މެކްސިކޯގެ ރަހަތަކަކީ މިހާރު އަހަރުމެން ދިވަހީންގެ ތެރޭގައި އާ ރަހަތަކަކަށް ނުވާއިރު ނިކަން މިއަދު ރޯދަ ވީއްލާ ގަޑިއަށް މެކްސިކޯ ޑިޝްއެއް ތައްޔާރުކޮށްލަން ހިނގާބަލާށެވެ. ޓޯޓިލާ އާއި މީރު ކުކުޅު މަސްގަނޑެއް އެކުލަވާލައިގެން ތައްޔާރު ކުރާ ޓާކޯއަކީ ލުއި ގޮތަކަށް ކާ އެއްޗެއް ހިޔާރު ކުރަން ބޭނުން ނަމަ ވަރަށް ރަނގަޅު ޑިޝް އެކެވެ.

މިއީ މެކްސިކޯގައި 1980ގެ އަހަރު ތަކުގައި ތައްޔާރު ކުރަން ފެށި ކާނާއެކެވެ. އަދި ޒަމާނަށް އަންނަ ބަދަލާއެކު މި ޑިޝް ތައްޔާރު ކުރާ ރެސިޕީއަށް ވެސް އަންނަނީ ބަދަލުތައް އަންނަމުންނެވެ. ނަމަވެސް މިއަދު "ދަ ޕްރެސް" ބަދިގެ ސެގްމެންޓުގައި މި ގެނެސްދެނީ ވަރަށް ފަސޭހަ އަދި އަނގަޔަށް މީރު ގޮތަކަށް ޓާކޯ ތައްޔާރު ކުރެވިދާނެ ރެސިޕީއެކެވެ.

ޓޯޓިލާ ހެދުމަށް ބޭނުންވާ ތަކެތި

  • 3 ޖޯޑު ފުށް
  • 1 މޭޒުމަތީ ސަމްސާ ލޮނު
  • 1 ސައިސަމްސާ ބޭކިންގ ޕައުޑަރު
  • 3/1 ޖޯޑު ތެޔޮ
  • 1 ޖޯޑު ހޫނުފެން

ތައްޔާރު ކުރާނެގޮތް

ފުށްގަނޑު މޮޑުމަށް ފުށާއި ލޮނު އަދި ބޭކިން ޕައުޑަރުކޮޅު ފުށް މޮޑޭ ތައްޓަށް އަޅައި އެއްކޮށްލާށެވެ. އަދި ތެލާއި ހޫނު ފެން އެޅުމަށްފަހު އާއްމުކޮށް ފުށް މޮޑޭގޮތަށް ފުށް މޮޑެލާށެވެ. ދެން އެއަށްފަހު ފުށްގަނޑު ފޯލިހެން އަތުން ރޯލްކޮށްލައި 16 ބަޔަށް ގުޅަ ކަނޑާށެވެ. އަދި ގުޅަ ވަށާލާށެވެ. އެއަށްފަހު މަތިޖެހި ތަށްޓަކަށް އަޅައި 15 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ. ބޮޑަށް ރަނގަޅީ 1 ގަޑި އިރުވަރު މިގޮތަށް ބެހެއްޓުމުންނެވެ.

ދެން 6 އިންޗި ދިގު ރޮށި ދަމާށެވެ. މިގޮތަށް ރޮށި ދަމާއިރު އެހައި ތުނި ނުކުރާށެވެ. ދެން އާއްމުކޮށް ރޮށި ފިހޭ ގޮތަށް ރޮށިތައް ފިހެލާށެވެ. ޓާކޯ ޝެލް ތައްޔާރުކުރުމަށް އަވަން 375 ޑިގްރީއަށް ޕްރީ ހީޓްއަށް ލާށެވެ.

ޓޯޓިލާ ތައްޔާރު ކުރުމަށް އަވަނަށްލާ ފިހެލަނީ

ދެން ރޮށިތަގުގެ ދެފަރާތުގައި ތެޔޮ ހާކާށެވެ. އަދި އަވަނާއިއެކު ލިބިފައިވާ މަސްފިހާ ދަގަނޑު ރެކްގައި ދޭދިދޭއްޗަށް ނުޖެހޭނެހެން (ރޮށީގެ ދެފަރާތް އެއްވަރުވާނެހެން) ދަނގަނޑުގައި ރޮށިތައް އަޅުވާށެވެ. ދެން ރޮށިތަކާއިއެކު ދަގަނޑު ރެކު އަވަނަށް ލުމަށްފަހު 8 ނުވަތަ 10 މިނެޓު ވަންދެން ރޮށިތައް އަވަނުގައި ފިހާށެވެ. މިގޮތަށް 8 ނުވަތަ 10 މިނެޓު ހަމަވުމުން ރޮށިތައް ހުންނަންވާނީ މުރަނަވެފައި މަޑު މުށި ކުލައެއްގައެވެ. ފިހެ ނިމުމުން ޓޮންގްއަކުން މަޑުމަޑުން ޓާކޯ ޝެލްތައް ނަގާށެވެ. އޭރުން އެހެރީ ޓޯޓިލާ ތައްޔާރުވެފައެވެ.

މަސްގަނޑު ހެދުމަށް ބޭނުންވާ ތަކެތި

  • 3 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
  • 4 ބޯންލެސް ޗިކަން ބްރެސްޓް (1 އިންޗި ދިގުމިނަށް ކޮށާފައި)
  • 2 ސައިސަމްސާ މުގުރި މިރުސް
  • 2 ސައިސަމްސާ ދިރި (މުގުރާފައި)
  • ½ ސައިސަމްސާ ގާލިކް ޕައުޑަރު
  • ¼ މޭޒުމަތީ ސަމްސާ މިރުސް
  • ½ ސައިސަމްސާ މުގުރި އަސޭމިރުސް
  • 8 ޓޯޓިލާ (ރޮށި)
  • ސަވާ ކްރީމް
  • ފިޔާ (ކިއުބްކޮށް ކޮށާފައި)
  • ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)
  • ޗެޑާ ޗީޒް
  • ލުނބޯ ފަޅިކޮށްފައި

ޓާކޯސް ތައްޔާރު ކުރާނެ ގޮތް

ތެޔޮފޮދު ތަވަޔަށް އެޅުމަށްފަހު މަޑުގިނީގައި އުނދުން ޖައްސާށެވެ. އަދި ލޮނާއި އަސޭމިރުސް ކުކުޅުކޮޅުގައި ރަނގަޅަށް ހޭކޭނެހެން އެއްކޮށްލައި ތަވަލުގެ ތެރެއަށް އަޅާށެވެ. އަދި 6 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅު ރޯފިލައި މަޑު މުށިކުލައެއް އަރަންދެން ކައްކާށެވެ. ދެން ބާކީ ހުރި ހަވާދުގެ ބާވަތްތައް އަޅައި މިނެޓެއް ވަރު ވަންދެން އެއްކުރާށެވެ. ތަވާގެ ފުލުގައި ތަތްލަވާނަމަ، އިތުރަށް ތެޔޮފޮދެއް ޖައްސާލާށެވެ.

ޓާކޯއަށް ބޭނުންވާ މަސްގަނޑު ތައްޔާރު ކުރަނީ

ދެން ޓޯޓިލާތައް ނަގައި ކުކުޅު ކޮޅާއި ސަވާ ކްރީމް، ފިޔާ، ޓޮމާޓޯ އަދި ޗީޒް އަޅާށެވެ. އަދި ސާވް ކުރާއިރު ލުނބޯހުތްކޮޅެއް ޖެއްސުމަށް ކޮށާފައި ހުރި ލުނބޮލާއިއެކު ސާވްކުރާށެވެ.