އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ އިތުރުން ޕާޓީގެ އިސް އެކްޓިވެސްޓެއް ކަމަށް ވާ މަރިޔަމް ޒުބެއިރު (މަންދީ) އަށް ދައުވާ ކުރަން ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ނިންމައިފިއެވެ.

ރައީސްގެ ބޭބޭފުޅުންގެ ފޮޓޯ އާންމު ކޮށް އެ ބޭބޭފުޅުންނާ ގުޅުވައި އަބުރު ކަތިލުމާއި، ކަރާމާތް ނަގާލުމާއި ނަފްރަތު އުފެއްދުމުގެ ނިޔަތުގައި އެފަރާތްތަކުން ވާހަކަ ދައްކާ ކަމަށް ރައީސްގެ އާއިލާގެ ގާނޫނީ ވަކިލު އުސްތާޒާ އާޒިމާ ޝަކޫރު ވިދާޅުވެއެވެ.

އާއިލާގެ ފަރާތުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ، އެމްޑީޕީ އާއި ފައްޔާޒުގެ އިތުރުން މަންދި އަށް މިވަގުތު ދައުވާ ކުރަން ނިންމާފައި ވަނީ، ރައީސްގެ އާއިލާއާއި ގުޅުވައި ދައްކަމުން ގެންދާ ސާބިތު ނުހިފޭ ވާހަކަތަކުގެ ސަބަބުން ރައީސްގެ އާއިލާ އާ މެދު އާންމުންގެ ތެރޭގައި ނުބައި ތަސަައްވުރެއް އުފައްދައި ނަފްރަތު އުފެއްދުމުގެ އިތުރުން، އިންސާނީ ކަރާމާތް ގެއްލެމުން ދާތީ ކަމަށެވެ.

އަދި މިވަގުތު އެ 3 ފަރާތަށް ދައުވާ ކުރަން ނިންމި ނަމަވެސް އިތުރު ފަރާތްތަކަށް ދައުވާ ކުރަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، ދައުވާ ކުރުމަށް ކުރަން ޖެހޭ ދިރާސާތަކުގެ އަލީގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދައުވާއަށް ފޮނުވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ފާހަގަ ކުރި 3 ފަރާތުގެ އިތުރުން ކާކުކަން ނޭނގޭ ގޮތަށް އާއިލާއާ ގުޅުވައި ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ފަތުރާ ދޮގު ވާހަކަތައްވެސް ބެލެން ޖެހޭނެ ކަމަށާއި ގައުމެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަން ރާއްޖެއަށް ވެސް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެމްޑީޕީއިން ރޭގނަޑު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓު އަދި އެމްޑީޕއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީޅް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ބުނެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ.

މި މައްސަލައިގައި މިއަދުގެ ޕްރެސްގައި އާއިލާގެ ފަރާތުން ބުނެފައި ވަނީ، މަންދި ތުހުމަތު ކުރި ދަރިކަލުން އުމަރު މުހައްމަދު މުއިއްޒަކީ އުމުރުން 16 އަހަރުގެ ބޭފުޅެއް ކަމަށާއި، އުމައިރަކީ އުމުރުގެ އެއްވެސް ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލެއް އަދި ވޭޕެއް ވެސް ބޭނުން ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ.

"މިއަދު އަޅުގަނޑުގެ ކުދިންނާ، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް، އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގަސްދު ކޮށްފިން"
ސާޖިދާ މުހައްމަދު

އާއިލާގެ ފަރާތުން ފަސްޓް ލޭޑީ އަދި އުމައިރުގެ މަންމާފުޅު ސާޖިދާ މުހައްމަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ފިޔަވަޅު އަޅަން ނިންމީ، ކޮންމެ ބޭފުޅެއް ފަދައިން އެކަމަނާގެ އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ ވެސް ދަރިން ކަމުގައިވީތީ އާއި ދަރިންގެ ރައްކާތެރިކަމާއި މުސްތަގްބަލު ކަށަވަރު ކުރުމަކީ އެކުދިންގެ ބައްޕައާއި އެކަމަނާގެ ޒިންމާއަކަށް ވީތީ ކަމަށެވެ.

އަދި މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މައުސޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ އަމަލުތަކެއް ހިނގަމުންދާ ހިނދު، އަދި ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުން ދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަގްބަލުގައި އެފަދަ މަގާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައި ވެސް ކުރަންޖެހޭ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

މި އަދި އާޒިމާ ވިދާޅުވީ މި މައްސަލައިގައި ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓް ކުރައްވާފައި ވާތީ ކަމަށެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ މި މައްސަލައިގައި އެމްޑީޕީއަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. މި މައްސަލަ އިތުރަށް ދިރާސާކުރަމުން ދާކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.