ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެދިވަޑައިގެންފިއެވެ.
"ދަ ޕްރެސް" މައުލޫމާތު ދެއްވަމުން އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ އަޒްމިރަލްދާ ހާޒިރުކޮށް ޖޭއެސްސީއިން ކުރިއަށް ގެންދާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށެވެ.
ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުވާން ފުރަތަމަ އަންގާފައި ވަނީ މިއަދު ހެނދުނު 11:00އަށެވެ. ނަމަވެސް މިހާރު އެ އަޑުއެހުން ވަނީ މާދަމާއަށް ބަދަލުކޮށްފައެވެ.
ޖޭއެސްސީން އަޒްމިރަލްދާގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދު ކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ. ނަމަވެސް މި ތުހުމަތުތަކަށް އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކަކީ އަސްލެއް އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.
މި މައްސަލައިގައި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީ ބަދަލުކުރުންނާއި ޕާޓީން ވަކިކުރުމުންވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާއެކު އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ޖޭއެސްސީއިން ވަނީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުވެސް ސަސްޕެންޑު ކޮށްފައެވެ.