ބާދުޝާހީ މިސްކިތަކީ ޕާކިސްތާނުގެ ޕަންޖާބުގެ ލާހޯރުގައި ހުންނަ މުގަލް ޒަމާނުގެ އިމްޕީރިއަލް މިސްކިތެކެވެ. މިއީ އޯރަންގްޒޭބްގެ ވެރިކަމުގައި، 1671 އާއި 1673 އާ ދެމެދު ބިނާކުރެވުނު މިސްކިތެކެވެ. މިއީ ޕަންޖާބުގެ އެންމެ އައިކޮނިކް އެއް ލޭންޑްމާކް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި މިސްކިތަކީ މުގަލް އާކިޓެކްޗާގެ މުހިންމު މިސާލެކެވެ. މާބަލް އިންލޭ އާއި އެކު ވަޑާންކޮށްފައިވާ ރަތް ކުލައިގެ ވެލިގަނޑުން ޒީނަތްތެރިކޮށްފައިވާ ބޭރުފުށެއް ހުންނަ މި މިސްކިތަކީ އެއީ މުގަލް ޒަމާނުގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި މަޝްހޫރު މިސްކިތެކެވެ. އަދި މިއީ ޕާކިސްތާނުގެ ތިންވަނައަށް އެންމެ ބޮޑު މިސްކިތެވެ.

1870 ވަނަ އަހަރު ނަގާފައިވާ ބާދުޝާހީ މިސްކިތުގެ ފޮޓޯއެއް

7 ޖުލައި 1799 ގައި ރަންޖިތު ސިންގްގެ ސިކުން ލަޝްކަރުން ލާހޯރުގެ ކޮންޓްރޯލް އަތުލައިގަތުމަށްފަހު، މަހާރާޖާ ރަންޖިތު ސިންގް އޭނާގެ ސިފައިންގެ އަސްތަކަށް ބެހެއްޓުމަށް އެ މިސްކިތުގެ ބޮޑު ގޯތިތެރެ ބޭނުންކުރިއެވެ. އަދި އޭނާގެ ސިފައިންގެ ކުއާޓަރެއްގެ ގޮތުގައި އަދި އަސްކަރީ ފިހާރަތަކެއްގެ ގޮތުގައިވެސް މި މިސްކިތް ބޭނުންކުރިއެވެ. 1849 ވަނަ އަހަރު އިނގިރޭސިން ސިކުންގެ އަތުން ލާހޯރުގެ ކޮންޓްރޯލް އަތުލައިގަތެވެ. އަދި އިނގިރޭސި ވެރިކަމުގެ ދުވަސްވަރު، މިސްކިތާއި ޖެހިގެން ހުރި ކިއްލާއަކީ އަސްކަރީ ގާރިސަންއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ކިއްލާއެކެވެ. އެހެންނަމަވެސް އަސްކަރީ ގާރިސަންއެއްގެ ގޮތުގައި މިސްކިތް ބޭނުންކުރުމާ ދެކޮޅަށް މުސްލިމުންގެ ނުރުހުން އިތުރުވަމުންދިއުމާއެކު، ޚާހާން ބަހާދުރު ނަވާބު ބަރްކާތު އަލީ ހާންގެ އެހީތެރިކަމާއެކު އިނގިރޭސިން 1852 ވަނަ އަހަރު ބާދުޝާހީ މިސްކިތް އޮތޯރިޓީ ގާއިމްކޮށް، ދީނީ އަޅުކަންކުރާ ތަނެއްގެ ގޮތުގައި އަލުން ގާއިމް ކުރިއެވެ.

ބާދުޝާހީ މިސްކިތް

ޕާކިސްތާނުގެ މިނިވަންކަމަށްފަހު 1939 ވަނަ އަހަރު ފެށި މި މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، 1960 ވަނަ އަހަރު މިސްކިތުގެ މަސައްކަތް ނިންމާލެވުނީ ޖުމްލަ 4.8 މިލިއަން ރުފިޔާއަށެވެ. 22 ފެބްރުއަރީ 1974 ގައި، މުސްލިމް ދައުލަތްތަކުގެ ތެރެއިން ތިރީސް ނުވަ ވެރިން ހުކުރު ނަމާދު ބާދުޝާހު މިސްކިތުގައި ކޮށްފައިވާއިރު 1993 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދުގެ ޓެންޓޭޓިވް ލިސްޓެއްގައި ބާދުޝާހީ މިސްކިތް ހިމަނާފައިވެއެވެ.

ބާދުޝާހީ މިސްކިތުގެ މުންނާރުތައް

މި މިސްކިތުގެ ދީނުގެ ސަގާފަތާއި، ފަރުމާތައް ހިމެނޭ އިރު ފާރިސީ އާކިޓެކްޗަރަލް ސްޓައިލްތަކުގެ ނަމޫނާތައް ވަރަށް ބޮޑަށް ފެނިގެންދެއެވެ. ވަޒީރު ޚާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް އިންޓްރިކްޓް ކާޝީ ކާރީ ނުވަތަ ކާޝަން ސްޓައިލް ޓައިލް ވޯކް އިން ޒީނަތްތެރިކޮށްފައިވެއެވެ. މި މިސްކިތުގައި ވެސް ހުދު މާބަލް އިންލޭ އާއި އެކު ރެޑް ސޭންޑްސްޓޯން އާއި އެކު ލާހޯރުގައި އެހެނިހެން މިސްކިތް ޑިޒައިންތައް ފެނިގެން ދާއިރު މިސްކިތުގެ އިންޓްރިކްޓް ޓައިލް މަސައްކަތާއެކު މިސްކިތައް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ބާދުޝާހީ މިސްކިތުގެ އެތެރެ

މި މިސްކިތުގެ ފުރިހަމަ ނަން 'މަސްޖިދު އަބޫލް ޒަފަރު މުހި-ދީން މުހައްމަދު އަލަމްގިރު ބަދުޝާހް ޣާޒީ' ލިޔެފައިވަނީ ވޯލްޓް ކޮށްފައިވާ އެންޓްރެންސްގެ މަތީގައި އިންލޭޑް މާބަލް އިންނެވެ. މި މިސްކިތުގެ ގޭޓު ވޭ ކައިރީގައިވެސް ގިނަ ކުދި ކޮޓަރިތަކެއް ހުރިއިރު، މިތަންތަނަކީ އާންމުންނަށް ހުޅުވާލާފައިވާ ތަންތަނެއް ނޫނެވެ. މި މިސްކިތުގެ ބޮޑު ގޭޓުން ވަދެގެން ދާއިރު 276،000 އަކަފޫޓުގެ ސަރަހައްދެއްގައި ރަތް ގާތައް އަތުރާލާފައިވާ ގޯތިތެރޭގައި ބޮޑު ޖަމާއަތުގައި ފަސޭހަކަމާއެކު 100،000 މީހުންގެ އަޅުކަންކުރާ ޖާގަ ލިބިގެންދެއެވެ.

ބާދުޝާހީ މިސްކިތް

މި މިސްކިތުގެ މައި އިމާރާތަކީ ރަތް ވެލިގަނޑުން ހަދާފައިވާ ތަނެކެވެ. ހުދު ކުލައިގެ މާބަލް އިންލޭ އިން ޒީނަތްތެރިކޮށްފައިވާ މި މިސްކިތުގައި ތިން މާބަލް ގުއްބު ހުރެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގުއްބު ހުންނަނީ މިސްކިތުގެ މެދުގައެވެ.އަދި އޭގެ ދެފަރާތުގައި ކުޑަ ދެ ގުއްބު ހުރެއެވެ. މި މިސްކިތުގެ އެތެރެއާއި ބޭރު ވެސް ޒީނަތްތެރިކޮށްފައިވަނީ މުގަލް އާޓްއިން އާންމު ގޮތެއްގައި ބޭނުންކުރާ ފްލޯރަލް ޑިޒައިން އެއް ޖަހާފައިވާ ތަފްސީލީ ހުދު މާބަލް އިންނެވެ. ބަދުޝާހު މިސްކިތުގެ މައި ކޮޓަރީގެ ކޮންމެ ފަރާތެއްގައި ހުންނަ ކޮޓަރިތަކަކީ ދީނީ އިލްމު ކިޔަވައިދިނުމަށް ބޭނުންކުރާ ކޮޓަރިތަކެކެވެ. މި މިސްކިތުގައި ނަމާދުކުރާ ހޯލުގައި 10،000 މީހުންނަށް ތިބެވެއެވެ.

ބާދުޝާހީ މިސްކިތުގެ މުންނާރުތައް

މި މިސްކިތުގެ ހަތަރު ކަނުގައި ކޮންމެ ކަނެއްގައި ވެސް 196 ފޫޓް (60 މީޓަރު) އުސްމިނުގައި ހުންނަ ރަތްކުލައިގެ ވެލިގަނޑުން ހަދާފައިވާ އޮކްޓޮގޮނަލް، ތިން ބުރީގެ މުންނާރުތަކެއް ހުރެއެވެ، ކޮންމެ މުންނާރެއްގެ މަތީގައި މާބަލް ކެނޮޕީއެއް ހުރެއެވެ. އދި މި މިސްކިތުގެ މައި އިމާރާތުގެ ކޮންމެ ކަނެއްގައި އިތުރު ހަތަރު ކުދި މުންނާރުތައް ހުރެއެވެ.