ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަން ކުރައްވައިފިއެވެ.

ހިކުމާ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ހިކުމާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އަދި މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ހިކުމާއާ ހަވާލުކުރައްވާފައެވެ.

ރައީސްގެ ކުރިމަތިފުޅުގައި ހިކުމާއަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއުއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ހިކުމާ މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވާފައެވެ. އަދި ހިކުމާ ވަނީ އެވިޑް ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން ހާސިލުކުރައްވާފައެވެ.