މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން 3 ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިއަދު ހަވީރުން ފެށިގެން ހުއްޓާނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުގައި ފެން ބޮޑުވެފައިވާއިރު އެމްއެންޑީއެފް އިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މިގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 6 ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތްކުރަމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހުން ފެށިގެން މޫސުން ގޯސްވެ ވިއްސާރަކުރާނެކަމަށް ބުނެފައެވެ. ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މެޓުން ބުނެފައިވާއިރު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މެޓުން ބުނީ ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށެވެ.