ފައިސާ ނެގުމަށްފަހު އަސްކޮއި ގުރޫޕުން މީހުން އުމްރާއަށް ނުގެންދިޔަ މައްސަލަ ބަލަން ފަށައިފިއެވެ.
އަސްކޮއި ގްރޫޕުން މި ރޯމަޟާން މަހު އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއްގައި ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑީއާގައި ހިއްސާކޮށްފައެވެ.
އެގޮތުން އެއް ފަރާތަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ އާއިލާއިން މި ރަމަޟާން މަހު އުމްރާއަށް ދިއުމަށްޓަކައި 2 ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކިނަމަވެސް އުމްރާއަށް ގެންދެވެން ނެތް ވާހަކަ އެ ގުރޫޕުން ބުނެފައިވާ ކަމަށެވެ. އަދި އެހެން ގުރޫޕަކުން އުމްރާއަށް ދިއުމަށްޓަކައި މަސައްކަތްކުރުމަށް އެ ފައިސާ ރިފަންޑްކޮށްދޭން އަސްކޮއި ގްރޫޕުގައި އެދުނު ނަމަވެސް އެ ފައިސާ ރިފަންޑްކޮށްދެވޭނީ 15 ވަނަ ދުވަހުގެ ފަހުން ކަމަށް ބުނެފައިވާ ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަސްކޮއި ޖަމާއަތުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ ޔުނިޓްގެ ފަރާތުން މައްސަލަ ބަލަމުންދާ ކަމަށެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ހިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި މީއެފަދަ ފަރާތްތަކަށް މީގެކުރިން ވެސް ފިޔަވަޅު އަޅައި ބައެއް ޖަމާއަތްތަކުގެ ހުއްދަ ބާތިލްކޮށްފައިވާކަން ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.