ހުޅަނގު ސުމަޓްރާގެ ގްރޭންޑް މިސްކިތް (ހުޅަނގު ސުމަތުރާ ރާޔާ މިސްކިތް) އިންޑޮނޭޝިއާގެ ހުޅަނގު ސުމަޓްރާގެ ޕަޑަންގްގައި ހުންނަ މިސްކިތެކެވެ. މިއީ ހުޅަނގު ސުމަޓްރާގެ އެންމެ ބޮޑު އަދި ސުމަޓްރާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. ހުޅަނގު ސުމަޓްރާގެ ގްރޭންޑް މިސްކިތް ހުންނަނީ ޖަލާން ހަތީބު ސުލައިމާން އާއި ޖަލާން އަހުމަދު ދަހްލާން ގުޅޭ ހިސާބުގައި 40،345 އަކަމީޓަރުގެ ކޮމްޕްލެކްސްއެއްގެ ތެރޭގައެވެ.

މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ޑިސެމްބަރު 21، 2007 ގައި، ހުޅަނގު ސުމަޓްރާ ޕްރޮވިންސްގެ ގަވަރުނަރު، ގަމަވާން ފައުޒީއެވެ. ބަޖެޓުގެ ތާށިކަމާއެކު މި މިސްކިތް ނިންމުމަށް ގިނަ ދުވަސްތަކެއް ނެގިއެވެ. ހުޅަނގު ސުމަޓްރާގެ ސަރަހައްދީ ސަރުކާރުގެ ބަޖެޓަށް ބަރޯސާވުމުގެ އިތުރުން، މި މިސްކިތް ބިނާކުރުމަށް ރައްޔިތުންނާ، އަމިއްލަ ފަރާތްތަކާ، ބޭރުގެ ސަރުކާރުތަކުގެ ހަދިޔާތަކަށް ބަރޯސާވެ، ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރެވުނެވެ.

ހުޅަނގު ސުމަތުރާގެ ރަޔާ މިސްކިތް

2009 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ސަރުކާރުން މިސްކިތް އެޅުމަށް 50 މިލިއަން އެމެރިކާ ޑޮލަރު ފައިސާ ދީފައިވީނަމަވެސް، އެ އަހަރުގެ ހުޅަނގު ސުމަޓްރާއަށް އައި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމާއި، އަލުން އެ ސަރަހައްދު މަރާމާތުކުރުމަށް އެ ފައިސާ ބޭނުން ކުރެވުނެވެ. މި މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް 2014 ވަނަ އަހަރު ތުރުކީ ސަރުކާރުން މިސްކިތަށް ރަގްސް ހަދިޔާކޮށްފައިވާއިރު މި މިސްކިތުގައި ފުރަތަމަ ފަހަރަށް ނަމާދުކޮށްފައިވަނީ ފެބްރުއަރީ 7، 2014 ގައެވެ.

ހުޅަނގު ސުމަތުރާގެ ރަޔާ މިސްކިތް

މި މިސްކިތް ފަރުމާކޮށްފައިވަނީ 2007 ވަނަ އަހަރު ހުޅަނގު ސުމަޓްރާގައި ކުރިއަށް ގެންދިޔަ ޑިޒައިންކުރުމުގެ މުބާރާތުގެ ވަނަ ހޯދި ލޯކަލް އާކިޓެކްޓް ރިޒާލް މުސްލިމްއެވެ. މި މިސްކިތުގެ އެންމެ ހާއްސަ އެއް ސިފައަކީ ތާރީހާއި ސަގާފަތާއި އެއްގޮތަށް ފަރުމާކޮށްފައިވާ މިސްކިތުގެ ފުރާޅެވެ. މި މިސްކިތުގައި މިނަންގްކަބައު ސްޓައިލްގެ ފުރާޅަކާ، ވަރުގަދަ ކޮލަމްތަކާ، ރީތި އާކިޓެކްޗަރަލް ޑީޓެއިލްސްތަކާއެކު ތަފާތު ރީތިކަމެއް ލިބިގެން ދެއެވެ. މި އިމާރާތަކީ ހުޅަނގު ސުމަޓްރާގައި އިސްލާމްދީނުގެ މުއްސަނދި ސަގާފަތާއި ތާރީހު ދައްކުވައިދޭ އިމާރާތެކެވެ.

ހުޅަނގު ސުމަތުރާގެ ރަޔާ މިސްކިތް

ތިން ބުރީގެ މި އިމާރާތުގެ ނަމާދުކުރާ މައި ހޯލު ހުންނަނީ ދެވަނަ ބުރީގައެވެ. މި މިސްކިތަކީ 20،000 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ. ހުޅަނގު ސުމަޓްރާގެ ބޮޑު މިސްކިތުގެ ތެރޭގައި، ފަންނުވެރިކަމުގެ ޒީނަތްތެރިކަމާ، ރީތި ލަކުޑި ވަޑާމުގެ ތަފްސީލުތަކުން، އެތެރޭގެ ރީތިކަން ފުރިހަމައަށް ދައްކައިދެއެވެ. މި މިސްކިތުގެ ބޭރުގައި ލޭންޑްސްކޭޕް ކޮށްފައިވާ ބަގީޗާތަކާއި ގޯތިތެރޭގެ ރީތިކަމާއި، މިސްކިތުގެ އާކިޓެކްޗަރަލް ރީތިކަމުން މިތަނަށް ޒިޔާރަތްކުރާ މީހުންނަށް އުފާވެރިކަން ލިބިގެން ދެއެވެ. މި މިސްކިތަކީ އަޅުކަންކުރާ ތަނަކަށްވުމުގެ އިތުރުން ދީނީ ހަރަކާތްތަކުގެ މަރުކަޒެކެވެ.އަދި ހުޅަނގު ސުމަޓްރާގެ ބޮޑު މިސްކިތަކީ ވެސް އިސްލާމީ ތާރީހަށް ޝައުގުވެރިވާ އަދި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ،