ޓެރަސްގެ ތިރިއަށް ހުރި ބައިގައި ތައްޔާރުކޮށްފައިވާ މޭކަޕް ރޫމްގެ ދޮރު ހުޅުވާލަމުން ތާރާ އެތެރެއަށް ވަދެ އަރައިގެން ހުރި ހައިހީލްސް ބޭލިއެވެ. އެއަށްފަހު ގޮނޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ.

"އުލް.. އަހަންނަށް އެނގިއްޖެ އެކްސްއޯއަކީ ކާކުކަން... އޭނަ އެބަ އުޅޭ މި ޕާޓީގަ..."

ސްޕޮންޖް ކޮޅަކުން ތާރާގެ މޫނުގައި ޖެނިފާ މޭކަޕް ކުރަމުން ދިޔައެވެ. އުލްފާ ހައިރާން ކަމާއެކީ ތާރާއަށް ބަލާލަމުން ދެލޯ ބޮޑުކޮށްލިއެވެ. "ކީކޭ... ޓެލްމީ.. ކާކު އެއީ... އޭނައަށް ކާކު އިންވައިޓް ކުރީ؟.." އުލްފާ އަތުގައި އޮތް ޓެބްލެޓްގެ ސްކްރީން އޮންކޮށްލުމަށްފަހު މެހެމާނުންގެ ލިސްޓް ހުޅުވާލިއެވެ.

"އަހަރެން އޭނައަށް އިންވައިޓް ކުރީ.. އެއީ ރިލޭޓިވްއެއް... އުލްއަށް އިނގޭނެ.. އެއްކަލަ ޒިވީ... ޒިވީ ގަނޑު..." ތާރާ މޫނު ކުނި ކޮށްލިއެވެ.

"އިކާން ބުނީ އެއީ އޭނަގެ އެކްސްއެކޯ... ޒިވީ ހުރި ފާޑަކަށް ބަލަން... ކަޑަވެފަ ހުރީ.. މި ނުކުމެފަ އަދި އިތުރަށް ކަޑަކޮށްލާނަން..." ތާރާގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ބޮލަށް ހެއަރ ސްޕްރޭކޮޅެއް ޖަހާލަމުން ޖެނިފާ ދުރަށް ޖެހިލިއެވެ.

ތާރާ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި އުލްފާގެ ޓެބްލެޓްގައިވާ ގަޑިއަށް ބަލާލިއެވެ. "އޯ.. ތާރާ... އަހަރެން އެބަ އަންނަން... މީޒާމެންނާ ވާހަކަ ދައްކާފަ.. ބީ ރެޑީ އިނގޭ..." އުލްފާ އެކޮޓަރިން ނިކުމެގެން މިސްރާބު ޖެހީ ޓެރަސް ބަޔަށް އަރާށެވެ. ސިޑިޔާ ދިމާއަށް ބާރުބާރަށް ހިނގާފައި ދިޔަ އުލްފާގެ ގައިގާ މީހަކު އަޅައިގަތުމުން ސޮރީއޭ ބުނަމުން އަނެއްކާ ވެސް އުލްފާ ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ.

"އެކްސް ކިއުޒް މީ... ކޮބާ ރެސްޓް ރޫމް؟...." އެ އަންހެން ކުއްޖާ ޖަވާބުދޭން އުލްފާ އެނބުރިލިއެވެ. "ހެއި.. ޒިވީތަ؟... އޯ ރެސްޓް ރޫމް ދޯ... ތިހެން ގޮސް ކަނާތް ފަރާތަށް އަޅާލާ އިރު އެތާ ހުންނާނެ... ވަރަަށް އަވަހަށް ދާންޖެހިގެން މިދަނީ.. ޓޯކް ޓު ޔޫ ލޭޓާ..." ޒިވީއަށް ފުރަގަސްދެމުން ސިޑިން މައްޗަށް އެރިއިރު އުލްފާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. "އޭނަ ލަދެއްވެސް ނުގަތްތަ މި ވެޑިންގްއަށް އަންނަން..." ހިތާހިތުން އުލްފާ ކުދިކިޔަމުން ދިޔައީ ޒިވީއާ ދިމާއަށެވެ.

މޫނު ބަލާ ލޯގަނޑަށް ބަލަން ހުރުމަށްފަހު އެއްފަރާތެއްގައި ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ދަމާލިއެވެ. އިކާންގެ މޫނުގައި ހުރި ފެންތައް ހިއްކާލަމުން މޫނަށް ރަނގަޅަށް ބަލާލިއެވެ.

ޕާޓީ ތެރެއިން ޒިވީ ފެނުމުން އިކާންގެ މޫޑު ހަރާބު ވިއެވެ. އެކަމަކު އެކަން ނުދައްކާ ވޭތޯ އިކާން މަސައްކަތް ކުރިއެވެ. އިކާން ރެސްޓް ރޫމަށް އައީވެސް ފިޒާމްގެ ސުވާލުތަކާ ދުރަށް ދާށެވެ. މީހާ ފްރެޝްވެގެން ހަމަޖެހިލާށެވެ.

ރެސްޓް ރޫމަށް ވަންނަން ހުރި ދޮރު ހުޅުވުނު އަޑަށް އަތުގައިވާ ޓީޝޫތައް ބޮނޑިކޮށްލަމުން އިކާން ބަލާލިއެވެ. ދޮރުމަތީ މަޑުކޮށްގެން ހުރި ޒިވީ ފެނުމުން އިކާން އިސް ޖަހާލަމުން ކައިރީގައި ހުރި ޑަސްބިން ތެރެއަށް ބޮނޑިކޮށްލި ޓިޝޫ ވައްޓާލިއެވެ.

ކޯޓުގެ ގޮށް އަޅުވަމުން އިކާން ކުރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް އެވަގުތު އިކާންގެ ކުރިމައްޗަށް ޒިވީ ހުއްޓެމުން މަޑުކުރާށޭ ބުނެލީ މަޑުމޮޅި ގޮތަކަށެވެ. އިކާންގެ މޫނައަށް ކަޅިޖަހާ ނުލާ ޒިވީ ބަލަން ހުރީ އޭނާއަށް ކަމެއް ދޭހަވޭތޯއެވެ. އިކާންގެ ހިތުގައި އަދިވެސް ޒިވީއާ މެދު ކުޑަ ނަމަވެސް އެއްޗެއް އެ ހިތުގައި އޮތްތޯ ޔަގީން ކުރަން މިރޭ ޒިވީ ބޭނުންވިއެވެ.

އިކާންގެ ފިޔަވަޅު މަޑުކޮށްލިއިރު ޒިވީގެ ފަރާތުން އެތައް ސުވާލުތަކެއް ކުރިމަތިވާނެކަން އޭނާއަށް އެނގުނެވެ. ޒިވީ ކުރިއަށް ޖެހެމުން އައިސް އިކާންގެ މޭގައި އަތް ޖައްސާލިއެވެ. އޭނާގެ ދިގު އެސްފިޔަތައް ހުޅުވާލަމުން އިކާންގެ މޫނަށް ބަލާލިއެވެ.

*** *** *** *** *** ***

ޓެރަސްއަށް ތާރާ ނިކުތީ އުލްފާ ބަލާ އައުމުންނެވެ. ހެދުން އުފުލާލައިގެން ތާރާ ހިނގައިގަތީ ޕާޓީއަށް ހާއްސަކޮށް ލަވަކިޔަން ގެނެސް ތިބި ގްރޫޕާ ދިމާއަށެވެ. ތާރާ އެހިސާބަށް ދިޔުމުން ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. ތާރާ ފަހަތަށް ބަލާލި އިރު ތާރާއާ ދިމާއަށް ހިނގާފައި ޒުމްރާ އަންނަތަން ފެނުނެވެ.

"ތާރާ... ދައްތަ ދާން ޖެހިގެން އެވާހަކަ ބުނެލަން މި އައީ... މަޑުކުރެވޭކަށް ނެތް.. އެހެންވެ.. ތާރާ މަންމަ އަތަށް ދައްތަ ދީފިން ހަނީމޫން ޓިކެޓްސް... ދެން ދަނީ އިނގޭ..." ޒުމްރާ ވަރަށް އަވަސް އަރުވާލައިގެން ވާހަކަ ދައްކާ ލަމުން ތާރާގެ ގައިގާ ބައްދާލިއެވެ. އެއަށް ފަހުން ޓެރަސް އިން ނިކުންނަން ލިފްޓާ ދިމާއަށް އަވަސް ވެގަތެވެ.

އެ ލަވަ ކިޔާ ގްރޫޕުގައި ލަވަކިޔަން ހުރި އަންހެން ފަންނާނު އޭނާގެ މައިކް ތާރާ އަތަށް ދިއްކޮށްލަމުުން ފަހަތަށް ޖެހިލިއެވެ. ދެން ތިބި ތިން ފިރިހެން ފަންނާނުން އެބައެއްގެ އިންސްޓްރުމަންޓާ އެކީ ތައްޔާރަށް ހުރީ ތާރާގެ ފަރާތުން އިޝާރާތެއް ކޮށްލަން ދެނެވެ.

"ފިއްޓޭ... ކޮބާތަ އިކާން؟..." ވައި އަޑުން އުލްފާ ވާހަކަ ދެއްކީ ފިޒާމް ގާތުގައި މަޑުކޮށްލަމުންނެވެ. އޭރު ފިޒާމްގެ ނަޒަރު ޕާޓީ ތެރޭގައި ތިބި އެންމެންނަށް އަމާޒުވިއެވެ.

"އައި ނީޑްހިމް ހިއަރ ރައިޓް ނައު...." އުލްފާ މިހެން ބުނަމުން ތާރާ ކައިރިއަށް ހިނގައިގަތެވެ. ކުއްލިއަކަށް ފިޒާމްގެ ހަނދާނަށް އައީ އިކާން ރެސްޓް ރޫމަށް ދަނީއޭ ބުނި ހަނދާނެވެ. ފިޒާމް އަތުގައި ހުރި ޖޫސްތަށި މޭޒުމަތީ ބެހެއްްޓުމަށްފަހު ސިޑިއާ ދިމާއަށް އަވަސްވެގަތެވެ.

ރެސްޓް ރޫމުގެ ދޮރު ހުޅުވާފަ ބޭރަށް ނިކުތް އިކާން ފެނުމުން ފިޒާމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "އޭއި.. އަވަހަށް އާދޭ... އުލްފާ އެބަ ހޯދާ... ކީއްތަ ތި ކުރީ އެހާ ލަސްވަންދެން..."

ސިޑިން މައްޗަށް ދިޔުމަށް އިކާން އަވަސްވެގަތެވެ. އިކާންގެ ފަހަތުން ހިނގައިގަތް ފިޒާމްގެ ފިޔަވަޅު މަޑުޖެހުނީ ރެސްޓް ރޫމްގެ ދޮރު ހުޅުވުނު އަޑަށެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކަމުން ޒިވީ ނިކުތް ތަން ފެނުމުން ފިޒާމްގެ ދެލޯ ބޮޑުވިއެވެ. އޭނަ ލައިގެން ހުރި ހެދުމުގައި ހިފާ ދަަމާލަމުން ކޮނޑުގައި އަތް ދަބަސް އަޅުވާލިއެވެ.

ފިޒާމް އަވަހަށް ސިޑިން މައްޗަށް އެރުމަށް އަވަސްވެގަތެވެ. އިކާން ގާތު ވީ ކީއްތޯ އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. ސިޑިން މައްޗަށް އަރައިގެން އައި އިކާން ފެނުމުން އުލްފާ އަތުން އިޝާރާތްކޮށްލީ ތާރާއަށެވެ. އެވަގުތު ތާރާގެ އަތުގައިވާ މައިކް ކައިރި ކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

"ހެއި... ހުރިހާ މެހެމާނުންނަށް ޝުކުރިއްޔާ އަހަރެމެންގެ މިއުފާވެރި ހަފްލާގަ ބައިވެރިވާން އައިސް ދިނީތީ... މިހާރު މިއޮތީ ވަރަށް ބޮޑު ސަޕްރައިޒެއް... ދިސް ސައިޕްރައިޒް އިޒް ފޯ ޔޫ އިކާން... އައި ލަވް ޔޫ...." އިކާންގެ މޫނަށް ބަލާލަމުން ތާރާގެ އެންމެ ފަހު ޖުމްލަ ބުނި އިރު މެހެމާނުންނަށް އައިސް ތިބި އެންމެން އެއްފަހަރާ އަތް ޖަހާލަމުން ހޯއް ލައްވާލިއެވެ.

ގިޓަރިސްޓަށް ހުރި ޒުވާނާ ގިޓާގައި ހިފާ ކޯޑެއް އަޅާލިއެވެ. އެއާ އެކު އިވިގެން ދިޔަ މިއުޒިކާ އެއްވަރަށް ތަރާގެ ހަށިގަނޑު ދެއަތަށް މަޑުމަޑުން ހެއްލަމުން ދިޔައެވެ. މައިކް އަނގަޔާ ކައިރި ކޮށްލަމުން އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. އެއްއަތުން އިކާނަށް އިޝާރާތް ކޮށްލަމުން ލަވަ ކިޔަން ފުން ނޭވާއެއް ތާރާ އެތެރެ ކޮށްލީ ދެލޯ މަރާލަމުންނެވެ.

- ނުނިމޭ -