ތާރާއަށް ކުރަމުން ދިޔަ އިހްސާސްތައް ދެނެގަންނަން އުލްފާއަށް ނޭނގުނު ނަމަވެސް މިވަގުތު ތާރާ ހަމައަކަށް އަޅުވަން އޭނާއަށް ޖެހެއެވެ. ޖެނިފާ ކުރި މޭކަޕް ހަރާބު ވެދާނެތީއެވެ.
"އޯ ގޯޑް... ނެގެޓިވްކޮށް ނުވިސްނަބަލަ ތާރާ... މެރިއޭޖްގެ ވާހަކަ ދެއްކީމަ އިކާން އެހާ ފަސޭހައިން އެއްބަސް ވުމުން ވެސް އެބަ އިނގޭ ދޯ ތާރާއާ އޭނަ މެރީކުރަން ބޭނުންވެފަ ހުރިކަން.. ބަލަ އެއީ މަޝްހޫރު މީހެއް... ކިހާ ކުދިންނެއް އިކާނާ ހެދި އުޅެނީ... އެ ވެދާނެދޯ އިކާންއާ ހެދި އުޅޭ ފޭނަކަށް ވެސް... އެ ނަންބަރު ފާހަގަ ކުރަން އެކްސްއޯ އިކާން ޖެހީ ކަމަށް ވެސް... ތާރާ ކައިރީ އަހަރެން ބުނިން ނިކަން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާށޭ ވެސް..."
ކޮޓަރި ވަށާ ހިނގަމުން އުލްފާ ވާހަކަދައްކަމުން އައިސް ހުއްޓުނީ ތާރާގެ ފަހަތުގައެވެ. ކުރިމަތީ ހުރި ލޯގަނޑުން އުލްފާއަށް ތާރާގެ މިލާފައިވާ މޫނު ރީއްޗަށް ފެނެއެވެ.
"އައިނޯ އޭނައަކީ ފޭމަސް މީހެއްކަން.. އެކަމަކު ނޭނގެ ކީއްވެކަމެއް އަހަރެންގެ ހިތް ބިރު ގަންނަނީ... އިކާން އަހަރެން ދުކޮށްލައިފިއްޔާ ޔޯ.. އަހަރެން މޮޔަވެދާނެ..." މޭގައި އަތް ޖައްސާލަމުން ތާރާ އެހެން ބުނިއިރު އަރުތެރޭގައި އޭނާގެ އަޑު ފިތުނު ކަހަލައެވެ. ހިންދިރުވާލަމުން ލޯގަނޑުން އުލްފާއާ ދިމާއަށް ތާރާ ބަލާލިއެވެ.
"އިކާންއަކީ މަޝްހޫރު މީހަކަށް ވީއިރު އޭނަ ބޭނުން ކޮންމެ މީހެއް ހަމަ ލިބޭނެ.. އޭނަ އެހާ ސްމާޓްވެފަ ރީތި... ބަޓް ހީ އިޒް ޗޫސިންގް ޔޫ... މުޅިވެޑިންގް އެކީ ޕްލޭންކުރަން އެދިނީ ތާރާގެ އަތް މައްޗަށް... ވެޑިންގް ޑޭޓް.. ވެނިއު.. ތީމް.. ކާޑް... އީވަން ހަނީމޫން ވެސް... ސޯ އޭގެންވެ ސް އެނގެނީ އިކާން ލޯބިވާވަރެއް ނޫންތަ... ދެން އެކަމާ އެހާ ނުވިސްނާ... އެންޑް ޕްލީސް ނުރޯތި... ޔޫލް ރުއިން ދަ މޭކަޕް..."
އުލްފާ ދައްކަމުން ދިޔަ ވާހަކަ ނިންމާލި އިރު އެތަނަށް ޖެނިފާ އައިސްފިއެވެ. ދެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން ޖެނިފާ އާ ދިމާއަށް ބަލާލީ ތާރާ ކައިވެނީގެ ހެދުން ލާން ހިނގާށޭ ޖެނިފާ ބުނުމުންނެވެ. ޖެނިފާ އެގޮތަށް ބުނީ އިސްތަށިގަނޑު ހެދުމުގެ ކުރިން ހެދުން ލައިފިއްޔާ ފަސޭހަ ވާނެތީއެވެ.
އެކޮޓަރީގައިވާ ޑަބަލް ބެޑް މަތީ ފަތުރާލައިފައިވާ ކައިވެނީގެ ހެދުން ނަގަމުން ތާރާ ކައިރިއަށް އުލްފާ އައިސް ހުއްޓުނެވެ. "އަހަރެންގެ ވެޑިންގް ގަ އަހަރެން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ވިތަ؟... އަހަރެން ހާދަ ރުޅިއެއް އަޔޭ... ބަޓް ލުކް އެޓް ޔޫ.. ޔޫ ހޭވް ޕްލޭންޑް ޔޯ އޯން ވެޑިންގް.. އަސްލު އިކާން ލަވްސް ޔޫ އަލޮޓް..."
ހެދުން ލައި ނިމުމުން ތާރާއާ ދިމާއަށް އުލްފާ ރަނގަޅަށް ބަލާލިއެވެ. ހިނިތުންވަމުން ވަރަށް ރީއްޗޭ އުލްފާ ބުނެލުމަށްފަހު އަތުގައި އޮވެ ވައިބްރޭޓްވަމުން ދިޔަ ފޯނު ނަގާ "ވަން މިނެޓްއޭ" ބުނެ އެކޯލަށް އުލްފާ ޖަވާބު ދިނެވެ. ވެ
ޑިން ޑްރެސްއާ އެކީ ތާރާ ގޮނޑީގައި އިށީނދެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ސިކުނޑީގައި ފުނި ޖެހެމުން ދިޔަ ހިޔާލުތަކާ ދުރަށްދާން އޭނާ މަސައްކަތް ކުރިއެވެ.
"ތާރާ.. އަހަރެން ވަރަށް އަވަހަށް އެބައަންނަން... ސެންޓަރ ޕީސްތައް އައިސްގެން އެގުޅީ... ޖެނިފާ... މޭކް ހާރ ހެއަރ އޭޒް ވީ ހޭވް ޑިސްކަސްޑް... ވަރަށް އަވަހަށް މިއަންނަނީ... އިނގޭ..." އުލްފާ އެ ކޮޓަރިން ނިކުތުމުން ތާރާ ބަލާލީ ކުރިމަތިން ފެންނަން ހުރި ލޯގަނޑަށެވެ. ގަދަކަމުން ހިނިތުންވާން އޭނާ މަސައްކަތް ކުރިއެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!..."
*** *** *** *** *** ***
އިކާން ހުރީ އޭނާގެ ގޭގައެވެ. ކައިވެންޏަށް ތައްޔާރުވާން މާ ބޮޑު މަސައްކަތެއް އޭނާ ނުކުރެއެވެ. އިކާންގެ ބައްޕަމެންގެ އެދުމަށް ގެއަށް ގެނައި މޭކަޕް ކުރާ މީހާ އިކާންގެ އިސްތަށިގަނޑު ހަދާލުމަށްފަހު އޭނާ ދިޔައީ އެގޭ އެހެން ކުދިންގެ މޭކަޕް ކޮށްދިނުމަށެވެ.
ބެލްކަންޏަށް ނިކުމެ ބޭރު ބަލަން ހުރި އިކާނަށް ފެންނަމުން ދިޔައީ މާލެ ސިޓީގެ ހަލަބޮލި މަގުތަކެވެ. ދުއްވާ އެއްޗެތިން މަގުތައް ފުރި ބާރުބޮޑުވެފައިވާ ތަނެވެ. އިރުއޮއްސެމުން ދިޔަ ވަގުތު އުޑުމަތިން ފާޅުވަމުން ދިޔަ އޮރެންޖް އަލިކަމަށް އޭނާގެ ނަޒަރު ހުއްޓުނެވެ.
ހިނދުކޮޅަކު އެހެން ހުރުމަށްފަހު އިކާންގެ ފޯނަށް ބަލާލީ އޭނާއަށް މީހަކު މެސެޖެއް ކޮށްފައިވޭތޯ ޔަގީންކޮށްލާށެވެ. އިކާން އިންތިޒާރު ކުރަމުން ދިޔައީ އޭނާއަށް މީހަކު ގުޅާތޯއެވެ.
"ދެން އޭނަ ގުޅާއިފިއްޔާ ތި ކައިވެނި ނުކުރާނަމޭތަ ތި ހިތަށް އަރަނީ؟... އޭރުން ތާރާ ފަކީރަށް ވާނެ ގޮތް ވިސްނާލަބަލަ!... ދެހިޔާލެއްގައި ހުރި އިރު ތާރާ ކައިވެނި ކުރަން ހިނގާށޭ ބުނީމަ އާނއެކޭ ބުނީ ކީއްވެ؟... އިކާންދެކެ ތާރާ ވަނީ ތެދުވެރި ލޯބި... އިކާން އެވަރުން ވެސް ތިއުޅެނީ ކިހިނެއް؟... އިކާން ތި ލޯބިވާ މީހާ ބޭނުމީ އިކާނެއް ނޫން... އެކަން އިކާނަށް ގަބޫލު ނުކުރެވެނީ ކީއްވެތަ؟..."
އިކާންގެ ސިކުނޑީގައި އެނބުރެމުންދިޔަ މޮޔަ ހިޔާލްތަކަށް ވިސްނައިދޭން އޭނާގެ ޒަމީރު މަސައްކަތް ކުރަމުން ދިޔައެވެ. އިކާންގެ ހިތް އެދެނީ އެހެން ގޮތެކެވެ. ނަމަވެސް އިކާންގެ ސިކުނޑި ބުނަނީ މުޅިން އެހެން ވާހަކައެކެވެ. ބެލްކަނީގައި ހުރެ ކޮޓަރިއާ ދިމާއަށް އިކާން އެނބުރިލިއެވެ. ބެލްކަނީގައިވާ ކުޑަ ފާރު ބުރީގައި ލެނގިލައިގެން ހުރި އިރު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން ހުރި ކޮޓަރީގައިވާ ކިންގް ސައިޒްގެ އެނދަށެވެ. އޭނާގެ ހަނދާނަށް އައީ މީގެ ދިހަ ދުވަސް ކުރީގެ ރެއެކެވެ.
*** *** *** *** *** ***
އެ އަންހެން މީހާގެ ފަހަތުން އިކާން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައިވާ ފަނޑު އަލިކަމުގެ ތެރޭގައި އެ އަންހެން މީހާ ފެންނަލެއް ވަރަށް ރީއްޗެވެ. އިކާންގެ ހިތް އެދެމުން ދިޔައީ އޭނާގެ ގަތަށް ދާށެވެ. ނަމަވެސް އޭނާގެ ހިތަށް ވިސްނައިދޭން އޭނާ މަޖްބޫރު ކުރުވިއެވެ.
އެނދުގައި އިށީނދެގެން އިނދެ އަންނާށޭ ބުނާ ފަދައަކުން އެ އަންހެން މީހާ އަތް ހަނާއަޅާލިއެވެ. އިކާން ކުރިއަށް ހިނގައިގަންނަމުން އެނދު ކައިރީ ހުރި ގޮނޑި މަތީގައި އަޅުވައިފައިވާ ޓީޝާޓް ގަޔަށް މަހާލިއެވެ. އެއަށްފަހު އެ ގޮނޑީގައި އިށީނދެ ކުރިއަށް ގުދުވެލަމުން ކަކޫ މަތީ ދެއަތް ވިއްދާލިއެވެ.
"އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބަ އޮތް...." ފުން ނޭވާއެއް ބޭރުކޮށްލަމުން އިކާން މިހެން ބުނުމުން އެ އަންހެން މީހާ ނިތައް ރޫގިނަ ކޮށްލިއެވެ.
"ކޮން ވާހަކައެއް؟... އިކާން ކަމެއް ބޭނުމިއްޔާ ބުނޭ..." އިކާން ކައިރިއަށް ދާން އެނދުމަތިން ތެދުވަމުން އެ އަންހެން މީހާ ވާހަކަ ދެއްކިއެވެ.
"ނޫން... އެއްވެސް ކަމެއް ބޭނުމެއް ނޫން... އަސްލު ކައިވެނިކުރަން ހަމަޖެއްސި ވާހަކަ ބުނިން ދޯ... ބޭނުމެއް ނުވޭތަ، އަހަރެންގެ ވާންއުޅޭ ވައިފްއާ މީޓްކޮށްލަން... ފްރެންޑް ވެލަން..." އެ އަންހެން މީހާގެ ހިތުގެ ކަނެއްގައި އިކާނަށް ހާއްސަ މަގާމެއް އޮތްތޯ ޔަގީން ކުރަން އިކާން ބޭނުންވިއެވެ.
"ވައި... އަހަރެން ބޭނުމެއް ނޫން އިކާންގެ ޕާސަނަލް ލައިފްގެ ކަންތައްތަކާ ބެހޭކަށް..." އެއަންހެން މީހާ ވާހަކަ ދެއްކަމުން އައިސް އިކާންގެ ކޮނޑުގައި ހިފާލިއެވެ. އެ ވަގުތު އޭނާގެ އަތުގައިވާ ފޯނު ރިންގް ވުމުން ފޯނު ކަންފަތުގައި ޖަހާލުމަށްފަހު އިޝާރާތުން އިކާން ގާތު ވާހަކަ ނުދައްކައްޗޭ ބުނެލިއެވެ. އެ ފޯނަށް ޖަވާބު ދިނުމަށްފަހު އެ އަންހެން މީހާ އަނެއްކާ ވާހަކަ ދެއްކިއެވެ.
"އަސްލު ވަރަށް ބޮޑަށް މިސްވީމަ މިއައީ... ބަޓް މިހާރު ދާން ޖެހިއްޖެ... ނިއު ކްލައިންޓެއް އެ ގުޅީ... ސޯ އިކާން ބިޒީ ފިލީމަ ކޯލްމީ އިނގޭ..." މިހެން ބުނެ އެ އަންހެން މީހާ އެ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އޭނާ ނިކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަން އިން އިކާނަށް އެ އަންހެން މީހާ ވަނީ ލޯބި ނޫންކަން ޔަގީން ވިއެވެ.
*** *** *** *** *** ***
އެ ކޮޓަރީގެ ދޮރާ ދިމާއަށް ނަޒަރު ހުއްޓައިގެން ހުރި އިކާނަށް ބޯ ހޫރާލެވުނެވެ. ހިތާ ސިކުނޑީގެ މި ހަނގުރާމައަށް ލުޔެއް ހޯދުމަށް ބެލްކަނި ފާރުބުރި މަތީ އޮތް ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނަގާ ތުނބުގައި ޖަހާލިއެވެ. ސިނގިރޭޓް ރޯކޮށްލަން ލައިޓަރު ނަގާ އަޅާލަން އުޅުނު ވަގުތު ވެޑިންގްއަށް ތައްޔާރުވެގެން ހުރިކަން ހަނދާންވުމުން އެ ސިނގިރޭޓް ބެލްކަނިން ބޭރަށް ހޫރާލިއެވެ.
އެ ދުވަހަށްފަހު އެ އަންހެން މީހާ އިކާނަށް މެސެޖެއް ނުކުރެއެވެ. އިކާން ވެސް އޭނާއަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. އިކާން ބޭނުންވީ އެކަމުން ދުރަށް ދާށެވެ. ތާރާއާ އެކީ ރަނގަޅު ދިރިއުޅުމެއް ބިނާ ކުރުމުގެ އުންމީދުގައެވެ. އޭނައާ ނުލާވެސް އިކާނަށް އުޅެވިދާނެއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުން އިކާން ބެލްކަނިން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނީ އަލީޝާއެވެ.
- ނުނިމޭ -