ކައިވެނީގެ ހުރިހާ ކަމެއް ތައްޔާރުވަމުން ދިޔައީ އެންމެ ފުރިހަމަ ކަމާއެކީގައެވެ. ޒުމްރާގެ ގޭގައި އުޅޭ ހުރިހާ މަސައްކަތު މީހުންތައް އައިސް ގ.ރޯޒްވިލާގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެކި ކުލަކުލައިގެ މާމަލުން އެގޭގެ ޓެރަސް ރީތި ކުރަމުން ދިޔައިރު އެއްބަޔަކު އުޅުނީ ސްޕީކަރުތަކާއި ލައިޓިންގް މަސައްކަތްތައް ނިންމާށެވެ.

މި ކައިވެނީގެ ހަފްލާ ތައްޔާރު ކުރުމުގައި އިސްކޮށް އުޅެނީ ތާރާގެ އެންމެ ގާތް އެކުވެރިޔާ އުލްފާއެވެ. އުލްފާއަކީ މިފަދަ އެކި ކަހަލަ އިވެންްޓްތައް ތައްޔާރުކޮށް ހަމަޖައްސާ މީހެކެވެ. އަދި އެއީ ތާރާއަށް އެންމެ އިތުބާރު ކުރެވޭ އެކަކުވެސް މެއެވެ. އަތަށް ޓެބްލެޓެއް ލައިގެން ހުރެ ޓެރަސްގައި ކުރަމުންދާ މަސައްކަތްތަކަށް ނަޒަރު ހިންގަން ހުރި އުލްފާ ވަށައިގެން އެމާހައުލަށް ބަލާލިއެވެ.

ޓެރަސް މަތީގައި އެއް ފަރާތެއްގައި މާމަލުންނާ، ލައިޓްތަކަކުން ރީތިކުރަމުން ދިޔަ ސަރަހައްދަކީ މިރޭގެ ޕާޓީގައި ތާރާއާ އިކާން ހުންނަން ހަމަޖެހިފައިވާ ސަރަހައްދެވެ. ތަންކޮޅެއް ދުރުގައި އަތުރާފައިވާ މޭޒުތަކުގައި ވަނީ މަޑު ފިޔާތޮށި ކުލައިގެ ފޮތިގަނޑުތަކެއް އަޅާފައެވެ. އެ މޭޒުތަކުގައި ބަހައްޓަން ތައްޔާރުކޮށްފައިވާ ސެންޓަރ ޕީސްތައް ނާންނާތީ އުލްފާ އޭނާގެ ޓެބްލެޓްއިން ނަންބަރަކަށް ގުޅާލިއެވެ. އަދި ކަންފަތުގައި ހަރުކޮށްފައިވާ ބްލޫޓޫތު ހެޑްސެޓްގައި އަތް ޖައްސާލުމަށްފަހު ކޯލަށް ވާހަކަ ދައްކަން ފެށިއެވެ.

"ކޮބާހޭ ސެންޓަރ ޕީސްތައް... އައި ނީޑް އިޓް ނައު... މެންދުރަށް ލިބެން ޖެހޭނޭ ބުނިން ދޯ...." އުލްފާ ހުރީ އެ ސެންޓަރ ޕީސްތައް ނުލިބި ލަސްވުމުން އެކަމާ ހިތްހަމަނުޖެހިފައެވެ. އެ ފޯނު ކަނޑާލުމަށްފަހު އުލްފާ ޓެރަސްއިން ނުކުންނަން ލިފްޓާ ދިމާއަށް އެނބުރުނެވެ. އޭރު ލިފްްޓުން ނިކުމެގެން ޓެރަސް ބަޔަށް އުލްފާގެ ފިރިމީހާއާ އެކީ މަޝްހޫރު ސްޓައިލިސްޓް ޖެނިފާ ވަނެވެ.

"ތޭންކްސް ލަވް... އަން މި އޮތީ ޓެބް... ސެންޓަރ ޕީސްތައް ގެންނަނީއޯ ބުނީ.. އެންޑް ކޭޓަރިން ތަނުން ބުނި ހައެއް ޖަހާއިރަށް އަންނާނަމޭ... ޕެންޑިން ކަންތައް ތައް ބަލާލައްޗޭ... އަހަރެން މިދަނީ ޖެނިފާރ ގޮވައިގެން ތާރާ ކައިރިއަށް..." އުލްފާގެ ބިޒްނަސްގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އޭނާގެ ފިރިމީހާގެ ޝާންގެ ފަރާތުންނެވެ. ޓެބްލެޓްގައި ޝާން ހިފުމުުން އުލްފާގެ ކަންފަތުގައި އިން ހެޑްސެޓް ނަގާ ޝާން އަތަށް ދިނެވެ. އޭރު ޝާން ހުރީ އެ ޓެބްލެތްގައި ލިޔެފައިވާ ނުނިމި ހުރި މަސައްކަތްތަކުގެ ލިސްޓަށް ބަލާށެވެ.

ޖެނިފާރއާ އެކީ އުލްފާ ލިފްޓަށް އެރީ ތާރާ ކައިރިއަށް ދާށެވެ. "ވެއަޒް ދަ ބްރައިޑް..." ޖެނިފާ އަހާލުމުން ހަތްވަނަ ބުރީގައި ކަމަށް ބުނެ އުލްފާ ލިފްޓުގެ ހަތްވަނަ ނަންބަރަށް ފިތާލިއެވެ.

*** *** *** *** *** ***

ތާރާގެ ލޮލުން ފޭދެމުން ދިޔަ ހޫނު ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ކުޑަދޮރުން ބޭރަށް ބަލަން ހުރި ތާރާގެ ދިގު އިސްތަށިގަނޑު ވަޔާ އެކީ ވިހުރެމުން ދިޔައެވެ. ބަލާބެލުމަށް ހީވަނީ ހަމަ ދެންމެ ފެންވަރާލައިގެން އައިސް ހުރިހެންނެވެ.

ތާރާގެ ހިތުގައި ފޮރުވާފައިވާ ހިޔާލުތައް މީހަކާ ހިއްސާކުރަން ބޭނުންވިއެވެ. މި ކައިވެނި އަވަސް ކުރުމަކީ އޭނާއަށް ނެގުނު ރަަނގަޅު ފިޔަވަޅެއް ކަމާ މެދު ތާރާގެ ހިތުގައި ޝައްކު އުފެދުނެވެ. ހިޔާލުތަކަށް ގެއްލިފައި އެހެން ހުއްޓާ އެކޮޓަރިއަށް އައިސް ވަނީ ތާރާގެ އެންމެ ގާތް އެކުވެރިޔާ އުލްފާއެވެ.

"ތާރާ.. މިހިރީ ސްޓައިލިސްޓް... ހިނގާ ފަށަމާ..."

ތާރާގެ މޭކަޕް އެންޑް ހެއަރ ސްްޓައިލް ހަދަން ގެނައީ ރާއްޖޭގައި މިވަގުތު އެކަމަށް އެންމެ ކުޅަދާނަ އެކަަކެވެ. އޭނާގެ ކޮނޑުގައި އަޅާފައިވާ ދެ ދަބަސް ބިންމަތީ ބެހެއްޓުމަށްފަހު ތާރާގެ އެނދުމަތީގައި ތުނި ހުދުކުލައިގެ ފޮތިގަނޑެއް ފަތުރާލާ މޭކަޕް ކުރަން ބޭނުންވާ ސާމާނުތައް އޭގެމަތީ އަތުރާލިއެވެ. އެއަށްފަހު ތާރާ ލައިގެން ހުރި ހެދުން ބަދަލުކޮށްލިއެވެ. ވެޑިންގް ޑްރެސްގެ އެތެރެއިން ލާން ފަހާފައިވާ ކުރު ހެދުންކޮޅު ލުމަށްފަހު ޑްރެސިންގް ޓޭބަލް ކައިރީ ހުރި ގޮނޑީގައި ތާރާ އިށީނެވެ.

ތާރާގެ ކަޅުކުލަ ގަދަ އިސްތަށިގަނޑު ބޮލުމެދަށް ނަގާ ކްލިޕެއްގެ އެހީގައި ހަރުކޮށްލުމަށްފަހު މޭކަޕް ސަމާނު ތަކުގެ ތެރެއިން ފައުންޑޭޝަންތަކާއި ކޮންސީލާތައް ކައިރިކޮށްލަމުން ތާރާގެ މޫނު މޭކަޕް ކުރަން އޭނާ ފެއްޓިއެވެ. މޭކަޕް ކޮށް ނިއްމާލުމަށްފަހު ދެން އޭނާ ފެށީ ތާރާގެ އަތާއި ފައިގެ އިނގިލިތަކުގައި ނެއިލް ޕޮލިޝް ހާކާށެވެ.

ތާރާގެ ހިމަދިގު ނިޔަފަތިތަކުގައި ރޯސް ޕިންކް ކުލަ ޖައްސާ ނިންމާލިއިރު އުލްފާ ހުރީ ފޯނެއްގައި، ދެން ތިބި ރަހްމަތްތެރިންނަށް ގުޅައިގެން އެގޭގެ ޓެރަސްގައި ވާން ޖެހޭ ތައްޔާރިތައް އެންމެ ފުރިހަމައަށް ނިންމޭތޯއެވެ. އުލްފާ ހަމަޖެހިލަމުން ތާރާގެ މޫނަށް ބަލާލިއެވެ. އޭރު ތާރާގެ ނަޒަރު ހުއްޓިފައި ވަނީ މޭޒުމަތީ އޮތް ތާރާގެ ފޯނަށެވެ. ބަލާ ބެލުމަށް ހީވަނީ ކޮންމެވެސް ކަމަކާ ތާރާ ކަންބޮޑުވެފައި އިންހެނެވެ.

"ހެއި.. އައިމް ސޯ ހެޕީ ފޯޔޫ... ލުކް އެޓްް ޔޫ... ޔޫ އާ ފައިނަލީ ގެޓިންގް މެރީޑް... ޖޭ ވާނެ ހާދަ ކުދިންނެއް އުޅޭނޭ.. އިކާން ކަހަލަ ސްޓާރެއް އެންމެނަކަށް ނުލިބޭނެއްނު..." އުލްފާ ވާހަކަ ދައްކަމުން އައިސް ތާރާގެ ކުރިމައްޗަށް ވާގޮތަށް އެނދުގައި އިށީނެވެ. ތާރާގެ ނިޔަފަތިތަކުގައި ކުލަ ޖައްސާ ނިމުމުން ޖެނިފާ ދިޔައީ ފާޚާނާއަށް ވަދެލާށެވެ. އެވަގުތު ތާރާ އޭނާގެ ދިގު އެސްފިޔަތައް ތަޅުވާލަމުން އުލްފާއާ ދިމާއަށް ބަލާލިއެވެ.

"އުލާ... ޕްލީސް ކޯލް އިކާން.. އައި ނީޑް ޓު ޓޯކް ޓު ހިމް..." ތާރާގެ ވާހަކަ ދެއްކުމުގައި އުފާވެރިކަމެއް ނެތް ކަހަލައެވެ. ވެގެން އުޅޭ ގޮތެއް އުލްފާއަކަށް ނަގައެއް ނުގަނެވުނެވެ. އުލްފާގެ ފޯނުން އިކާނަށް ގުޅާލަމުން އެފޯނު ސްޕީކަރަށް ލީ ތާރާގެ ނިޔަފަތީގައި ޖައްސާފައި ހުރި ކުލަތައް ރަނގަޅަށް ނުހިކޭތީއެވެ. ފޯނު ދެބުރަކަށް ރިންގް ވީފަހުން އިކާން ފޯނު ނަގައިފިއެވެ.

"އުލް.. ކިހިނެއްވީ ތި ގުޅީ... އައިމް ގެޓިންގް ރެޑީއޭ... ހީކުރީ ދޯ އަހަރެން ލަސްވެދާނޭ... ކޮބާތަ ތާރާ؟..." އިކާންގެ ފިރިހެންވަންތަ އަޑު ތާރާގެ ކަންފަތުގައި ޖެހުމާއެކީ އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"އިކާން... އައިމް ސޯ ނާވަސް..." ތާރާގެ އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ. އޭނާ ހާސްވެ ބިރުގަންނަނީއެވެ.

"ކިހިނެއްވީ؟... ދިސް އިޒް ޔޯ ޑްރީމެއްނު... އަ ބިގް ވެޑިން... ޖަސްޓް ފެމިލީ އެންޑް ފްރެންޑްސް... ނޫންތަ؟..." އިކާންގެ އަޑުގައި ވަނީ ހައިރާންކަމެވެ. ތާރާއަށް އަންނަމުން ދިޔަ ބަދަލުގެ ހަގީގަތް އިކާނަކަށް ނަގައެއް ނުގަނެވުނެވެ.

"ހެއި އިކާން... ޝީޒް ގެޓިން ރެޑީ... ގާރލްސް ވީމާ ވެޑިންގް ދުވަހު ވަރަށް ނާވަސް ވާނެ... އަހަންނަށް ވެސްވީ ހަމަ އެހެން... ޑޯންޓް ވޮރީ... ޓައިމަށް އަހަރެމެެން ރެޑީވެގެން ނިކުންނާނަން..."

އުލްފާ އެ ފޯނަށް ވާހަކަ ދައްކާ ނިންމާލުމަށްފަހު ފޯނު ކަނޑާލަމުން ތާރާއާ ދިމާއަށް ބަލާލިއެވެ. ތާރާގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލައެއް ފެންނަން ނެތުމުން ކަމެއް ގޯސްވެއްޖެކަން އުލްފާއަށް ނަގައިގަނެވުނެވެ. ކަމެއް ނުވެ ތާރާ އެހެން ނީންނާނެކަން އެނގުމުން ކަމުގެ ހަގީގަތް އޮޅުންފިލުވަން އުލްފާ ބޭނުންވިއެވެ.

"ތާރާ.. ކިހިނެއްތަ ވީ؟... ދެން ވެޑިންގަށް އޮތީ ބާކީ ތިން ގަޑިއިރު... ވަޓް އާ ޔޫ ރިއަަލީ ތިންކިންގް.. ތިގޮތަށް ވާހަކަ ދެއްކީމަ އިކާން ހީކޮށްފާނެ އެހެން ގޮތަކަށް... ބުނެބަލަ ތި ވެގެން އުޅޭ ގޮތެއް؟... އަދިވެސް އެއްކަލަ ކަންތަކާތަ ތި ވިސްނަނީ... ދެޓް އެކްސް އޯ ބިޗް..." އުލްފާގެ އަނގައިން ނުކުތް ބަސްތަކުން ތާރާގެ މޫނު ރަތްވެގެން ދިޔަތަން އުލްފާއަށް ފެނުނެވެ.

"ޔާ.. ދެޓް އެކްސްއޯ އަކީ ކާކުތޯ ބަލަން އަހަރެން ވަރަށް މަސައްކަތް ކޮށްފިން... އޭނަގެ ނަންބަރގެ އެއްވެސް ތަފްސީލެއް ނުހޯދުނު... ނޭނގެ، އަހަރެން ބިރުގަންނަނީ... ހިތަށް އަރަނީ މި މެރިއޭޖް ވާރކް ކުރާނެހޭ... ތާރާއަށް މިހެން ޝައްކު ކުރެވެންޏާ މިކައިވެނި ސްމޫތުކޮށް ދާނެތަ؟... އައި ޑޯންޓް ނޯ އައިމް ރިއަލީ ނާވަސް އެންޑް ސްކެއަރޑް.. ސްކެއަރޑް އޮފް ލޫސިންގް ހިމް..."

ނުރޮއެ ވޭތޯ މަސައްކަތް ކުރަމުން ލޮލުގެ އެސްފިޔަތައް ހަލުވިކަމާއެކު ތާރާ ތަޅުވާލިއެވެ. ތާރާއަށް ކުރަމުން ދިޔަ އިހްސާސްތައް ދެނެގަންނަން އުލްފާއަށް ނޭނގުނު ނަމަވެސް މިވަގުތު ތާރާ ހަމައަކަށް އަޅުވަން އޭނާއަށް ޖެހެއެވެ. ޖެނިފާ ކުރި މޭކަޕް ހަރާބުވެދާނެތީއެވެ.

- ނުނިމޭ -