ދިވެހި ސަރުކާރުގެ ހަރަދުގައި މި އަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ހޮވައިފިއެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް 50 މީހުން ހޮވާފައި ވަނީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ގުރުއަތުނަގައިގެންނެވެ.

އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވުނު ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެ މީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް މިއަދު ބޭއްވި ގުރުއަތުން ވަނީ ހޮވާފައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ދައުލަތުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެން ކަމަށެވެ. އެ ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަގީރުން ހައްޖަށް ފޮނުއްވާނޭކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ އޮގަސްޓް، 18 2023 ވަނަ ދުވަހުގެރޭ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި މ. މުލަކު ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ އެ ވައުދާއި އެއްގޮތަށް މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުގައި 50 ފަގީރުން ހައްޖަށް ފޮނުވާފައިވެއެވެ.