އުލްފާއާއި އަޒްކާ ކައިރީ ހުރި ތަހުމީނާ ބަލާލީ އޭނާގެ އަތުގައިވާ ފޯނަށެވެ. އާތިފް ނެތި ކައިވެނި ފަށަން އޭނާ ބޭނުމެއް ނުވެއެވެ. ފޯނުން އާތިފްގެ ނަންބަރަށް ގުޅަމުން ތާރާއާ ދިމާއަށް ތަހުމީނާ ބަލާލިއެވެ. އޭރު ތަހުމީނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވަމުން ދިޔައެވެ.
*** *** *** *** *** ***
"ހަލޯ... މި އަރަނީ ލިފްޓަށް.. ޒުމްރާއަށް ހެދުން ދީފަ މިދަނީ... ދެން މާ ލަހެއް ނުވާނެ..." ތަހުމީނާގެ ކޯލަށް ޖަވާބު ދިނުމަށްފަހު ލިފްޓަށް އަރާ ހަތްވަނަ ބުރިއަށް ދާން އާތިފް ސްވިޗަށް ފިތާލިއެވެ.
އެޕާޓްމަންޓަށް ވަންނަ ދޮރު ހުޅުވާލި އިރު ކަމްލާ ފެނުމުން ޒުމްރާ ކޮބާތޯ އާތިފް އަހާލިއެވެ. ޒުމްރާވީ ތަހްމީނާ މެޑަމްގެ ކޮޓަރީގައޭ ކަމްލާ ބުނުމުން އާތިފް އެކޮޓަރިއާ ދިމާއަށް އަވަސްވެގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޑްރެސިންގް ޓޭބަލް ކައިރީ ރީތިވާން ހުރި ޒުމްރާގެ އަތަށް އާތިފް އަތުގައި ވާ ހެދުން ދިއްކޮށްލިއެވެ. ޒުމްރާ ހެދުމުގައި ހިފަމުން ހިނިތުންވެލިއެވެ.
"އާތީ ދޭ ޓެރަސްއަށް.. އަހަރެން ރީތި ވެލައިގެން މިދަނީ...."
އާތިފް ކޮޓަރިން ނިކުތުމުން ޒުމްރާ އެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ހެދުންލާ ރީތިވެގެން ޒުމްރާ ކޮޓަރިން ނިކުތީ އެއް އަތުން ރިހި ކުލައިގެ ކްލަޗެއް ހިފައިގެންނެވެ. ލިފްޓުގެ އިންތިޒާރުގައި މަޑުކޮށްގެން ޒުމްރާ ހުރީ އަތުގައިވާ ފޯނާ ކުޅޭށެވެ. ލިފްޓްގެ ދޮރު ހުޅުވުމުން ޒުމްރާ ލިފްޓަށް އެރީ ފޯނުގެ ސްކްރީނަށް ބަލަމުންނެވެ. އޭރު ލިފްޓު ތެރޭގައި ހުރި އަންހެން ކުއްޖާއަށް ޒުމްރާ ފެނުމުން ހިނިތުން ވެލަމުން އޭނާ ގޮވާލިއެވެ.
"ޒުމްރައްތާ.... ހެއި... ކިހިނެއްތަ؟..." އިސް އުފުލާލަމުން ލިފްޓުގައި ހުރި އަންހެން ކުއްޖާއަށް ޒުމްރާ ބަލާލިއެވެ.
"ޒިވީ... އަޅެ... ހާދަ ބޮޑުވެއްޖޭ.. ކޮން ދުވަހެއް ދިމާ ނުވާތާ.... ކޮބާ މަންމަ؟..."
ޒިވީއަކީ ތާރާއެކޭ ދާދި އެއް އުމުރެއްގެ ކުއްޖެކެވެ. ޒުމްރާއާ ތިމާގެ ކުއްޖެކެވެ. ޒިވީއަކީ އިސްކޮޅުން ދިގު ލޫޅާފަތި ރީތި ކުއްޖެކެވެ. ތާރާއެކޭ އެއްވަރަށް ދޮން ވެފައި އޭނާގެ ވެސް އޮންނަނީ ފަން ދިގު އިސްތަށިގަނޑެކެވެ.
މަޑު ފިޔާތޮށިކުލައިގެ ކުރު ހެދުމާ ގުޅުވާފަ އޭނަ އަރައިގެން ހުރީ ހުދު ކުލައިގެ ހައި ހީލްސް އަކަށެވެ. މަޑު މޭކަޕެއް ކޮށްފައިވާ އިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ނިއުޅުވާލާފައެވެ. އެ އިސްތަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާގެ ބޮލުގެ އެއްފަރާތަށް ޖަހާފައިވާ ހުދުކުލައިގެ ކާނޭޝަން މަލުންނެވެ.
"މަންމަ އުޅެނީ ބަލިވެ.. އެހެންވެ މަންމަ ކިޔާ ވަރުން މި އައީ... ފައިނަލީ ތާރާ މެރީ ކުރީ ދޯ... ވަރަށް ދުވަސް ވެއްޖެ ދިމާ ނުވާތާ... ތާރާ މެރީ ކުރީ ކޮން ކުއްޖަކާތަ؟... އަޅެ އަަހަރެން ކާޑު ވެސް ބަލާ ނުލަން..." ޒިވީގެ ވާހަކަ މެދުކެނޑުނީ ޓެރަހަށް ލިފްޓް އައިސް އޭގެ ދޮރު ހުޅުވުމުންނެވެ.
ކައިވެނީގެ ހަފްލާއަށް އަންނަމުން ދިޔަ މެހެމާނުންނާ ސަލާމްކޮށް ފޮޓޯ ނަގަން ތިބި އިކާނާ ތާރާގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރި ކަމެވެ. މަޑު މިޔުޒިކެއް ޖަހާފައިވާ އިރު އެ މާހައުލު ވަރަށް ވެސް ހިތްގައިމެވެ. ފޮޓޯ ނަގަން ހުރި ކެމެރާމަންއާ ދިމާއަށް ބަލާލަމުން އިކާން ހިނިތުންވެލިއެވެ. އެއަށްފަހު ޕާޓީއަށް ވަންނަމުން ދިޔަ މެހެމާނުންނާ ދިމާއަށް އިކާން ބަލާލިއެވެ. ލިބުނު ހައިރާންކަމުން އިކާންގެ ފައިން ވަރު ދޫ ނުވީ ހަމަކިރިޔާއެވެ.
ޒިވީގެ އަތް ދަބަހުގައި އޮތް ސިޓީ އުރަ ނަގަމުން ތާރާގެ ދެމަފިރިން ތިބި ދިމާއަށް ހިނގައިގަންނަން އަވަސްވެގަތެވެ. ހިނިތުންވަމުން ކުރިއަށް ފިޔަވަޅު އެޅި ޒިވީއަށް އެވަގުތު ފެނުނީ އަޒްކާއެވެ. އަޒްކާގެ ގައިގައި ބައްދާލަމުން ތާރާމެން ހުރި ދިމާއަށް ޒިވީ ބަލާލިއެވެ. ތާރާގެ މަގަތުގައި ކޯޓް ފަޓްލޫނު ލައިގެން ހުރި އިކާން ފެނުމުން ޒިވީގެ ފިޔަވަޅު ހުއްޓުނެވެ.
ކަޅި ޖަހާ ނުލާ އިކާންގެ މޫނަށް ބަލަން ހުރި ޒިވީއަށް މި ހުރެވުނީ ކޮންތާކުކަން ވެސް ރޭކާ ނުލާ ކަހަލައެވެ. އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުން އޭރު ވަނީ މިލާފައެވެ.
ތާރާއަށް ކަމެއް ފާހަގަވުމުން އިކާންގެ އަތުގެ މުލައްދަނޑީގައި ހިފާލި އިރުވެސް އިކާންގެ ނަޒަރު ހުއްޓިފައި ވަނީ ޒިވީއާ ދިމާއަށެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވަން ބޭނުންވެފައި ހުރުމުން އިކާންގެ ކަންފަތާ ގާތްވަމުން ސިއްރުސިއްރުން ތާރާ އަހާލިއެވެ.
"ކިހިނެއްވީ؟... އެއީ ޒިވީ... އޭނަ ދަންނަންތަ؟..." ތާރާގެ އަޑު ކަންފަތުގައި ޖެހުމުން އިކާނަށް ސިހުމެއް ލިބުނެވެ. ތާރާ ކުރި ސުވާލަށް ޖަވާބު ދެމުން އިކާން ހިނިތުންވާން މަސައްކަތް ކުރިއެވެ. "އާން.. ވަރަށް ރަނގަޅަށް ދަންނަން.. އެއީ... އެއީ އަހަރެންގެ އެކްސް..."
އިކާންގެ ޖަވާބު އަޑު އަހަން ހުރި ތާރާގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ޕާޓީ ތެރޭގައި ތިބި މީހުންނަށް ކަމެއް ރޭކާ ނުލާ ވޭތޯ މަސައްކަތް ކުރަން ތާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރިއެވެ.
ޒިވީ ކުރިއަށް ހިނގާފައި އައިސް އިކާން ކުރިމައްޗަށް ހުއްޓުނެވެ. ސަލާމްކުރަން އަތް ދިއްކޮށްލުމުން އިކާންގެ އަތުގައި ޒިވީ ހިފާލިއިރު އޭނާގެ ދެއަތް ވަނީ ފިނިވެފައެވެ. ހުރި ފިޔަވަޅު މަތިން ގުޑިލަން ވެސް ނޭނގި ހުއްޓުން އަރާފައި ޒިވީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ހެއި ޒިވީ... އިޓްސްބީން ލޯންގް ޓައިމް ދޯ... ކޮބާ ދައްތަމެން؟.. ޒިވީ އެކަނިތަ އައީ..." ޒިވީއާ ގާތްވެލަމުން ތާރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.
ޒިވީ ގެނައި ސިޓީ އުރަ ތާރާގެ އަތަށް ދިއްކޮށްލަމުން މަރުހަބާ އޭ ބުނެލީ ހިނިތުންވަމުންނެވެ. އެ ދެމަފިރިން ގާތުގައި ފޮޓޯއެއް ނަގަން ޒިވީ ހުއްޓުނީ ތާރާއާ ޖެހިގެންނެވެ. ކެމެރާއަށް ބަލާފަ ހިނިތުންވާން ވެސް ޒިވީއަށް ނޭނގުނެވެ.
"އައިމް ސޯ ހެޕީ ޔޫ މެރީޑް ޓު ދިސް ފޭމަސް ގާއި.... ކޮބާތަ މަންމަމެން؟..." ޒިވީ ވާހަކަ ދައްކަމުން ތާރާގެ އަތުގައި ފިރުމާލިއެވެ. ލޮލުގެ އިޝާރާތުން އެއް ފަރާތެއްގައި ތިބި މީހުންތަކާ ދިމާއަށް ތާރާ އިޝާރާތްކުރަމުން އެތަނުން ތަހުމީނާ ދައްކާލިއެވެ. ޒިވީ އަވަސް ފިޔަވަޅުތަކެއްގައި އެދިމާއަށް ހިނގައިގަތީ ތާރާމެން ކައިރީގައި ހުންނަން އޭނާއަށް އުނދަގޫ ވުމުންނެވެ.
ޕާޓިއަށް އަންނަން ޖެހޭ މެހެމާނުން އައިސް ނިމުމުން ތާރާ ކައިރިއަށް އުލްފާ އައިސް ހުއްޓުނެވެ. "ހެއި... ކޮޅަށް ހުރެ ފައިވާޅެއް ނުވޭތަ؟ ހިނގާ މޭކަޕް ރޫމަށް... ޖެނިފާ އެބަހުރި އެތާގަ... ކުޑަ ރެސްޓެއް ނަގައިގެން ނިކުންނާނީ..."
އުލްފާގެ އެދުމަށް އެއްބަސްވުމުގެ ގޮތުން ތާރާ ބޯ ޖަހާލުމަށްފަހު އިކާނަށް ބަލާލިއެވެ. ހިނިތުންވަމުން އިކާން މި ދަނީ ފިޒާމްމެން ކައިރިއަށޭ ބުނެލިއެވެ. ފިޒާމްމެން ތިބި މޭޒާ ހަމައަށް އިކާން ގޮސް ހުއްޓުމުން އެ މޭޒު ކައިރީގައި އިށީނދެގެން ތިބި އިކާންގެ ހުރިހާ އެކުވެރިން އޭނާއާ ދިމާކޮށްލިއެވެ.
"އޭ.... އައި ސޯ ޒިވީ.... ކާކު އޭނައަށް އިންވައިޓް ކުރީ..." ފިޒާމް ކައިރީ ހުރި ހުސްގޮނޑީގައި އިކާން އިށީނުމުން ފިޒާމް މަޑުމަޑުން އަހާލިއެވެ.
ޒިވީއާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާތީ އިކާން ނޭނގެއޭ ބުނާ ފަދައަކުން ދެކޮނޑު އަަރުވާލިއެވެ. "އަނެއްކާ އެނާ ޖޭ ކުރުވަން އިކާން އިންވައިޓް ކުރީތަ؟... ހަހަހ ރަނގަޅަށް ހުންނާނެ ކަރުބުޑުގަ ރަހަ ލާފަ؟.." ފިޒާމް މޭޒުމަތީ އަތުން ޖަހާލަމުން އެހެން ބުނެލީ އޭނާ ގާތަށް އައި ހިނިގަނޑު މަތަ ނުކުރެވުނީމައެވެ.
"ނޫނޭ.. މަށަށް ހީވަނީ ޒިވީއަކީ ތާރާމެންނާ ތިމާގެ ކުއްޖެއް ހެން.. އަސްލު ވެސް އަހަރެން އިންވައިޓެއް ނުކުރަން... އެކަމާ އަހަރެން މިހުރީ ވަރަށް ކަޑަވެފަ... ބަޓް ޝީޒް ޕާސްޓެއްނު..." ގޮނޑިން ތެދުވަމުން ރެސްޓްރޫމަށް ގޮސްލަނީއްޔޭ ބުނެ އިކާން ހިނގައިގަތެވެ.
ދުރުގައި ޖޫސްތައްޓެއް ހިފައިގެން ހުރި ޒިވީގެ ކަޅި އޭރުވެސް އަމާޒުވެފައި ވަނީ އިކާނާ ދިމާއަށެވެ.
ޓެރަސްގެ ތިރިއަށް ހުރި ބައިގައި ތައްޔާރުކޮށްފައިވާ މޭކަޕް ރޫމްގެ ދޮރު ހުޅުވާލަމުން ތާރާ އެތެރެއަށް ވަދެ އަރައިގެން ހުރި ހައިހީލްސް ބޭލިއެވެ. އެއަށްފަހު ގޮނޑީގައި އިށީންނަމުން ވާހަކަދެއްކިއެވެ.
"އުލް.. އަހަންނަށް އެނގިއްޖެ އެކްސްއޯއަކީ ކާކުކަން... އޭނަ އެބަ އުޅޭ މި ޕާޓީގަ..."
- ނުނިމޭ -