ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުން އިކާން ބެލްކަނިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނީ އަލީޝާއެވެ.

އިކާންއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އަލީޝާގެ އަނގަ ވަނީ ހުޅުވިފައެވެ. "ދޮންބެ.. ޔޫލުކް ހޮޓް... ވާވް.... ތާރާ ހޭނެތޭނެ... މަގުމަތިން ދާ ކިތަންމެ ކުއްޖެ ދޮންބެ ފެނިފަ ހޭނެތޭނެ..." އިކާންގެ ކުރިމައްޗަށް ހުއްޓެމުން ވާހަކަ ދެއްކި އަލީޝާގެ ލޯ ހޯދަމުން ދިޔައީ އިކާންގެ ރީތި ހިނިތުންވުމެވެ.

އަލީޝާ ބަލަން ހުރިކަން އިކާނަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ކަރުކެހިލަމުން އިކާން ހިނިތުންވާން މަސައްކަތް ކުރީ އަލީޝާއަށް ކަމެއް ފާހަގަ ވެދާނެތީއެވެ. "ކޮބާތަ މަންމަމެން؟.. އެންމެން ތައްޔާރު ވެ ނިމުނީތަ؟... 8 ޖަހަންވާއިރަށް އެންމެން ދާން ވާނެ..."

*** *** *** *** *** ***

ކައިވެނީގެ ހެދުމުގައި ހުރި ތާރާ ދޮރާ ދިމާލަށް ބަލާލިއެވެ. ދޮރު ހުޅުވާލާފަ އެތެރެއަށް ބޯ ދިއްކޮށްލި ތަހުމީނާ އާއި ޒުމްރާ ފެނުމާއެކު ލައިގެން ހުރި ހުދުކުލައިގެ ހެދުމުގެ ތިރީބައި އަތުން އުފުލާލައިގެން އައިސް އެމީހުން ކުރިމައްޗަށް ތާރާ ހުއްޓުނެވެ.

"ދަރިފުޅާ... ވަރަށް ބޮޑަށް ސޮރީ... ދައްތަ ހުރީ މި ވެޑިންގްގެ ހުރިހާ ތައްޔާރީއެއްގަ ބައިވެރިވާން... ބަޓް.. އާރޖަންޓް ކަމެއް ޖެހިގެން ލަންކާއަށް ދާން ޖެހުނީ... މިއަދު މާލެ މިއައީ ވެސް ވެޑިންގް އޮތްކަން އިނގޭތީ..." ތާރާގެ ބުރަކަށީގައި ފިރުމަމުން ޒުމްރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

"އިޓްސް އޯކޭ... ދައްތަމެން ބިޒީވާނެކަން އިނގޭ... ވެޑިންގްއަށް އައިމަ ތާރާ ވަރަށް ހެޕީ ވެއްޖެ... ގެއަށް ފޮނުވި ވެޑިންގް ކާޑް ދެކުނިންތަ؟... ލަންކާގަ ހުރިވާހަކަ ބޭބެ ބުނީމަ ދައްތައަށް ވައިބާރވެސް ކުރިން..." ތާރާ ވާހަކަ ދައްކަމުން ދިޔަ އިރު އެހެންޏާ ތާރާ ވާހަކަ ދައްކާ ގޮތާ ހާސްބައި ތަފާތެވެ.

"އާން... ދައްތަ އެ ކާޑް ދެކުނިން.. އަސްލު ވެސް ވަރަށް ރީތި... އެންޑް ލުކް އެޓް ޔޫ... ހާދަ ލޯތްބޭ... ވަރަށް ލޯބި... ދައްތަ މައްޗަށް ވެސް އަދި ނުދަން... ޓެރަސްގަ ދޯ އެންމެންވީ... ތާރާ އާޔޫ އޯކޭ...." ޒުމްރާ ވާހަކަ މެދުކަނޑާލީ ތާރާއަށް ގޮތްތަކެއް ވާކަން އިހްސާސް ވުުމުންނެވެ.

ހަށިފުރާ ފުން ނޭވާތައް ލަމުން ދިޔައިރު ތާރާ ހުރީ އޭނާގެ މޭ ދަށުގައި އަތް އަޅައިގެންނެވެ. އޭނާގެ ދިރިއުޅުމުގަ އަންނާނެ އެންމެ އުފާވެރި ދުވަސް އައިސް ޖެހުނު އިރު ތާރާ ވަނީ އިންތިހާއަށް ހާސްވެ ފިނިވެފައެވެ. އެރެއަށް ހާއްސަކުރެވިފައިވާ އޭނާގެ ކައިވެނީގެ ހެދުން ލައިގެން ތާރާ ހުރީ އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެންމެ ފުރިހަމައަށް ވެގެންނެވެ. ތާރާގެ ފަން އިސްތަށިގަނޑުން ވަނީ ބޮޑު ހުޅިއެއް ޖަހާފައެވެ. މޭކަޕުން މުޅި މޫނު އުޖާލާކޮށްލާފައިވާ އިރު ތާރާ ހީވަނީ ޕަރީއެއް ހެންނެވެ.

"ދައްތާ އައިމް ނާވަސް... އޯގޯޑް... ބަނޑަށް އުނދަގޫވޭ އެބަ... އިޒްދިސް ގޭސްޓްރިކް..." ކުޑަކޮށް ގުދުވާން ތާރާ މަސައްކަތް ކުރިއެވެ.

ކޮޓަރީގެ އެއްފަރާތެއްގައި ހުރި ސައިޑް ޓޭބަލްމަތިން ފެންފުޅި ނަގަން ތަހުމީނާ އަވަސް ވެގަތެވެ. ފެންފުޅިި ހިފައިގެން ތާރާ އާ ދިމާއަށް ތަހުމީނާ އެނބުރިލީ އިރު ތާރާ އޯކަށް ދެމިގަތެވެ. ޒުމްރާ އެވަގުތު ހުރީ ތާރާގެ ކުރިމަތީގައި ކަމުން ތާރާއަށް ހޮޑުލެވުނީ ޒުމްރާގެ ގަޔަށެވެ. ތާރާ ލައިގެން ހުރި ވެޑިންގް ޑްރެސްގައި ނުހޭކޭނެހެން ތަހުމީނާ އެ ހެދުން އެއް ފަރާތުން ހިފާ ފައި ދަށުގައި ވާ ބައި ހިއްލާލިއެވެ.

"ސޮރީ.. އައިމް ރިއަލީ ސޮރީ ދައްތާ..." ތާރާއަށް ހޮޑުލެވުނީ ޒުމްރާގެ ގަޔަށްކަން އެނގުމުން އޭނާ އިންތިހާއަށް ދެރަވިއެވެ. ފަކުރުން ހުރެ ނަމަވެސް ޒުމްރާ އެއީ އެހާވަރު ކަމެއް ނޫނޭ ބުނެ ފޯނު ނަގާ އޭނާގެ ގެއަށް ގުޅާލީ އަލަމާރި ތެރޭއިން ކަޅުކުލައިގެ ހެދުން ގެނެސް ދިނުމަށް އެދެމުންނެވެ.

"ދަރިފުޅު މާބޮޑަށް ބިރުގަންނަނީތަ؟... މިއަދު އަދި އެއްވެސް އެއްޗެއް ނުކައި ދޯ ތި ހުރީ... މަންމަ އެބަ އަންނަން ޖޫސް ތައްޓެއް ހިފައިގެން.... މިތާ މިހިރަ ހޮޑު މައްޗަށް ނާރައްޗޭ... ހަމަޖެހިގެން އެނދުގަ އިށީނދެލާ..."

ބަސްއަހާ ކުއްޖެއްހެން ތާރާ އެނދުގައި އިށީދެ ކޮޓަރި ތެރޭގައިވާ ހޮޑުތަކާ ދިމާއަށް ބަލަން އިން އިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

ތަހުމީނާ ކޮޓަރިން ބޭރަށް ނުކުތް އިރު ޒުމްރާ ހުރީ ބަދިގެ ސިންކު ދޮށުން އޭނާގެ އަތް ދޮންނާށެވެ.

"އެމަންޖެ އެއްވެސް އެއްޗެއް މިއަދު ނުކައި އެހުރީ.. މާ ބޮޑަށް އުފާ ވެއްޖިއްޔާ ތާރާ ނުކައި ހުރެދާނެ ކިތަންމެ އިރެއް ވިޔަސް.. އެހެންވެ ކަންނޭނގެ އެ ހޮޑު ލެވުނީ..." ބަދިގެއަށް ވަދެ ތާރާއަށް ޖޫސް ތައްޓެއް ހެދުމަށްފަހު ތާރާގެ ކޮޓަރި ސާފުކޮށްލާށޭ ބުނަން ކަމްލާއަށް ތަހުމީނާ ގޮވާލިއެވެ.

"ތާރުގަނޑޫ... އަވަހަށް ޓެރަސްއަށް ހިނގާ... އިކާން މެން އައިއްސި...." ތާރާގެ ކޮޓަރި ދޮރު ހުޅުވާލަމުން އަޒްކާ ވާހަކަ ދެއްކީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އޭރު އެކޮޓަރި ތެރޭ ކަމްލާ ހުރީ މޮޕް ޖަހާށެވެ. އެނދުގައި އިށީނދެގެން ތާރާ އިންއިރު ތަހުމީނާ އުޅުނީ ކުޑަ ސްޕޮންޖް ކޮޅެއް ހިފައިގެން ތާރާގެ ހެދުމުގައި ހުރި ބައެއް ތަންތަންކޮޅު ސާފު ކުރާށެވެ.

"ސިސް... ވާއު.. ޔޫ ލުކް ސޯ ބިއުޓިފުލް.. ހަމަ ހީވަނީ ޕްރިންސަސް އެއް ހެން... ބައިދަވޭ... ކިހިނެއް ހަދައިގެން ތި އުޅެނީ؟..." ތާރާ ކައިރިއަށް އައިސް ހުއްޓެމުން އަޒްކާ ވާހަކަ ދައްކަމުން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.

"މި ނިމުނީއްޔޭ ދޯ.... ތާރާއަށް ހޮޑު ލެވުނީޔޭ.... ދެން ތެދުވެބަލަ... މިހާރު އޯކޭ ދޯ..." ތާރާގެ ހެދުމުގެ ފަސްބަޔަށް ބަލާލަމުން ތަހުމީނާ ކޮޅަށް ތެދުވެ ހިންދެމިލިއެވެ."

ޔޫ ޕިއުކްޑް ޓު ޔޯ ވެޑިންގް ޑްރެސް... އިއޫ..." މޫނަށް ވައްތަރެއް ޖައްސަމުން އަޒްކާ ވާހަކަ ދެއްކި ގޮތުން އަޒްކާއާ ދިމާއަށް ތަހުމީނާ ލޯ އަޅާލީ ހިތްހަމަނުޖެހި ހުރެއެވެ.

"އަޒްކާ... ދެން ކޮން ވައްތަރެއް ތި ޖައްސަނީ... އެހެންވެސް ވެދާނެ..." ތަހްމީނާ އެ ކޮޓަރިން ނިކުމެ ޒުމްރާ ގާތަށް އަވަސްވެގަތީ އޭނާ ހަދާ ގޮތެއް އޮޅުން ފިލުވާށެވެ. އޭރު ފޯނުން އެގޭގެ ނޯކަރަކަށް ގުޅައިގެން ޒުމްރާގެ ހެދުން ހުރިތަން ކިޔައިދެމުން ދިޔައެވެ. ޒުމްރާ ފޯނު ބޭއްވުމުން ތަހުމީނާ ވާހަކަ ދެއްކިއެވެ.

"އަށެއް ޖަހާއިރު ކައިވެނި ކޮށްދޭ މީހުން އަންނާނެ... އަދި މަޑުކުރަންވީ ދޯ..."

"ނޫން... ތަހުމީނާމެން ދޭ މައްޗަށް...މިހާރު އަށެއް ޖަހަން އެ އުޅެނީ... އަހަރެން އާތިފަށް ދެންމެ ގުޅީމަ ބުނި ކާރުގަ މި ދަނީއްޔޯ އެ ހެދުން ބަލާ.. އާތިފް ހެދުން ގެނައިމަ އަހަރެން މިދަނީ... އަހަރެން އަންނަން ދެން މަޑު ކުރާނެ ކަމެއް ނެތް... އަހަރެން ރެޑީ ވެގެން ދާނަން.. ޕާޓީ ފެށެން ވާއިރަށް ޔަގީނުންވެސް ދާނަން..." ޒުމްރާ ލައިގެން ހުރި ހެދުން ބޭލުމަށްފަހު ތަހުމީނާގެ އަލަމާރިން 'ބާތުރޯބްއެއް' ނަގާ ގަޔަށް މަހާލިއެވެ. އެ ކޮޓަރިން ތަހުމީނާ ނުކުތް އިރު އުލްފާ އެ އެޕާޓްމަންޓަށް ވަންނަނީއެވެ.

"ދައްތާ.. ކޮބާ ތާރާ؟.. ލަސްވާތީ މިއައީ... ހިނގާ ދާން... ތާރާ... ތާރާ...." ތާރާގެ ކޮޓަރިއާ ދިމާއަށް އުލްފާގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

*** *** *** *** *** ***

ޓެރަސްމަތީގައި ހުރި ދިގު މޭޒު ކައިރީ ކައިވެނި ކޮށްދިނުމަށް ކޯޓުން އައިސް ތިބި މީހުން އިށީނދެގެން ތިބީ އެންމެންގެ އިންތިޒާރުގައެވެ. އިކާން އާ އެކު ފިޒާމް އަދި އޭނާގެ އެކުވެރި ހައިކަލް ވެސް އެމޭޒު ދޮށުގައި އިށީނެވެ. އެއްފަރާތެއްގައި އިކާންގެ އާއިލާ މަޑުކޮށްގެން ތިބި އިރު އެމީހުންގެ ގާތުގައި ސިރާޖް ވާހަކަ ދައްކަން ހުއްޓެވެ.

ލިފްޓުގެ ދޮރު ހުޅުވުމާއެކީ އެންމެންގެ ނަޒަރު ހުއްޓުނީ އެދިމާއަށެވެ. އޭރު ލިފްޓު ތެރެއިން ނިކުމެގެން ތާރާއާ އެކީ ތަހްމީނާއާ އަޒްކާއާ އުލްފާ އައެވެ. އިކާންގެ ކަޅި އަމާޒްވެފައި ވަނީ ތާރާއަށެވެ. ކައިވެނީގެ ހަފްލާގެ ފޮޓޯ ނަގަން ހުރި ޒުވާނާ އެ ހަފްލާގެ ފޮޓޯތައް ނަގަން ފެށިއެވެ. އިކާނާ ޖެހިގެން ހުރި ހުސް ގޮނޑީގައި އިށީންނަމުން އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ.

"ޔޫ ލުކް ބިއުޓިފުލް..." ވައި އަޑުން އިކާން ބުނި ޖުމްލައިން ތާރާގެ ދެކޯ ރަތްވެގެން ދިޔައެވެ.

ސިރާޖް އިށީންނަން ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީންނަމުން ތާރާމެންނާ ދިމާއަށް ބަލާލިއެވެ. "ކޮބާ ހިނގާ ފައްޓަމާ..."

އުލްފާ އާއި އަޒްކާ ކައިރީ ހުރި ތަހުމީނާ ބަލާލީ އޭނާގެ އަތުގައިވާ ފޯނަށެވެ. އާތިފް ނެތި ކައިވެނި ފަށަން އޭނާ ބޭނުމެއް ނުވެއެވެ. ފޯނުން އާތިފްގެ ނަންބަރަށް ގުޅަމުން ތާރާއާ ދިމާއަށް ތަހުމީނާ ބަލާލިއެވެ. އޭރު ތަހުމީނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވަމުން ދިޔައެވެ.

- ނުނިމޭ -