ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.534 ކިލޯ ހުރި ކަަމަށާއި މިތަކެތި އަތުލައިގަނެފައިވަނީ، މި މަހު 12 ވަނަ ދުވަހު ކަނޑު މަގުން ރާއްޖެ އައި ޝިޕްމެންޓެއް ބަލާ ފާސްކުރުމަށް ކަސްޓަމްސް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.
ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަލެތީގެ ބާވަތްތަކަކީ:
- 2138 ގްރާމްގެ މެތަމްފެޓަމިން
- 1086 ގްރާމްގެ ކެޓަމިން
- 310 ގްރާމްގެ ހެރޮއިން
ކަސްޓަމްސް އިން ބުނީ މި ތަކެތި މިހާރު ފުލުހުންނަށް ހަވާލުކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ ޖުމުލަ 298 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 987,500.00 ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު ވެސް 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.