އަހަރުމެންގެ ދިރިއުޅުމުގެ ކަންކަން ބިނާވެފައި ހުންނަގޮތުން ކަންކަމާ މާޔޫވެސް، ދެރަވެ، ފިކުރު ބޮޑުވާނަމަ، އެންމެ ފަސޭހައިން ނުވަތަ އެންމެ އަވަހަށް ކޮށްލެވޭ ކަމަކީ ކަންކަމުން އެކަހެރިވެ، އެކަނިވެރިވުމެވެ. މިއަށް ކިޔާ އުޅެނީ 'ސްޓްރެސް' އެވެ. ސްޓްރެސްވުމުން އެއްބައި މީހުން އެފަދަ ކަންތައްތަކާ ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާ މީހުން ނަމަވެސް އަނެއްބައި މީހުންނަކީ ކުޑަ މިންވަރަށް ނަމަވެސް މީހުންގެ އެހީތެރިކަން މިފަދަ ކަންތައްތަކުގައި ބޭނުންވާ މީހުންނެވެ.

މިއީ ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކުނު ނަމަވެސް މިިއީ ހީ ކުރާ ވަރަށް ވުރެ ބޮޑު ކަމެކެވެ. ސްޓްރެސްގެ ސަބަބުން އިންސާނާގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ އިތުރުން ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. އަދި އެކަމުން މާ ގޯސްވެއްޖެ ނަމަ މުޅި މީހާގެ ދިރިއުޅުމަށްއޭގެ އަސަރު ކުރުވައެވެ. އެހެންވީމާ ސްޓްރެސް ފިލުވަން ކޮންމެވެސް ކަހަލަ ގޮތްތަކެއް ހޯދަން ޖެހޭއިރު ކިޔުންތެރިންނަށް މި ލިޔުމުގައި ގެނެސްދެނީ މި ސްޓްރެސް ވެއްޖެ ހާލަތެއްގައި ކުރެވިދާނެ ދެތިން ކަމެއްގެ ވާހަކައެވެ.

ސްޓްރެސް ވާހެން ހީވާ ނަމަ ނޭވާލުން މެނޭޖް ކުރުން:

ކަންކަމާ ހާސްވެ ކަންބޮޑުވާ ހާލަތުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ފުންކޮށް ނޭވާލުން ކަމުގައި ދިރާސާތަކުން ދައްކައެވެ. އެއީ ފުންކޮށް ނޭވާލުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ”ސްޓްރެސް ހޯމޯންސްތައް“ ބޭރުކޮށްލާ މީހާ ހަމަޖެހުމަށް ފަސޭހަވެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ނޭފަތުގެ ކޮޅަށް މީހާގެ ސަމާލުކަން ގެނައުމެވެ. އެއަށްފަހު ހަތް ފަހަރަށް ފުންކޮށް ނޭވާ ލާށެވެ. މިގޮތަށް ނޭވާ ލާން އާދަ ކުރުމުގެ ސަބަބުން މީހާގެ ސްޓްރެސް ފިލުވާލައި އެހެން ކަމަކަށް ސަމާލުކަން ދެވޭނެއެވެ.

ސްޓްރެސް ފްރީ ކުރުމަށް ފުން ކޮށް ނޭވާ ލަނީ

ނުރަނގަޅު ހިޔާލުތަށް އުފެދޭ ނަމަ އެ ހިޔާލުތައް ފޮހެލުމަށް ފުރުސަތު ދިނުން

ނުރަނގަޅު އަދި ގޯސް ހިޔާލުތަކެއް އުފެދޭ ނަމަ އެ ހިޔާލުތައް ފުރިހަމަ ވުމުގެ ކުރިން، އޭގެ ބަދަލުގައި ރަނގަޅު ކަމަކަށް ވަގުތު ހުސްކޮށްލާށެވެ. މިސާލަކަށް ގަހެއް ހޯދައި އެ ބެލެހެއްޓުން، ނުވަތަ އޮޅުކޮށްގެން ޖަނަވާރެއް ގެންގުޅޭ ނަމަ އެއަށް ވަގުތު ދިނުން ހިމެނެއެވެ.

އެކަނި ވަގުތު ހޭދަ ނުކޮށް އާއިލާ ނޫންނަމަ ރައްޓެހިންނާއެކު ވަގުތު ހޭދަކުރުން

ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި އާއިލާއާއި ގާތް ރަހުމަތްތެރިންގެ އެއްބާރުލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެހެންކަމުން އިތުބާރުކުރެވޭ ގާތް ބަޔަކާ އެކު ވަގުތު ހޭދަކޮށްލާ ކަންކަން ހިއްސާކުރުމުން ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އާއިލާއާއި ރައްޓެހިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށް ހީ ސަމާސާކޮށް ހަދާލާށެވެ. ސްޓްރެސްވި ކަންކަމުން ދުރުވުމަށް އެހީއަކަށް ވާނެއެވެ.

އެކުވެރިންތަކެއް މަޖާ ކުރަނީ

ނަމާދުކޮށް ދުއާ ކުރުން

ނަމާދަކީ އޭގައި އެތަށް ފައިދާތަކެއް ވާ އަޅުކަމެެއް ކަމަށްވާއިރު ގަވާއިދުން ހުރިހާ ނަމާދެއް ނާޅާ ކުރާނަމަ މީހާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ. އަދި ހަމައެހެންމެ ދަތި އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ އަބަދުވެސް މާތްﷲ ހަޒަރަތުގައި ދުޢާ ދަންނަވައި އެކަލާނގެއާއި ދެމެދުގައިވާ ގުޅުން ބަދަހިކުރުމަކީ ސްޓްރެސްއަށް އޮތް އެންމެ ބޮޑު ފަރުވާއެވެ.

ދުއާ ކުރަނީ

ކެފެއިން އަދި ނިކޮޓިން އެކުލެވޭ ބާވާތްތަކާ ދުރުވުން

މީހާ ހާސްވެ ކަންބޮޑުވާގޮތް މެދުވެރިވުމުން އެކަމާ ދުރުވަން މީހުން ކޮށް އުޅޭ އެންމެ ނޭދެވޭ ކަމަކީ ކެފެއިން ނުވަތަ ނިކޮޓިން ހިމެނޭ ތަކެތި ބޭނުން ކުރުން ނަމަވެސް މި އަމަލުތަކުގެ ސަބަބުން ހަށިގަނޑަށް ދެވެނީ އިތުރު ވޭނެކެވެ. އެއީ އެފަދަ ތަކެއްްޗަކީ އެތަކެތި ބޭނުން ކުރުމުން ހާސްކަން ކަނޑުވައި ކަންބޮޑުވުމާއި ދުރުކޮށްދިނުމަށްވުރެ ބޮޑަށް މީހާ ހާސްކޮށްދޭ ތަކެއްޗެވެ. އޭގެ ބަދަލުގައި ގިނައިން ފެން ބޮއެ ހާބަލް ސަޔާއި މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސްތައް ބޯން އާދަކުރާށެވެ. އޭރުން ހަށިގަނޑުގެ ސިއްހަތައް ވެސް ފައިދާ ވާނެއެވެ.

ކެފެއިން އާއި ނިކޮޓިން އަކީ ސްޓްރެސްގެ ބައިވެރިއެއް، އެތަކެއްޗާ ދުރުވޭ

މީގެ އިތުރުންވެސް ސްޓްރެސް ފިލުވާލުމަށް އެތައް ކަމެއް ކުރެވިދާނެއެވެ. އެހެންކަމުން ނުބައި ހިޔާލުތައް ގިނަވެ ބޯ ހާސްވެ އޭގެ ސަބަބުން ސިއްހަތައް އަސަރު ކުރާނަމަ މަތީގައި ދެންނެވުނު ކަންތައްތަކާމެދު ވިސްނައި، މިކަންތައްތައް ކޮށްލުން ބުއދިވެރިވާނެއެވެ. އަދި މިހެން ކަންތައް ކުރާނަމަ ދިރިއުޅުމުގެ ކަންކަމުގައި ސްޓްރެސްވާ ވަރު މަދުވެ، ހުރިހާ ނިންމުންތަކެއްވެސް ވަރަށް ހަމަޖެހިލައިގެން ހުރެ ނިންމޭނެއެވެ. އަދި ދިރިއުޅުން އުފާވެރިވެ ބާއްޖަވެރި ވެސް ވާނެއެވެ.