ޕާސްތާއަކީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލު ކާނާއަކަށްވާއިރު އޭގެ އަސްލު އައިސްފައި ވަނީ ޔޫރަޕްގެ ގައުމެއް ކަމަށްވާ އިޓަލީ އިންނެވެ. ތަފާތު ވައްތަރުގެ ސޯސް ބޭނުންކޮށްގެން ތައްޔާރު ކުރާ މި ޕާސްތާގެ 300 އަށްވުރެ ގިނަ ބައްޓަން އެކުލެވެއެވެ. އެގޮތުން ސްޕެގެޓީ، ފެތުޗީނީ، ޕެނޭ، ރެވިއޯލީ، ލަޒާނިއާ، މެކަރޯނީ އާއި ޓޯޓެލީ ހިމެނެއެވެ.
އެގޮތުން ޕާސްތާގެ ބާވަތެއް ކަމަށްވާ ލަޒާނިއަކީ ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު ކާނާ އަކަށްވާއިރު 'ދަ ޕްރެސް'ގެ ބަދިގޭގެ މިއަދުގެ ސެގްމެންޓުގައި ވެސް މި ގެނެސްދެނީ ޕާސްތާގެ ބަދަލުގައި ޕާން ބޭނުން ކޮށްގެން ލަޒާނިއާ ތައްޔާރު ކުރެވިދާނެ މީރު ރެސިޕީއެކެވެ.
މީޓް ސޯސް ތައްޔާރު ކުރުމަށް ބޭނުންވާތަކެތި
- 1 ބޮޑު ޕާން
- 1 ޖޯޑު ޕީލްޑް ޓޮމާޓޯ
- 1/2 ޖޯޑު ޓޮމާޓޯ ކެޗަޕް
- 3 މޭޒިމަތީ ސަމުސާ ޗިލީގާލިކް ސޯސް
- 1 ފިޔާ ހިމިންކޮށް ކޮށާފައި
- 4 ލޮނުމެދު ހިމުންކޮށް ކޮށާފައި
- 1 ސަމްސާ ޑްރައިޑް އޮރެގާނޯ
- 1 ޖޯޑު ކުކުޅު ކުދިކޮށް ކޮށާފައި(ނުވަތަ ކޯންޑް ބީފް/ މަސްދަޅު ) ބޭނުން ވައްތަރެއްގެ މަހެއް
- 1/2 ޖޯޑު ކިރު (ކިރުގެ ތެރެއަށް 1 ޗިކަން ކިއުބް އަޅާފައި)
- ލޮނު އަދި އަސޭމިރުސް
- 1 ބެލްޕެޕާ ކުދިކޮށްކޮށާފައި
- ބައި ޖޯޑު ސްޕްރިންގް އޮނިއަން (ބޭނުންނަމަ)
- މޮޒޮރެއްލާ ޗީޒް ގާނާފައި
ވައިޓް ސޯސް ތައްޔާރު ކުރަން ބޭނުންވާ ތަކެތި
- 3 މޭޒުމަތީ ސަމްސާ ބަޓަރު
- 2 މޭޒުމަތީ ސަމުސާ ފިޔާ ޗޮޕްކޮށްފައި
- 2 މޭޒުމަތީ ސަމުސާ ލޮނުމެދު ޗޮޕްކޮށްފައި
- 1 މޭޒުމަތީ ސަމްސާ ފުށް
- 1 މޭޒުމަތީ ސަމްސާ ޑްރައިޑް އޮރެގާނޯ
- ލޮނު އަދި އަސޭމިރުސް
- 1 ޗީޒް ސްލައިސް
- 3 ޖޯޑު ކިރު
- ޗިކެން ކިއުބް
ބްރެޑް ލަޒާނިއާ ތައްޔާރު ކުރާނެ ގޮތް
ރެޑް ސޯސް - އެންމެ ފުރަތަމަ ތަވަޔަށް ފިޔާ، ލޮނުމެދު އަޅާފައި ފިޔާކޮޅު މޯޅިވެލީމާ މަސް އަޅާފައި 1 މިނެޓް ވަރު ކައްކާފައި ބެލްޕެޕާ އަޅާލާށެވެ. ދެން ޓޮމާޓޯ ސޯސްތައް އެއްކޮށްފައި ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު 1/2 ޖޯޑު ޗިކަން ކިއުބް ކިރު އެއްކުރުމަށްފަހު އޮރެގާނޯ ވެސް އަޅާފައި ރަނގަޅަށް ސޯސްގަނޑު ދިޔާ ކޮށް ކައްކާލާށެވެ. ސޯސްގަނޑު މާ ހިކި ނަމަ ފެންފޮދެއް ނޫނީ ކިރު އަޅާފައި ދިޔާ ކޮށްލެވިދާނެއެވެ.
ވައިޓް ސޯސް - ދެން ވައިޓް ސޯސް އަށް، އެހެން ތަވައެއްގައި ބަޓަރ ކޮޅު ވިރުވާލާފައި ލޮނުމެދު އަދި ފިޔާ އަޅާފައި ރަނގަޅަށް ރޯފިލުވާލާށެވެ. ދެން ފުށް ކޮޅު އެއްކުރުމަށްފަހު ގޮށް ނުލާނޭހެން ރަނގަޅަށް ދޭފަތުން ހަލުވަމުން ގޮސް މަޑުމަޑުން ކިރު އެއްކުރަމުންދާށެވެ. ކިރު އެއްކޮށްލެވުނީމާ ލޮނު، އަސޭމިރުސް، ޗިކެން ކިއުބް އަދި ޗީޒް ފޮތި އެއްކޮށްލާފައި އޮލާވާން ފެށީމާ އޮރެގާނޯ އެޅުމަށްފަހު ކުޑައިރުކޮޅަކުން އުނދުންމަތިން ތަވާ ބާލާށެވެ.
ޓްރޭ ނަގާފައި އޭގެ ތެރެއަށް ތައްޔާރު ކުރި ޓޮމަޓޯ ސޯސްއިން ލޭޔާ އެއް އަޅާފައި ޕާންފޮތި ތަކުގެ ކައިރި ކަފާފައި އެއްލޭޔާ އަތުރާލާށެވެ. ދެން މި ލޭޔާގެ މައްޗަށް ތައްޔާރުކުރި ޓޮމާޓޯ ސޯސް އަޅާފައި ސޯސްގެ މައްޗަށް ވައިޓް ސޯސް އަޅާފައި އޭގެ މައްޗަށް މޮޒޮރެއްލާ ޗީޒް ކޮޅެއް ފަތުރާށެވެ. ޕާން ހުސް ވަންދެން މިގޮތަށް ލޭޔާ އަޅާފައި އެންމެ މައްޗަށް މޮޒޮރެއްލާ ޗީޒް އެޅުމަށްފަހު އޮރެގާނޯ އަޅާފައި ސްޕްރިންގް އޮނިއަން ކޮޅެއް މައްޗަށް އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ.
ތައްޔާރު ކުރުމަށްފަހު ސާވް ކުރުމުގެ ކުރިން އަވަނުން ހޫނު ކޮށްފައި ކާނާ ސާވް ކުރުމުން ރަހަ މީރު ވާނެއެވެ.