އެޕާޓްމަންޓަށް ވަދެ ތަހްމީނާގެ ކޮޓަރިއަށް ތާރާ ވަނެވެ. ޕާޓީގައި ހުއްޓާ މާބޮޑަށް ވަރުބަލި ވާތީ ތަހުމީނާ ގޮވައިގެން އާތިފް އެޕާޓްމަންޓަށް އައީއެވެ. ތާރާ ދާންވީ ވަގުތު އައިސް ޖެހުނީކަން އެނގުމުން އެނދުގައި އޮށޯވެގެން އޮތް ތަހުމީނާ ތެދުވިއެވެ. އަދި ތާރާގެ އަތުގައި ހިފާލުމުން ތަހުމީނާގެ މަގަތުގައި ތާރާ އިށީނެވެ.
"ދަރިފުޅާ ބަސް އަހައިގެން އުޅޭތި... މާދަމާ ދެކުދިން މިގެއަށް އަންނާތި... މަންމަ މީނީ ވަރަށް ވަރުބަލިވެފަ... މާދަމާ ދަރިފުޅާ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބަ އޮތް... އިނގޭ..." ތަހުމީނާ ބޮލުގަ ރިއްސާ ވަރުން ޗޫސް ދަމާލިއެވެ. އެވަގުތު އާތިފް އެދުނީ ތަހުމީނާ މިވަގުތު އަރާމް ކޮށްލާށެވެ. އެކޮޓަރިިން ތާރާއާ އެކު އާތިފް ނިކުތެވެ.
"މަންމަ ބޭސް ކައިގެން އެ އޮތީ... މާދަމާއަށް އޯކޭ ވާނެ.. އިކާން ކައިރީ ބުނާތި މަންމަ ބަލި ވީމައޭ ބައްޕަމެން އަވަހަށް އައީ... ކޮބާ އަޒްކާ؟... އަދި އޭނަ ވީ ޓެރަސްގަ ދޯ؟..." އާތިފް ވާހަކަ ދައްކަމުން ތާރާގެ ބުރަކަށީގައި ފިރުމާލިއެވެ.
ފޯނެއް ރިންގް ވާން ފެށުމުން އުލްފާގެ ދަބަހުން އެ ފޯނު ނަގާ ތާރާ އަތަށް ދިއްކޮށްލިއެވެ. "އޯ އެގުޅަނީ އިކާން... ހަލޯ މި ފައިބަނީ..." ފޯނު ނަގަމުން ތާރާ ވާހަކަ ދެއްކިއެވެ. އުލްފާ ދިން އަތް ދަބަހުގައި ތާރާ ހިފާލަމުން އުލްފާއަށް ޝުކުރު އަދާ ކުރަމުން އެކުވެރިޔާގެ ގައިގާ ބައްދާލިއެވެ.
"ހޫމް... ދެން ތާރާ ވިއްޔާ... ހެއި މީގަ އޮންނާނެ ވަރަށް ލޯބި ނައިޓީއެއް.. މިރޭ އެ ނައިޓީ ލާނީ... ވަރަށް ސެކްސީ ވާނެ... ހެހެހެ... ދެޓްސް އަ ގިފްޓް..." ދެލޯ ބޮޑު ކޮށްލަމުން އުލްފާ ދިން ދަބަހުގައި އޮތް އެއްޗެއް ތާރާއަށް ކިޔައިދިނެވެ. ދެމީހުން ހެމުން ހެމުން އައިސް ލިފްޓަށް އެރީ ތާރާގެ އިންތިޒާރުގައި ތިރީގައި ހުރި އިކާން ކައިރިއަށް ދާށެވެ.
*** *** *** *** *** ***
ރަތް ކާރުން ދެމީހުން ފޭބީ އިކާން ދިރިއުޅޭ ގޭ ކުރިމައްޗަށް ކާރު މަޑުކޮށްލުމުންނެވެ. އިކާންގެ ގެއަކީ ނުވަ ބުރީގެ ބޮޑު އިމާރާތެކެވެ. އެ އިމާރާތުގައި އިކާންމެންގެ އާއިލާ ދިރިއުޅެނީ އަށް ވަނަ ބުރީގައެވެ. ލިފްޓަށް އެރުމަށްފަހު އިކާން ނުވަވަނަ ބުރިއަށް ދާން ސްވިޗަށް ފިތާލުމުން ތާރާ ހުރީ ހިސާބަކަށް ހައިރާން ވެފައެވެ. "ކީއްކުރަން ނުވައަކަށް؟.. އަށަކަށްނު..." ތާރާގެ ތުންފަތުގައި އިކާން އިނގިލި ޖައްސާލިއެވެ. އެއަށްފަހު ތާރާ ދެލޯ މަރާލާށޭ ބުނެލިއެވެ.
އިކާން ސަޕްރައިޒެއް ދޭން އުޅޭކަން އެނގުމުން ތާރާގެ ހިތް އަވަސްވިއެވެ. ނުވަވަނަ ބުރިއަށް ދާލެއް ވެސް ލަސްވެފައި ތާރާ ހުރީ ދެލޯ މަރައިގެންނެވެ. ތާރާގެ ލޮލުގައި އިކާންގެ ޖީބުން ނެގި ފޮތިކޮޅެއް އައްސާލިއެވެ. ލިފްޓުގެ ދޮރު ހުޅުވުމުން ތާރާގެ އަތުގައި އިކާން ހިފާލިއެވެ. އިކާންގެ އެދުމަށް މަޑުމަޑުން ތާރާ ލިފްޓުން ފޭބީ އިވޭ އަޑުތަކަށް ދެކަންފަތް ދެމުންނެވެ. ކުޑަ ތަންކޮޅަކަށް ހިނގާލުމަށްފަހު ތާރާގެ ލޯމަތީ އައްސާފައިވާ ފޮތިކޮޅު އިކާން މޮހެލުމުން މަޑުމަޑުން ތާރާގެ އެސްފިޔަތައް ހުޅުވާލިއެވެ.
ކުރިމަތިން ފެންނަންހުރީ ތިން ހަރުފަތުގެ ކުޑަ ސިޑިއެކެވެ. އެ ސިޑިން މައްޗަށް ތާރާގެ ނަޒަރު ހުއްޓުނެވެ. ލެއްޕިފައިވާ ހުދު ކުލައިގެ ދޮރަށް ބަލަން ހުރުމަށްފަހު އިކާނާ ދިމާއަށް ތާރާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ޖީބުން ތަޅުދަނޑި ފަތި ނެގުމަށްފަހު ސިޑީގެ ހަރުފަތްތަކުން މައްޗަށް އިކާން އެރިއެވެ. ކުރިމަތީ ހުރި ދޮރުގެ ތަޅަށް އެ ތަޅުދަނޑި ފަތިން ތަޅުދަނޑިއެއް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު ތަޅާއެކު ދޮރު ހުޅުވާލަމުން ތާރާއާ ދިމާއަށް އިކާންގެ އަތް ދިއްކޮށްލިއެވެ. އިކާނާ ދިމާއަށް ބަލަން ހުރެ އިކާންގެ އަތުގައި ތާރާ ހިފާލުމަށްފަހު ހަރުފަތްތަކުން މައްޗަށް އެރީ އަނެއް އަަތުން ލައިގެން ހުރި ކައިވެނީގެ ހެދުން އުފުލާލަމުންނެވެ.
ދޮރުން އެތެރެއަށް ވަނުމުން އެ އަނދިރި ކޮޓަރީގެ ބޮކި އިކާން ދިއްލާލިއެވެ. ތަނަވަސްކޮށް ހަދާފައިވާ އެއީ ވަރަށް ބޮޑު ކޮޓަރިއެކެވެ. ކުރިމަތިން ފެންނަން ހުރި ބޮޑު ކިންގް ސައިޒްގެ އެނދުގައި އަޅާފައިވާ ހުދު ބެޓްޝީޓްމަތީގައި ރަތް ފިނިފެންމަލުން ޖަރީކޮށްފައި ވިއެވެ. ތާރާ ހުރި ދިމާލު ކައިރީގައި ސޯފާ އެއް ބަހައްޓާފައިވާ އިރު އެ ސޯފާގެ ކުރިމައްޗަށް ވާގޮތަށް ހުރީ ބޮޑު ޓީވީއެއް ބަހައްޓާފައެވެ. އެކޮޓަރި ހީވަނީ އެޕާޓްމަންޓެއް ހެންނެވެ. ހުދު ކުލައިގެ ފަރުނީޗަރުންނާ ފާރުގައި ހަރުކޮށްފައިވާ ރީތި ކުރެހުންތަކުން އެ ކޮޓަރި ފަޅުފިލުވާލައިފާ ވާއިރު އެތަން ވަރަށް ވެސް ހިތްގައިމެވެ.
ހެޔޮވަރެއްގެ ފިނިކަމެއް އެކޮޓަރީގައި ހުއްޓެވެ. މުޅި ކޮޓަަރިން ދުވަނީ ފިނިފެންމަލުގެ މީރު ވަހެވެ. މަޑު ހިނގުމެއްގައި ތާރާ ކުރިއަށް ހިނގާފައި ދިޔައީ ރީތިކޮށްފައި ވާ އެނދު ކައިރިއަށެވެ. އެވަގުތު ތާރާގެ ލޮލުގައި އަޅައިގަތީ އެއްފަރާތުން ފެންނަންހުރި ކެހޭ ބޮޑު ބިއްލޫރި ދޮރެވެ. އެ ދޮރު ގައިވާ ހުދު ދޮރު ފޮތިތައް ކަހާފައި ހުރި ނަމަވެސް އެ ދޮރުން ބޭރު ފެންނަ ގޮތެއް ނުވިއެވެ. ތާރާ ކުރިއަށް ޖެހިލީ އެ ދޮރު ކަހާލާށެވެ. އެ ދޮރުގެ ފަހަތުގައި ބަޔަކު މަރުހަބާ ކިޔަން ތައްޔާރަށް ތިބެދާނެތީއެވެ.
ދޮރު ހުޅުވާލުމާ އެކީ ޖެހުނީ ފިނި ވައި ރޯޅިއެކެވެ. ކުރިމަތިން ފެންނަން އޮތް ޓެރަސް ބައި ބަލާލަން އެ ދޮރުން ބޭރަށް ތާރާ ބޯ ދިއްކޮށްލިއެވެ. ދަންވަރުގެ ވަގުތެއް ކަމުން ފަޒާގައި ތެތްފިނި ކަމެއް ހަރުލާފައި ވިއެވެ. އެ ޓެރަސްބައި ހަދާފައި ވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ދުރުގައި ލަކުޑި މޭޒެއް ވަށާ ހަތަރު ގޮނޑި ބަހައްޓާފައި ހުރި އިރު މުޅި ޓެރަސް ވަށައިގެން މާ ގަސްތައް ހައްދާފައި ވަނީ ވަރަށް ވެސް ފުރިހަމަ ކޮށެވެ.
ސިހިފައި ތާރާ ބަލާލީ އޭނާގެ އުނަގަނޑުގައި އިކާން ހިފާލުމުންނެވެ. ކޮނޑުގައި އަޅުވާފައިވާ އަތް ދަބަސް ބިންމަތީ ބަހައްޓަމުން އިކާނާ ކުރިމަތި ލާން ތާރާ އެނބުރިލިއެވެ. ތާރާގެ އަތަށް ރަތްކުލައިގެ ފޮއްޓެއް އިކާން ހަވާލު ކުރިއެވެ. ފޮށީގައި ތާރާ ހިފާލަމުން އެއީ ކޯއްޗެއްތޯ އަހާލީ ނިތައް ރޫ ގިނަ ކޮށްލަމުންނެވެ. ފޮށީގެ މަތި ނަގަމުން އިކާންގެ މޫނަށް ތާރާ ބަލާލުމަށްފަހު އަނބުރާ ފޮއްޓަށް ބަލާލީ އޭގައި އޮތް އެއްޗެއް ބަލާށެވެ.
އެއީ ތަޅުދަނޑިއެކެވެ. ތަޅުދަނޑީގައި "ތާރާ އިކާން" މިހެން ޖަހާފައި އޮތެވެ. ހިނިތުންވަމުން އިކާންގެ މޫނަށް ތާރާ ބަލާލިއެވެ. "ތީ މި ރޫމްގެ ތަޅުދަނޑި.. މީ އަހަރެމެންގެ ރޫމް... މަންމަމެން އުޅޭނީ އަށްވަނަ ފްލޯގަ... އެބަޔަށް ދާނީ މާދަމާ... ދެންމީ ޓެރަސްބައި.... އާދެބަލަ މިތަނަށް... މީ މައި ފޭވަރިޓް ޕްލޭސް..." ކެހޭ ދޮރުން ބޭރަށް ފަައިބަން ހުރި ހަރުފަތުން އިކާން ފައިބަމުން ތާރާގެ އަތުގައި ހިފާލިއެވެ. ތިރީގައި ބެހެއްޓި ތާރާގެ އަތްދަބަސް މަތީ އިކާން ދިން ފޮށި ބެހެއްޓުމަށްފަހު އިކާނާއެކީ ޓެރަސް ބަޔަށް ތާރާ ނިކުތެވެ.
މޭޒާއި ގޮނޑިތައް ހުރީ ކަނާތް ފަރާތުގައެވެ. ވާތް ފަރާތުގައި ހުރި ގަސްތައް ކައިރީގައި ވަނީ ހުދުކުލައިގެ އުނދޯއްޔެކެވެ. ތާރާ މިސްރާބު ޖެހީ އެ އުނދޯއްޔާ ދިމާއަށެވެ. އުނދޯލީގައި އިށީންނަމުން އިކާނާ ދިމާއަށް ބަލާލިއެވެ. ވާރޭ ކަނި ޖަހަން ފެށުމުން ތާރާގެ އަތް ބޭރަށް ދިއްކޮށްލިއެވެ. އަދި އުޑާ ދިމާއަށް ބަލާލިއެވެ. އުޑުމަތިވަނީ ވިއްސާރަ ވިލާތަކުން ބައްދާލާފައެވެ.
އުނދޯލިން ތެދުވެ އެތެރެއަށް ވަންނަން ތާރާގެ ފިޔަވަޅު އަވަސް ކޮށްލި ނަމަވެސް ތާރާގެ ފިޔަވަޅު މަޑުޖެހުނީ އޭނާގެ އަތުގައި އިކާން ހިފާލުމުންނެވެ. ފަސްއެނބުރި އަތުގައި ހިފައިގެން ހުރި އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. އިކާންގެ ތޫނު ދެލޮލުން ތާރާއާ ދިމާއަށް ބަލަން ހުރެ ކުރިއަށް ޖެހުނެވެ. ތާރާގެ އަތުގައި ފިރުމަމުން އައިސް ކޮނޑުގައި ހިފާލިއެވެ. ނުތެމި އެތެރެއަށް ވަންނަން ބޭނުންވެފަައިވާ ތާރާގެ ފައިގައި ތަޅެއް ލެވިފައިވާ ކަހަލައެވެ. ވާރޭ ކަނިތައް ބޯ ކުރަމުން ދިޔައެވެ. ތާރާގެ ބުރަކަށިގައި އިކާންގެ އަތް ޖައްސާލުމުން ތާރާގެ ގައިން ހީބިހި ނެގިއެވެ.
ކުރެވުނު އިހްސާސުން ބޯ އެއް އަރިއަކަށް އަރިކޮށްލެވުނެވެ. ތާރާގެ ކަނދުރާއަށް ގުދުވެ އެ ދޮން ކަނދުރާގައި އިކާން ބޮސްދިނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ތާރާގެ ދެލޯ މަރާލިއެވެ. އެއަށްފަހު ތާރާ ލައިގެން ހުރި ހެދުމުގެ ފަހަތުގައިވާ ގޮށްތައް އިކާން ނައްޓަން ފެށިއެވެ. އުނަގަނޑާ ހަމައަށް ހުރި ގޮށްތައް ނައްޓާލުމަށްފަހު ހެދުމުގެ ކޮނޑު ތިރިކޮށްލިއެވެ.
ކައިވެނީގެ ހެދުން ގައިން ވަކިވި އިރު ތާރާ ލައިގެން ހުރީ ހުދު ކުލައިގެ ކަކުލުން މައްޗަށް ހުރި ކުރު ހެދުން ކޮޅެކެވެ. ކަރުބޮޑު އެ ހެދުމުގައި ތާރާ ހުރި ގޮތް ފެނި އިކާނަށް ދުރަކު ނުހުރެވުނެވެ. ވާރެއާ ތެމުމުގެ ސަބަބުން އެ ހުދު ހެދުން ވަނީ ތާރާގެ ހަށިގަނޑުގެ ވަނާތައް އެނގޭނެހެން ތަތްލާފައެވެ. ތާރާގެ ހަށިގަނޑުގައި ބައްދާލަމުން އޭނާގެ ބޮލަށް ޖަހާފައި ހުޅި އިކާން މޮހެލިއެވެ. އެ ފަން އިސްތަށިގަނޑު ނިއުޅުވާލުމުން އިކާނަށް މާ ރީއްޗެވެ.
- ނުނިމޭ -