ކައިވެނީގެ ހެދުން ގައިން ވަކިވި އިރު ތާރާ ލައިގެން ހުރީ ހުދު ކުލައިގެ ކަކުލުން މައްޗަށް ހުރި ކުރު ހެދުން ކޮޅެކެވެ. ކަރުބޮޑު އެ ހެދުމުގައި ތާރާ ހުރި ގޮތް ފެނި އިކާނަށް ދުރަކު ނުހުރެވުނެވެ. ވާރެއާ ތެމުމުގެ ސަބަބުން އެ ހުދު ހެދުންވަނީ ތާރާގެ ހަށިގަނޑުގެ ވަނާތައް އެނގޭނެހެން ތަތްލާފައެވެ. ތާރާގެ ހަށިގަނޑުގައި ބައްދާލަމުން އޭނާގެ ބޮލަށް ޖަހާފައި ހުޅި އިކާން މޮހެލިއެވެ. އެ ފަން އިސްތަށިގަނޑު ނިއުޅުވާލުމުން އިކާނަށް މާ ރީއްޗެވެ.
އިކާންގެ ހަށިގަނޑުގައި ހިފާ ދުރަށް ޖައްސާލަމުން އިކާން ލައިގެން ހުރި ގަމީހުގެ ގޮށްތައް ތާރާ ނައްޓަން ފެށިއެވެ. އިކާންގެ ކަސްރަތީ ހަށިގަނޑު ފާޅުވަމުން ދިޔަ ވަރަކަށް ތާރާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ތާރާގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު ތާރާގެ ދަތް ދޮޅީގައި ހިފާ އިކާން އުފުލާލިއެވެ.
ވެހެމުން ދިޔަ ބޯވާރޭތެރޭގައި ތާރާގެ ދެލޯ މަރާލިއެވެ. އެ ހަށިގަނޑުގައި އިކާން ބައްދާލީ ނުހަނު ލޯބިންނެވެ. ތާރާގެ ދެއަތް އިކާންގެ ކަނދުރާ ވަށާލަމުން އިކާންގެ އިސްތަށިގަނޑަށް އަތުގެ އިނގިލިތައް ތާރާ އަމުނާލިއެވެ. އޭރު ތާރާ ހުރީ އިންތިހާއަށް ހީކަރުވާފައެވެ. އިކާނަށް އެކަން ފާހަގަވުމުން އޭނާގެ ވަރުގަދަ ދެއަތުން ތާރާ އުރާލިއެވެ. އިކާންގެ ކަނދުރާގައި ހިފާ ތާރާގެ މޫނު އިކާނާ ގާތް ކޮށްލަމުން އިކާން ކޯތާފަތަށް ބޮސްދިނެވެ.
ކޮޓަރިއަށް ވަދެ އެނދު ކައިރިއަށް މަޑުކޮށްލުމަށްފަހު އަތްދަނޑިމަތިން ތާރާ ތިރިކޮށްލިއެވެ. ފާޚާނާއާ ދިމާއަށް އިކާން މިސްރާބު ޖެހީ އެބަ އަންނަމޭ ބުނަމުންނެވެ. އިކާން އެނބުރި އައި އިރު އޭނާ ހުރީ ހުދުކުލައިގެ ތުވާއްޔެއް އަނދެގެންނެވެ. ތާރާގެ ހަށިގަނޑާ އިސްތަށިގަނޑު ހިއްކާލަން އިތުރު ތުވާއްޔެއް ގެނައެވެ.
އިސްތަށިގަނޑު ހިއްކަން ހުރި ތާރާގެ އަތުގައި ހިފާ އޭނާގެ ގަޔާ ދިމާއަށް ދަމައިިގަތެވެ. "ވައިފް.. ހާދަ ލަދުން..." ތާރާ ލައިގެން ހުރި ހެދުމުގެ ވާކޮޅު ކޮނޑުން ތިރިކޮށްލަމުން އިކާން ބުނެލިއެވެ. ތާރާގެ ހަށިގަނޑުން އެހެދުން ވަކިވުމުން ލަދުން އައިސް އިކާންގެ މޭގައި ތަތްވަމުން އޭނާގެ މޫނު ފޮރުވާލިއެވެ. ތާރާއާ އެކީ އިކާން އެނދުމައްޗަށް ވެއްޓިގަތެވެ. ހީކަރުވާފައި ވުމުން ދެމީހުން ގައިމަތީ ކަފަ ރަޖާގަނޑު އަޅާލިއިރު އެދެ ޖިސްމުން އެކަކު އަނެކަކުގެ ހޫނު އިހްސާސްވާހާ ތިބީ ކައިރީގައެވެ.
ތާރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ތާރާގެ މޫނަށް އިކާން ބަލާލިއެވެ. އޭރު އެ ދޮން މޫނު ވަނީ ރަތްވެފައެވެ. ތާރާ ލަދުން އޮތްކަން އެނގުމުން އިކާންގެ ދެއަތުން ތާރާގެ ހަށިގަނޑުގައި ބައްދާލިއެވެ. އިކާންގެ މޭގައި ބޯ އަޅައިގެން އޮތް ތާރާއަށް އެހިތުގެ ވިންދު އިހްސާސް ވަމުން ދިޔައެވެ. އެ ހަމަހިމޭން މާހައުލު ފަޅު ފިލުވައިދެމުން ދިޔަ ވާރޭގެ ހިތްގައިިމު މިއުޒިކީ އަޑަށް ގެނބެމުން އިކާންގެ ދެލޯ މަރާލީ އޭނާގެ އަޑުން ރީތި ރާގަކަށް ހޫން ލައްވަމުންނެވެ. އެ އަޑު އަހަން އޮތް ތާރާ ގެނބިގެން ދިޔައީ އިކާންގެ މަސްތީ އަޑުގެ ޖާދޫގައި ޖެހުމުންނެވެ.
*** *** *** *** *** ***
ދެފަރާތަށް ފުރޮޅުން ނޫން ކަމެއް ޒިވީ ނުކުރެއެވެ. އެނދުގެ ހެޑްބޯޑް މަތީގައި ހުރި ގަޑީގެ ސިކުންތު ކަށި ދައުރުވާ އަޑުން އެކޮޓަރީގެ ހަމަހީމޭންކަން ނަގާލައިފައި ވިއެވެ. ނުނިދިފައި އެހެން އޮއްވާ އާ ދުވަހަށް އިރުއަރައިފިކަން ޒިވީއަށް ރޭކާލީ ކުޑަދޮރުތަކުގައި ހަރުކޮށްފައިވާ ދޮރުފޮތިތަކުން ފުރޭނިގެން ކޮޓަރިތެރެއަށް ވަންނަމުން ދިޔަ އިރުގެ އަލިންނެވެ.
ގަޑިއަށް ބަލާލުމަށްފަހު ކަންނެތް ގޮތަކަށް ޒިވީ އެނދުން ތެދުވިއެވެ. އޮފީހަށް ދާން ޖެހޭ ގަޑި ޖެހޭތީއެވެ. ގަދަކަމުން ފާޚާނާއަށް ވަންނަން ދިޔައީ ޒިވީއަށް ގޮވަން އޭނާގެ މަންމަ އެ ކޮޓަރިއަށް އައިސް ދާނެތީއެވެ. މަންމަ ވަނުމުގެ ކުރިން ޒިވީ ބޭނުންވީ ތައްޔާރުވެލާށެވެ.\
އޮފީސް ޔުނީފޯމް ލައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓިގެން ހުރުމަށްފަހު އޭނާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ދެލޯ ކައިރި ދުޅަވެފައިވާ އިރު ޒިވީ ވައްތަރީ ޗައިނާ ހިސާބުގެ މީހަކާއެވެ. ދެލޯ ރަތްކަމުން އެތައްއިރެއް ވަންދެން ރޮއިފައިވާ ކަން އެނގެއެވެ. އޭރުވެސް އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
އިސްތަށިގަނޑު ފުނާ އަޅާލުމަށްފަހު ބޮލުމެދަށް ހުޅިއެއްހެން ހަރުކޮށްލިއެވެ. ތުންފަތުގައި މަޑު ލިޕް ގްލޮސްއެއް ޖައްސާލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީއޮތް ބޮޑު އަވިއައިނު ނަގާ ލޮލުގައި އަޅާލިއެވެ. އަތްދަބަސް ކޮނޑުގައި އަޅައިގެން ޒިވީ ނުކުތީ މަންމައަށް ނުފެނި އަަވަހަށް ގެއިން ނިކުންނާށެވެ. މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރި ޒިވީއަށް އެހެން ހުންނަން އުނދަގޫ ވިއެވެ.
ހެނދުނުގެ ވަގުތެއްކަމުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ ލޯތަައް އޭނާއަށް އަމާޒުވެފައިވާ ކަހަލައެވެ. ކޮންމެ މީހެއްވެސް އޭނާއާ މަލާމަތް ކުރާ ކަހަލައެވެ. ޒިވީގެ އަތުގައި ވާ ފޯނުގެ ސްކްރީނުން މޫނަށް ބަލާލިއެވެ. ލޮލުގައި އަޅާފައިވާ ބޮޑު އަވިއައިނުގެ ސަބަބުން އޭނާގެ މޫނުމަތިން ބޮޑުބައެއް ފާޅުނުވާކަން އެއީ ނަސީބެކެވެ. އަވިގަނޑުގައި އެހެން ހުންނަތާ އިރުގަނޑެއް ވީ ފަހުން ޒިވީ ހުރި ދިމާލުގައިވާ ގޭގެ ދޮރު ހުޅުވާލުމުން ޒިވީ އެ ދިމާއަށް ބަލާލިއެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައިއްސިކަން އިހްސާސް ވުމުން ތުންފަތަށް ފަނޑު ހިނނިތުންވުމެއް ވެރިވިއެވެ.
"ކިހިނެތްވީތަ؟... މިއޮއް ހެނދުނާ.. އޮފީހަށް ނުދަނީތަ؟..." ދޮރުން ޒިވީ އެތެރެއަށް ވަންނަން ތަން ދައްކަމުން ސަނާ ވާހަކަ ދެއްކީ ލޯ އުނގުޅަމުންނެވެ.
"ކޭން އައި ސްޓޭ ހިއާރ... އޮފީސް ނިމެންދެން... ޕްލީސް... އޮފީހަށް ދާހިތެއް ނެތް..." އެކުޑަ ކޮޓަރިތެރެއަށް ބަލާލަމުން ޒިވީ ވާހަކަ ދެއްކިއެވެ.
"އާން މައްސަލައެއް ނެތް... ކިތަންމެ ދުވަހެއް ވިޔަސް މިގޭގަ މަޑުކުރެވޭނެ..." ޒިވީ އިށީންނަަށް ތަންކޮޅެއް ހަދާލަމުން އެނދުމަތީގައި ހުރި ހެދުންތައް އެއްފަރާތަކަށް ޖައްސާލަމުން ސަނާ ވާހަކަ ދެއްކިއެވެ. ސަނާގެ ހުރިހާ އަންނައުނުތަކެއް ވަަނީ އެނދުމަތީގައެވެ. އެ އެއްޗިއްސަށް ބަލަންހުރެ ޒިވީ އެނދުގައި އިށީނެވެ. ތަޅުންމަތީގައި އަޅާފއިވާ ރަގްމަތީ ދެފައި ވަށްކޮށްލަމުން ސަނާ އިށީނދެ ހަމަ ޖެހިލިއެވެ.
"ޚަބަރު ކިޔިންތަަ؟... ހުރިހާ ނިއުސްއެއްގަ ވެސް އެ ދައްކަނީ އެ ވާހަކަ ދޯ؟.. އިކާން މެރީޑް ޓުއަ ރިޗް ގާލް... އިކާން ވެސް ދޯ.. އަހަރެން ހިތަކަށް ނާރާ އޭނަ އެހާ ފަސޭހައިން ޒިވީ މަތިން ހަނދާން ނައްތާލާފަަ މެރީ ކޮށްފާނެއެކޭ... ޚަބަރު ކިޔާބަލަ... ވަރަށް ފާޑު ފާޑުގެ އެއްޗެހި ލިޔެފަ އެބަހުރި... އެންޑް މީހުންގެ ކޮމެންޓްސް ތަކޯ..." ސަނާގެ އަތުގައިވާ ފޯނަށް ބަލަން އިނދެ އޭނަ ވާހަކަ ދައްކަމުން ދިޔައެވެ.
ސަނާ ދައްކަމުން ދިޔަ ވާހަކަތަކުން ޒިވީއަށް އުނދަގޫ ވި ނަމަވެސް އެކަން ހާމަކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ. ފޯނުން ޚަބަރުތައް ބަލަން އިން ސަނާއަށް، އިކާންމެންގެ ފޮޓޯއެއް ފެނުމުން އެ ފޮޓޯ ބޮޑުކޮށް ފެންނާނެހެން ހުޅުވާލިއެވެ. ފޮޓޯ ލޯޑްވުމުން ޒިވީއާ ދިމާއަށް އެ ފޯނުގެ ސްކްރީން އަނބުރާލަމުން ސަނާ އަަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.
"ލުކް. ދިސް އިޒް ހާ... ރީތި ކުއްޖެއް.. ދެން އިކާންމެން ފޭމަސްވީމަ ރީތި ކުދިން ވެސް ވާނެ ދޯ... ފޮޓޯތަކުން ހީވަނީ ވަރަށް ލޯބިންހެން އުޅެނީ... އޭ ތިއައިނު ނަގާބަލަ... އޭރުން ދޯ އެއްޗެއް ފެންނާނީ... ގެއަށް ވަދެފަވެސް އަަވި އައިނު އަޅައިގެން ތި ހުރީ އަވިގަދަކަމުންތަ..."
މަޑުމަޑުން ޒިވީގެ ލޮލުގައި އަޅާއިފާއިވާ އަވި އައިނުމައްޗަށް ނަގާ އިސްތަށިގަނޑު މައްޗަަށް ހަރުކޮށްލިއެވެ. ފޮޓޯއަށް ބަލާފަ ޒިވީގެ މޫނަށް ބަލާލި ސަނާ ދިޔައީ ސިއްސައިގެންނެވެ. "ޒިވީ... ކިހިނެއް ވެފަ ތިހުރީ... ބަލީތަ؟.." ޒިވީގެ ދުޅަވެފައިވާ މޫނަށް ބަލަން އިނދެ ސަނާއަށް އެހެން ބުނެވުނީ އޭނާއަށް ވާނުވާ ނޭނގޭތީއެވެ.
ކިތަންމެ ހިތްވަރުކޮށްގެން ޒިވީގެ އިހްސާސްތައް ހާމަނުކުރާން އިން ނަމަވެސް ދެލޯ ބަރާކޮށްފައިވާ ހޫނު ކަރުނަތައް އެ އެސްފިޔަތައް ފޫއަޅޫވާލާފައި ކޯތާފަތްމަތިން އޮހޮރިގަތުމުން ޒިވީގެ ދެލޯ މަރާލީ ދެއަތުން މޫނު ނިވާ ކޮށްލަމުންނެވެ. މަންޒަރު ބަލަން އިން ސަނާ ތަޅުންމަތިން ފޫ ހިއްލާލަމުން ޒިވީގެ ހަށިގަނޑުގައި އޮޅުލައިގަތީ އޭނާއަށް ޒިވީގެ ހިތް ކުދިކުދިވެފައިވާކަން އެނގުމުންނެވެ.
*** *** *** *** *** ***
ކޮޓަަރި ތެރެއަށް ވަންނަމުން ދިޔަ އަވީގެ ހޫނަށް ތާރާގެ ދެލޯ ހުޅުވާލެވުނީ ކަންނެތް ގޮތަކަށެވެ. މޯޅިއަކަށް ދެމިލަމުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތުގެ އިނގިލިތައް މަހާލަމުން ކޮޓަރީގައިވާ އިކާންގެ ޕޯސްޓަރަށް ބަލަން ތާރާ ލޯ ހުޅުވާލިއެވެ. ސިހުމެއްވީ ކުރިމަތީ ހުރި ފާރުން ފެންނަން ހުރި ޓެރަސްބައި ލޮލުގައި އަޅައިގަތުމުންނެވެ. ރޭގައި އެ ފެނުނީ ހުވަފެނެއް ނޫން ކަން ތާާރާއަށް ޔަގީން ވިއެވެ.
ތަރާ އޮތީ އިކާންގެ ކޮޓަރީގައެވެ. ގައިމަތީ އަޅާފައިވާ ރަޖާގަނޑު ހިއްލާލަމުން އޭގެ ނިވަލުގައި އޮތް ތާރާގެ ހަށިގަނޑަށް ބަލާލިއެވެ. އެއާ އެކު ރޭގައި ހިގާ ދިޔަ ކަންތައް ލޯ މައްޗަށް ސިފަވިއެވެ. ވާރެއާ ތެމިގެން ތިބެ ތަރާގެ ހަށިގަނޑުން ކައިވެނީގެ ހެދުން ވަކިކޮށްލި ގޮތެވެ. އުރާލައިގެން އިކާންގެ ކޮޓަރިއަށް ވެއްދި ގޮތެވެ. ހީކަރުވާފަ ތިބުމުން ލައިގެން ހުރި ހެދުން ބޭލުމަށްފަހު އެނދުގައި އޮށޯތްކަމެވެ. އިކާންގެ ހޫނު ހަށިގަނޑު ތެރޭގައި ތާރާ ބޮނޑިވެލައިގެން އޮތް ގޮތެވެ. އިކާންގެ މޭގައި ބޯއަޅައިގެން އޮތް އިރު އިކާންގެ އަޑުން ކިޔައިދެމުން ދިޔަ ރީތިލަވަ އަޑުއަަހަން އޮތް ތާރާގެ އެސްފިޔަތަކަށް ބަރުވެ ނިދުނީއެވެ.
- ނުނިމޭ -