ރައީސްގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރެއިން 14 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފިއެވެ.
މި މަޝްރޫތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައެވެ. އެގޮތުން މި މަޝްރޫއު ތަކުގެ ތެރޭގައި ހިމެނެނީ 11 މިސްކިތެއް އިމާރާތްކުރުމާއި، ގުރުއާނާބެހޭ މަރުކަޒުގެ 2 ގޮފި އިމާރާތްކުރުމުގެ އިތުރުން އިސްލާމީ މަރުކަޒެއް އިމާރާތްކުރުމެވެ.
މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ އެމްޓީސީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަން އަށެވެ. އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރޫއުތަކަކީ:
- ލ. މާބައިދޫ ގުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުން
- ޅ. އޮޅުވެލިފުށީ ގުރުއާނާބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުން
- ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުން
- ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ސ. ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
- ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުން
މި މަޝްރޫއުތަކުގެ ތެރެއިން މާބައިދޫ، އޮޅުވެލިފުށި، ހިރިލަންދޫ، ފޭދޫ، ހެނބަދޫ، އިނގުރައިދޫ، ނެއްލައިދޫ އަދި ކުޑަރިކިލުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫތަކަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ފެނަކައަށް ހަވާލުކުރެވިފައިވާ މަޝްރޫތަކެކެވެ. އަދި ށ. ފޯކައިދޫގެ އިސްލާމީ މަރުކަޒަކީ 900 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ. ނޫމަރާ އަދި ވޭމަންޑޫ މިސްކިތަކީ 550 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީ އާއި ހަވާލުކުރެވިފައިވަނީ 3 މަޝްރޫއެކެވެ. އެއީ ހއ. ބާރަށުގެ އިތުރުން ބ. މާޅޮސް އަދި އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމެވެ. މި 3 މަޝްރޫއަކީވެސް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫތަކެކެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ ގާއިމުކުރާ ގުރުއާނާ ބެހޭ މަރުކަޒުތަކުގައި 3 ކުލާސް ރޫމާއި ލައިބްރަރީއެއްގެ އިތުރުން ހޯލެއް ހިމެނޭ ކަމަށެވެ. އަދި ފޯކައިދޫގައި ގާއިމުކުރާ އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ،އެއް އަދި ކްލާސް ރޫމެއް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީ އިން އިތުރަށް ބުނީ އިމާރާތްކުރާ މިސްކިތްތަކުގައި ސޯލާ އާއި އޭސީ ހަރުކޮށް ވިނައިލް ފްލޯރިން އަޅާނެކަމަށާއި އަދި ގުރުއާން ކިޔަވައިދޭ ކުލާހެއްވެސް އިމާރާތް ކުރާނެ ކަމަށެވެ.
މި މަޝްރޫއުތަކުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.