މާލޭގެ ގަސްތަށް ކަނޑަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ތިމާވެށީގެ ކަންކަމުގައި އަބަދު ވެސް ވަކާލާތު ކުރައްވާ ކުރީގެ ރައީސް ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި ހެދިފައި ހުރި އެކި ވަރުގެ ގަސްތައް ހިތު ހުރި ގޮތަކަށް ކަނޑަމުންދާ ކަމަށާއި އަދި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

"މި ކަމުގައި އެ ކައުންސިލްގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން" މާލޭގެ ދުވާރު ކައިރި ކަނޑާފައި ހުރި ގަސްތައް ދައްކުވާދޭ ވީޑިއޯއާއެކު ހިއްސާ ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

މާލޭގެ މަގުތަކުގައި ހިޔާ ލިބޭ ގޮތަށް ހެދިފައި ހުރި ބައެއް ގަސްތައް ކަނޑަމުންދިޔުމާ ގުޅިގެން މީގެ ކުރިން ވެސް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން ސިޓީ ކައުންސިލަށް އަމާޒުވެފައި ވެއެވެ. އެގޮތުން ކުރިގެ ޕީޓްރަލް ކެފޭ ހިންގި ސަރަހައްދުގައި ހުރި ނިކަގަހުގެ ބޮޑު ބައެއް ކެނޑުމާއެކު ވެސް އާންމުން ވަނީ ފާޑު ކިޔާފައެވެ. ނަމަވެސް އޭރު ސިޓީ ކައުންސިލުން ބުނީ، އެފަދަ ގަސްތައް ކަނޑަމުންދަނީ އެ ސަރަހައްދުގައި އުޅޭ ބައެއް މީހުންނަށް ދަތިވަމުން ދިޔުމާ އެކު ކަމަށެވެ.

މީގެ ކުރިން ވެސް އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ ހުއްޓުވުމަށް ނަޝީދު ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޕްލޭނިންގ މިނިސްޓްރީއާ ދެކޮޅަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މައްސަލަ ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ. މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އަމީނީ މަގު ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އޭރު އެދިފައި ވެއެވެ. ނަމަވެސް ފަހުން ނަޝީދު ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.