ދެ އަތުން މޫނު ފޮހެލުމަށްފަހު ޒިވީ ނޭފަތް ދަމާލިއެވެ. އެއަށްފަހު އަލަމާރި މަތީބައިގައި ފަތް ޖަހާފައި އޮތް ގަމީހެއް ނެގިއެވެ. ގޮޅިޖެހި ރަތްކުލައިގެ ގަމީހެކެވެ. އެ ގަމީހުން ވަސް ބަލާލީ އަދިވެސް އޭގައި އިކާންގެ ވަސް ހުރިތޯއެވެ.
ގަމީހާއެކު ގޮސް އެނދުމައްޗަށް ވެއްޓިގެން އޮވެ ޒިވީގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކުން އެ ގަމީސް ތެތްމަމުން ދިޔައެވެ. އޭރު ޒިވީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިކާނާ އެންމެ ފަހުން ދެކެވުނު ވާހަކަތަކެވެ. ރެސްޓް ރޫމް ތެރޭގައި ކަންތައްވީ ގޮތެވެ.
*** *** *** *** *** ***
ކޯޓުގެ ގޮށް އަޅުވަމުން އިކާން ކުރިއަށް ދާން ހިނގައިގަތީ އެތަނުުން ނިކުންނާށެވެ. އެވަގުތު އިކާންގެ ކުރިމައްޗަށް ޒިވީ ހުއްޓެމުން މަޑުކުރާށޭ ބުނެލި އިރު ޒިވީ ހުރީ ސިދާ އިކާންގެ މޫނަށް ބަލާށެވެ. އިކާންގެ ފިޔަވަޅު މަޑުކޮށްލިއިރު ޒިވީގެ ފަރާތުން އެތައް ސުވާލުތަކެއް ކުރިމަތިވާނެކަން އޭނާއަށް އެނގުނެވެ.
ޒިވީ ކުރިއަށް ޖެހެމުން އައިސް އިކާންގެ މޭގައި އަތް ޖައްސާލިއެވެ. އޭނާގެ ދިގު އެސްފިޔަތައް ހުޅުވާލަމުން އިކާންގެ މޫނަށް ބަލާލިއެވެ. ޒިވީގެ މޫނަށް އިކާން ބަލާލީ ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށެވެ. އިކާން ލައިގެން ހުރި ކޯޓުގައި ޒިވީ ދެއަތުން ހިފާލުމުން ހައިރާންވެ އިކާން ފަހަތަށް ޖެހުނެވެ.
"އިކާން.. ކީއްވެ؟.. ކީއްވެ ތާރާ... ތާރާ ނޫން އެހެން މީހަކު ނުފެނުނީތަ؟... މީ އަހަރެން ހިތުގަ ޖައްސަން ގަސްތުގަ އިކާން ކުރި ކަމެއްދޯ!..." އިކާން ފަހަތަށް ޖެހެމުން ދިޔަ ވަރަކަށް ޒިވީ ކުރިއަށް ޖެހެމުން ދިޔަ އިރުވެސް އޭނާގެ ދެއަތް އިކާންގެ ކޯޓަކުން ވަތްކެއް ނުކުރެއެވެ. ކޯޓުގައި ހިފާފައިވާ ދެއަތުން ލަކި ޖަހަމުން ޒިވީ ބޮޑާ ހާކަމުން ދިޔައެވެ.
ޒިވީ ކުރަމުން ދިޔަ ސުވާލުތަކަށް އިޖާބަ ދިނުމަކީ އިކާނަށް މާ މުހިއްމު ކަމަކަށް ނުވިއެވެ. އިކާނަށް ތާރާ އާއި ޒިވީއާ ދެމެދުގައި ގުޅުމެއް އޮތް ކަމެއް ކުރިން އެނގިފައެއް ނެތެވެ. ކަންތައް ދިމާވި ގޮތް ޒިވީއަށް ކިޔައިދިނުމަށް އެތާ މަޑުކުރަން އިކާން ފަސްޖެހުނެވެ. އިކާންގެ ދެއަތް އުފުލާލުމުން ޒިވީ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަބަދުވެސް ހަދާ ގޮތަށް އޭނާގެ ހަށިގަނޑުގައި އިކާން ބައްދާލަން އުޅެނީ ކަމަށް އޭނާއަށް ހީވިއެވެ.
ޒިވީގެ ދެއަތުގައި ހިފާ ދަމައިގަންނަމުން އެ ދެއަތް އިކާން ލައިގެން ހުރި ކޯޓުން ފޮޅާލުމަށްފަހު ޒިވީ އެއްފަރާތަކަށް އިކާން ޖައްސާލީ އޭނާ އެ ރެސްޓް ރޫމްއިން ނިކުންނާށެވެ. ކުރިއަށް ހިނގައިގަތް އިކާންގެ އަތުގައި ހިފާ ޒިވީ އެލިގަންނަމުން ވާހަކަ ދެއްކީ އާދޭސް ކުރާ ފަދައަކުންނެވެ.
"އިކާން... ޕްލީސް މަޑުކޮށްބަލަ... ޕްލީސް..." އިކާންގެ އަތުގައި ހިފާ ޒިވީއާ ދިމާއަށް އޭނާ އަބުރާލިއެވެ. އޭރު ވެސް ޒިވީ ހުރީ އިކާންގެ އަތުގައި ހިފަހައްޓައިގެންނެވެ. އެއްފަހަރު އިކާންގެ އަތަށް އަނެއް ފަހަރު ޒިވީގެ މޫނަށް އިކާން ބަލާލީ ދެބުމަށް ގޮށް ޖަހާލަމުންނެވެ.
"އަހަރެން ކުރާ އެންމެ ސުވާލަކަށް ޖަވާބު ދީ.. އޭރުން އަހަަރެން އިކާނަށް އުނދަގުލެއް ނުކުރާނަން..." ޒިވީގެ އާދޭހަށް ހޫން އަޅުވާލަމުން ޒިވީއަށް އިކާން ފުރަގަސް ދިނެވެ. ދަނޑިވަޅުގެ ބޭނުން ހިފަމުން އިކާންގެ ފަހަތުން ޒިވީ ބައްދާލިއެވެ. "ޑޫ ޔޫ ލަވް މީ؟... އަހަރެން ދެކެ އިކާން ލޯބި ނުވަނީތަ؟..." އިކާންގެ ގައިން ދުވި މީރު ވަހުން ދެލޯ މަރާލަމުން ޒިވީ ސުވާލު ކޮށްލިއެވެ.
އިހްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަތުގެ އިނގިލިތައް އިކާން މުށްކަވާލިއެވެ. ޖަވާބެއް ނުލިބި ލަސްވާތީ ކެތްމަދުވެފައިވާ ޒިވީއަށް ހިމޭނަކުން ނުހުރެވުނެވެ. އިކާންގެ އަތުގައި ހިފާ ޒިވީއާ ދިމާއަށް އަނބުރާލަމުން އިކާނާ އޭނާ ގާތްވާން މަސައްކަތް ކުރިއެވެ. ޒިވީއާ ކުރިމަތިލަމުން ކުއްލިއަކަށް އިކާން ހިފީ ޒިވީގެ ދެއަތުގެ މުލައްދަނޑީގައެވެ.
ހުއްޓުން އަރާފައި ޒިވީ ބަލަން ހުރީ އިކާން އޭނާގެ އަތުގައި ހިފިލެއް ބާރު ކަމުންނެވެ. އިކާން ކުރިއަށް ޖެހެމުން ޒިވީގެ ފަހަތުގައި ހުރި ފާރުގައި ޒިވީ ލަށްކޮށްލި އިރު ހީވީ ފާރު ތެރެއަށް ޒިވީ ގަންނަވާލަން އުޅުނުހެނެވެ. ކަޅި ޖަހާނުލާ އިކާންގެ މޫނަށް ބަލަން ހުރި ޒިވީއަށް ފެންނަމުން ދިޔައީ ނަފްރަތުގެ ހުޅު ރޯވެފައިވާ އިކާންގެ ދެލޮލެވެ. އިކާންގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައި ހުރުމުން ޒިވީގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ.
"ބުނަންވީތަ؟.. އަޑު އަހަން ކެރޭނެތަ؟... އާން.. އަހަރެން ޒިވީ ދެކެ ލޯބި ވިން... އެކަމް މިހާރު ލޯތްބެއް ނުވޭ... ޖަވާބު ލިބިއްޖެތަ؟..." އިކާން ވާހަކަ ދެއްކީ މަޑުމަޑުން ކަމުގައި ވިޔަސް އެ އަޑުގައި އިންޒާރު ދޭ ފަދަ ހަރުކަށި ކަމެއް ހުއްޓެވެ.
ޒިވީގެ މޫނާ ދިމާލުން އެއްފަރާތަށް އިކާންގެ އަތް ހަރަކާތްކޮށްލުމުން ޒިވީ ލޯ މަރާލީ އޭނާގެ މޫނުމަތީގައި އެ އަތް އައިސް ޖެހިދާނެތީއެވެ. އިކާންގެ އަތް ބަން ލާފައި ފާރުގައި ޖެހި އަޑަށް ބިރުން ޒިވީ ތެޅިގަތެވެ. ދެލޯ ހުޅުވާ ބަލާލިއިރު އިކާން ލައިގެން ހުރި ކޯޓުގައި އަތް ހާކަމުން އެތަނުން ނުކުމެގެން ދަނީއެވެ.
އިކާންގެ ފަރާތުން ލިބުނު ޖަވާބު ކިތަންމެ ހިތިކަމުގައި ވިޔަސް އަނބުރާ ޕާޓީއަށް ވަނުމަށް ޒިވީ ހިނގައިގަތީ އޭނާގެ އިސްތަށިގަނޑުގައި އަތް ހާކަމުންނެވެ.
*** *** *** *** *** ***
އަތުގެ މުލައްދަނޑީގައި އަދިވެސް އިކާން ހިފާލި ހިފާލުން ޒިވީއަށް އިހްސާސް ވާ ކަހަލައެވެ. އެ ހިޔާލުތަކަށް ގެއްލިފައި ޒިވީ އޮއްވާ އެ ކޮޓަރި ދޮރުގައި ޒޫނާ ޓަކި ޖަހާލިއެވެ. ޒޫނާއާ ކުރިމަތިލައިފި ނަމަ އެތައް ސުވާލެއް ކުރާނެކަން ޒިވީއަށް އެނގެއެވެ. އެހެންކަމުން ޒިވީގެ ދެލޯ ފޮހެލަމުން އަތުގައި އޮތް އިކާންގެ ގަމީސް ބާލީސް ދަށަށް ކޮށްޕާލިއެވެ.
ޒިވީގެ ޚަބަރެއް ނުވުމުން ކޮޓަރީގެ ދޮރު ހުޅުވާލަމުން ޒޫނާ އެތެރެއަށް ވަނެވެ. އެނދުގައި ނިދިފައި އޮތް ޒިވީ ފެނުމުން ޒޫނާ ދެއަތަށް ބޯ ހޫރާލިއެވެ. "ޒިވީ... އޭ ހެދުން ވެސް ބަދަލު ނުކުރަނީތަ؟..."
ގުޑިވެސް ނުލާ އެ އޮތް ގޮތަށް ދެލޯ މަރާ ތަގުޅިކޮށްގެން ޒިވީ އޮތެވެ. ނިދާފައި އޮތުމުން ކޮޓަރީގެ އެސީ ޖައްސާލަމުން ޒިވީ ގައިމަތީ ފޮތިގަނޑު އަޅައިދިނުމަށްފަހު އެކޮޓަރިން ޒޫނާ ނިކުމެގެން ދިޔައީ ކޮޓަރި އެއްކޮށް އަނދިރި ކޮށްލާފައެވެ.
ދޮރު ލެއްޕުމުން ބާލީސް ދަށަށް ލީ ގަމީސް ނަގާ އެ ގަމީހުން ޒިވީ ވަސް ބަލާލިއެވެ. އެވަގުތު އޭނާ ބަޑި ފަޅައިގެން ދިޔައީ އޭނާގެ ސިކުނޑިއަށް އައި ހިޔާލުންނެވެ. އިކާން އެނާއަށް ދެން ގެއްލުނީއެވެ. އުމުރަށް ގެއްލުނީއެވެ. އެއީ މިހާރު އެހެން މީހެއްގެ ހައްގެކެވެ.
*** *** *** *** *** ***
ކައިވެނީގެ ޕާޓީ ނިމި އެންމެން ގެއަށް ގޮސް އެ ޓެރަސް ވަނީ ހަމަ ހިމޭން ވެފައެވެ. ލައިޓިންގް މަސައްކަތް ކުރި މީހުުންތައް އެތާގައިވާ ސާމާނުތަައް ނަގަމުުން ދިޔައިރު އެމީހުން ކައިރީ އުލްފާ ވެސް އުޅުނެވެ. ޓެރަސްގެ އެއްފަރާތެއްގައި މަޑުކޮށްގެން ތިބި އިކާނާއި ތާރާގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރިކަމެވެ.
"ދަރިފުޅާ އިކާން... މަންމަމެން މިދަނީ ގެއަށް ދާން... ވަރަށް ލަސްވެއްޖެ ދޯ..." އާމިރާ ވާހަކަ ދެއްކީ އޭނާގެ ދަރިފުޅު އިކާނާއެވެ.
"އަހަރެމެން ވެސް ދާން މި އުޅޭނީ... މަންމަމެން ގެއަށް ފޮނުވާލާފަ ގުޅާނަން.. އޭރަށް ތިރިއަށް ފައިބޭ... އޯކޭ..." އިކާން އޭނާގެ މަންމަ އާއި ބައްޕައާ އަދި ކޮއްކޮ އަލީޝާއާ އެކީ ލިފްޓާ ދިމާއަށް ހިނގައިގަތެވެ.
ތާރާ ބޯ ޖަހާލަމުން އަލީޝާއާ ދިމާއަށް އަތް ހަނާ އަޅާލިއެވެ. މަޑު ހިނގުމެއްގައި ތާރާ ގޮސް ހުއްޓުނީ އުލްފާ ކައިރިއަށެވެ. އޭރު އުލްފާ އަތުގައި އޮތް އަތް ދަބަސް ކޮނޑުގައި އަޅުވާލަމުން ތާރާ ގައިގާ ބައްދާލިއެވެ.
"ޔޯ ވެޑިންގް ނިމުނީ ދޯ... ސޯ ކޮން އިރަކުން އިކާންމެން ގެއަަށް ދަަނީ..." އުލްފާ ސަމާސާ ރާގަކަށް ވާހަކަ ދެއްކީ ބުމަ އަރުވަމުންނެވެ. ވިދާލުމުން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ އުޑު މައްޗަށެވެ. ވިއްސާރަ ވިލާތައް އުޑުމަތިން ފާޅުވާން ފަށައިފިއެވެ.
"ކިރިޔާ ދޯ ޕާޓީ ނިންމާލެވުނީ... އެ އުޅެނީ ވާރޭ ވެހެން..." އުލްފާ މިހެން ބުނެ ތާރާގެ މޫނަށް ބަލާލިއެވެ.
"އިކާން އިރުކޮޅަކުން ގުޅާނެ... ހިނގާ ގެއަށް ދާން.. މަންމަމެން ކައިރިއަށް ވަދެލަން ވާނެއްނު... އެންޑް އައި ހޭވް ޓު ޓޭކް ސަމްތިންގް ޓު ވެއާ..." އުލްފާގެ އަތުގައި ހިފަމުން ލިފްޓާ ދިމާއަށް ތާރާ ހިނގައިގަތެވެ.
އެޕާޓްމަންޓަށް ވަދެ ތަހްމީނާގެ ކޮޓަރިއަށް ތާރާ ވަނެވެ. ޕާޓީގައި ހުއްޓާ މާބޮޑަށް ވަރުބަލި ވާތީ ތަހުމީނާ ގޮވައިގެން އާތިފް އެޕާޓްމަންޓަށް އައީއެވެ. ތާރާ ދާންވީ ވަގުތު އައިސް ޖެހުނީކަން އެނގުމުން އެނދުގައި އޮށޯވެގެން އޮތް ތަހުމީނާ ތެދުވިއެވެ. އަދި ތާރާގެ އަތުގައި ހިފާލުމުން ތަހުމީނާގެ މަގަތުގައި ތާރާ އިށީނެވެ.
- ނުނިމޭ -