ހެރާޓްގެ ހުކުރު މިސްކިތުގެ ނަމުން ވެސް މަޝްހޫރު ޖަމީ މަސްޖިދު އަކީ އަފްގާނިސްތާނުގެ ގަދީމީ ސިޓީއެއް ކަމަށްވާ ހެރާޓްގައި ހުންނަ މުހިންމު ތާރީހީ އަދި އާކިޓެކްޗަރަލް ލޭންޑްމާކެކެވެ. މިއީ މި ސަރަހައްދުގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް މިސްކިތެވެ. އަދި މިއީ އިސްލާމީ އާކިޓެކްޗާގެ މާސްޓާޕީސްއެއްގެ ގޮތުގައި ބެލެވޭ މިސްކިތެކެވެ. މި މިސްކިތަކީ 12 ވަނަ ގަރުނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އަދި އެކި ދުވަސްވަރު އެކި ހާދިސާތަކުގައި މި މިސްކިތައް ގެއްލުންތަކެއް ލިބިފައިވާއިރު، މިފަދަ ކޮންމެ ހާދިސާއަކަށް ފަހުވެސް މި މިސްކިތް މަރާމާތްކޮށް އާބާތުރަ ފިލުވާފައިވެއެވެ. 800 އަށް ވުރެ ގިނަ އަހަރު ވެފައިވާ ހެރަޓްގެ ހުކުރު މިސްކިތަކީ އަފްގާނިސްތާނުގެ އެންމެ ރީތި އިސްލާމީ އިމާރާތުގެ އިތުރުން މެދުތެރޭ އޭޝިއާގެ އެންމެ މޮޅަށް ބިނާކޮށްފައިވާ އެއް އިމާރާތެވެ.
މި މިސްކިތް މަޝްހޫރުވެފައިވަނީ އިންޓްރިކްޓް ޓައިލް ވޯކް އިން ޒީނަތްތެރިކޮށްފައިވާ ވިދާ ނޫކުލައިގެ މުންނާރުތަކާއި، ނަމާދުކުރާ ހޯލުގެ މަތީގައި އިންނަ ބޮޑު ސެންޓްރަލް ގުއްބުގެ ސަބަބުންނެވެ. މި މިސްކިތަކީ ޓިރޫމިޑް ދަރިކޮޅުގެ ތެރޭގައި ދީނީ އަދި ސަގާފީ ހަރަކާތްތައް ކުރިއަށް ގެންދިޔަ މިސްކިތެކެވެ. އަދި އިސްލާމް ދީންގެ އިލްމު ދިރާސާކުރުމުގެ ތެރޭގައި ތައުލީމީ މަރުކަޒެއްގެ ގޮތުގައިވެސް ބޭނުންކޮށްފައިވެއެވެ.
މިއަދުވެސް މި މިސްކިތް ބޭނުން ކުރަމުން އަންނައިރު، ޒިޔާރަތްކުރާ ފަރާތްތަކަށް މި މިސްކިތް ހުޅުވާލާފައިވެއެވެ. މި މިސްކިތަށް ޒިޔާރަތްކުރާ ގިނަ މީހުން މިސްކިތަށް ވަންނަނީ މިސްކިތުގެ އިރުމަތީ ފަރާތުގައި ހުންނަ ޕާކުގެ ތެރެއިންނެވެ. މި ގޮތަށް ވަނުމުން މިސްކިތުގެ ބޮޑު އަދި މުއްސަނދި ޓައިލްސް ޖަހާފައިވާ އެތެރެއަށް ފަސޭހަކަމާއެކު ވަދެވޭނެއެވެ. ނަމާދު ގަޑިތަކުގެ މިސްކިތުގެ ކޯރިޑޯ ސަރަހައްދު ބަންދުކުރާއިރު މި ގަޑިތަކުގައި މިސްކިތަށް ވަންނަން ޖެހެނީ މިސްކިތުގެ އުތުރުފަރާތުންނެވެ. މިސްކިތުގެ ގޯތިތެރޭގައި ހުރި ފޭސްޑްތަކުގައި ތަފާތު ހަތް ކުލައެއްގައި ސަގާފީ މޮޒައިކްތަކެއް ޖަހާފައިވާއިރު މި މިސްކިތުގެ ބޭރު ފާރުތައް ޒީނަތްތެރިކޮށްފައިވަނީ ގްލޭސްޑް ޓައިލްސް އިން ޓިރޫމިޑް ސްޓައިލްއަށެވެ.
ފާއިތުވި އަހަރުތަކުގައި ގުދުރަތީ ކާރިސާތަކުގެ ސަބަބުން މި މިސްކިތުގެ ޓައިލްސްތަކުގެ ބޮޑު ބަޔަކަށް ގެއްލުން ލިބިފައިވާއިރު 2022 ވަނަ އަހަރުގެ ކުރީކޮޅު އިސްލާމީ އަމީރާގެ އިންފޮމޭޝަން އެންޑް ކަލްޗާ އޮފް ދަ އިސްލާމިކް އެމިރޭޓުން ވަނީ މި މިސްކިތުގެ މަރާމާތުގެ މަސައްކަތްކޮށްފައެވެ.