްކަނީގައި ހުރި ތާރާއާ ދިމާއަށެވެ.

ފޯނަށް ވާހަކަ ދައްކާ ނިންމާލުމަށްފަހު ތާރާ އެތެރެއަށް ވަނީ ވަރަށް އުފަލުން ހުރެއެވެ. އޭރު ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ބަލަން އިކާން އޮތް ތަން ފެނުމުން އިކާނާ އޭނާ ގާތްވެލިއެވެ. އިކާންގެ މަގަތުގައި އިށީންދެ އިކާންގެ މޭގައި ފިރުމާލިއެވެ. ހިނިތުންވަމުން އިކާން ބަލާލީ ތާރާގެ މޫނަށެވެ.

"ދެންމެ އެ ގުޅީ ބައްޕަމެން... އަޒްކާ ވެސް ހުރީ ވަރަށް އެކްސައިޓްވެފަ... ބައެއް ފޮޓޯތައް އަޒްކާއަށް ދައްކާލަން ވައިބާ ކޮށްފިން... ކާކު އިކާނަށް މެސެޖް ކުރީ...." ތާރާ އިކާންގެ މޫނާ ގާތްވަމުން އަހާލިއެވެ.

"އެއީ ސްޓޫޑިއޯ ކަމެއްގަ ފިއްޓެ މެސެޖް ކުރީ..." ތާރާގެ ދެ ލޮލަށް ފުން ނަޒަރަކުން ބަލާލަމުން އިކާން ޖަވާބު ދިނެވެ.

"އޯކޭ... ތާރާ އެބަ އަންނަން ޓޮއިލެޓަށް ވަދެފަ އިނގޭ..." ތާރާ މިހެން ބުނަމުން އެނދުން ތެދުވިއެވެ.

ފާޚާނާއަށް ވަދެ ތާރާ ދޮރު ލައްޕާލުމުން އިކާން އެނދުމަތިން ތެދުވެ އޭނާގެ ދެއަތް އުފުލާލަމުން ކިހިލިފަތްދަށުން ވަސް ބަލާލިއެވެ. އެއަށްފަހު ރީތިވާ މޭޒު މަތީހުރި ބޮޑީ ސްޕްރޭ ފުޅި ގަޔަށް ބުރުއްސާލިއެވެ. ކޮޓަރި ތެރެއަށް އެއަރފްރެޝްނާ ކޮޅެއް ޖަހާލަމުން ކޮޓަރީގައި ހުރި ނިދާ ބޮކީގެ އަލި މަޑުކޮށްލިއެވެ. އެއަށްފަހު އެނދާ ހަމައަށް ގޮސް އެނދުމަތީގައި އޮތް ކަފަ ރަޖާގަނޑު ރީތި ކޮށްލުމަށްފަހު ކުރިންވެސް އޮތް ގޮތަށް އެނދުގައި އޮށޯތެވެ.

ފާޚާނާއިން ނުކުތް ތާރާ ފެނުމުން އިކާން އަތުގައި އޮތް ރިމޯޓުން ޓީވީ ނިއްވާލިއެވެ. އަލަމާރި ކައިރިއަށް ތާރާ ހިނގައިގަތެވެ. ދަބަސް ހާވާލަމުން އަނބުރާ ފާޚާނާއަށް ވަނެވެ. ތާރާ އިތުރު ސަޕްރައިޒެއް ދޭން އުޅެނީއޭ އިކާނަށް ހީވުމުން އިތުރަށް އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. ފަސްވަރަކަށް މިނެޓް ވީފަހުން ތާރާ ނުކުތެވެ. އިކާން މަޑުމަޑުން ތާރާއާ ދިމާއަށް ބަލާލިއެވެ. އޭނާ ލައިގެން ހުރި ހެދުން ވަނީ ބަދަލުވެފައެވެ. ކުރު ޝޯޓް ބުރިއަކާ ޓީޝާޓް ކޮޅެކެވެ.

އިކާން ކައިރިއަށް އައިސް އެނދުގައި ތާރާ އޮށޯތެވެ. ހަށަން ބަނދެލައިގެން ސީލިންގާ ދިމާއަށް ތާރާ ބަލަން އޮތެވެ. އިކާނަށް ތާރާގެ ފަރާތުން ތަފާތު ކަމެއް ފާހަގަ ވިއެވެ. ތާރާއާ ދިމާއަށް އެނބުރެމުން އިކާން އޭނާގެ އަަތް ތާރާގެ ހަށިގަނޑުގައި ވަށާލިއެވެ. އިކާނާ ކުރިމަތިލާން ތާރާ އެނބުރިލީ އިރު އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔަކަން އިކާނަށް އެނގުނެވެ. ހުއްޓުން އަރާފައިވާ ތާރާގެ މޫނަށް ބަލަން އިކާނަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ.

"ކިހިނެއްވީ؟... އަޒްކާ މެން މިސްވަނީ ދޯ..." އިކާން ވާހަކަ ދެއްކީ ތާރާގެ ބޮލުގައި ފިރުމާލަމުންނެވެ. އިކާންގެ އަތުތެރޭގައި ބޮޑިވެލަމުން ތާރާ ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. "ވަރަށް ފޫހިވާ ކަމެއް ވެއްޖެ... ދެން... ވަރަށް ފޫހިވޭ..." ތުންގަނޑު ހަދައިގެން އޮތް ތާރާގެ ދަތް ދޮޅިގައި ހިފާ އިކާން އުފުލާލަމުން އެމޫނަށް ބަލާލީ ވެގެން އުޅޭ ގޮތެއް އިކާނަށް ނޭނގޭތީއެވެ.

ކުސްތަޅަމުން ސިއްރުސިއްރުން ތާރާ ބުނި ޖުމްލައިން އިކާންގެ ދެލޯ ބޮޑު ކޮށްލިއެވެ. އެއަށްފަހު އެއީ މާ ބޮޑު ކަމެއް ނޫނޭ ބުނަމުން ތާރާގެ ގައިގާ އިކާން ބައްދާލިއެވެ.

*** *** *** *** *** ***

ހަނީމޫނު ދަތުރުގެ ތިންވަނައަށް ވީ ދުވަހު ތާރާމެން ޝޮޕިންގް ކުރަން ބޮޑު ޝޮޕިންގް މޯލެއްގައި ތިބި ދުވަހެވެ. ތާރާގެ ފޯނު ރިންގްވުމުން ފޯނަށް ޖަވާބުދޭން އެއްފަަރާތަކަށް ޖެހިލިއެވެ. "ހެއި މިސްޑްޔޫ ސޯމަޗް.... ކިހިނެއްތަ ހުރިހާ ކަމެއް؟.. ކޮބާތަ އިކާން...؟" އުލްފާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

"އިކާންވެސް އެބަ އުޅޭ... މި ތިބީ ޝޮޕިންގް މޯލެއްގަ... އުލްފާ މެން ރަނގަޅުތަ؟" ތާރާ ވާހަކަ ދައްކަމުން އެއްފަރާތުން ހުރި ރެއިލިންގް ދަގަނޑުގަނޑާ ކައިރި ވެލިއެވެ.

"ހެހެހެ.. އެވާހަކަ އެއް ނޫނޭ... ޖަސްޓް ވޯނަ ހިޔަ ހައުވޯޒް ޔޯ ފަސްޓް ނައިޓް..." އުލްފާ ހިނިގަނޑެއް ޖަހާލަމުން އަހާލިއެވެ.

"އެވާހަކަ ދޯ!... އަސްލު އަދިވެސް އެއްވެސް ކަމެއް ނުވޭ... މިކޮޅަށް އައި ތަނުން އަހަރެން ޕީރިއަޑް ވެއްޖެ!... ވަރަށް ވައިދެން.... މިހެން ހުރެ ޓްރެވެލް ކުރަންވީމަ... ފޫހި ކަމެއް... ބަޓް ނޯ އަދަރ ޗޮއިސް... އުލް... ގެއިން އެބަަ ގުޅާ... ވިލް ކޯލް ޔޫ ލޭޓަރ..."

އުލްފާގެ ކޯލް ކަނޑާލަމުން އަޒްކާގެ ކޯލް ތާރާ ނަގާ ހަލޯ އޭ ބުނެލީ ދަތް ދިލުވައިގެން ހުރެއެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔަ އިރު އެ ހުރިހާ ވާހަކަތަކެއް ކަނުލާ އަޑުއަހަން އިން ތާރާގެ މޫނުމައްޗަށް ކަންބޮނޑުވުމުގެ ކުލަތައް ފާޅުވާން ފަށައިފިއެވެ.

*** *** *** *** *** ***

ސިޓިންގް ރޫމް ސޯފާގައި އިށީނދެގެން އިން ޒުމްރާ ވާހަކަ ދައްކަމުން ދިޔައީ ތަހުމީނާ އާއެވެ. "ދެން މަޑުކުރާކަށް އަހަންނަކަށް ނުފެނޭ... މާ ބޮޑުވަރު ނުވަނީސް ހިނގާ ފުރަން... އެކޮޅުގަ ސްޓޭގެ ހުރިހާ ކަމެއް ހަމަޖެހިފަ އޭނީ... ތާރާމެން ހަނީމޫނުގަ ތިއްބާ މިވާހަކަތައް ހިއްސާ ކޮށްފިއްޔާ އޭނާ އެތާކު ނުހުންނާނެކަން ތަހުމީނާއަށް އިނގޭނެ..."

"ތިކަން އިނގޭ.... އެކަމަކު ތާރާއަށް ނޭނގި ފުރަންވީމަ... އެކަމަކު ބުނެފިއްޔާ އޭނާ މަޑެއް ނުކުރާނެ... އެންމެ ރަނގަޅު ގޮތަކީ ފުރުން އަވަސްކުރުން... އަހަރެން ފުރަން އެއްބަސް..." ފުން ވިސްނުމެއްގައި އިނުމަށްފަހު ތަހުމީނާގެ ނިންމުން ހާމަ ކުރިއެވެ. ތަހުމީނާގެ ހިޔާލު ބަދަލުކޮށްލެވުނީތީ އެކަމާ އާތިފް ވެސް ވަރަށް އުފާ ކުރިއެވެ. ޒުމްރާގެ އަތުގައި ހިފާލަމުން އާތިފް އޭނާގެ ފޯނު ނެގީ ރިޒަރވޭޝަން ހަމަޖައްސަން އޭނާގެ ސެކެޓްރީއަށް ގުޅާށެވެ.

ފޯނު ކަނޑާލި ތަނާހެން އާތިފްގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް ހުޅުވާލިއިރު އެއީ ތާރާ ފޮނުވާފައިވާ މެސެޖެކެވެ. މިރޭގެ ފްލައިޓުން ތާރާ މާލެ އަންނަ ވާހަކަ ބުނެފައިވުމުން އެކަމާ އާތިފް ހައިރާންވިއެވެ. އާތިފްގެ މޫނަށް ބަލަން ތިބި ޒުމްރާ އާއި ތަހުމީނާއަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. އާތިފްގެ ފަރާތުން ޖަވާބެއް ލިބޭނެކަމަށް އެމީހުން އެދިގެން ހުރި ނަމަވެސް އާތިފްގެ ދޫ ހަރަކާތެއް ނުކުރިއެވެ.

އާތިފްއާ ދިމާއަށް ނަޒަރު ހުއްޓިފައި ތިބި އެންމެންގެ ސަމާލުކަން ދަމައިގަތީ އޭރު ކޮޓަރި ތެރެއިން ވަތް އަޒްކާގެ އަޑަށެވެ. "ހެއި މިރޭ ދޮންތަ އެބަ އާދޭ... ޝީޒް ކަމިންގް ޓުނައިޓް...."

"ވަޓް..." ޒުމްރާއަށް ބުނެވުނީ އެހިސާބަށެވެ. އެންމެންވެސް ތިބީ ހައިރާންވެފައެވެ. ޖަވާބެއްގެ އިންތިޒާރުގައި އެންމެން ބަލަން ތިބީ އަޒްކާއާ ދިމާއަށެވެ.

"އައި ޓޯލްޑް ހާ.. މަންމަ ބަލި ވާހަކަ... އެންޑް ސިންގަޕޯރ އަށް ދާން އުޅޭ ވާހަކަ... ސޯ ދޮންތި ބުނި މި ބަލަނިއްޔޯ މާލެ ދެވޭނެ އެންމެ އަވަސް ފްލައިޓަކުން ޖާގަ ލިބޭ ތޯ... އެންޑް ލުކް ޝީ ޑިޑް އިޓް..." އަޒްކާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން އާތިފް އުނަގަނޑުގައި އަތްވިއްދާލިއެވެ.

"ސާބަސް އަޒްކާ.. ދޮންތި ހަނީމޫންގަ ހުރީމަ ބައްޕަމެން މިއުޅުނީ ދޮންތައަށް ނާންގަން... އިޓްސް ހަރ ހެޕީ މޯމަންޓް... ފަހުން ތާރާއަށް ސިންގަޕޯރއަށް އާދެވިދާނެ ނޫންތަ؟..." އާތިފް ހިތްހަމަނުޖެހި ހުރެ ވާހަކަ ދައްކަމުން ސިޓީންގް ރޫމުގައި ދެކޮޅަށް ހިނގަން ފެށިއެވެ.

- ނުނިމޭ -